ސަރުކާރުގެ ހިޔާނާތް ކަމަށް ބުނެ އަލްޖަޒީރާއިން ތައްޔާރު ކުރި ޑޮކިއުމެންޓްރީގެ ޕޯސްޓަރެއް: އެ ޑޮކިއުމެންޓްރީގައި ހުރި ކަންތައްތައް ތަހުގީގުކުރުމަށް ޓްރާންސްޕޭރެންސީއިން ވަނީ ގޮވާލާފައި.
09 ސެޕްޓެމްބަރ 2016 - 21:40
ރާއްޖޭގައި ކޮރަޕްޝަންގެ ބޮޑެތި އަމަލުތައް ހުއްޓުމެއް ނެތި ހިންގަމުން ދަނީ ބާރުގަދަ މަދުބައެއްގެ މުށުތެރެއަށް ދައުލަތުގެ ހުރިހާ ބާރުތައް ޖަމާކޮށް، އަދަބުން ސަލާމަތްވުމުގެ ފުރުސަތު ލިބިދީފައިވާތީ ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން މިއަދު ބުނެފި އެވެ.
ސަރުކާރުން ހިންގާ ކަމަށް ބުނާ ކޮރަޕްޝަންގެ އަމަލުތަކާ ބެހޭ ގޮތުން އަލް ޖަޒީރާއިން ހެދި ޑޮކިއުމެންޓްރީއާ ގުޅިގެން ޓްރާންސްޕޭރެންސީން ނެރުނު ބަޔާނެއްގައި ބުނީ އެ ޑޮކިއުމަންޓްރީ އާއި އަލް ޖަޒީރާގެ ވެބްސައިޓްގައި ޝާއިއުކޮށްފައިވާ ލިޔުންތަކުން އިންތިހާ އަށް ކަންބޮޑުވާން ޖެހޭ ކަންތައްތަކެއް ހާމަކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ރައްޔިތުންނަށް އޮޅުވާލައިގެން، ކޮރަޕްޝަން ހިމެނޭ ގޮތަށް ދިވެހިންގެ މުދަލާއި ބިން ނުއަގުގައި ވިއްކައި އަދި އެފަދަ މުއާމަލާތްތަކުގައި އަމިއްލަ ޖީބަށް ފައިދާވާ ގޮތަށް މަސައްކަތްކޮށްފައިވުމާއި އެކަމުގެ ބޮޑު ފައިދާއެއް ރައީސް އަބްދުﷲ ޔާމީން ހޯއްދަވާފައިވާ ކަމަށް ބުނެފައިވާ ބުނުން ހިމެނޭ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.
ޓްރާންސްޕޭރެންސީން ވަނީ އަލް ޖަޒީރާގެ ތުހުމަތުތައް ވީހާ ވެސް އަވަހަކަށް ތަހުގީގުކޮށް، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އޮޑިޓާ ޖެނެރަލްގެ އޮފީހާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ގޮވާލައިފަ އެވެ.
"ދިވެހި ދައުލަތުގެ އެންމެ މަތީ ފަންތީގައި އަށަގަނެފައިވާ ކޮރަޕްޝަންގެ ނުބައި އާދަ ހުއްޓުވުމަށްޓަކައި ހަރުދަނާ އަދި އިހުލާސްތެރި ފިޔަވަޅުތަކެއް އެޅުމަށް މި ޖަމުއިއްޔާއިން ގޮވާލަމެވެ. އަދި ކޮރަޕްޝަނުން ސަލާމަތްވުމަށްޓަކައި، ނަޒާހަތްތެރިކަން އިސްކޮށް، ކޮރަޕްޝަނާއި ފަސާދަ އަށް ހުޅުވިފައިވާ ދޮރުތައް ބަންދުކޮށް އަދި ރައްޔިތުންގެ ބައިތުލްމާލާއި މުދަލާއި ބިން ރައްކާތެރިކޮށްދިނުމަށް ސަރުކާރާއި ރައްޔިތުން ތަމްސީލުކުރާ ސިޔާސީ ޕާޓީތަކަށް ގޮވާލަމެވެ،" ބަޔާނުގައިވެ އެވެ.
