ލައިފްސްޓައިލް / ސައިންޓިފިކް ރިސާޗް

ބިހާ ނުލައި ދަރިން ލިބޭނެގޮތް ހެދުމުގެ ފުރުސަތު އެބައޮތް: ސައިންސްވެރިން

ބިހަކާއި ސްޕާމްތައް ބައްދަލުވާ މަންޒަރު

މައިމީހާގެ ބިހާ ނުލާ ދަރިން އުފެއްދުމުގެ ފުރުސަތު ތަނަވަސްވެގެން ދިއުމުގެ އުންމީދު ބޮޑުކަމަށް ސައިންސްވެރިން ބުނެފި އެވެ.

ސައިންސްވެރިން މީދާތަކެއް ބޭނުންކޮށްގެން ހަދާފައިވާ މިފަދަ އެކްސްޕެރިމެންޓެއް ކާމިޔާބު ވެފައިވާ ކަމަށާއި އެހެންކަމުން މައިމީހާގެ ބިހާ ނުލާ ދަރިން ހޯދިދާނެކަމުގެ އުންމީދު އާވެފައިވާ ކަމަށް ވެސް އެމީހުން ބުނެފައި ވެ އެވެ.

އާދައިގެ ބިސްތަކެއް ދަރިމައިކުރާ ކަމުގެ ސިގްނަލް ސްޕާމް ނުވަތަ ދަރިފަންޏަށް ދީގެން ސައިންސްވެރިން ވަނީ "އޮޅުވާލައިގެން" ކުދި މީދާތަކެއް އުފެއްދުމުގައި ކާމިޔާބު ހޯދަފަ އެވެ.

ނޭޗާ ކޮމިއުނިކޭޝަންގައި ޝާއިއުކުރި ރިޕޯޓަކާ ހަވާލާދީ ބީބީސީން ބުނީ ދަރިން އުފެއްދުމުގެ މަރުހަލާތަކުގައި އަންހެނުންނަށް ޚާއްސަވެފައިވާ ދައުރުން އެމީހުން މުޅިން ބާކީކުރެވިދާނެކަމަށް މިހާރު ސައިންސްވެރިން ގަބޫލުކުރާ ކަމަށެވެ.

ނަމަވެސް މިހާތަނަށް މިކަމާ ގުޅޭ ގޮތުން ކުރެވިފައިވާ މަސައްކަތްތަކުން ހަމައެކަނި އޮޅުން ފިލާފައިވަނީ ދަރިން ގަރުބަގަތުމާބެހޭ ތަފްސީލުތަކެވެ.

މަންމަ އާއި ބައްޕަގެ ނިމުން އަންނަނީތަ؟

ޔުނިވަސިޓީ އޮފް ބާތުގެ ސައިންސްވެރިން މި ދިރާސާ ކުރަން ފެށީ ދަރިމައިނުވާ ބިހެއް އެމީހުންގެ އެކްސްޕެރިމެންޓްގައި ބޭނުންކޮށްގެންނެވެ.

އެމީހުން ވަނީ ކެމިކަލްތަކެއް ބޭނުންކޮށްގެން އެ ބިހަށް އޮޅުވާލައިގެން ސުޑޯ-އެމްބްރިޔޯ އެއް ނުވަތަ ފޭކް ދަރިފަންޏަކަށް ބަދަލުކޮށްފަ އެވެ.

މި "ފޭކް" ދަރިފަނިތައް ވެސް އާދައިގެ ސެލްތަކުގައި ހުންނަ ސްކިން ސެލް އާއި އޭތި ބައިބައިވެ ޑީއެންއޭ ކޮންޓްރޯލް ކުރުން ފަދަ ހުރިހާ ކަމެއް ހިއްސާކުރެ އެވެ.

އެހެންކަމުން ސައިންސްވެރިން ގަބޫލުކުރަނީ މިގޮތަށް މީދަލުގެ ފޭކް އެމްބްރިޔޯ އަކަށް ސްޕާމްއެއް އިންޖެކްޓްކޮށްފި ނަމަ ސިއްހަތު ރަނގަޅު ދަރިން އުފެއްދޭނެ ކަމަށެވެ. އަދި ކޮންމެވެސް ދުވަހަކުން އިންސާނުންގެ ސެލް ބޭނުންކޮށްގެން މިފަދަ ގޮތަކަށް ބިހާ ނުލާ ދަރިން އުފެއްދިދާނެކަމަށް ސައިންސްވެރިން އުންމީދު ކުރެ އެވެ.

