އައިލެންޑާސް އެޑިއުކޭޝަނުން ހިންގާ ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލް -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
14 ޖުލައި 2019 - 15:29
އައިލެންޑާސް އެޑިއުކޭޝަނުން ހިންގާ ސްކޫލްތަކުގައި އަންނަ އަހަރު ގްރޭޑް އެކެއްގައި ކިޔެވުމުގެ ފުރުސަތު އަންނަ އަންގާރަ ދުވަހު ހުޅުވާލާނެ ކަމަށް އެތަނުން މިއަދު ބުނެފި އެވެ.
އެ ތަނުގެ އެގްޒެކެޓިވް ޑިރެކްޓަރު އަހުމަދު އަދްލީ ރަޝީދު "މިހާރު" އަށް ވިދާޅުވީ އެތަނުން ހިންގާ ފިންލަންޑް އިންޓަނޭޝަނަލް ސްކޫލާއި ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލްގައި އަންނަ އަހަރު ކިޔެވުމުގެ ފުރުސަތު އަންގާރަ ދުވަހު ހުޅުވާލަން ނިންމާފައިވާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލްގައި 72 ދަރިވަރަކަށް ޖާގަ އޮތްއިރު، ފިންލަންޑް ސްކޫލުން ޖާގަ ލިބޭނީ އެންމެ 50 ދަރިވަރުންނަށެވެ.
އައިލެންޑާސް އެޑިއުކޭޝަންގެ ވެބްސައިޓު މެދުވެރިކޮށް އަންނަ އަންގާރަ ދުވަހުން ފެށިގެން އެތަނުގެ ދެ ސްކޫލަށް ދަރިވަރުން ވައްދަން ހުށަހެޅޭނެ އެވެ.
ފިންލެންޑު އިންޓަނޭޝަލް ސްކޫލުގެ ބައެއް ދަރިވަރުންތަކެއް: އަންނަ އަހަރު 50 ދަރިވަރަކަށް އެ ސްކޫލުގެ ގްރޭޑް އެކަކުން ކިޔެވުމުގެ ޖާގަ ލިބޭނެ - ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
އެކަމަކު އެ ދެ ސްކޫލާ ގުޅެން މި ވަގުތު ހުޅުވާލަން ނިންމާފައި ވަނީ ހަމައެކަނި ކެންގަރޫ ކިޑްސް އާއި އަމީރް އަހްމަދު ޕްރީ ސްކޫލުން މި އަހަރު ޔޫކޭޖީ ނިންމާ ދަރިވަރުންނަށް އެކަނި ކަމަށް ވެސް ވިދާޅުވި އެވެ. އަދި އާންމުންނަށް ހުޅުވާލާނީ އެއަށް ފަހު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެންމެ ފުރަތަމަ މި ފުރުސަތު ދެނީ އަޅުގަނޑުމެން ހިންގާ ދެ ޕްރީ ސްކޫލުގެ ދަރިވަރުންނަށް. މި މަސް ނިމެންދެން ބަލާފައި، ދެން އޮތް ހުސް ޖާގަތަކަށް ހުށަހަޅަން އާންމުންނަށް އަޅުގަނޑުމެން ހުޅުވާލާނީ،" އަދްލީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ ތަނުން ހިންގާ ދެ ޕްރީ ސްކޫލުން ޔޫކޭޖީ ނިންމާ 20 ކްލާސް މި އަހަރު އެބައޮތް ކަމަށެވެ. ނަމަވެސް ގްރޭޑް އެކަކަށް ބަދަލުވާ އަހަރު ދަރިވަރުން ނެގޭނީ އެންމެ ފަސް ކްލާހަށް ކަމަށާއި، އެހެންކަމުން އެތަނުގެ ޕްރީ ސްކޫލު ދަރިވަރުންނަށް އިސްކަންދޭނެ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި މަސައްކަތްކުރަނީ ސްކޫލުގައި ކިޔެވޭނެ ކެޕޭސިޓި އިތުރުކުރަން. އަޅުގަނޑުމެންނާ އެކު ގިނަ ކުދިންނަށް ކިޔެވުމުގެ ފުރުސަތު ދިނުމަށް،" އަދްލީ ވިދާޅުވި އެވެ.