ކޮރަޕްޝަނާއި އެފަދަ އަމަލުތައް ތަކުރާރު ނުވާނެކަން ކަށަވަރު ކުރުމަށް ފިޔަވަޅުތަކެއް އެޅުމަށް ދައުލަތުގެ ކަމާއި ބެހޭ ފަރާތްތަކަށް ޓްރާންސްޕޭރެންސީން ގޮވައިލި އެވެ. އެއީ ޝަރުއީ ނިޒާމާއި ރައްޔިތުންގެ މަޖިލިސް އަދި ދައުލަތުގެ އިސް ފަރާތްތަކަކީ ކޮރަޕްޝަނާއި ނުހައްގުން ހޯދާފައިވާ ފައިސާއިން އެއްކިބާވެފައިވާ ފަރާތްތަކެއްކަން ޔަގީން ކުރުމަށް އެ ފަރާތްތަކުގެ މާލީ ބަޔާން ހާމަކަން ބޮޑު ގޮތެއްގައި ރައްޔިތުންނާ ހިއްސާ ކުރެވޭނެ ނިޒާމެއް ގާއިމު ކުރުމާއި ރާއްޖޭގެ އިދާރާތަކުން ކުރަމުންދާ ތަހުގީގުތައް އަލް ޖަޒީރާގެ ރިޕޯޓަށް ބިނާކޮށް ފުޅާކުރުމާ އެކު ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ ގޮތަކަށް ހަލުވިކަމާ އެކު ކުރިއަށް ގެންދިއުމެވެ.
މީގެ އިތުރުން، އަލް ޖަޒީރާ އަށް މައުލޫމާތު ދިން މީހުންނަށް ބިރު ދެއްކުމަކީ ގާނޫނުއަސާސީން ކޮންމެ މީހަކަށް ވެސް ލިއްބައިދީފައިވާ ހިޔާލު ފާޅުކުރުމުގެ ހައްގަށް އަރައިގަތުމުގެ އަމަލެއް ކަމަށް ބުނެ އެފަދަ އަމަލުތައް ހުއްޓައިލުމަށް ވެސް ޓްރާންސްޕޭރެންސީން ގޮވާލި އެވެ. އަދި ކޮރަޕްޝަންގެ ޖަރީމާތައް ހުއްޓުވުމަށް ބާރު ދިނުމުގެ ގޮތުން، އެފަދަ އަމަލުތައް ބޭޒާރު ކުރާ މީހުންނަށް ރައްކާތެރިކަން ކަށަވަރުކޮށް ދޭންޖެހޭ ކަމަށް ވެސް އެ ޖަމިއްޔާއިން ބުންޏެވެ.
"ރާއްޖެ މިވަގުތު ވައްޓާލާފައިވާ ކޮރަޕްޝަންގެ ބަނަކަމުން ސަލާމަތްވުމަށް، ރައްޔިތުން ހޮވާފައިވާ މަންދޫބުން ޒިންމާދާރު ކުރުވުމަށް ކުރެވެން ހުރި އެންމަހައި ކަންކަން ކުރުމަކީ ކޮންމެ ދިވެހި ރައްޔިތެއްގެ ޒިންމާއެކެވެ،" ބަޔާނުގައިވެ އެވެ.
އަލް ޖަޒީރާގެ ޑޮކިއުމެންޓްރީ، "ސްޓީލިން ޕެރެޑައިސް"ގައި ސަރުކާރާއި ރައީސް ޔާމީނަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވެ އެވެ. އޭގެ ތެރޭގައި، އެމްއެމްޕީއާރުސީ މެދުވެރިކޮށް ވަގަށް ނެގި ފައިސާ ސީދާ ރައީސަށް ލިބިވަޑައިގެންނެވި ކަމަށް ބުނެފައިވެ އެވެ. އަދި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އިސްކޮށް ހުންނަވައި 1.5 ބިލިއަން ޑޮލަރު (23 ބިލިއަން ރުފިޔާ)ގެ މަނީ ލޯންޑްރިން ސްކީމެއް ބޭރުގެ ވިޔަފާރިވެރިންތަކަކާ ގުޅިވަޑައިގެން ހިންގަވަން އުޅުއްވި ކަމަށް ވެސް ތުހުމަތުކޮށްފައިވެ އެވެ.
