ވޮލީ މެޗެއްގެ ތެރެއިން ރާއްޖެ ޓީމުގެ ނިލާމް (މ).-- ފޮޓޯ: ނިޝާން އަލީ/ މިހާރު
26 ޖޫން 2019 - 20:53
ރާއްޖޭގެ ވޮލީބޯޅަ ކުރިއެރުވުމަށް އިތުރު އެހީތަކެއް ހޯދުމުގެ ގޮތުން ސާބިއާގެ ވޮލީބޯލް ފެޑެރޭޝަނާ އެކު ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފު މަޝްވަރާކުރައްވައިފި އެވެ.
ރަސްމީ ދަތުރެއްގައި މި ވަގުތު ސާބިއާގައި ހުންނެވި ސްޕޯޓްސް މިނިސްޓަރު މަހުލޫފް ވަނީ މީގެ ކުރިން ސާބިއާގެ ސްޕޯޓްސް މިނިސްޓަރު އުޑޯވިޗިޗްއާ މަޝްވަރާ ކުރައްވައިފަ އެވެ. އެ ބައްދަލުވުމުގައި ރާއްޖޭގެ ވޮލީ ފިރިހެން ގައުމީ ވޮލީ ޓީމު، އަންނަ މަހު މޮރިޝަސްގައި އޮންނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް ތައްޔާރުވުމަށް ސާބިއާގެ ހަރަދުގައި އެ ގައުމުގައި ވަނީ ޓްރެއިނިން ކޭމްޕެއް ހަމަޖައްސައިދީފަ އެވެ. އަންނަ މަހު 3-14 އަށް ކުރިއަށްދާ މި ޓްރެއިނިން ކޭމްޕް ވެގެންދާނީ ރާއްޖޭގެ ޓީމެއް ޔޫރަޕްގެ ގައުމެއްގައި ކޭމްޕްކުރާ ފުރަތަމަ ފަހަރަށެވެ.
މިނިސްޓަރު މަހުލޫފު މިއަދު ވަނީ ސާބިއާގެ ވޮލީބޯޅަ ފެޑެރޭޝަނުގެ ރައީސް ޒޯރާން ގަޖިޗްއާ ބައްދަލުކުރައްވައިފަ އެވެ. އަދި މި ބައްދަލުކުރެއްވުމުގައިވަނީ ރާއްޖޭގެ ހަތަރު ކޯޗަކަށް ސާބިއާ އަށް ގޮސް އެެންމެ މަތީ ފަންތީގެ ތަޖުރިބާ ހޯދުމުގެ ފުރުސަތު ވަނީ ދީފަ އެވެ. އަދި ރާއްޖޭގެ ވޮލީގެ ހާލަތު ދެނެގަނެ އިތުރު އެހީތެރިކަން ފޯރުކޮށްދީ ރާއްޖޭގެ ވޮލީބޯޅަ ޑިވެލޮޕް ކުރާނެ ގޮތްތައް ހޯދުމަށް ސާބިއާގެ ފެޑެރޭޝަނުގެ ޓީމެއް ރާއްޖެ އަންނަ ގޮތަށް ވެސް ވަނީ ހަމަޖެހިފަ އެވެ.
މިނިސްޓަރު ވިދާޅުވީ ގައުމީ ފިރިހެން ޓީމު ސާބިއާގައި ތަމްރީންތައް ފުރިހަަމަކުރާއިރު، ބޭނުންކުރާނީ ދުނިޔޭގެ ފެންވަރަށް ބެލިޔަސް އެންމެ މަތީ ފަންތީގެ ވަސީލަތްތައް ކަމަށާއި ކުވެއިތުގެ އިތުރުން ސާބިއާގެ އެންމެ މޮޅެތި ޓީމުތަކާ ދެކޮޅަށް ވަނީ މެޗުތައް ކުޅޭ ގޮތަށް ހަމަޖެހިފަ އެވެ. އަދި ރަނގަޅު ފެންވަރުގެ ކޯޗުން ޓީމަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.
ސާބިއާގެ ވޮލީބޯޅަ ފެޑެރޭޝަނުގެ ރައީސް ގަޖިޗް (ކ) އާއި ސްޕޯޓްސް މިނިސްޓަރު މަހުލޫފް ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިން.
މި އަހަރު ޖެނުއަރީ މަހުން ފެށިގެން ކޯޗު މުހައްމަދު ސާޖިދު (ކާއްޓޭ)ގެ އިރުޝާދުގެ ދަށުން އަންނަނީ އައިއޯއައިޖީ އަށް ތައްޔާރުވަމުންނެވެ. މީގެ ކުރިން މުބާރާތްތަކަށް އެންމެ ގިނައިން ރާއްޖޭން ޓްރެއިނިން ކޭމްޕް ޖެހީ ތައިލެންޑްގެ އިތުރުން ސްރީ ލަންކާގައި ވެސް ވަނީ ޓްރެއިނިންތަކެއް ފުރިހަމަކޮށްފަ އެވެ. ސާބިއާގައި މި ފަހަރު ފުރިހަމަކުރާ ޓްރެއިނިން ކޭމްޕުން ޓީމަށް ބޮޑު ކުރިއެރުންތަކެއް ލިބޭނެ ކަމަށް ޓީމުން ބުނެ އެވެ.
ރާއްޖޭގެ ވޮލީބޯލް އެސޯސިއޭޝަން (ވީއޭއެމް) މި ވަގުތު ހިންގަމުން އަންނަނީ ނޯމަލައިޒޭޝަން ކޮމިޓީ އަކުންނެވެ. ވީއޭއެމްގެ ކުރީގެ ރައީސް މުހައްމަދު ލަތީފްގެ ލީޑަޝިޕްގެ މައްސަލަތަކެއް ފާހަގަކުރެވި މައްސަލަ ބެލުމަށް ފަހު ކޮމިޝަނާ އޮފް ސްޕޯޓްސް އިން ވަނީ ވީއޭއެމްގެ ހިންގާ ކޮމިޓީ އުވާލައިފަ އެވެ.
ރާއްޖޭގެ ފުޓްބޯޅަ ޓީމަށް ވެސް ސާބިއާގައި ޓްރެއިނިން ކޭމްޕެއް ހަމަޖައްސައިދޭން މަޝްވަރާކުރަމުން އަންނައިރު، ރާއްޖޭގެ ޓެނިހަށް ވެސް ސާބިއާގެ އެހީތެރިކަން ހޯދުމަށް ވަނީ މިނިސްޓަރުގެ މި ދަތުރުގައި މަޝްވަރާކޮށްފަ އެވެ. އަދި ސާބިއާގެ މަޝްހޫރު ޓެނިސް ކުޅުންތެރިޔާ ޔަންކޯ ޓިޕްސަރެވިޗްގެ އެކެޑަމީއެއް ރާއްޖޭގައި ހުޅުވުމަށް އަންނަނީ މަސައްކަތްކުރަމުންނެވެ.
މޮރިޝަސްގައި އަންނަ މަހު 19-29 އަށް އޮންނަ އައިއޯއައިޖީން ރާއްޖެ އަށް ކާމިޔާބު ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު، މިނިސްޓްރީން ދަނީ އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އައިއޯއައިޖީ އަށް ރާއްޖޭގެ ކޮންޓިންޖެންޓް ފުރުމަށް ހަމަޖެހިފައިވަނީ އަންނަ މަހު 18 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ާަުޮޮއަލް
27 June 2019
ޓޮޕް ކުްޗު