ރިންގްރޯޑުގައި ޓެކްސީތަކެއް ދުއްވަނީ -- ފޮޓޯ: ނިޝާން އަލީ/މިހާރު
15 ޖުލައި 2019 - 16:38
މީޓަރު ޓެކްސީ އެޕްލިކޭޝަންގެ ގޮތުގައި ފަސް ފަރާތަކުން ޕްރޮޕޯޒަލް ހުށަހަޅާފައިވާ ކަމަށާއި އެ އެއްޗެހިތައް ބެލުމަށްފަހު މި މަހުގެ ތެރޭގައި ބޭނުންކުރަން ފަށާނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ މިއަދު ވިދާޅުވެއްޖެ އެވެ.
އެ މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ނަހުލާ ވިދާޅުވީ ރާއްޖޭގެ ދެ ފަރާތަކާއި ލަންކާގެ ތިން ފަރާތަކުން މީޓަރު ޓެކްސީގެ ޕްރޮޕޯޒަލް ހުށަހަޅާފައިވާ ކަމަށެވެ. ޝަރުތުތައް ހަމަވާނަމަ ވީހާ ވެސް ގިނަ ބަޔަކަށް ފުރުސަތުދޭނެ ކަމަށް ވިދާޅުވި އެވެ.
ހިދުމަތްތައް ރަނގަޅުކޮށް ވާދަވެރިކަން ބޮޑުކުރުމަށް އެ މަސައްކަތް އެއް ބަޔަކާ ހަވާލުނުކުރާނެ ކަމަށް ވިދާޅުވި އެވެ. މަސައްކަތްކުރާނީ ވީހާ ވެސް ގިނަ ބަޔަކު ޝާމިލްކޮށްގެން ކަމަށް ވިދާޅުވި އެވެ. އެއާއެކު ޓެކްސީގެ އާ އަގުތައް އިއުލާނުކުރާނެކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
ޓެކްސީ ހިދުމަތްތަކާބެހޭ ގޮތުން ހިޔާލު ހޯދަން މިދިޔަ ޖެނުއަރީ މަހު ބޭއްވި ބައްދަލުވުމުގެ ތެރެއިން.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
އޭނާ ވިދާޅުވީ ޓެކްސީ ދަތުރުގެ އަގުތައް މިހާރު ފައިނަލްކޮށްފައިވާ ކަމަށެވެ. އެއީ ޓެކްސީ ޑްރައިވަރުންނަށް އަދި އާއްމުންނަށް ވެސް ފަސޭހަވާނެ އަގުތަކެއް ކަމަށް ވިދާޅުވި އެވެ.
"މިނިސްޓްރީ އަށް އައިސް ޓެކްސީ ޑްރައިވަރުންގެ ހިތްހަމަނުޖެހުންތަކެއް، އެބޭފުޅުންނަށް އުނދަގޫވާ ކަންތައްތަކެއް ފާހަގަކުރެއްވިއިރު އެބޭފުޅުންނަށް އަޅުގަނޑު ދަންނަވާފައި ވާނީ އެބޭފުޅުންގެ ވެސް ހިޔާލާ އެކީގައޭ މިކަންތައް ދާނީ،" ނަހުލާ ވިދާޅުވި އެވެ.
ޓެކްސީ އަގުތައް ކަނޑައަޅާފައިވަނީ ކަމާބެހޭ ހުރިހާ އިދާރާއަކާ ވެސް މަޝްވަރާކޮށްގެން ކަމަށާއި އެހެންވެ އެ ބަދަލަށް އަމަލުކުރެވޭނެ ކަމަށް ވިދާޅުވި އެވެ.
ޓެކްސީތަކުގައި މީޓަރު ހަރުކޮށްގެން ދަތުރުކުރާ ގޮތަށް ހަދަން ސަރުކާރުން ނިންމީ މިދިޔަ ޖެނުއަރީ 10 ވަނަ ދުވަހެވެ. އެއާއެކު ބްރިޖުން ދަތުރުކުރާއިރު ހެލްމެޓް އެޅުން ވެސް މަޖުބޫރުކޮށްފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބުރުތުޤާލް
16 July 2019
ޕުރައިވެޓު ލަގުޒަރީ ކާރުވެސް ކުއްޔަށް ލިބެނެ ގޮތެއްވެސް ކަޑައެޅެންވާނެ.....މިނިސްޓަރު
ވާލުސޮރު
16 July 2019
ހުރިހާވެސް މައްސަލައަކީ ޓެކްސީއަކީ ޑްރައިވަރުގެ މިލްކެއް، އޯނަރު މި ދުއްވަނީ، އެހެން ވީމާ އޭނަ ބޭނުންވީމަ ދުއްވާފަ ބޭނުން ވީމާ ފައިބާފަ ވާރޭ ވެހެންޏާ ނޫނީ މީހުން ގިނައިން ހިދުމަތް ބޭނުން ކުރާ ކަހަލަ ދުވަހެއް ނަމަ ގޭގަ ބާއްވާފަ މި ކަހަލަ ހިތަށް އެރި ގޮތަކަށް އުޅެފަ، ސަރުކާރުން ގަވައިދެއް ހެދީމަ އެކަމާ ރުޅި އަންނަނީ. ދުނިޔޭގަ ކޮން ގައުމެއްގަ ތޯ ވެރި މީހާ ނިކުމެ ޓެކްސީ ކުރަނީ، މަގުމަތީ ގުންޑާ ހެދިފަ
މަރޭމިތުރު
16 July 2019
އހަރެން ދެކޭގޮތުގައި މީޓަރު ހުރިހާ ޓެކްސީތަކުގައި ހަރުކުރުމަކީ އެންމެ ރަނގަޅުކަމެއްނުން. އެކަމަކު މީޓަރ ޓެކްސީ ހުރުން ރަނގަޅު މިބުނާވާހަކައަކީ ބޭނުން ބަޔަކަށް އެކަން ކުރަން ދޭށޭ! ޕްރައިވެޓް ހަޔަރވެސް ތަހުޒީބު ގައުމުތަކުގައި ހުނަނަން މުހިންމު. އަދި ޑުރައިވަރުން އެހެން މީހުންގެ ކާރު ދުއްވަން ގަޑިއަށް ލިބޭނޭ ތަންތަން ވެސް އަމިއްލަފަރާތްތަކުން ނަމަވެސް އުފައްދަންޖެހޭ!
