މަސްވެރިން އައިނަކަށް އަރައި މަސްބާނަނީ. ފައިލް ފޮޓޯ | މިހާރު
25 ސެޕްޓެމްބަރ 2025 - 20:49
ސަރުކާރުން ކަނޑުމަސް ކިލޯއެއް ގަންނަ އަގު 20.ރ އަށް ބަދަލުކުރާނެކަން އިއުލާންކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ބުނެ މަހުގެ އުފެއްދުންތަކާއި ސީފުޑް އެކްސްޕޯޓްކުރާ އަމިއްލަ ވިޔަފާރިވެރިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
މޯލްޑިވްސް ސީފުޑް ޕްރޮސެސާސް އެންޑް އެކްސްޕޯޓާސް އެސޯސިއޭޝަން (އެމްއެސްޕީއީއޭ) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ސަރުކާރުގެ މަސް ކުންފުނި މިިފްކޯއިން މަސް ގަންނަ އަގު 20.ރ އަށް ބޮޑުކުރަން މަސައްކަތްކުރަމުން އަންނަ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވުމުން، އެ ސިނާއަތުގައި ހަރަކާތްތެރިވާ ކުންފުނިތަކުގެ ކަންބޮޑުވުން އެ ޖަމިއްޔާއާ ހިއްސާކޮށްފައިވާ ކަމަށެވެ.
މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ކުންފުނިތަކާ ހަވާލާދީ އެ ޖަމިއްޔާއިން ބުނީ މަސް ގަންނަ އަގެއްގެ ގޮތުގައި ހުށަހަޅާފައިވާ އެ އަގަކީ ބައިނަލްއަގުވާމީ ބާޒާރުތަކަށް ދެމެހެއްޓެނިވި ގޮތެއްގައި މަސް އެކްސްޕޯޓްކުރެވޭ ވަރަށް ވުރެ ބޮޑު އަގެއް ކަމަށެވެ. އެކަމުގެ ސަބަބުން އެ ސިނާއަތުގެ އަމިއްލަ ކުންފުނިތައް ބަނގުރޫޓުވެ ފެކްޓްރީތައް ބަންދުކުރަން ޖެހުމަކީ އެކަށީގެންވާ ކަމެއް ކަަމަށް އެ ޖަމިއްޔާއިން ބުންޏެވެ.
"...ވަގުތީ ސިޔާސީ މަންފާ ހޯދުމުގެ ނިޔަތުގައި މިގޮތަށް މަސް ގަންނަ އަގު ސަރުކާރުން ބޮޑުކުރުމަކީ މި ސިނާއަތަށް މީގެ ކުރިން ވެސް ދިމާވި އެންމެ ބޮޑު ގޮންޖެހުން. 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ދިމާކޮށް މަހުގެ އަގަށް ގެނެވުނު ބަދަލާ ގުޅިގެން، މިސިނާއަތުގައި ހަރަކާތްތެރިވާ [އަމިއްލަ]ކުންފުނިތަކަށާއި މިފްކޯއަށް ލިބުނު ގެއްލުން އަދިވެސް ފޫނުބެއްދޭކަން ފާހަގަކުރަން،" ބަޔާނުގައި އެމްއެސްޕީއީއޭ އިން ބުންޏެވެ.
ބޮޑެތި އިންވެސްޓްކޮށްގެން އަމިއްލަ ކުންފުނިތަކުން ހިންގަމުން އައި ކޭނަރީތައް އެ ފަހަރު ބަންދުކުރަން ޖެހުނު އިރު އެތަންތަން އަދިވެސް އަލުން އޮޕަރޭޓްކުރަން ނުފެށި ހުރީ މަސްގަންނަ އަގު ބޮޑުކުރުމުން ލިބުނު ގެއްލުމުގެ ސަބަބުން ކަމަށް ދެކޭ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.
މަސް ކިލޯއެއް ގަންނަ އަގު 20.ރ އަށް ހަދައިފި ނަމަ ސިނާއަތަށް ލިބޭނެ ގެއްލުންތައް ކަމަށް ދެކޭ ހަ ކަމެއް އެމްއެސްޕީއީއޭގެ ބަޔާނުގައި ހިމަނާފައި ވެ އެވެ.
އެގޮތުން ފާހަގަކޮށްފައިވާ ފުރަތަމަ ކަމަކީ ރާއްޖޭން މަސް އެކްސްޕޯޓްކުރާ މިންވަރު މަދުވުމެވެ. ދެވަނަ ކަމަކީ އެ ޖަމިއްޔާއިން ބުނި ގޮތުގައި ރާއްޖެއަށް ލިބޭ ޑޮލަރުގެ އަދަދު މަދުވުމެވެ. މަސްވެރިކަމުގެ ދާއިރާއަށް އިންވެސްޓަރުންގެ އިތުބާރު ގެއްލުމާއި އެ ސިނާއަތަށް ފައިނޭންސްކުރަން ބޭންކްތަކުން ފަސްޖެހުމަކީ ވެސް ބައިނަލް އަގުވާމީ ބާޒާރަށް ނުބަލައި މަހުގެ އަގު ކަނޑައެޅުމުން ވާނެ ކަމަށް އެ ޖަމިއްޔާއިން ދެކޭ ކަމަށް ބުނެފައިވެ އެވެ.
