ގައުމީ ދާރުލްއާސާރުގައި ބަހައްޓާފައި ހުރި، އެމެރިކާ އިން ހަނދަށް ގެންދިޔަ ދިވެހި ދިދަ އާއި ހަނދުން ގެނައި ހަތަރު ހިލަކޮޅު --ފޮޓޯ: ހުސެން ވަހީދު/މިހާރު
20 ޖުލައި 2019 - 13:59
އިލްމީ ގޮތުން 1969 ގައި ދުނިޔެ އޮތީ ކޮން ހިސާބެއްގައިކަން އޭރުގެ ދިވެހިންނަކަށް ނޭނގެ އެވެ. ރާއްޖޭގެ މުޅި އިގުތިސާދު ބިނާވެފައި އޮތް މަސްވެރިކަމުގައި ބޭނުންކުރީ ރިޔަލު ދޯނިފަހަރެވެ. ކަނޑަށް ނުކުމެ އުޅުނީ ފައްޔާއި ރިޔަލުގަ އެވެ. ފޯނުގެ ގުޅުންތަކެއް ނެތެވެ. ޓީވީއަކީ ކޮން އެއްޗެއްކަން އެނގޭ މީހުން މަދެވެ. އޯ ލެވެލް އިމްތިހާން ބާއްވަން ފެށިތާ ވީ އެންމެ ދެ އަހަރެވެ. ސްކޫލެއްގައި ފުރަތަމަ ލެބޯރަޓަރީ، މަޖީދިއްޔާ ސްކޫލްގައި ހުޅުވީ ވެސް އެ އަހަރު އެވެ.
އެކަމަކު އޭރު އިންސާނުން ދުނިޔެ ދޫކޮށް، ހަނދަށް ހިނގައްޖެ އެވެ. އެމެރިކާގެ އެޕޯލޯ 11 ހަނދަށް ގޮސް، އޭގެ "އީގަލް" އުޅަނދު ހަނދުގެ ބިންގަނޑަށް ޖައްސައި، ނީލް އާމްސްޓްރޯންގްގެ ފައިތިލަ އެ ބިމުގައި ބީއްސާލި އިރު ރާއްޖޭގައި ޓީވީއެއް ނުހުރެ އެވެ. ހަމައެކަނި މާލޭ ސަރަހައްދަށް ޓީވީއެމް ލިބެން ފެށީ އޭގެ ނުވަ އަހަރު ފަހުން 1978 ގަ އެވެ. ފުރަތަމަ އިންޖީނު އެޅި "އުއްމީދު" ދޯނި، އިންޖީނާ އެކު މޫދަށް ބޭލީ، އިންސާނުން ހަނދަށް ދިޔަތާ ފަސް އަހަރު ފަހުން 1974 ގަ އެވެ. އޭ ލެވެލް ފުރަތަމަ އިމްތިހާން ރާއްޖޭގައި ބޭއްވީ 1970 ގަ އެވެ.
އޭރު އެމެރިކާ އިން އެ ގައުމުގެ ބަޔަކު ހަނދަށް ފޮނުވައިފިއޭ ބުނެފި ނަމަ ދިވެހިންނަށް ގަބޫލެއްނުކުރެވޭނެ އެވެ. އޭގެ 50 އަހަރު ފަހުން، މިހާރު ހުރިހާ ގޮތަކުން ދިވެހިންނަށް ކުރިއެރުން ލިބުނު އިރު ވެސް، އެކަން ގަބޫލުނުކުރާ މީހުން ގިނަ އެވެ. އެކަމަކު ގައުމީ ދާރުލްއާސާރުން، އެމެރިކާގެ އެޕޯލޯ ދަތުރުގެ ހަނދާންތައް ފެންނަން އެބަ ހުއްޓެވެ.
އެމެރިކާއިން ރާއްޖެއަށް ހަދިޔާކުރި ހަނދުގެ ހަތަރު ހިލަކޮޅު: އިންސާނުން ހަނދަށް ދިއުމަކީ މުޅި އިންސާނިއްޔަތަށް ލިބުނު ކާމިޔާބީއެއް
އެމެރިކާ އިން ދުނިޔޭގެ 60 އަށް ވުރެ ގިނަ ގައުމުތަކުގެ ދިދަ އެޕޯލޯ 11 ގައި ގެންދިޔަ ކަމަށްވެ އެވެ. އެއީ ރަމްޒީ ގޮތުން އެމެރިކާ އިން ކުރި ކަމެކެވެ. އެޕޯލޯ 11 ގައި އެ ގެންގޮސް، އަލުން އަނބުރާ ގެނަ އެވެ. އޭގެ ތެރޭގައި ރާއްޖޭގެ ކުޑަކުޑަ ދިދައެއް ވެސް ހިމެނެ އެވެ. އެޕޯލޯ 11 އިން ދުނިޔެއަށް ގެނައި ހިލަކޮޅުތަކުގެ ތެރެއިން ކުޑަކުޑަ ހަތަރު ހިލަކޮޅާއި އެ ދިދަ، އޭރުގެ އެމެރިކާގެ ރައީސް ރިޗަޑް ނިކްސަންގެ ފަރާތްޕުޅުން ރާއްޖެއަށް ހަދިޔާކުރި އެވެ. އެ ހަދިޔާ މިހާރު ވެސް ހުރީ ދާރުލްއާސާރުގައި އާންމުންނަށް ފެންނަ ގޮތަށެވެ.
