ލައިފްސްޓައިލް / މައިންގެ ސިއްހަތު

ދިގުމިނުގައި 8 އިންޗި ހުރި ކުއްޖަކު ސަލާމަތްވެ ޑޮކްޓަރުންނަށް ހައިރާންކަން

ދުނިޔޭގައި މިހާރު އޮތް އުފަންވީއިރު އެންމެ ތުއްތު ކުއްޖާ އަމޭލިއާ

12 ސެޕްޓެމްބަރ 2016 - 07:00

އެމީލިއާ ގްރެބަޒީކް އަށް އޭނާ ސަލާމަތްކުރުމުގެ މަސައްކަތް ކުރެއްވި ޑޮކްޓަރުން ނަން ދީފައި ވަނީ "ދަ ލިޓްލް ފައިޓާ" (ތުއްތު ހަނގުރާމަވެރިޔާ)ގެ ނަމުންނެވެ. މި ކުއްޖާ އުފަންވިއިރު އޭނާގެ ދިގުމިނަކީ 8.6 އިންޗި (22 ސެންޓިމީޓަރު) އެވެ.

މި ތުއްތު އަންހެންކުއްޖާ ކުޑަ މިންވަރު ހާމަކޮށްދެމުން ޑޮކްޓަރުން ވިދާޅުވެފައި ވަނީ އޭނާގެ ފައިގެ ބޮޑުމިނަކީ އާދައިގެ މީހެއްގެ އަތުގެ ނިޔަފަތިގަނޑެއް ވަރު ކަމަށެވެ.

މި ކުއްޖާ މިހާރު ވަނީ ފުރާނަ ސަލާމަތްކުރެވުނު އެންމެ ކުޑަ ކުއްޖާގެ ގޮތުގައި ދުނިޔޭގެ ރެކޯޑް ފޮތްތަކަށް އަރާފަ އެވެ. ޖަރުމަނުގެ ހުޅަނގު ސަރަހައްދުގެ ވިޓެންގައި މިކުއްޖާ އުފަންވި އިރު ބަރުދަނަކީ އަށް އައުންސް (229 ގްރާމް) އެވެ. އޭނާގެ ކުޑަކުޑަ ފައިތިލައިގެ ދިގުމިނަކީ ތިން ސެންޓި މީޓަރެވެ. މި ކުއްޖާގެ ބަރުދަން ވަޒަން ކޮށްލަން އެހެން އެއްޗަކާ އަޅާކިޔާ ނަމަ އޮރެންޖެއްގައި ވެސް ހަ ގްރާމް ހުރެ އެވެ. ބޮޑު ދޮންކެޔޮވަކެއްގައި ވެސް ހަތް އައުންސް ހުންނާނެ އެވެ. މިއީ އެ ކުއްޖާގެ ބަރުދަނެވެ.

ދުނިޔޭގައި ދިރިހުރި އެންމެ ތުއްތު ކުއްޖާގެ ރެކޯޑް މިހާރު އޮތް އަމޭލިއާގެ ފަތްތިލަ ވަނީ އާދައިގެ މީހެއްގެ އަތުގެ ނިޔަފައްޗެއްވަރު

މިހާރު މި ތުއްތު ކުއްޖާގެ އުމުރުން ނުވަ މަސް ފުރިއްޖެ އެވެ. ޑޮކްޓަރުންގެ "ލިޓްލް ފައިޓާ"އަކީ މެޑިކަލް ސެންސޭޝަނެއްގެ ގޮތުގައި މިހާރު ވަނީ ބެލެވިފަ އެވެ.

ޖަރުމަނުގެ މީޑިއާއިން ބުނާ ގޮތުގައި މިއީ ދުނިޔެއަށް އުފަންވި ކުދިންގެ ތެރެއިން ސަލާމަތްވި އެންމެ ލުއި ކުއްޖާކަން ޔަގީން ކަމަށެވެ.

