މަސް މާރުކޭޓުގައި މަސް ވިއްކުމުގައި ގިނަ ބަޔަކު--ފޮޓޯ:ހުސައިން ވަހީދު/މިހާރު
08 އޯގަސްޓް 2019 - 14:21
މިއަހަރުގެ ފުރަތަމަ ހަ މަހު މަސް އެކްސްޕޯޓް ކުރި ވަރު އިތުރުވެއްޖެ އެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މި އަހަރުގެ ފުރަތަމަ ހަ މަހު ގަތް މަހުގެ އަދަދު 45،000 މެޓްރިކް ޓަނަށް އަރަ އެވެ. މި މުއްދަތުގައި މަސް އެކްސްޕޯޓް ކޮށްގެން ލިބުނު އާމްދަނީ އަކީ 88.8 މިލިއަން ޑޮލަރެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި މަސް އެކްސްޕޯޓްކޮށްގެން ލިބުނު އާމްދަނީ އަކީ 88.5 މިލިއަން ޑޮލަރެވެ.
މިއަހަރުގެ ފުރަތަމަ ހަ މަހު ގަނެފައިވާ ކަޅުބިލަ މަހުގެ އަދަދު 29،000 މެޓްރިކް ޓަނަށް އަރާ އިރު މިއީ މިދިޔަ އަހަރަށް ވުރެ 3،000 މެޓްރިކް ޓަނު އިތުރު އަދަދެކެވެ. މީގެ އިތުރުން މިއަހަރުގެ ފުރަތަމަ ހަ މަހު 15،000 މެޓްރިކް ޓަނުގެ ކަންނެލި ގަނެފައިވެ އެވެ.
މިދިޔަ ހަ މަހު، މަސް އެކްސްޕޯޓުކޮށްގެން ލިބުނު އާމްދަނީ އިތުރުވި އިރު ބައިނަލްއަގްވާމީ ބާޒާރުގައި މަހުގެ އަގު ވަނީ ވަރަށް ބޮޑަށް ވެއްޓިފަ އެވެ.
މިދިޔަ އަހަރުގެ ފުރަތަމަ ހަ މަހު އެއް ކިލޯ ކަންނެލި 150ރ. އަށް ހުރި އިރު މިއަހަރުގެ މި މުއްދަތުގައި ކަންނެލީގެ އަގު އުޅެނީ 140ރ. ގަ އެވެ. މީގެ އިތުރުން ކަޅުބިލަ މަހުގެ އަގު އުޅެނީ، ކިލޯއެއް 15ރ. އަށެވެ. މިއީ މިދިޔަ އަހަރަށްވުރެ ފަސް ރުފިޔާގެ ދަށްވުމެކެވެ.
ބައިނަލްއަގުވާމީ މާކެޓްގައި އެންމެ ބޮޑަށް އަގު އުފުލިފައިވަނީ ލޯބޮޑު ކަންނެއްޔެވެ. އޭގެ އަގު ވަނީ ކިލޯއެއް 299ރ. އިން 470ރ. އަށް އަރައިފަ އެވެ. ރާއްޖޭގައި އެންމެ ގިނައިން އެކްސްޕޯޓް ކުރަނީ، ކަޅުބިލަ މަހާއި ކަންނެއްޔެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޯބެ
08 August 2019
ނޫނޭ އިތުރެއްނުވާނެ. މިތާ އުޅޭ މަމޮޅުން ބުނަނީ މަސްވެރިން ހައްލަނިއްޔޯ. އެކްސްޕާޓް ދިވެހިން