އެމެރިކާ އިން ގަބޫލުކުރީ ހަނދުގެ ދަތުރަކީ ހަމައެކަނި އެމެރިކާއަށް ލިބޭނެ ޝަރަފެއް ނޫން ކަމަށެވެ. އެއީ މުޅި އިންސާނީ ނަސްލާ ގުޅިފައި އޮތް ކާމިޔާބީއެއްގެ ގޮތުގައި ގަބޫލުކުރި އެވެ. އެހެންކަމުން ވަރަށް ގިނަ ގައުމުތަކަށް އެމެރިކާ އިން ވަނީ ހަނދުގެ ހިލަކޮޅުތައް، ހަނދާނެއްގެ ގޮތުގައި ހަދިޔާކޮށްފަ އެވެ.
އިލްމާއި ޓެކްނޮލޮޖީ އާއި އިގުތިސާދީ ގޮތުން ދުނިޔެ ކުރީގައި އުޅުނު އިރު، 1969 ހިސާބުގައި ރާއްޖެ އަކީ ހަމައެކަނި މަސްވެރި ކުޑަކުޑަ ގައުމެކެވެ. ދުނިޔެއަކަށް ރާއްޖެއެއް ނޭނގެ އެވެ. އެކަމަކު 1970 ގެ އަހަރުތަކުގައި ޓޫރިޒަމް ތައާރަފުކުރުމާއި 1980 އާއި 1990 އަދި 2000 ގެ އަހަރުތަކުގައި ޓޫރިޒަމަށް ލިބުނު ކުރިއެރުންތަކާ އެކު، ދިވެހިންނަށް މުހިންމު ބަދަލުތަކެއް އަ އެވެ. މިއަދު ރާއްޖެ އަކީ ދުނިޔޭގެ އެންމެ މަޝްހޫރު އެއް ޓޫރިޒަމް މަންޒިލެވެ. މިއަދު މަސްދޯނިފަހަރު ބޮޑެތިވެ، ޒަމާނީ އިންޖީނުތަކުން ސްޕީޑް ހޯދައިފި އެވެ. ރަށްރަށަށް ކުރާ އާންމު ދަތުރުފަތުރު ލޯންޗަށާއި މަތިންދާ ބޯޓަށް ބަދަލުވެއްޖެ އެވެ. ދުނިޔޭގެ ބޮޑެތި އިމްތިހާންތައް ހަދަ އެވެ. ޔުނިވަސިޓީތަކާއި ކޮލެޖްތައް އުފެދިއްޖެ އެވެ. އެންމެ ޒަމާނީ ވަސީލަތްތަކުން ދިވެހިން ހިތްހަމަޖައްސަ އެވެ.
އިންސާނުން ހަނދަށް ދިޔަތާ 50 އަހަރު ފާހަގަކުރާ އިރު މިއަދު އެއާ ގުޅޭ ހުރިހާ މައުލޫމާތެއް ހޯދަން ދިވެހިންނަށް ވެސް ބޭނުންވަނީ ސިކުންތުކޮޅެކެވެ. މައުލޫމާތުން ސިކުނޑި މުއްސަނދިވާ ވަރަކަށް، އިންސާނުން ހޯދާ ކާމިޔާބީތަކުގެ އަގުވަޒަންކުރެވޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢީސަ
24 July 2019
މޫސަ ތިފެއްޓެވީ ވަރަށް ރަނގަޅު ވާހަކައެއް .ދާރުލްއާސާރުގެ ވާހަކަ ދެކެވޭއިރު، މިތަނުން ވައްކަންކުރެއްވި ބޭފުޅުން ޖަލަށްލާންޖެހޭ އެބަ ޖެހޭ. ނަންވާނީ ބޮޑުބެ ދޮންތު. ޢެކަމަ މަތީ ފަޑީގައި ތިބި ދެސަރުކާރުގެ ބޭފުޅުން ތެރެއިން ސަލާމަތް ވާނީ މަދު މީހެއް! ޢަޅެ ކެރެންޏާ ފަޅާއަރުވާލަބަލަ!