އެކަމަކު ރައީސަށް އަމާޒުވާ ހުރިހާ ތުހުމަތުތަކެއް ސަރުކާރުން ވަނީ ދޮގުކޮށްފަ އެވެ. އަދި އެމްއެމްއޭ އިން 1.5 ބިލިއަން ޑޮލަރުގެ މަނީ ލޯންޑަރިންގެ އަމަލެއްގައި ބައިވެރިވި ކަމަށް ތުހުމަތުކުރިޔަސް، އެފަދަ އެއްވެސް މުއާމަލާތެއް ހިނގާފައި ނެތް ކަމަށާއި އެފަދަ ފައިސާއެއް ވަދެފައި ނުވާ ކަމަށް އެމްއެމްއޭއިން ރޭގައި ވަނީ ބުނެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފެނޭނުން
18 October 2016
މި ރިޕޯޓްގައި މިހިރީ ދުވާލުގެ އިރުފަދައިން ފެންނަން ހުރި މުދުދާރު ފަސާދަ. އެކަމަކު ފެނޭނުން ބަޔަކު މޭކަރައިގެން އެކަންކަމަށް ދޭނެ ރައްދު ނެތީމާ ޒާތީވެގެން އެވާހަކަ ދެއްކި މީހުންނަށް ނަފްސާނީ ހަމަލަ ދޭން ހިފާލާފައި ތިބި މިންވަރު. ކޮންވައްތަރެއްގެ ބައެއްކަން ކީއްވެގެންކަން ބުނާކަށް ނުޖެހޭ.
ރަދުން
10 September 2016
ނަޒާހަތުގެ ސެޓްފިކެޓެއް ދީފަ ހަވާ އެރުވުމުން ހަލާލް ވާކަން ޓްރާންސްޕޭރަންސީ ދަސް ކުރަންވީނު
އައްޑޫ ރަދުން
10 September 2016
މީގެ އެއްމެ ހެއްވާކަމަކީ މިކުރި ވައްކަންތަކަކީ އެންމެނަށް ޝައްކެއްނެތް މިންވަރަށް އެގި ބަޔާންވެ ސައްޚަވެ ޔަގީންވެ ފަހުމުވެ ފެނި ވިސްނި މޮޔައިންނަވެސް ނަގައިގަނެވި އަތުން ހިފާ ކަންފަތުން އަޑުއިވި އޯޑިއޯކުރެވި ވީޑިއޯކުރެވި އަޅައިގެންފަވެއްޓި ހޭކި އުނގުޅި........އަނެއްހެން ބުނާނަމަ މުހައްމްދު ތަކުރުފާނުގެ ވާހަކައައް ވުރެން ވެސް މަޝްހޫރުކަން ބޮޑު ވާހަކައެއް އެކަމަކު މިކޭމީހުނާ އެމީހުން ކެއީމަ އޭގެނަފާ ލިބުނު މީހުނާ އެނަފާއިން ނަފާ ލިބުނުމީހުނާ އެނަފާ ލިބުނުމީހުންގެ ފަރާތުން ނަފާެއެއް ލިބިދާނެކަމަށް ބަލައިގެންތިބި މީހުނާ މިބުނި މީސް މީހުން ނިސްބަތްވާ އާއިލާތައް ގިނަކަމާއެކު މީނުވާކަމެއް ކަމެއްކަމެއް ކަމަށް ހަދަން އުޅުމަކީ ވަރަށް ހެއްވާ ނުރައްކާތެރި ކަމެއް.....ސަބަބަކީ މިގޮތައް މިކަން ދޫކޮއްފިޔާމުން މިރުފިޔާކޭމީހުން އަރިދަފުސް ފޮޅާ ދަތްކޮއްޓަން ޑޮލަރު ބޭނުން ކުރުމަކީ ދުރުކަމެއްނޫން.................؟
ގުއިދުއް
10 September 2016
ގައުމެއްގައި ކަރަޕްޝަން ހިންގެނީ އިދިކޮޅުފަރާތްތަކުގެ ދައުރުއަދާކުރަން ނޭގުމުން. ކަމެއްހުއްޓުވުމަށް ފުރަތަމަވެސް މަޖުލިސް މޭޒުމައްޗަށް އެރުމަކީ ހައްލެއްނޫން. އެއީ އެންމެފަހުން ކުރަންޖެހޭ ކަންތައް. ރާއްޖޭގެ އިދިކޮޅުފަރާތްތަކަށް ދަސްވެފައިހުރީ ބޮޑުކޯރާޑި ހިފައިގެން ކަންކުރަން. އެކަމަކު މިއީ މިގޮތަށް ކަންކަން ހައްލުކުރެވޭ ޒަމާނެއްނޫން. މަޑުމައިތިރިކަމާއެކު ވާހަކަ ދައްކައިގެން ހައްލުނުކުރެވޭނެ ކަމެއް ނެތް.
