ނަސީރު ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަނީ-- މިހާރު ފޮޓޯ
24 ޖުލައި 2019 - 18:10
ރާއްޖޭގެ މަރުކަޒީ ބޭންކް (އެމްއެމްއޭ)ގެ ގަވަރުނަރުކަމުގެ މަގާމުން އިސްތިއުފާ ދެއްވީ، އޭނާގެ މައްޗަށް ކުރާ "ތާކުންތާކު ނުޖެހޭ" ތުހުމަތުތަކަށް، މަގާމުގައި ހުންނަވައިގެން ޖަވާބުދާރީވާން ބޭނުންވެ ވަޑައިނުގަންނަވާތީ ކަމަށް އަހުމަދު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ.
ގަވަރުނަރުކަމުގައި ހުންނަވާތާ ގާތްގަނޑަކަށް ދެ އަހަރެއްހާ ދުވަސް ފަހުން ނަސީރު އިސްތިއުފާ ދެއްވީ، އެމްއެމްއޭގެ އެތެރޭގެ ބައެއް ކަންކަން އުސޫލުން ބޭރުން ކުރަައްވާފައިވާ ކަމުގެ ތުހުމަތު އެޅި، އެކަމާ ބެހޭ ގޮތުން ދެ ފަހަރެއްގެ މަތިން ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގައި ޖަވާބުދާރީވެވަޑައިގެންފައި ވަނިކޮށެވެ. އިސްތިއުފާ ދެއްވުމަށް ފަހު ނަސީރު މިއަދު ނެރުއްވި ނޫސް ބަޔާނެއްގައި ވިދާޅުވީ އޭނާގެ މައްޗަށް ކުރާ ތުހުމަތުތަކުގެ ސަބަބުން އެމްއެމްއޭގެ ގަވަރުނަރުގެ މަގާމުގެ ހައިބަތަށާއި ގަދަރަށް އުނިކަން ލިބުމަކީ އޭނާގެ ނަފްސަށް ލިބޭ ގެއްލުމަށް ވުރެ މާބޮޑު ގެއްލުމެއް ކަމަށެވެ. އެހެންވެ، މަގާމުގައި ހުންނަވައިގެން އެ ތުހުމަތުތަކާ ކުރިމަތި ލެއްވުމުގެ ބަދަލުގައި، އިސްތިއުފާ ދެއްވުމަށް ފަހު، އެ ތުހުމަތުތަކަށް ޖަވާބުދާރީވެ ވަޑައިގަތުމުން އޭނާ އަށާއި އެމްއެމްއޭއަށް ވެސް މާ ފައިދާ ބޮޑުވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ވިދާޅުވި އެވެ.
ނަސީރާ ދެކޮޅަށް ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުގެ ކުރީގެ ވެރިޔާ އަދި ޑެޕިއުޓީ ގަވަރުނަރު އަބްދުﷲ އަޝްރަފް މާލިއްޔަތު ކޮމިޓީއަށް ފޮނުއްވި ސިޓީއެއްގައި ވަނީ ބޮޑެތި ތުހުމަތުތަކެއް ކުރައްވައިފަ އެވެ. އޭގެ ތެރޭގައި މިދިއަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކުރިން ޔާމީންގެ އެކައުންޓަކަށް ބޮޑު އަަދަދުތަކުން ފައިސާ ޖަމާވެ، އެ ފައިސާ ނެގި މައްސަލާގައި އެފްއައިޔޫ އިން ފުލުހުންނަށް ހުށަހެޅި މައްސަލައިގެ ތެރެއަށް ވެންނެވުމުން ހިމެނެ އެވެ.
އަޝްރަފް ވިދާޅުވި ގޮތުގައި އެފްއައިޔޫގެ ވެރިޔާގެ މަގާމުން އޭނާ ވަކިކުރުމުގެ ކުރިން ދެ ފަހަރެއްގެ މަތިން ނަސީރު އޭނާއާ ފޯނުން ވާހަކަ ދެއްކެވުމުގެ އިތުރުން އެމްއެމްއޭގެ ޓެރަސް މަތީގައި ވެސް ބައްދަލުކުރެއްވި އެވެ. އެ ތިން ފަހަރު ވެސް ވާހަކަ ދެއްކެވީ އެފްއައިޔޫގެ މަސައްކަތް ވަކި ގޮތަކަށް ބައްޓަން ކުރަން ބާރު އަޅުއްވާ ގޮތަށް ކަމަށް ތުހުމަތުކުރެއްވި އެވެ.