އެމީލިއާ އުފަންވިއިރު ކުޑަކަމުން ވަރަށް ބޮޑެތި ސިއްހީ މައްސަލަތައް ދިމާވި އެވެ. އަދި އޭނަ ދިރިހުރެދާނެކަމުގެ އުންމީދު ކެނޑިގެން ދިޔަ އެތައް ފަހަރެއްވެސް ދިޔަ އެވެ.

މި ތުއްތުކުއްޖާއަކީ އާދަޔާޚިލާފަށް ހައިޕަ އެކްޓިވް ކުއްޖަކަށް ވުމުގެ ފުރުސަތު އެބައޮތެވެ. އަދި އޭނާއަށް އެއްޗެހި ދަސްކުރުމުގައި ވެސް ދަތިތަކެއް ކުރިމަތިވުމުގެ ފުރުސަތު ވެސް އެބައޮތް ކަމަށް ޑޮކްޓަރުން ދެކެ އެވެ. އެމީލިއާގެ ބަރުދަނުގައި އެންމެ 12 އައުންސް ހުއްޓާ ކުރި ބަނޑުގެ އޮޕަރޭޝަނަކުން ވެސް އޭނާ ވަނީ ސަލާމަތް ވެފަ އެވެ.

ނަމަވެސް އެމީލިއާ ވަރަށް ނަސީބު ގަދަ އެވެ. އޭނާގެ ގައިގައި ސީރިއަސް ނުކުޅެންދުންތެރިކަމެއް ނެތެވެ. މި ކުއްޖާއަށް އެންމެ ކުރިން ކާނާ ފޯރުކޮށްދީފައި ވަނީ ވަރަށް ހިމަހިމަ ހޮޅިއަކުންނެވެ. ކަފަބުރެއް ހަކުރުފެންކޮޅަކަށް ގަންބާލާފައި ނަގައި އޭނާއަށް ބޯންދީގެން ވޭންތައް ފިލުވާލަދޭން ޑޮކްޓަރުން މަސައްކަތް ކޮށްފައިވެ އެވެ.

އެމީލިއާ އުފަންވިއިރު ކުޑަކަމުން ވަރަށް ބޮޑެތި ސިއްހީ މައްސަލަތައް ދިމާވި. އަދި އޭނާ ދިރިހުރެދާނެކަމުގެ އުންމީދު ކެނޑިގެން ދިޔަ އެތައް ފަހަރެއްވެސް ދިޔަ.

މާރިއާ ހޮސްޕިޓަލުގައި މި ކުއްޖާ އުފަންވީ އެ ކުއްޖާގެ މަންމަ ސަބީންގެ ބަނޑަށް 24 ހަފުތާގަ އެވެ. ބަލިވެ އިނދެގެން އުޅުނު ދުވަސްވަރު ދިމާވި މައްސަލަތަކެއްގެ ސަބަބުން ކުއްޖާ ނެގީ ސިޒޭރިއަން ހަދައިގެންނެވެ. ދުނިޔެއަށް އުފަންވި އެންމެ ތުއްތުކުއްޖާގެ ރެކޯޑް މީގެ ކުރިން އޮތީ ރުމެއިސާ ރަހްމާން އަށެވެ. އެމެރިކާގެ ސިޓީއެއް ކަމަށްވާ ޗިކާގޯގެ ލަޔޯލާ ޔުނިވަސިޓީ މެޑިކަލް ސެންޓަރުގައި 2004 ގައި އުފަންވި މި ކުއްޖާ ވިހާފައިވަނީ އެ ކުއްޖާގެ މަންމަގެ ބަނޑަށް 25 ހަފުތާގަ އެވެ. އުފަންވީއިރު ރުމެއިސާގެ ދިގުމިނުގައި 8 އިންޗި އަދި ބަރުދަނުގައި 8.6 އައުންސް ހުއްޓެވެ.