ހަނދޭގެރި
21 July 2019
ހަނދައް ބަޔަކު ދިޔަކަންވެސް ނުވަތަ ނުދެވޭނެކަން ވެސް އެންމެ ރަނގަޅައް އެނގޭނެ އެއްބައެއް މިރާއްޖޭ މީހުންނަކީ އެއީ ހަނދައް ބަޔަކު ދިޔަތާ 5 އަަހަރު ފަހުން ދޯންޏެއްގައި އިންޖީން އެއްއެޅިކަމަށްވަނީ އަނެއްކާ ހަނދު ރުނބަޔަށް ލީވެސް ހަމަ މިރާއްޖޭ މީހުން އަދި އެކަންވީބަޔަކުނެތް މިނޫނިއްޔަކާއެއް
މޭން
21 July 2019
މީގެ ތިރީސް އަހަރު ކުރިން އަހަރެން ރަށުގެ ސްކޫލްގަ އުޅުނުއިރު އޭރުގެ ފޮތެއްގައި ހަނދައްދިޔަވާހަ އޮވޭ އެވާހަ އޭރުއުޅުނު އުމުރުން ދުވަސްވީ ރާވެރިއެއް، އެކަމެއް ގަބޫލެއްނުކުރޭ އެކަމުގެ ރައްދު އެއިރު އެންމެ މޮޅައްދީ އުޅެނީ މިބުނި ރައިވެރިބޭ މަވެސް ކިޔަންވަން އުޅުނުއިރު ދިޔައިން އެބޭ ކައިރިއައް އެކަން ޔަގީންކޮށްލުމަށް
ރަށުމީހާ
21 July 2019
މީގެ 50 އަހަރު ކުރިން ދިވެހި ދިދަހުރީ ތިގޮތަށްބާވައޭ ހިތަށްއަރާ
ކަނު
21 July 2019
1965 ގަ މި ދިދަ ބޭނުންކުރަންފެށީ
އާހިތަ
20 July 2019
ހަނދަށް ދިޔަކަމަށް ގަބޫލުނުކުރާ މީހުން، ދިވެހިރާއްޖޭގައި ނޫނަސް އެބައުޅެއެވެ. އެކަން ދިރާސީ ނަޒަރުން ތަހުގީގުކުރާ މީހުން ވެސް އެބައުޅެއެވެ. އަޅެ ބުނެދީބަލާށެވެ. ހަނދަށް ވުރެ މާ ދުރުގައި ހުރި ގުރަހަތަކަށް ދަތުރުކުރާއިރު، ހަނދަށް ދިޔަތާ ފަންސާސް އަހަރު ފާހަގަކުރަން، ހަނދަށް ބަޔަކު ނުފޮނުވީ ކީއްވެގެން ހެއްޔެވެ؟ ވޭތުވެ ދިޔަ 50 އަހަރު ތެރޭގައި އިތުރު އުޅަނދެއް، އިތުރު މީހެއް ހަނދަށް ނުފޮނުވީ ކީއްވެހެއްޔެވެ؟ ހަނދުގައި ދިދަ ޖެހި އިރު، ދިދަ ވަޔާ ހޫރެޔޯ؟
ކައުންސެލަރު
20 July 2019
" އެމެރިކާ އިން ގަބޫލުކުރީ ހަނދުގެ ދަތުރަކީ ހަމައެކަނި އެމެރިކާއަށް ލިބޭނެ ޝަރަފެއް ނޫން ކަމަށެވެ. އެއީ މުޅި އިންސާނީ ނަސްލާ ގުޅިފައި އޮތް ކާމިޔާބީއެއްގެ ގޮތުގައި ގަބޫލުކުރި އެވެ." އާއެކެވެ! ތިޔައީ ރަނގަޅު ވާހަކައެކެވެ. ނަމަވެސް އެއީ އިހުގެ އެމެރިކާ މީހުންނެވެ. ނަމަވެސް މިހާރު އެމެރިކާއިން މިކަހަލަކަމެއްގައި ދިވެހިރާއްޖެއަށް "ހިލަ" ފޮނުވަފާނެކަމަށް މޫސާ ލަޠީފަށް ޤަބޫލުކުރެއްވޭތޯއެވެ؟
SASA
20 July 2019
https://www.dailystar.co.uk/news/weird-news/792715/Moon-landing-faked-conspiracy-sparked-flim-crew-USSR-flag-reflection-Apollo-11-video
ގައްދޫ މީހާ
20 July 2019
ހަނދުގައި ވައި ނުހުންނަ ކަމަށްވާއިރު އެމެރިކާ ދިދަ އެ ވިހުރެނީ ކީއްވެތަ؟
ސާމާނުބެ
21 July 2019
ހަނދުގައި ވައި ނުހުންނަ ކަން ރާއްޖޭ މީހުންނައް އެނގުނީ ކިހިނެއްް؟ ކާކު އެތަނައްދިއައީ މިރާއްޖެއިން
ޟނމމ
20 July 2019
ގުރެވިޓީ ނެއްތަނެއްގައި ދިދަ ހަރުކުރީކިހިނެއްބާ؟
އަބުއާ
20 July 2019
ސާފު ސާދާ ރީތި ލިޔުމެއް