އެ ތުހުމަތުތައް ދޮގު ކުރައްވައި ނަސީރު ވިދާޅުވީ އެފްއައިޔޫގެ އިދާރީ ހިންގުން ބޮއްސުންލައިގެން ގޮސް، ޤާނޫނުގައި ލާޒިމުކުރާ ރިޕޯޓުތައް ނަހަދައި ލަސްވާނަމަ، އެކަމާ ފަރުވާކުޑަކުރާ މުވައްޒަފުންނާމެދު ފިޔަވަޅު އެޅުމަކީ ޤާނޫނީ ގޮތުން އޭނާ ކުރައްވަން ޖެހިވަޑައިގަންނަވާ މަސައްކަތެއް ކަމަށެވެ. އަދި އެކަން އޭނާ ކުރެއްވީ ގާނޫނުގައި އޮންނަ އުސޫލުތަކާ އެއްގޮތަށް ކަމަށް ވިދާޅުވި އެވެ.
ނަސީރު ވިިދާޅުވީ އެމްއެމްއޭގެ އެ ލީޑާޝިޕް އޮއްވައި، ދައުލަތުން 1.3 ބިލިޔަން ރުފިޔާ ގެއްލުނު ކަމަށާއި އެ ހިޔާނާތުގައި ތުހުމަތު ކުރެވޭ އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބާ، އެމްއެމްއޭގެ ވެރިން އާދަޔާހިލާފަށް ގިނައިން ބައްދަލުކޮށްފައިވާ ކަމަށެވެ. އަދި ނަސީރުގެ މައްޗަށް ތުހުމަތުތައް ކުރަނީ، އެކަން ހިނގައިދިޔަ ގޮތް ބެލުމަށް މަސައްކަތް ކުރެއްވުމުން ކަމަށް ވިދާޅުވި އެވެ.
އެކަމަކު އެ ހިޔާނާތުގައި އަސްލު ބައިވެރިވި މީހުން އަދިވެސް ތިބީ މަގާމުތަކުގައި ކަމަށާއި އެ މައްސަލަތައް ތަހުގީގު ނުކުރާ ކަމަށް ނަސީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ ފެންމަތިވީ އޭނާ ގަވަރުނަރުގެ މަގާމަށް އައްޔަން ކުރުމުގެ މާކުރިންނެވެ. އަދި އެ މައްސަލައިގައި، އޭރުގެ ގަވަރުނަރާއި އެމްއެމްއޭގެ ވެރިންނާއި އެފްއައިޔޫގެ ވެރިން އަމަލުކޮށްފައިވަނީ އެންމެ ޒިންމާދާރުކޮށް ނޫން ކަމަށް، އޭނާ މަގާމުގައި ހުންނެވި އިރު ތައްޔާރުކުރެއްވި އެމްއެމްއޭގެ އިންޓާނަލް ރިވިއުންނާއި ތަހުގީގުތަކުން ފެންނަން ހުންނާނެ ކަމަށް ވިދާޅުވި އެވެ.
"އިންޓާނަލް އޮޑިޓުން ފެންނަން ހުރި ކަންކަމުގައި ހިމެނޭ ޖިނާއީ މައްސަލަތައް މިދިޔަ މާޗު މަހުގެ ތެރޭގައި ވާނީ ފުލުހުންނަށް ހުށަހަޅާފަ އެވެ. އަދި އިންސާފުވެރި ތަހުގީގެއް ހިންގައިފި ނަމަ، ފިޔަވަޅު އެޅޭނެ މިންވަރަށް އެއިން ހެކި ލިބޭނެ އެވެ." އިގުތިސާދީ ދާއިރާ އިން މަތީ ތައުލީމު ހާސިލްކުރައްވައި، އެ ދާއިރާގައި 12 އަހަރު ހިދުމަތް ކުރައްވާފައިވާ ނަސީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތް ދައުލަތުން ބަލައި، އެ ފައިސާ އަނބުރާ ހޯދުމަކީ ކުރަން ޖެހިފައިވާ ބޮޑު މަސައްކަތެއް ކަމަށެވެ. އަދި އެކަން ކުރެވޭނީ ދައުލަތުގެ މުއައްސަސާތަކަށް އިތުބާރު ހޯދައިދީގެން ކަމަށާއި އެކަމަކު އެގޮތް ވިޔަ ނުދޭން ބޭނުންވާ ބަޔަކު ދައުލަތުގެ ތެރޭގައި އުޅޭ ކަމަށް ނަސީރު ތުހުމަތު ކުރެއްވި އެވެ.
"އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން އެމްއެމްއޭއިން ކޮށްފައިވާ އަދި ނުކޮށް ދޫކޮށްލާފައިވާ ކަންތައްތަކާ ގުޅޭގޮތުން މާލީ ދާއިރާގައި ހަރަކާތްތެރިވާ މީހުންގެ މެދުގައި ނުތަނަވަސްކަން އެބައޮތެވެ. އެކަންކަން ރަނގަޅުކޮށް އެމްއެމްއޭއަށް ގެއްލިފައިވާ އިތުބާރު އަލުން ހޯދައިދިނުމަށް ކުރަންހުރި މަސައްކަތް ބުރަވެފައި، ބޮޑުކަން، އަޅުގަނޑު މަގާމާ ހަވާލުވި އިރު ވެސް އެނގެ އެވެ." ނަސީރު ވިދާޅުވި އެވެ.
"އެ މަސައްކަތް އެންމެ ފުރިހަމައަށް ކޮށް، ރާއްޖޭގެ މާލީ އިދާރާތަކަށް އިތުބާރު ހޯދައިދެވުނު ކަމުގެ ހިތްހަމަޖެހުން އަޅުގަނޑަށް އެބައޮތެވެ."
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަޙުމަދު
25 July 2019
ނަސިރުވެސް މިހާރު ތިދައްކަނީ ބޭކާރުވާހަކަ، ނަސީރަށްވެސް ކަންހިގާދިޔަގޮތް ވަރަށް ސާފުކޮށް އެނގޭ، މަސައްކަތްކުރީ އެކަންކަން ފޮރުވަން، ނުވިތާކަށް އެކަމުގެ މައުލޫމާތު ކަމާބެހޭ ފަރާތަށް ފޯރުކޮށްދިން މީހާވެސް މަޤާމުން ވަކިކުރީ ހަމަ ނަސީރު، އަދި އެކަންކުރުމުން ނަސިރުގެ ހިތުގެ ހަސަދަގަނޑު ބޭލީ އަސްރަފަށް، މަސައްކަތް ކުރީ އެބޮޑު ވައްކަން ބޮޑުވައްކަން ކަމަކަށް ނުހަދަން. ނަސިރުގެ ކިބައިގަވެސް ތެދުވެރިކަން ނެތުމުން މިއަދު އިސްތިުފާދޭން ތިޖެހުނީ،
ލައިލާއުލްޔާ
25 July 2019
އަޅުގަނޑު ނަސީރަށް ސެލިއުޓު ކުރަން، އިސްތިއުފާ ދިނުމަކީ ކުރި ވަރަށް ޒިންމާދާރު އަމަލެއް، ޔާމީނުގެ ގުއިރޯނުގައި ޖެހިގެން އެކި މުއައްސަސާތަކުގެ ވެރިންނަށް ތިބި އެހެން މީހުންވެސް ނަސީރުގެ ކިބައިން ނަމޫނާ ލިބިގަނެ އިސްތިއުފާދިނުމަށް ގޮވައިލަން،
ހަބީބާ
25 July 2019
މިކަމުގެ އަޑީގައި ތިބި ސިޔާސީ މީހުންނާއި ވިޔަފާރިވެރިން ހީ ނަގަނީ! މީ އެމީހުން ބޭނުންވާގޮތް! އެމީހުން ޒިންމާނުނަގާ މުއައްސަސާތަކުގެ މީހުންގެ ކެރިއަރ ހަލާކުވާންވީ! މިރާއްޖޭގައި މިއޮތް ސަގާފަތަކީ ވެރިޔަކަށް ހުންނަމީހާއަށް ސިޔާސީ އަދި ބާރުވެރި މީހުން ގުޅާފައި ބިރުދައްކާ ކަންކަން ކުރުވުން. ނުކުރަންޏާ ކެރިއާ ދުއްވާލުން؛ ކޮށްފިއްޔާ ދެން އަންނަ ސަރުކާރު އޭނަ ދުއްވާލުން. މިކަން ހުއްޓުވައިގެން ނޫނިއްޔާ މިނިވަން މުއައްސަސާތަށް މިނިވަނެއް ނުކުރެވޭނެ!!