އެގޮތަށް ކަންތައް ވުމުން ބައިނަލް އަގުވާމީ ބާޒާރުގައި ރާއްޖެއަށް އޮތް ހިއްސާ ކުޑަވެ، އެ ފުރުސަތު އެހެން ގައުމުތަކުން ބޭނުންކުރާނެ ކަަމަށް ވެސް އެ ޖަމިއްޔާއިން ދެކެ އެވެ.
ބަޔާނުގައި އެމްޕީއެސްއީއޭ އިން ސަރުކާރަށް ގޮވާލީ އެ ކަންބޮޑުވުންތަކަށް އަވަސް އަދި ދެމެހެއްޓެނިވި ހައްލެއް ހޯދައި ދިނުމަށެވެ.
މަސް ކިލޯއެއް ގަންނަ އަގު 20.ރ އަށް ބަދަލުކުރުމަކީ ވައުދެއް ކަމަށާއި އެކަމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ މ.އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި މިދިޔަ ހޯމަދުވަހު، އެ އަތޮޅު ދިއްގަރު ރައްޔިތުންނާ އެކު ބޭއްވެވި ބައްދަލުވުމެއްގަ އެވެ.
އެމަނިކުފާނު ވިދާޅުވީ އެއީ ކުއްލިއަކަށް ގެންނަވާނެ ބަދަލެއް ނޫން ކަމަށާއި އެ ބަދަލު ގެންނަވާނީ ދެމެހެެއްޓެނިވި ގޮތެއްގައި ކަމަށެވެ. އެކަމަށް މިފްކޯއާ އެކު މަޝްވަރާކުރަމުން އަންނަ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޗދޗޗޗ
26 September 2025
މަހުގެ އަގުގެ ތެރެއަށް ސިޔާސީ މީހުން ވަދެ ހަލާކުކޮށްލީ މައުމޫނުގެ ދައުރު ނިމެން އުޅެނިކޮށް... އަދި ވެސް ސަލާމަތް ނުވެވިގެން މިއުޅެނީ!
އޮނަރަބަލް ރޯމަސް އެކްސްޕޯޓަރު
26 September 2025
20.ރ އަށް ބޮޑު ކުރީމާއި މަސްކިލޯއެއް މިހާރު އެ ގަނެވެނީ 1 ޑޮލަރަށް . ޔައުނީ 15.42 ރ .......ސަރުކާރުގެ ބުލެކްމާކެޓު ..... މަސްއެކްސްޕޯޓު ކުރާފަރާތްތަކަށް ލިބޭ ޑޮލަރުވެސް ހާސަރުތައް ނުދަމާ ކަޅުބާޒާރުގައި ވިއްކީމައި ނިމުނީ. ހުރިހާ ގެއްލުމެއް އޮޑިވެރިންނާއިޮ މަސްވެރިންނަށް އޮޑިވެރިންންނާއި މަސްވެރިންނަށް ކިލޯއަކަށް މަދުވެގެން 2 ޑޮލަރު ލިބެންޖެހޭނެ . އެކްސްޕޯޓު ކުރާމަހުގެ އަގު ހަމަޖައްސާން ވާނީ ދުނިޔޭގެ ބާޒާރަށް އަޅާކިޔޭ ޑޮލަރުން.
ފަރަންޖީ
26 September 2025
މަސްވެރިކަމަށް ބޭރު މީހުން ގެންގުޅޭ ދޯނިތަކުންވެސް މަސްގަންނަން ޖެހޭނީ 20ރ އަށްތޯ؟. ސަބްސިޑީ އެމީހުންނަށް ވެސް ދީ އެލާރިކޮޅު ގަައުމުން ބޭރުކުރަންވީތޯ؟
ވިސްނުމެއްނެތި ކޮށްފި ކަމަކުން
26 September 2025
ހެދިކާ ހަދާ ގޭގެއިން ހެދިކާވެސް ރަނގަޅު އަގެއްދީފަ ސަރުކާރުން ގަންނަން ފެންނަނީ. ސަޕްލައި އެންޑް ޑިމާންޑް ކިޔާ އެއްޗެއް ނޭނގޭ ބައެއް މި އުޅެނީ. މަސްބާނާ ޢަދަދަށް ކޮންޓްރޯލެއް ނެތް އިރު 50 ކިލޯގެ މަސްބާނައިގެން ކިލޯއެއް 100 އަށް ނުވިއްކާ 1000 ކިލޯ ބާނާފަ 15 އަށް ވިއްކަބަލަ. ސަރުކާރުން ހަމަޖައްސަވީ ސްޓޯރޭޖް އަދި އިތުރު މާރކެޓްތަށް. މީ ހުން ރުއްސައިގެން ދައުރު 15 އަށް ހަދަން ބޮލަށް ޗިޕް ޖެހީމަ ޤައުމުގެ އިޤްތިޞާދު ފުނޑޭނީ. ހުސް މޮޔައިން
ޢިބޫ
26 September 2025
މީ ޕީރ ހަބަރެއް ކަމަށް ލަފާކުރަނީ، ސަރުކާރުން ދައްކާހާ ވަހަކައަކީ ތެދެއްކަމަށް ގަބޫލު ކުރަންވާނީ އެކަމެއްވީމަ.