އަޖައިބު
10 September 2016
އަދިވެސް މިގޯސްވީ ހަމަ އިދިކޮޅުފަރާތް ދޯ؟ ރައްޔިތުން ވެރިކަން ހަވާލުކޮށްގެން މިއުޅެމީހުންތައް ރައްޔިތުންގެ ފައިސާއަށް ހިޔާނަތްތެރިވީމާ އެއީ އިދިކޮޅުފަރާތްތަކަށް ސަރުކާރު ޖަވާބުދާރީ ކުރުވަން ނޭނގުނީމަ އޭ ދޯ ތިބުނަނީ؟ ތިކަހަލަ ރައްޔިޔުންނާ ހެދި މިއަދި މިޤައުމު މިހާލަތުގައި މިއޮތީ.
ގައުމު
10 September 2016
ރީތި ނަންނަމުގައި، ފޮރުވިފައިވާ ވަކި މަޤޞަދެއް ޙާޞިލްކުރަން ހަދާފައި ހުންނަ، ދެފުށްދެގޮތް ޖަމާޢަތްތަކުން ތިވާހަކަ ނުބުންޏަކަސް އަހަރެމެންކަހަލަ، ވަކިއަތަކަށް ނުޖެހޭ މިނިވަން ކޮންމެ ދިވެއްސަކަަސްވެސް ތިއީ އެނގޭކަމެއް. އަދި ޙަޤީޤަތަކީ ކޮންމެ ޕާޓީއަކުން ކޮންމެ މީހަކު ވެރިކަން ކުރިއަސް މިރާއްޖޭގައި ފެނިފައި އޮތީ ތިޔަބުނާ ބާރުތައް ޖަމާކޮށް، ނާޖާއިޒު ފައިދާ ނެގުމުގެ ސިޔާސަތުކަން. ކޮންމެ ބަޔަކުވެސް އިންތިހާއަށް ކޮރަޕްޓް. މިކަންވެސް ޤަބޫލްކުރެވޭނީ އަދި ކުޑަމިނުން ސިކުނޑިއަށް ސިފަވާނީވެސް އަހަރެމެންކަހަލަ މިނިވަން ދިވެހިންނަށް އެކަނި. ސިޔާސީ "އަޅުން"ނަށް އަބަދުވެސް އިދިކޮޅު ގޯސްވެފައި، ތިމާމީހާގެ ޕާޓީ އޮންނާނީ ރަނގަޅުވެފައި. އެ ވަރިހަމަ ކޮންމެފަދަ ޙާލަތެއްގައި ވިޔަސް. އެފަދަ މީހުންގެ ދެފުށްދެގޮތް މިންވަރަކީ އިދިކޮޅުގައިގައި ހުރީމާ މިއަދު ބޮޑު ވަގަކަށްވާ މީހާ މާދަމާ ހަމަ ކޮޅުބަދަލުކޮށްލާއިރަަށް ހުދު ފޮތިކޮޅެއްހާ ސާފުވެ، ބަޠަލަކަށް ވާކަން. މަޖާދޯ؟ ކެކެކެކެ....
ނަންބަރުވަން
10 September 2016
މި ޤައުމުގެ އެންމެބޮޑު ޢަދުއްވަކަށް މިހާރު ވެފައިވަނީ އިދިކޮޅު އިއްތިހާދު. ޓްރާންސްޕޭރެންސީ މޯލްޑިވްސް އަކީ އެމީހުންގެ އެއްބާރު. އެމްޑީޕީ ކުދިންކޮޅު ގެންގުޅެނީ ޓްރާންޕޭރެންސީ ބައިވެރި ވެގެން. މިއީ އެންމެން ދަންނަ ޙަޤީޤަތެއް.