މީދާތަކުން މި ހެދި އެކްސްޕެރިމެންޓުގައި ކާމިޔާބުކަމާއެކު ބަލިވެ އިނުމުގެ ފުރުސަތު އޮންނަނީ ކޮންމެ ހަތަރު ފަހަރަކުން އެއް ފަހަރު އެވެ.

މީދާތައް އެ އެއްޗެތި ވިހާފައިވާ ދަރިން ތަކާއެކު

މި ދިރާސާގައި އިސްކޮށް ހުރި ސައިންސްވެރިޔާ ޑރ. ޓޯނީ ޕެރީ ބީބީސީ އަށް ވިދާޅުވެފައިވާ ގޮތުގައި ބިސް ނޫން އެހެން އެއްޗެއް ސްޕާމް އާ ގުޅުވައިގެން ދަރިން އުފެއްދިދާނެކަމަށް ދެއްކުނު މިއީ ފުރަތަމަ ފަހަރެވެ.

އަދި މިއީ 200 އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން ގަބޫލުކުރަމުން އައި ގަބޫލުކުރުމެއް އެކޮޅުކޮޅުން ޖަހާލި އެކްސްޕެރިމެންޓެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މި އެކްސްޕެރިމެންޓްގައި އުފެއްދި ކުދި މީދާތަކުގެ ސިއްހަތު މުޅިން ބަރާބަރެވެ. އަދި އެ އެއްޗެހި އާދައިގެ މީދަލެއް ދުނިޔޭގައި ހުންނަހާ ދުވަހު ދުނިޔޭގައި އުޅެފައިވެ އެވެ. އަދި އެ އެއްޗިއްސަށް އާދައިގެ ގޮތަކަށް ދަރިން ވެސް ލިބިފައި ވެ އެވެ.

މައްސަލައަކީ ގަރުބަގަންނަ ގޮތް ނޭނގުން

މިހާރު ސައިންސްވެރިންގެ އަމާޒަކީ ގަރުބަގަންނަ ގޮތް ނުވަތަ ފާޓިލައިޒޭޝަން މެކޭނިޒަމް އަކީ ސީދާ ކޮބައިކަން ހޯދުމެވެ. ސަބަބަކީ ސްޕާމް އާއި ބިހަކާ ގުޅޭ ވަގުތު އެ ހިނގާ ކަންތައްތަކަކީ އަދިވެސް އެމީހުންގެ ބުއްދިއަށް ވިސްނޭ ވަރަށް ވުރެ މާ ކުރީގައި އުޅޭ ކަމަށް ވާކަމެވެ.

މިސާލަކަށް ބިހާއި ދަރިފަނި ބައްދަލުވެ ގަރުބަގަންނަ މަރުހަލާ ފެށުމުގެ ގޮތުން ސްޕާމް ނުވަތަ ދަރިފަނީގެ ޑީއެންއޭ އޭގެ ކެމިކަލް ބިހުން އެކުގައި ދަމައިގަނެ އޭތި މުޅިން "ބަރަހަނާ" ކޮށްލަ އެވެ. އަދި އަލުން ހެދުން އަޅުވަ އެވެ. އާ ހެދުން އެޅުވުމާއެކު ސްޕާމްގެ ކިބައިގައި ހުރި ކުރީގެ ހުރިހާ ސިފަތަކެއް ނެތިގެން ދެއެވެ. އަދި ދަރިފަންޏެއްގެ އުޅުމަށް އޭގެ އުޅުން ބަދަލުވެގެން ދެއެވެ. ނަމަވެސް މިގޮތަށް މި "ހެދުން ބަދަލުވާ" ގޮތް ސައިންސްވެރިންނަކަށް ސާފެއް ނޫނެވެ.