މަރޭމިތުރު
16 July 2019
ކާރުގެ ހުންގާނެއް ފެސެންޖަރުގެ އަތައް ނުލިބޭނެކަން ދަންނާތި!
ޔަގީ
16 July 2019
ދުވަހަކުވެސް ތިޔަކަމެއްވާނެހެންހީއެއްނުވޭ
އާރީ
16 July 2019
ރަށްއިތު މީހާ ޖީބު ތަނަވަސް ވެގެން ނޫނީ ތި އެފަކާ ކެފަކާ ބޭނުން ކުރެވޭކަން ނެތް. ފިނިހަކަ ދުވެލީގެ އިންޓަރނެޓް އަތްފޯރާ ފަށަކުނޫން ހުރީއަކީ. ނުކައިނުބޯވެސް ކުލިދަށްކަ ދަށްކަ މިތިންބެން ޖެހެނި. މުޅިގައުމްގަ ރޯގާ. ބަލިމަޑުކަން. ބިދޭސީންގެ މުޑްދާރުކަމުން މި ބަލިމަޑްކަން ފެތުރެނި. އެހެންތާވާނި އަލިފާންފޮށްޓެއް ވަރުވާ ތަންކޮޅެއްގަ ރާއްޖޭރަށްއިތުން އުޅެށް މަޖްބޫރު ކުރުވަނި. ރަށް ރަށް ތަރަށްގީ ކުރެވޭކަން ނެތް. ފުލެޓް އެޅޭކަން ނެތް. ލިބުނި ފުލެޓަށް ވަދެވޭކަން ނެތް.
ޢަބްދުﷲނާފިޒް
16 July 2019
ޓެކްސީ ޑްރައިވަރުންގެ އެއްވެސް ޝަކުވާއެއް ތިކަމުގަ ނޯންނާނެ، ދަތުރުގެ އަގު ހެސްކިޔާފަ މަތީގަ ހުރެއްޖެއްޔާ، އެކަމަކު އަގު ތިިރިވެއްޖެއްތަ ކަންތައް ޖެހުނީ، އެމީހުން މަގުމަތިވީ، ހާލުގަ ޖެހުނީ ބަނޑަށް ޖެހުނީ، އަނބި ދަރީންނަށް ކާންބޯންދީ ކުލި ނުދެއްކޭނެ ކަމަށް ބުނެ އަޑު އުފުލާނެ، މީޓަރު ހަރުކުރީމަ ނަގާ އަގުތައް ބަލާލާފަ އިތުރު އެއްޗެއް ކިޔާނީ.
ހޯރަ
15 July 2019
ކޮންމެ ސަރުކާރެއް އޮތަސް ރަށްއިތަކަށް ވާ ފައިދާއެއް ނެތް. ވަކިބަޔަކު މުންސަދިވުން ނޫން ކަމެއް ނެތް. ވަރަށް ސަލާން
މޫސަނނ
15 July 2019
ކިހާވަރަކުން ދާނެބާ. މިހާރުވެސް އަވަސް ސައިޑް ހަދައިގެން 100 ދަތުރެއްނޫނިއްޔާ ބަލާވެސް ނުލާ
ރަންދެލި
15 July 2019
މޯލްޑިވްސް 'ޓްރާންސޕޯޓް' އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ އިން މި ޚިދުމަތް ތައާރަފް ކުރަން ޖެހޭ. ފުރަތަމަ 100 ވަރަކަށް ކާރުން ފެށީމާ ރަނގަޅު ވާނެ. މިހާރުގެ ބާވެ ފައިވާ ގިނަ ކާރުތައް ދޫކޮށް ޒަމާނާ އެކަށީގެންވާ ރަނަގަޅު ފެންޗަރުގެ ކާރު ތަކެއ ގެނެސް ރަނގަޅު އުޖޫރައިގެ ނިޒާމެއް ތައާރަފް ކުރީމާ މިހާރު ޓެކްސީ ޑްރައިވަރުން ބޮޑު ބައެއް އެމް.ޓީ.ސީ.ސީ އަށް ބަދަލު ވެގެން ދާނެ. ދެން މިކަން ކަމުނުދާ ބަޔަކު ވެސް އުޅޭނެ.