ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ކަނޑުމަގުން އިންޑިއާ އަށް ވަޑައިގަންނަވަނިކޮށް ހައްޔަރުކޮށް ފުލުސް އޮފީހަށް ހާޒިރުކުރުމަށް ފަހު ބަންދުގެ މުއްދަތާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދަން ފުލުހުންގެ ވެހިކަލަށް އަރުވަނީ. -- ފޮޓޯ: ނިޝާން އަލީ / މިހާރު
05 އޯގަސްޓް 2019 - 02:20
ޕާސްޕޯޓް ހިފަހައްޓާފައި ވަނިކޮށް ޓަގެއްގައި ރާއްޖެ އިން ފިއްލެވި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ހައްޔަރުކޮށް މިރޭ މާލެ ގެނައުމަށް ފަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.
އަދީބު ހައްޔަރުކުރަން ކޯޓުން އަމުރު ހިފައިގެން ދިޔަ ފުލުހުން އޭނާ ހައްޔަރުކުރީ ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުން ކަމަށް ފުލުހުން ވަނީ ކޯޓުގައި ބުނެފަ އެވެ. ރާއްޖޭގެ ގާނޫނީ ބާރު ހިނގާނީ ރާއްޖޭގެ ސަރަހައްދުގައި ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވެ އެވެ.
އަދީބުގެ މައްޗަށް ތުހުމަތުކުރީ ޕާސްޕޯޓް ހިފަހައްޓާފައި ވަނިކޮށް ރާއްޖޭން ބޭރަށް ދިއުމާއި ޖިނާއީ މައްސަލައެއްގައި ކުށަށް އިއުތިރާފުވެ، ކޯޓަށް ހާޒިރުވެ ހެކި ބަސް ދިނުމަށް އެއްބަސްވުމެއްގައި ސޮއިކުރުމަށް ފަހު ފިލި ކަމަށް ބުނެ އެވެ.
އަދީބު ހައްޔަރުކުރީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭރުން ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުން ކަމަށް ވެފައި، އެ ހިސާބުގައި ރާއްޖޭގެ ގާނޫނާއި ގަވައިދުތައް ނުހިނގާނެކަން ގާޒީ ފާހަގަކުރެއްވި އެވެ. ޝަރީއަތުގައި ޕްރޮސިކިއުޓާ ޖެނެރަލްގެ ވަކީލާއި ފުލުހުން ވެސް ވަނީ އަދީބު ހައްޔަރުކުރީ ރާއްޖޭ ސަރަހައްދުން ބޭރުން ކަމަށް އެއްބަސްވެފަ އެވެ. އަދި އަދީބު ހައްޔަރުކުރި އިރު ހުރީ އިންޑިއާ ދިދަ ޖެހި އުޅަނދެއްގައި ކަމަށް ވެސް ފުލުހުން ބުންޏެވެ.
ގާޒީ ވިދާޅުވީ އަދީބު ހައްޔަރުކުރީ ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުން ކަމަށް ފުލުހުންނާއި ޕީޖީން އެއްބަސް ވާއިރު، އެ ހާލަތުގައި އެ އުޅަނދަކަށް، ބައިނަލްއަގުވާމީ ކަނޑުތަކުގެ ގާނޫނުގެ ދަށުން ހިނގާނީ އެ އުޅަނދެއްގައި ނަގާފައި ހުރި ދިދަ ނިސްބަތްވާ ގައުމެއްގެ ގާނޫނުތައް ކަމަށެވެ. އެހެންވެ، ހައްޔަރުކުރުން ގާނޫނާ ހިލާފް ކަމަށް ފުލުހުންނާއި ޕީޖީގެ ބަހުން އެނގޭއިރު ބަންދުގެ މުއްދަތު އިތުރުކުރާ މެދު ސުވާލެއް ނެތް ކަމަށް ގާޒީ ވިދާޅުވި އެވެ. އެއީ ހައްޔަރުކުރުން ގާނޫނާ ހިލާފް ވުމުން، ބަންދުގައި ބަހައްޓަން އަމުރުކުރެވެން ނެތުމެވެ.