އަމޭލިއާ ވިއްސި ޕްރޮފެސަރު ޑޮކްޓަރު ސްވެން ޝިއާމިއާ ވިދާޅުވީ އަމޭލިއާ އެވަގުތު ނުވިއްސި ނަމަ އޭނާ މަންމަގެ ބަނޑުތެރެއަށް މަރުވީހެވެ. ސަބަބަކީ ޕްލެސެންޓާ ނުވަތަ މަހުން ކުއްޖާއަށް އެކަށީގެންވާ ނިއުޓްރިޝަން ފޯރުކޮށް ނުދޭތީ އެވެ.

މިސާލަކަށް ޑޮކްޓަރު ވިދާޅުވީ އާއްމުކޮށް ބަނޑަށް 26 ހަފުތާ ފުރޭއިރު ކުއްޖާގެ ބަރުދަނުގައި 21 އައުންސް ހުރުމެވެ. ނަމަވެސް އަމޭލިއާގެ ހުރީ އަށް އައުންސެވެ.

އެހެންކަމުން އަމޭލިއާގެ ބައްޕަ ލޫކަސް އަށާއި މަންމަ ސަބީން އަށް ދަރިފުޅު ނަގައިގެން ސަލާމަތްވޭތޯ މަސައްކަތްކުރުން ނޫން އިތުރު ގޮތެއް ނެތެވެ. ކިރިޔާ ވެސް ސަލާމަތްވާނެ ފުރުސަތެއް އޮތީ ނަގައިގެންނެވެ.

"ވަރަށް ހިތްދަތިވީ އަދި ރޮވުނުގިނަ ދުވަސްތަކެއް ދިޔަ. ނަމަވެސް ދަރިފުޅު ވެސް ސަލާމަތްވާން ވަރަށް މަސައްކަތްކުރި،" ސަބީން ބުންޏެވެ.

"ލިޓްލް ފައިޓާ"ގެ ނަމުން މުޚާތަބުކުރާ ކުޑަކުޑަ އަމޭލިއާ

މިހާރު އަމޭލިއާގެ ބަރުދަނުގައި 106 އައުންސް އެބަހުއްޓެވެ. އަދި ސިއްހީ ގޮތުން ވެސް ކުރިއަށްވުރެ މާ ބޮޑުތަން ރަނގަޅެވެ.

މި ތުއްތު ކުއްޖާ ސަލާމަތްވުމަކީ އާދަޔާޚިލާފު ކަމެކެވެ.

"ސާދަ އައުންސް ހުންނަ ކުދިން ވެސް ސަލާމަތްވުމުގެ ފުރުސަތު ވަރަށް ކުޑަ. ހިތްވަރާއެކު ސަލާމަތްވާން ހަނގުރާމަ ކުރީތީ އަހަރެމެން އެމީލިއާ އަށް ޝުކުރު އަދާކުރަން،" ޑޮކްޓަރު ވިދާޅުވި އެވެ.

އެމީލިއާ އުފަންވިތާ ހަ މަސް ދުވަސް ވީއިރު ވެސް އޭނާ ސަލާމަތްވާނެކަމުގެ އެއްވެސް ޔަގީންކަމެއް ނެތެވެ. ނަމަވެސް ފާއިތުވީ ހަފުތާތަކުގައި ތުއްތު ކުއްޖާގެ ސިއްހަތަށް އެކަށީގެންވާ ހެޔޮ ބަދަލުތަކެއް ވަނީ އައިސްފަ އެވެ. އެމީލިއާގެ ވާހަކަ ދުނިޔެއަށް އެނގުނީ އޭނާ ސަލާމަތް ވާނެކަމުގެ ޔަގީންކަން ޑޮކްޓަރުންނަށް ލިބުނީމަ އެވެ.

0 ކޮމެންޓް, 64 ރިއެކްޝަންސް

icon happy icon happy 94%
icon sad icon sad 5%
icon angry icon angry 2%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454