ހަމީދު ކުޑަހުވަދޫ
26 September 2025
މި ދެން މުސީބާތެއްނު. ކެއަސް މަރު ، ނުކެއަސް މަރު، އަގު ބޮޑުނުކުރިޔަސް މަރު. އަގު ހެޔޮކުރިޔަސް މަރު. މިފްކޯ މަސްވެރިންގެ ކުންފުންޏެއް ހަދާފަ ދެއްވާ. އޭގެ ފައިދާ މަސްވެރިންނަށް ލިބޭ ގޮތަށް، އޭރުން އެމީހުން ހިންގާނެތާ. ސަރުކާރަށް މިކަމުން މިޖެހޭ ދުއްތުރާ ފިލާނެއެއްނު. މީވެސް މި ޑިމޮކްރަސީޯގެ ކަމެއް
ހުތްއާދަނު
26 September 2025
ސަލާމަތެއް ނެތް ދޯ. ހުރިހާއެންމެން ރުއްސާގެން ނުގެންގުޅެވޭނެ.
މަހެކެ
26 September 2025
މޯލްޑިވްސް ސީފުޑް ޕްރޮސެސާސް އެންޑް އެކްސްޕޯޓާސް އެސޯސިއޭޝަން (އެމްއެސްޕީއީއޭ) ހިންގަނީވެސް މިފްކޯއިން ޗަންދާނަގައިގެން. ތިޔަތަނެއް އޮތީކަރުދާހުގަ އެކަނި. ކޮންބަޔަކަށްތަ އޮޅުވާލަން ތިއުޅެނީ.
ބޭޗާރާ
25 September 2025
މިފްކޯއަށް ސަބްސިޑީނުދީ ގަތުމަކުން މައްސަލައެއްނެތް. މިހާރުވެސް ދަރަނިބޮޑުކުންފުންޏެއް މިފްކޯއަކީ. ބޮޑުއަގުގަ ގަނެފަ ހެއުއަގެއްގާ ވިއްކަންޖެހި ސަރުކާރުން ލާރިއަޅަން ނުޖެހިއްޖެއްޔާ ކިތަންމެހާސް ރަނގަޅު. އެގިދާނެތާވާގޮތެއް.
ވީޗާރާ
26 September 2025
ދުނިޔޭގެ ބާޒާރުގަ ދޮށިއެޅި ކަޅުބިލަމަސް ހުރީ ޓަނެއް 1500 ޑޮލަރުން މަތީގަ. މިފްކޯއަށްވާނެ.
ފަރަންޖީ
26 September 2025
ދުނިޔޭގެ ބާޒާރުގައި (ޚާއްސަކޮށް ރާއްޖޭން ރޯމަސް އެކްސްޕޯޓްކުރާ ގައުމުތަކުގައި) ޓަނެއް 1300-1600 ޑޮލަރަށް ހުންނައިރު މިފްކޯއިން 20 ރ އަށް ކިލޯއެއް ގަންނަންޏާ ހަމައެކަނި މަސްގަންނަން އެޚަރަދުވަނީ 1297 ޑޮލަރު ޓަނަކަށް. ދެން ބުނެބަލަ 200-3 ޑޮލަރު ޓަނަކަށް ލިބިގެން މިފްކޯގެ ޚަރަދު ހަމަޖައްސާނެގޮތެއް. ނޫނީ އަމިއްލަ ކުންފުންޏެއް ހިފަހައްޓާނެގޮތެއް.
ޑރ ވާންޗޯ
25 September 2025
މަސްވެރިންނަށް ތެލުގެ ސަބްސިޑީވެސް، އަޑުގަދަމީހާގެ ރުއްގިނަވާ އުސޫލުން މަހުގެ އަގަކީ ހަމައެކަނި އަބަދުވެސް މަސްވެރިންގެ ފައިދާއަށް ބަލައިގެން ވަކިއަގަކަށް ފިކްސްކޮށްފަ ބެހެއްޓޭނެއެއްޗެއްނޫން. ރަނގަޅުގޮތަކީ ރާއްޖެއިން އެކްސްޕޯޓުކުރާ މާކެޓުގެ އަގަށް ބަލައިގެން އަބަދުވެސް ބަދަލުވަމުންދާއެއްޗެއްގެ ގޮތުގަހުރުން.