އަދީބު މާލެ ގެނައީ މިރޭ 10:30 ހާއިރު އެވެ. ފުލުހުންގެ އުޅަނދެއްގައި އަދީބު މާލެ އަށް ބޭލުމަށް ފަހު އެންމެ ފުރަތަމަ ގެންދިޔައީ ފުލުހުންގެ މައި މަރުކަޒު ޝަހީދު ހުސައިން އާދަމް ބިލްޑިންގަށެވެ. އަދި ކުޑަ އިރުކޮޅެއް ފަހުން، ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރި އެވެ.
ބަންދާ މެދު ގޮތެއް ނިންމުމުގެ މަޖިލިސް ތިން ގަޑިއިރަށް ދިގު ދެމިގެން ދިޔަ އެވެ.
އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތާއި ބޮޑެތި އެހެން މައްސަލަތަކުގެ ތުހުމަތު އެޅިފައިވާ އަދީބު މިދިޔަ ހޮނިހިރު ދުވަހު ފިއްލެވީ ތިން މައްސަލައެއް ސާބިތުވެ އެމަނިކުފާނުގެ މައްޗަށް އިއްވި 33 އަހަރުގެ ޖަލު ހުކުމްތައް ބާތިލްކޮށް އަލުން ޝަރީއަތް ހިންގުމަށް ކޯޓުން އަމުރުކޮށް، އަދި އެއް މައްސަލައެއްގެ އިސްތިއުނާފު ހިނގަމުން ދާތީ ސުޕްރީމް ކޯޓުގެ އަމުރަކުން ޕާސްޕޯޓް ހިފަހައްޓާފައި ވަނިކޮށެވެ.
އަދީބު ފިއްލެވީ އެމަނިކުފާނު ބަންދުކުރުމުގެ އަމުރަކަށް ދައުލަތުން ސުޕްރީމް ކޯޓުގައި އެދުނުތާ ދެ މަސް ވީއިރު ވެސް އެ އަމުރާ މެދު ގޮތެއް ނުނިންމާ އޮއްވަ އެވެ.
އިންޑިއާ އަށް ދަތުރުކުރަމުން ދިޔަ ޓަގުގައި ހުންނެވި އަދީބު އަތުލައިގަތީ އެ ގައުމުގެ ސިފައިންނެވެ. ސިންގަޕޫރުގައި ރަޖިސްޓްރީކޮށްފައިވާ އެ ޓަގު ބޯޓަކީ އިންޑިއާ އިން ހިލަ ހިފައިގެން ރާއްޖެ އަންނަ ބޯޓެކެވެ. އަދީބު އިންޑިއާ އަށް އެތެރެވިޔަ ނުދީ ހިފެހެއްޓުމުން އޭނާ ވަނީ ރާއްޖޭގައި ފުރާނަ އަށް ނުރައްކާ ވެދާނެ ކަމަށް ވިދާޅުވެ އިންޑިއާގެ ހިމާޔަތަށް އެދިވަޑައިގެންފަ އެވެ. ނަމަވެސް އިންޑިއާ އިން އަދީބަށް ހިމާޔަތް ނުދީ ދިވެހި ސިފައިންނާ ކަނޑުމަތިން ހަވާލުކުރީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފިލި އަދީބު
05 August 2019
ލުތުފީވެސް އެބަޖެހޭ ދޫކޮށްލަން. އޭނާ ހައްޔަރުކުރީ ލަންކާއިން. ލަންކާގައި ހިނގާނީ ލަންކާގެ ގާނޫނު. ރާއްޖޭގެ ގާނޫނު ނުހިނގާ ތަނަކުން ހައްޔަރުކޮށްފައިވާތީ ލުތުފީ އެބަޖެހޭ އެއްކޮށް މިނިވަންކުރަން. ޝުކުރިއްޔާ!
