14 ޖުލައި 2019 - 14:45
ހައްޖަށް ގެންދިއުމަށް އަލްހަރަމައިން ހައްޖު ގްރޫޕަށް ހުއްދަ ދީފައިވާ ވަރަށް ވުރެ އިތުރަށް ފައިސާ ނަގާ މައްސަލަ ބަލައިދިނުމަށް އިސްލާމިކް މިނިސްޓްރީން މިއަދު ފުލުހުންނަށް ހުށަހަޅައިފި އެވެ.
އަލްހަރަމައިން ޖަމާއަތުން ހައްޖުވެރިންގެ އަތުން އެއްލައްކަ ރުފިޔާ ނަގާތީ ބަޔަކު އެ ޖަމާއަތުގެ އޮފީހުގައި ކަންބޮޑުވުން ފާޅުކޮށް ވާހަކަ ދައްކާ ވީޑިއޯއެއް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފަ އެވެ.
އެ ގުރޫޕަށް އިސްލާމިކް މިނިސްޓްރީން ހުއްދަ ދީފައިވަނީ އެ ޖަމާއަތުން ހުށަހެޅި ޕްރޮޕޯސަލްގައިވާ ގޮތަށް ކޮންމެ ހައްޖާޖީއެއްގެ އަތުން 69،965ރ. ނެގުމަށެވެ. ނަމަވެސް އެ ޖަމާއަތުން އެއްލައްކަ ރުފިޔާ ނަގާ ކަމަށް ފައިސާ ދެއްކި ބައެއް މީހުން ބުނެ އެވެ.
Hajj ge mathiveri alhukan adhaa kuran meehun fonuvumugai mivaruge makaraai heelai hadhaa group thakah dheefaivaa quota vaguthun baathil kuran jehey @AhmedZahirAli @IVaadhuvee @alixahir @FaisalNasym @ShimranAb @MVIaffairs @Mihaarunews @raajjemv pic.twitter.com/swkFQuamSy
— Abulho Nizar (@AbulhoLuco) July 12, 2019
ހަރަމައިން ޖަމާއަތުން އިތުރަށް ފައިސާ ނަގާތީ ބަޔަކު ކަންބޮޑުވުން ފާޅު ކުރާ ވީޑިއޯ--
އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝާފިއު އަލީ "މިހާރު" އަށް ވިދާޅުވީ ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއާ ގުޅިގެން އަލްހަރަމައިން ޖަމާއަތުގެ މައްސަލަ ބަލައިދިނުމަށް އިސްލާމިކް މިނިސްޓްރީން މިއަދު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
އިސްލާމިކް މިނިސްޓްރީ އަށް މިއަދު އެ ޖަމާއަތުގެ އިސް ބޭފުޅުން ހާޒިރުކޮށްފައިވާ ކަމަށް ވެސް ޝާފިއު ވިދާޅުވި އެވެ. އެކަމަކު އެ ބައްދަލުވުމާ ބެހޭ އިތުރު ތަފުސީލެއް ނުދެ އެވެ. އަދި އެކަން ބަލައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެހެން އަހަރުތަކެކޭ އެއްފަދައިން މި އަހަރު ވެސް އިސްލާމިކް މިނިސްޓްރީން ޖަމާއަތްތަކަށް ހުއްދަދިން ވަރަށްވުރެ އިތުރަށް ފައިސާ ނަގަމުން އަންނަ ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ޝާފިއު ވިދާޅުވީ މިހާތަނަށް މިނިސްޓްރީ އަށް ހުށަހަޅާފައިވަނީ އަލްހަރަމައިން ޖަމާއަތުގެ މައްސަލަ އެކަނި ކަމަށެވެ.
މި އަހަރު ރާއްޖޭން މީހުން ހައްޖަށް ގެންދިއުމަށް އިސްލާމިކް މިނިސްޓްރީން ހުއްދަ ދިނީ ފަސް ޖަމާއަތަކަށެވެ.
1) އެކްރޯ ހައްޖު ގްރޫޕު: 59،965ރ. 2) ހައްޖު ކޯޕަރޭޝަން: 69،965ރ. 3) މިނާ ހައްޖު ގްރޫޕު: 69،965ރ. 4) އަލްހަރަމައިން ހައްޖު ގްރޫޕު: 69،965ރ. 5) ޒައި ހައްޖު ގްރޫޕު: 70،000ރ. 6) ތަޒްކިޔާ ހައްޖު ގްރޫޕު: 72،250ރ.
ހައްޖަށް ގެންދާ ޖަމާއަތްތަކުން އިތުރަށް ފައިސާ ނަގާ މައްސަލަ އަކީ ކޮންމެ އަހަރަކު ވެސް ފެންމަތިވާ މައްސަލައެކެވެ. އެކަން ހައްލު ކުރުމަށް ގަވައިދުތަކެއް ހެދި ނަމަވެސް މިހާތަނަށް އެކަމަށް ހައްލެއް ލިބިފައެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުކޮސް
15 July 2019
އިތުރަށް ފައިސާދޭ މީހުންނަށްވެސް ނުވިސްނޭބާ އެ ދޭ އިތުރު ފައިސާއަކީ ރިޝްވަތުކަމެއް؟! ވީޑިއޯގަވެސް ބޮޑަށް ރުޅިއައިސްގެން އުޅެނީ އެމީހުންނަށްވެސް ގިނަ ފައިސާ ދީގެން ދިއުމުގެ ފުރުސަތު ނުލިބުމުން، ގިނަ ފައިސާ އަތުލާތީކީ ނޫން. އަޅުކަމުގަވެސް މަކާރާއި ހީލަތާއި ކޮރަޕްޝަން!