ފިންލަންޑް އިންޓަނޭޝަނަލް ސްކޫލުގެ ޕްރިންސިޕަލް ޑރ. އައިޔާ ވެލަންނޭ ވިދާޅުވީ އެ ސްކޫލުގެ ފުރަތަމަ އަހަރުގެ ކިޔެވުން ދަނީ ވަރަށް ރަނގަޅަށް ކަމަށެވެ. އަދި އެ ސްކޫލުގައި ކިޔަވަމުން އަންނަ ދަރިވަރުން ވަރަށް އުފާވާ ކަމަށާއި، އަންނަ އަހަރު އާ ދަރިވަރުން ގުޅޭނެ ކަމަށް އުންމީދު ކުރާ ކަމަށް ވެސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހެންވޭރު ސްކޫލް
14 July 2019
އަދްލީ އެހެން ވިދާޅުވިޔަސް، އަމީރު އަހްމަދު ސްކޫލަކަށް ހުޅުވައެއް ނުލާނެ. ހުރިހާ ފުރުސަތެއްވެސް ދޭނީ ކެންގަރޫ ކިޑްސްއަށް. އަނެއްހެން ބުނަންޏާ މުއްސަނދިންނަށް
ޝެނީ - އަމީރު އަހުމަދު ބެލެނިވެރިއެއް
14 July 2019
މައުލޫމާތު ސާފުނުކޮށް ވާހަކަ ނުދެއްކުން އެދެން. ދެންމެ މިއައީ ފިންލަންޑު އަދި ބިލަބޮންގެ ޕޭރަންޓު އޮރިއެންޓޭޝަން ނިންމާފައި. ތިޔަހެން ބުންޔަސް ޕޯޓަލް މެދުވެރިކޮށް ދެ ސްކޫލަށް އެޕްލައި ކުރުމުގެ ފުރުސަތު އޮތީ ހުޅުވާލާފައި. އެމީހެއްގެ އަމިއްލަކަމެއް އެޕްލައިކޮށް ފޯމު ފުރުމަކީ. ޢަދުލީއެއްނޫން ފޯމު ފުރާދޭންޖެހޭނީކީދޯ؟
ނިޔާމް
14 July 2019
ސަރުކާރުގެ ބިންތައް ކުޑަ އަގުގައި ކުއްޔަށް ނަގައިގެން އާއްމުން އަތުން އަތުލާ ފީ އިންތިހާއަށްބޮޑު. މިއީ ސަރުކާރުން ދިރާސާ ކުރަންވީ ކަމެއް. ތަޢުލީމަކީ ވިޔަފާރިއަކަށް ހަދާއިރު އޭގެން ނުކުންނަ ނަތީޖާ ބެލުން މުހިއްމު
އައްސަދު
14 July 2019
ސަރުކާރު ސްކޫލު ތަކަށް ދެވޭ ހިދުމަތަށް ވުރެ ރަނގަޅު ހިދުމަތެއް ލިބޭ ކަމަށް ވަންޔާ ބޮޑުފީއެއް ނަގައިގެން ވިއަސް ކުރިއަށް ގެންދަންވީ. ފުރުސަތުދޭންވީ އަދިވެސް ގިނަ އަމިއްލަފަރާތް ތަކަށް. ރާއްޖެއަށް ފިންލަންޑު ސްކޫލެއް އައުމުން އެއީ ގައުމަށާއި ދިވެހިންނަށް ލިބުނު ބޮޑު ކުރިއެރިވުމެއް. އެހެންނޫނީއާއި އަހަރަމެން އެންމެން ފިންލަންޑަށް ގޮސް ދަރީންނަށް ކިޔަވާދޭން އުޅޭން ޖެހޭނީ. އެހަރަދު މާބޮޑުވާނެ.