މޫސަ
10 September 2016
ވަގަށް ވަގޭ ގޮވާ ކޮއްމެ މީހަކީ އެއީ އިންސާނެއްވެސް ނޫން. ވަގުގެ މާނަޔަކީ އިހުލާސްތެރިޔާ.
ދުންމާރި
09 September 2016
ޓްރާންސް ޕޭރެންސީ މޯލްޑިވްސްގަ އުޅޭކުދިން ކޮޅަކީ އެމް ޑީ ޕީ މުޒާހަރާތަކުން ކުރިންފެންނަ ދުންފިނި ހަރުގެއިން ނުކުމެ ތިބި ކުދިންކޮޅެއް އެހެންވީމާ ޓްރާންސްޕޭރެންޓް ވާނެވަރު އެބައެގޭ
އަހްމދު
09 September 2016
ދެންކުރާނެ ކަމެއްނެތިގެން ތިބޭނީތަ. ލީވޯޓްގެ ނަތީޖާ. މިފެންނަނީ. ދެންވެސް ހަމަ މި މީހުންނަށް ވޯޓްކަރުދާސްކޮޅު ކުޑަ އަގަކަށް ވަޤުތީ އުފަލަކަށް ވިއްކާލާނީތަ.
އަލްމުދިޝް
09 September 2016
ގައުމާއި ރައްޔިތުންގެ ލާބަޔަށް އުޅުއްވާ ކޮންމެވެރިޔަކަށް ތަޙަންމަލް ކުރަންޖެހިފައި ވާ ވެރިކަމަކީ ބޮޑުމުސީބާތެކެވެ .
ބޭނުމީ މިނިވަންކަން / އައްޑޫ ސިޓީ
09 September 2016
މިހުރިހާ ''ދުއްތުރާލެއް'' ދިވެހިންނަށް ކުރިމަތިވީ ދައުލަތުގެ ބާރުތަކުން ''ރައްޔިތުންގެ ބާރުގެ މައްޗަށް އަރައިގަތުމުން؛؛ ކަން ޤަބޫލު ކުރާން ޖެހޭ. . . . . ރާއްޖޭގައި ހިގަމުން އައި 30 އަހަރުގެ ވެރިކަމެއް ބަދަލުކޮށް ''ޤާނޫނީ ހަމަތަކުގެ ތެރެއިން'' ރައްޔިތުންނަށް ބާރު ހޯދާ ދިނުމަށް ''ދިވެހި ޒުވާނުން ތަކެއް'' ކުރި ބުރަމަސައްކަތަށް ފަހު ''ވެރިކަން ހިންގުމުގެ ބާރަށް'' ގެނައި ބަދަލު ތަކާއި ޤާނޫނު އަސާސީ އަށް ގެނުވި އިސްލާޙު ތައް ބަޔަކަށް ކަމުނުދިޔަކަން އެއީ މިކަންތައް ގަނޑުގެ ފެށުން. . . . . އެމީހުން ބޭނުންވީ ''ކޮންމެ ގޮތެއް ކޮންމެ އަގެއް ދީގެންވެސް'' ކުރީގެ ގޮތަށް ރުޖޫއަވާން. އަދި އެމީހުން ރޭވި ރޭވުން ތަކުގައި ''ނޭގުމެއްގެ ތެރެއިން'' ވަރަށް ގިނަ ދިވެހިންނަށް ވަނީ ބައިވެރި ވެވިފައި. . . . . ޑިމޮކްރެޓިކް ގޮތުން އިންތިހާބު ކުރި ވެރިކަން ހިންގުމަށް ''ހުރަސް އެޅި'' ގޮތާއި ޑރ ވަހީދު މުއްދަތު ހަމަ ވުމުން ވެސް ވެރިކަމުން ދުރިނުވި ހިސާބާއި ''އިންތިހާބުގެ ތެރެއަށް ފަނޑިޔާރުގެ ވަން ހިސާބުން'' ފެށީގެން ދިވެހިން އިސްލާހު ކުރި ޤާނޫނު އަސާސީ އަދިވެސް އެދަނީ ހަލާކުކޮށް ފުޑުފުޑު ކުރަމުން. / މިނިވަންކަން ، އައްޑޫ ސިޓީ