98764
15 July 2019
މިނާގުރޫޕުގެ އަގު އޭކްރޯއައްވުރެ ދިހަހާސްރުފިޔާބޮޑު
ނެގުނުކަތީބު
15 July 2019
ބޮޑަށް ބުރަވެވެނީ ތިހުރިހާ ގްރޫޕަކުންވެސް އިތުރަށް ފައިސާ ނަގާނެކަމަށް! ވީމާ ހައްޖަށް ދާން ބޭނުންވި ނަމަވެސް އޮޅުވާލުމުގެ ތެރެއިން ބަޔަކަށް އިތުރަށް ފައިސާ ދީގެން ދިއުން ރަނގަޅުވާނެތޯ؟
ނަން
15 July 2019
ނޫން. ހުރިހާ ގްރޫޕަކުން އިތުރަށް ފައިސާއެއް ނުނަގާ. އެކަމަކު ބައެއް ގްރޫޕުތަކުން އިތުރަށް ނަގާ ފައިސާގެ އަދަދު އެގިފައި އަންތަރީސްވާވަރުވޭ. މިއީ ދެރަ ކަމެއް. ހުއްޓުވަންޖެހޭ ކަމެއް.
ދޫވެހި
15 July 2019
އެކަމަށް އޮތް ހައްލަކީ ގުރޫޕުތަކަށް ކޯޓާދީފައި ދާންބޭނުންވާ ގުރޫޕަކަށް ދަނަކަށްޖެހޭ ފައިސާ އިސްލާމިކް މިނިސްޓްރީއަށް ދެންކުމެވެ.
އަމާނަތު
15 July 2019
ތީ ހަމަ ރަނގަޅު ވާހަކައެއް. އެއްލައްކަ ނަގާފަ ބިލް ހަދަނީ މިނިސްޓްރީ އަށް ހުށައެޅި އަގަށް
ިއިއްބެ
15 July 2019
ޖަމާއަތް ތަކުން ހާމަކުރި އަގު ގެ އިތުރުން ފައިސް ދެއްކި ރަސީދުނުދީ ނެގި ފައިސާ ކޮބާ؟ ބުކްކުރަން އެޑްވާންސް ގެ ނަމުގަ. މުޅި ޖުމްލަ 100،000 ވަރު ނަގާ އޭތި މީތި ކިޔައިގެން.
އެޑްމުންޑޯ
15 July 2019
ހަގީގަތެއް ، އިތުރަށް ފައިސާ ހަމަނަގަމުންދަނީ ބައެއް ގްރޫޕްތަކުން ،
އަބްދުﷲ
15 July 2019
ތިޔަގްރޫޕްތަކުން ނިކަމެތި ރައްޔިތުންނަށް މަކަރު ނުހެދޭގޮތަށް ނިޒާމް ބަޑަލު ކުރަންޖެހޭ.. ބޭންކެއް މެދުވެރިކޮށް ނޫނީ ސީދާ މިިނިސްޓްރީ މެދުވެރިކޮށް ނޫނީ ފައިސާގެ މުއާމަލާތް ނުކުރެވޭގޮތް ހަދަންވީ. ރައްޔިތުމީހާ ފެލާލައިގެން މުއްސަދިން ޖީބް ފުރާ ސިސްޓަމް ހުއްޓުވަން ލަސްވެއްޖެ..
އެޓޮމް
15 July 2019
ފުރަން 2 ދުވަހަށް ވުމުން އިތުރަށް ލާރިނެގުން މީއާންމުކަމެއް. ހައްޖައްގެންގޮސް ލަގެޖުފީކަމަށް ބުނެ ފުރުމުގެ ކުރިން 300 ޑޮލަރު ނުވަތަ ރިޔާލު ގުރޫޕްތަކުން ނަގާ އަދި ބަސްދަތުރޭ އަވަސްކުރުމަށޭ ކިޔާފަ އިތުރަށް ފައިސާނަގާ ޒަމްޒަމް ފެންފުޅިޔަށް އިތުރަށް ލާރިނަގާ މިހެންގޮސްކިޔާނެކަމެއްނެތް މިކަން ހުއްޓުވަން ސަރުކާރުތައްވަނީ ނުކުޅެދިފަ
މުހަންމާދި
14 July 2019
ހައްޖަށް ދާން ރަސީދު ނުލިބޭ ފައިސާ ދޭން ޖެހުން، ގޭގެ ކުލިދައްކަން ރެޔާއި ދުވާލު މަސައްކަތް ކުރުން، ބޭސް ފަރުވާއަށް ސަލާމް ޖެހުން، މަޖިލިސް މެންބަރުން ގާތު ދިރިއުޅުމުގެ ބޭުނުންތައް ފުއްދަން އެދެން ޖެހުން ފަދަ ކަންތަކަކީީ ދިވެިހި ސަގާފަތް. މިކަންތައްތައް ނެތިގެން ނުދާނެ.