ސައިންސްވެރިން ދައުވާ ކުރާ ގޮތަށް މިކަން ކާމިޔާބުވެ ބިހުގެ ބޭނުން މުޅިން ކަނޑުވާލައިފިނަމަ މިއީ މުޅި އިންސާނިއްޔަތަށް ވަރަށް ފުޅާ ދާއިރާއެއްގައި އަންނާނެ ބޮޑު އިންގިލާބަކަށް ވާނެ

ޑރ. ޕެރީ ވިދާޅުވަނީ މިފަދަ އެކްސްޕެރިމެންޓެއް ދުރު މުސްތަގްބަލެއްގައި ނަމަވެސް ކާމިޔާބުވެއްޖެ ނަމަ ވެދާނެ އެއް ގޮތަކީ ހަށިގަނޑުގައިވާ އާދައިގެ ސެލްތަކެއް ވެސް ސްޕާމްއާ ގުޅުވައިގެން އެމްބްރިޔޯއެއް ނުވަތަ ދަރިފަންޏެއް އުފެއްދުމުގެ ފުރުސަތު ތަނަވަސް ވުމެވެ.

އެންމެ ފިރިހެނަކަށް ހަމައެކަނި އޭނާގެ ދަރިއެއް ވެސް ހޯދުމުގެ ފުރުސަތު އޭރުން ލިބޭނެ ކަމަށް ވެއެވެ. އެއީ އޭނާގެ އަމިއްލަ ސެލް އަކާއި އަމިއްލަ ސްޕާމް އަކުން ދަރިއަކު އުފެއްދިދާނެތީ އެވެ. ޑރ. ޕެރީ އެއްބަސްވެ ވަޑައިގަންނަވާ ގޮތުގައި އަދި މި ސްޓޭޖުގައި މިފަދަ ދުވަހަކީ ހަމައެކަނި ޚިޔާލުގައި އޮތް ދުވަހެވެ.

މިއަހަރުގެ ކުރީކޮޅު ޗައިނާގެ ސައިންސްވެރިން ވަނީ މީދަލުގެ ސްޓެމް ސެލްސް އިން ސްޕާމް އުފެއްދުމުގައި ކާމިޔާބު ހޯދާފަ އެވެ. އަދި ސިއްހަތު ރަނގަޅު މީދާތަކެއް އުފެއްދުމަށްޓަކައި މި ސްޕާމްގެ އެހީގައި ބިހެއް ފާޓިލައިޒްކޮށްފައިވެ އެވެ.

ޑރ. ޕެރީ ވިދާޅުވަނީ މި ދެ ރޮނގުން ކޮށްފައިވާ ދެ އެކްސްޕެރިމެންޓް ގުޅުވާލައިގެން ރަނގަޅު ނަތީޖާއެއް ނެރެވިދާނެ ކަމަށެވެ. އޭރުން ސްޕާމް އާއި ބިހުގެ ބޭނުމެއް ނުޖެހި ފަރުޖެއްސިދާނެ ކަމަށް އޭނާ ގަބޫލު ކުރައްވަ އެވެ.

6 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 25%
icon angry icon angry 25%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ަކުބަރު

07 October 2016

ޏނުވަަަނެ

The name is already taken The name is available. Register?

ޏުވާނެ

19 September 2016

ނުވާނެ ތިކަމެއް.

The name is already taken The name is available. Register?

ޙހހހހ

15 September 2016

މިއީ ވާނެކަމެއްނޫން. ދަރިން އުފަންވުން ވަނީ އަންހެންހެނަކާއި ފިރިހެނެއް މެދުވެރި ވެގެން.

The name is already taken The name is available. Register?

zahid

15 September 2016

ގަބޫލުކުރިޔަސް ނުކުރިޔަސް 1978 ވަނަ އަހަރު އުފަންވި ފުރަތަމަ ޓެސްޓިއުބް ބޭބީއާއެކު މިހާރު ދުނިޔޭގައި އެގޮތަށް އުފަންވާ ކުދިން ވަރަށްގިނަ. އެކުދިންނަކީ އާންމުކޮށް އަހަރެމެން ޤަބޫލުކުރަގޮތާ ޚިލާފަށް ﷲ ގެ އިރާދަފުޅާއެކު ސައިންސް މެދުވެރިކޮށް އުފަންވެފައިވާ ކުދިން.

The name is already taken The name is available. Register?

ހަޖަމް.

