ގައުމީ ފިރިހެން ވޮލީބޯޅަ ޓީމުގެ ކޯޗު މުހައްމަދު ސާޖިދު (ކާއްޓޭ.).-- ފޮޓޯ: ނިޝާން އަލީ/ މިހާރު
07 ޖުލައި 2019 - 13:46
ގައުމީ ފިރިހެން ވޮލީބޯޅަ ޓީމު މިހާރު ސާބިއާގައި ޓްރެއިނިން ކޭމްޕެއް ފުރިހަމަކުރަމުން އަންނައިރު، މިއީ ދުނިޔޭގެ ވޮލީބޯޅަ އިތުރަށް ދަސްކޮށް ގިނަ އާ ތަޖުރިބާތަކެއް ކޮށްލަން ލިބުނު ރަނުގެ ފުރުސަތެއް ކަމަށް ގައުމީ ޓީމުގެ ކޯޗު މުހައްމަދު ސާޖިދު (ކާއްޓޭ) ބުނެފި އެވެ.
ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް ސާބިއާ އަށް ކުރެއްވި ދަތުރުގައި ރާއްޖޭގެ ވޮލީ ކުރިއެރުވުމަށް ގިނަ އެހީތަކެއް ހޯދުމަށް މަޝްވަރާކުރެއްވި އެވެ. އެގޮތުން ސާބިއާގެ ހަރަދުގައި ހަމަޖެއްސި ފިރިހެން ވޮލީ ޓީމުގެ ޓްރެއިނިން ކޭމްޕަކީ މިހާތަނަށް ރާއްޖޭގެ ޓީމެއް ޔޫރަޕްގައި ފުރިހަމަކުރާ ފުރަތަމަ ޓްރެއިނިން ކޭމްޕެވެ.
ޕީއެސްއެމްގެ "މި ފަހަރު ވެސް ގޯލްޑް" ޕްރޮގްރާމްގައި ކާއްޓޭ ބުނީ މި މަހު 13 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ ޓްރެއިނިން ކޭމްޕްގެ ސަބަބުން ވޮލީ ޓީމަށް ގިނަ ކުރިއެރުންތަކެއް ލިބޭނެ ކަމަށެވެ.
"ދުނިޔޭގެ ވޮލީ އަށް އަޅުގަނޑުމެންނަށް ދޮރުހުޅުވާލައިދީފައި މިނިސްޓަރު މިވަނީ. ދެން އޮތީ އަޅުގަނޑުމެންގެ މަސައްކަތް. ޓްރެއިނިން ދަތުރަކަށް ބަލާއިރު ވެސް ވޮލީ ތާރީހުގައި ނުލިބޭ ފަދަ ދަތުރެއް މި އޮތީ ލިބިފައި. ދުނިޔޭގެ ރޭންކިން އަށް ބަލާއިރު 10 ވަނައިގައި ސާބިއާ މި އޮތީ. ޔޫރަޕްގެ އެންމެ ގަދަބާރުތަކުގެ ތެރެއިން ސާބިއާ މި އޮތީ. ސާބިއާގެ ބީ ޓީމުތަކާ ދެކޮޅަށް ކުޅެލަން ލިބުނަސް ވަރަށް ރަނގަޅު ތަޖުރިބާތަކެއް މިއީ. ދުނިޔޭގެ ވޮލީ ދަސްކުރަން ލިބުނު ރަނުގެ ފުރުސަތެއް،" ކާއްޓޭ ބުންޏެވެ.
މި މަހު ފަށާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އާއި އަންނަ މަހު ބާއްވާ ސެންޓްރަލް ޒޯން މުބާރާތުގެ އިތުރުން ޑިސެމްބަރު މަހު އޮތް ސައުތު އޭޝިއަން ގޭމްސް އަށް ތައްޔާރުވުމަށް ފިރިހެން ވޮލީ ޓީމު ވަނީ ޖެނުއަރީ މަހު ފަރިތަކުރުންތައް ފަށައިފަ އެވެ.
ކާއްޓޭ ބުނީ ތައްޔާރީތައް ދިޔައީ ވަރަށް ރަނގަޅަށް ކަމަށާއި މިހާރު ކަންތައްތައް ހަމަޖެހިފައިހުރީ ހީކުރި ވަރަށް ވުރެ ވެސް ރަނގަޅަށް ކަމަށެވެ. އަދި އައިއޯއައިޖީގެ ޓާގެޓަކީ ލޯ މެޑަލެއް ހޯދުން ކަމަށާއި އެ ހިސާބަށް ވާސިލްވެވޭނެ ކަމުގެ އުއްމީދު ބޮޑު ކަމަށް ބުންޏެވެ.
"އައިއޯއައިޖީގައި ދެވޭނެ އެންމެ ރަނގަޅު ގްރޫޕަށް ދެވިފައި މި އޮތީ. ރިޔޫނިއަން އާއި ކޮމޮރޮސް އާއި މަޑަގަސްކާ އެކު. ހަތަރު ޓީމުގެ ގްރޫޕުގައި އޮތީމަ ސެމީގެ ފުރުސަތު ވެސް ބޮޑުވާނެ. އަނެއްކާ ވާދަކުރެވޭނެ ދެ ގައުމު މަޑަގަސްކާ އާއި ކޮމޮރޮސް އެބައޮތް،" ކާއްޓޭ ބުންޏެވެ.