އުމަރު ބޑދ
25 July 2019
މިކަލޭގެ މި އިސްތިއުފާ މިދިނީ ރައްޔިތުންގެ މަޖުލީހުގާ އަދިވެސް ގެންގޮސް ސުވާލު ކުރާނެތީ.......މަގާމުގާ ހުރެގެން ދޮގުމައުލޫމާތު ދީފިނަމަ މައްސްލަ ޕޮލިހައް ހުށައަޅާފާނެތީ.....މަގާމުން ވަކިވީމަ ދޮގުހަދައިގެން ވެސް ސަލާމަތްވާންވެގެން....ހިތާމަހުރި
އަލްޖިބްރާ
25 July 2019
ހިންގާފަ ހުރި ޖަރީމާތަށް ފަޅާއެރީމަ ދެން ޖެހޭނީ އިސްތިއުފާ ދޭން ! ކަންކަން ފޮރުވަން އުޅުނަސް ދެން ސަލާމަތެއް ނުވާނެ !
އަބުޅޯ
24 July 2019
މިވެސް ރިޔާޒާ އުމަރުކަހަލަބޭފުޅެއްތަ. ޢެހެންބަޔަކަށް ޝައްކު ކުރުވާފަ ހަގީގަތް ބުނާކަށްނުކެރޭ
ތަހުތު ފެނުނީމަ ވާގޮތް
24 July 2019
ސްޓޭޓް މިނިސްޓަރ ނީޒާ އޯކޭ. ނީޒާ ވާހަކަ ބީ.އެމް.އެލްއިން ބުނީމަ ބީ.އެމް.އެލް ކަޑަ. ޓެރަސް ކަޑަ. ބޮޓް އޯކޭ. މީތޯ އެޖެންޑަރ 19ގެ އަސްލަކީ؟ ނީޒާއަށް ވަކި ގޮތެއް މަހްލޫފަށް ވަކިގޮތެއް. ނީޒާއަކީ ރައީސް ތިމާގެ ބޭފުޅެއްބާ؟ ކޯލިޝަން ދަމަހައްޓަން ހަދައިގެން ޤައުމު ކަނު އަދިރިކަމުގެ ތެރެއަށް. ޔާމިނު ވެރިކަމުގަ ހުރީމަތޯ މިހާރުވެސް ކަންކަން ނުބެލެނީ. ދަންވަރަށް ކޯޓް ހުޅުވަިގެން ބަލާވަރު މައްސަލައެއް ނޫންތޯ.
ފެނުނަސް އަނދިރި
24 July 2019
ފެނުނަސް އަނދިރި.
ރީމީ
24 July 2019
އަޝްރަފު ގެ ހަމައެކަނި މައްސަލައަކީ ލަހުން ފުލުހަށް ވެއްދި މައްސަލަ. ޔާމީނުގެ އަނިޔާވެރިކަމުގެ ބިރުވެރިކަން ސަބަބަކަށް ވެދާނެ.
އެންޑްގޭމް
24 July 2019
- އެފްއައިޔޫގެ އެނަލިސިސް ރިޕޯޓް ތަހުގީގީ އިދާރާ އަކަށް ނުފޮނުވަން ނިންމީ (އާތިފް) ކަން އޭނާގެ އިއުތިރާފުންނާއި ތަހުގީގަށް ލިބިފައިވާ ހެކިތަކުން އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުވުން. https://mihaaru.com/news/57412 ޖުލައި 02 ކޮން އިންޓާނަލް ރިވައުއެއް. އެކަން އެއޮތީ ނިމިފަ. މިހާރު މިއުޅެނީ ޔާމީނު ކެންޕޭނުގެ ފައިސާ ރިޕޯޓުކުރީމާ އެކަމަށް ހުރަސް އެޅިވާހަކަ ޝައްކެއް ނެތް މިންވަރަށް ހުރަސް އެޅިކަން ސާބިތުކުރަން.
ގެޓް ވެއްޖެ.
24 July 2019
ލައްބަ. މިހާރު ގެޓް ވެއްޖެ މި ވެގެން އުޅޭ ގޮތެއް. ނަސީރު ދެބޯ ގެރި ދުއްވާ ވަރުން އަނބެއް ފަޅޮލެއް ވަކިވާ ވަރެއް ނުވިއޭ. އެކަމް ޓެރަހަށް އެރީމޭ ބުނި ހިސާބުން ކުނި މުޅަ ވަސް ދުވަން ފަށައިފި. މަގާމުން ދުރުކުރީމަ ކޮންޕަރމް ވެއްޖެ. ބްރޯ ނަސީރު އިން ހޮޓްވޯޓަރ. ކިހިނެތް މީތިން ނެއްޓޭނީ.