15 September 2016

މަށަށް މިހާރު ޔަޤީން. ދައްޖާލުގެ ފިތުނައިގެތެރޭގަ މި ޑޮކްޓަރުންގެ ޢަމަލުތައްވެސް ހިމެނޭކަން. ޚަލްޤުކުރެއްވުން މޮޑިފައިކޮށްގެން ނަމަވެސް އިންސާނުންގެ ބުއްދި ހައިރާން ކުރުވާފަދަ އެތައް ކަރާމާތެއް މިމީހުން ވުޖޫދުކޮށް އިލާހަކަށް އަޅުކަންކުރުމަކީ ޖާހިލިއްޔަތުކަމުގައި މި މީހުން މީސްތަކުންނަށް މިދަނީ ވިސްނައިދެމުން. ހުރިހާ ކަމެއްވެސް ރޭވި ހިނގަމުންދަނީ ﷲ ގެ މިންވަރުފުޅުގެ މަތިން. އެ މޮޑިފައިކުރުމަކީ އަނިޔާއެއް. ގޮންޖެހުމުގެ ޢަމަލެއް.

The name is already taken The name is available. Register?

ކިޔުންތެރިޔާ 767

15 September 2016

ސައިންސްވެރިން އަބަދުވެސް މަސައްކަތްކުރަނީ ހޯދުންތައް ހޯދާ ހަގީގަތަކީ ކޮބައިތޯބަލަން. ކުރެވެން ހުރީ ކޮން ކަމެއްތޯ ބެލޭނީ އެ ތަޖުރިބާ ކުރީމަ. އޭރުން އާ ކަމެއް ދަސްވާނީ. ހުރިހާ ހޯދުންތަކަކީ ރަގަޅު ހޯދުމަކަށް ނުވާނެ. ސަބަބަކީ އަހަރެމެންނަކީ އިންސާނުންނަށް ވީމަ ހުރިހާ އެއްޗެއް ނޭނގޭތީ. ކޮންމެ އެކުސްޕެރިމެއްޓެއް ކާމިޔާބު ވާކަށް ވެސް ނުޖެހޭ. ބޭނުމަކީ ހަގީގަތެއް އޮތްތޯ ބެލުމާއި އާ ކަމެއް ހޯދާއި ތަޖުރިބާގެ އަލީގައި ދަސްކުރުން. ސައިންޓިސްޓުން ބަސް ބުނަނީ އެމީހުންނަށް ހީވާ ހިީވުމަކަށް ނޫން. ވަރަށް ގޮތްގޮތުން ބަލާފަ. ޔަގީން ނުވާކަމެއް އެއީ ވާ ކަމެކޭ އެމީހުން ނުބުނާނެ. ބުނާނީ ފުރުސަތު އޮތް ވާހަކަ ނުވަތަ ވެދާނެ ވާހަކަ. މިލިޔުމުގައި ނެތް އިލާހަކަށް އަޅުކަން ކުރުމަކީ ޖާހިލު ކަމެކޭ ނުވަތަ އެފަދަ ގޮތަކަށް މާނަ ދޭހަވާހެން ވެސް އިބާރާތުގައި ވެސް އަދި އެމީހުން އެހެން ދެކޭ ވާހަކަ ވެސް ނެތް. މީ އެމީހުން ކުރި އެކުސްޕެރިމެންޓަކުން ހޯދުނު ހޯދުމެއްގެ ވާހަކަ. ވެދާނެ ނުވަތަ ކުރެވިދާނެ ކަމަށް ލަފާކޮަށްފަ ބުނެލި ވާހަކައެއް އޮތި. އަދި އެކަން ކޮށްފައެވެސް ނެތް. ހެއްދެވި ފަރާތުގެ މިންވަރު ފުޅުން ކަންކަން ނުހިނގާ ވާހަކައެއް ވެސް ނެތް އަދި އެފަދަ އިބާރާތެއް ދޭހަވާ އެއްޗެއް ވެސް ނެތް. މިހާރު މިކަހަލަ އެކުސްޕެރިމެންޓުތައް ހަދަނީ ވަކި ބައެއްވެސް ނޫން. އެކި ދީނުގެ އެކި ގައުމުގެ އެންމެން ވެސް ބައިވެރިވެގެން ހޯދާ ބަލާނެ. އެހެންކަމުން އިހުތިރާމު ކުރަންވާނެ. ރިވެތި ބަހުން މުއާމަލާތު ކުރަން ވާނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454