ފފފފފ
05 August 2019
ގާނޫނީ ވާހަކަ ދައްކާނީ ގާނޫނު އެނގޭ މީހުން. ނޭޝަނަލިޓީ ޕްރިންސިޕަލް ކިޔާ އެއްޗެއް އިންނާނެ. އޭގެ ދަށުން، ގައުމުގެ ގާނޫނު އެހެން ގައުމެއްގައި ހުރި އެގައުމުގެ ރައްޔިތުންގެ މައްޗަށް ހިންގޭކަން އެނގޭތަ؟
ޤައުމިއްޔަތު
05 August 2019
ވަކި މީހަކާއި ދެކޮޅަށް ހެކިބަސް ހޯދުމަށް، އަދީބު ހުދުކަފަކޮޅަކަށް ހަދާލީމަ ތާހިރު ވެއްޖެއެއްނު. ތިއަށް ކިޔާއުޅެނީ 'ދެމީދާ ފެހި ބުޅަލަށް ވީ ވަރު' ވުން.
ތުނިޔަ
05 August 2019
ކޯޓުތަކުގެ އިންސާފުގެ ހަމަހަމަ ކަމުންތާ ޝަރީޢަތެއް ޙުކުމެއްނެތި އެތަށް އަހަރެއްވެފަ ޖަލުގަ މީހުން އެތިބީ! ގާޒީންނަށް ވަރަށް ސަލާން
ޙައްހައްހާ
05 August 2019
ވެލް ޑަން.. ޖަސްޓިސް ސާވްޑް. މޮޅުމީހާއަށް މޮޅުގޮތް، ދެރަމީހާއަށް ދެރަގޮތް.
ގުނބޯ
05 August 2019
ދިވެހިންނަކީ ގުނބޯ ހައްދަން ތިބިބަޔަކަށް ހަދާފަ ދިވެހިރާއްޖޭގައި އަދްލްއިންސާފްގެ ޒައްރެއްގެ މިންވަރުވެސް ނެއްކަން އަންގައިދޭ ސާފް ދަލީލެއްމީ!
ފުލުފުލުން ފުލުސް
05 August 2019
އަދީބު އަނެއްކާވެސް ދޫވުމުގެ ޒިންމާ ޕޮލިހުން ނަގަން ޖެހޭނެ. ސަބަބު. 1. ޤާނޫނުތައް އޮތްގޮތަށް ނުބަލާ ހައްޔަރު ކުރުން. 2. ހައްޔަރު ކުރާތާ 24 ގަޑިއިރުގެ ތެރޭގައި ކޯޓަށް ހާޒިރުކުރަން ޖެހޭނެކަމަށް ގާނޫނުގައި ބަޔާންކޮށްފައި އޮށްވާ ހަމަ އިންޑިއާއަށް އެރިގޮތައް އިންޔެ ފަތިހުރު 5 ޖެހި އިރު އޭނަ ހައްޔަރު ކުރިކަމަށް ޓްވީޓް ކުރީމަ. އެހެރީ ލިއެކިއުން ތަކުން އެކަން ފެންނަން. 24 ގަޑިއިރު ވީ ފަހުން ކޯޓަށްވެސް ގެންދެވުނީ. ގަމާރަކަސް މިއީ ބޮޑުވަރު
މިހެންވެދިވެއްސަކަށްވީތީ..
05 August 2019
ދެރަވަނީ....ކީކޭ ބުނާނީ...ގައުމުގެ ހާލަތު.
ތުނިޔަ
05 August 2019
ކުޅަދާނަ އިނގޭ!
ހުސްފެއިލް
05 August 2019
ފުލުހުންނަކީ މިއަދު މި ގަައުމަށް ބަލިމަޑުކަމަކަށް ވެއްޖެއްނު. ކަމެއް ގަނޫނީ ގޮތުން އޮންނަން ޖެހޭ ގޮތަށް އެ ފްރޭމްވޯކަށް ފެއްތިގެން ކުރެވެން އޮށްވަ ހަމަ އެއްޗަކަށް އެއްޗެއް އެ ހާވަނީ. ސުމްބަ ގޮންގް ގެނައި ގޮތަށް އަދިވެސް ކަން މި ހިނގަނީ. ތަންދޮރު ދަންނަ ހަރުދަނާ ލީޑަޝިޕަކަށް މިއަދު ފުލުހުން ކޮންމެހެން ބޭނުންވެފައިވާކަން މީގެން މި އެނގެނީ!!
ުެއުޖާލާ
05 August 2019
ހީހީ ހަލާކު