ވޮލީ ޓީމުގެ ކެޕްޓަން ލޯންގޭ (ކ) ރައީސް ސޯލިހަށް ޖޯޒީއެއް ހަދިޔާކުރަނީ.-- ފޮޓޯ: ރައީސް އޮފީސް
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ހިންގާ ކޮމިޓީ އުވާލުމަށް ފަހު އިންޓަރިމް/ ނޯމަލައިޒިން ކޮމިޓީ އަކާ ހިންގުން ހަވާލުކުރުމަށް ކޮމިޝަނާ އޮފް ސްޕޯޓްސް އިން ނިންމާފައިވާއިރު، ވީއޭއެމްގެ ރައީސް މުހައްމަދު ލަތީފް ވަނީ މަގާމުން ދުރުކުރީ ރަނގަޅަށް ނޫން ކަމަށް ބުނެ ތުހުމަތުތަކެއް އެކި ފަރާތްތަކަށް ކުރައްވައިފަ އެވެ.
ކާއްޓޭ ބުނީ ވީއޭއެމްގައި އެ ހިނގާ ކަންތައްތަކުގެ ސަބަބުން ކުޅުންތެރިންނާއި ޓީމަށް މާ ބޮޑު އަސަރެއް ކުރާނެ ކަމަށް ނުދެކޭ ކަމަށެވެ.
"ކޮންމެ ސަރުކާރެއް އޮތަސް ކޮންމެ މެނޭޖްމަންޓެއް އޮތަސް ޓީމަށް ލިބެންޖެހޭ ކަމެއް ވިއްޔާ އޮންނާނީ ފުރިހަމަކޮށް ލިބޭނެކަމަށް. ޓްރެއިނިން ކޭމްޕަށް ދާން އޮތީ ތައިލެންޑަށް. އެކަމަކު އެކަން މި އޮތީ އޭޝިއާ އިން ވެސް ބޭރަށް ތައިލެންޑަށް ހަމަޖައްސައިދީފައި. ރާވާފައި ހުރި ގޮތްތަކަށް ވުރެން ރަނގަޅަށް ދިޔައީ،" ކާއްޓޭ ބުންޏެވެ.
ގައުމީ ފިރިހެން ޓީމު ޓްރެއިނިން ކޭމްޕަށް ފުރުމުގެ ކުރިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި ސްޕޯޓްސް މިނިސްޓަރު މަހުލޫފް ވަނީ ޓީމާ ބައްދަލުކުރައްވައި ހިތްވަރުދެއްވައިފަ އެވެ.
ޓްރެއިނިން ކޭމްޕްގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި ސާބިއާގެ ޓީމަކާ ދެކޮޅަށް ކުޅުނު މެޗުން ރާއްޖެ ބަލިވީ 3-2 ސެޓުންނެވެ. ޖުމްލަކޮށް ބަލާއިރު ރަނގަޅު ކުޅުމެއް މި މެޗުގައި ރާއްޖޭގެ ފަރާތުން ފެނިގެންދިޔައިރު، ރަނގަޅު ކުރަން ހުރި ކަންތައްތައް ދަސްވެގެންދިޔަ ކަމަށް ކާއްޓޭ ވަނީ ބުނެފަ އެވެ. ސާބިއާގައި ފުރިހަމަކުރާ ޓްރެއިނިން ކޭމްޕުން ކުރިއެރުން ހޯދޭނެ އެކި ގޮތްގޮތަށް ހޯދުމަށް ފަހު އެ ކަންކަމަށް ވެސް މަސައްކަތްކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
ވޮލީ އަށް ސާބިއާގެ އެހީ ދެން ފޯރުކޮށްދޭން ނިންމާފައިވަނީ ރާއްޖޭގެ ހަތަރު ކޯޗަކަށް ސާބިއާ އަށް ގޮސް އެެންމެ މަތީ ފަންތީގެ ތަޖުރިބާ ހޯދުމުގެ ފުރުސަތު ދިނުމަށެވެ. އަދި ރާއްޖޭގެ ވޮލީގެ ހާލަތު ދެނެގަނެ އިތުރު އެހީތެރިކަން ފޯރުކޮށްދީ ރާއްޖޭގެ ވޮލީބޯޅަ ޑިވެލޮޕް ކުރާނެ ގޮތްތައް ހޯދުމަށް ސާބިއާގެ ފެޑެރޭޝަނުގެ ޓީމެއް ރާއްޖެ އަންނަ ގޮތަށް ވެސް ވަނީ ހަމަޖެހިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަބޫ
07 July 2019
ސާބިއާ އެއް ނޫން ބްރެޒިލްއަށް ދިޔަސް ޓީމަށް ކުރިއެރުމެއް ނުލިބޭނެ.ރާއްޖޭގެ ކޯޗަކަށް މިހާރު އޮތް ޓީމު އިތުރު ހަރުފަތަކަށް ނުގެންދެވޭނެ. ބޭނުންވަނީ ވޮލީއަކީ ކޯޗެއްކަން އިގޭ، ގޭމް ސެޓްކޮށް ކުޅުންތެެރިންގެ މެންޓަލް ޕްރިޕަރޭޝަން މޮޅަށް ތައްޔާރުކޮށް، ގޭމް ތެރޭގައި ޓެކްްޓިކަލް ޗޭންޖް ގެނެވޭވަރުގެ މީހެއް. ރާއްޖެއަކު މިފެންވަރުގެ މީހެއް ނެތް.
ފެމުނު
07 July 2019
މީ ހާދަ ރީތި ކޯޗެކޭ. ފުރަތަމަނަޒަރުން ރީތިވެއްޖެ.
ރަދީފް
07 July 2019
ސާބަހޭ.ފެންވަރުގެ ޓްރެއިނިންގް ޕްރޮގްރާމެއް ލިބިގެން މަުބާރާތުގަ ފުލަށް ނުގޮސް ސަލާމަތްވެއްޖެނަމަ ވަރަށް ފުރިހަމަ ވާނެ.
މުންޑު
07 July 2019
ކަލޭ ކަޑަވީދޯ!