މިދިޔަ ފެބްރުއަރީ މަހު ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާގެ އާމްދަނީ 75 ޕަސެންޓަށް ވެއްޓުނު ކަމަށް ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ހިސާބުތަކުން ދައްކައިފި އެވެ.

އެ އިދާރާ އިން އާންމުކޮށްފައިވާ ގޮތުން މިދިޔަ ފެބްރުއަރީ މަހު މަސްވެރިކަމުގެ ދާއިރާގެ ގްރޮސް ވެލިއު އެޑެޑް (ޖީވީއޭ) ހުރީ 108 މިލިއަން ރުފިޔާގަ އެވެ. މިއީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހަށް ވުރެ 75 ޕަސެންޓްގެ ވެއްޓުމަކަށް ވާއިރު މި އަހަރުގެ ޖެނުއަީ މަހަށް ވުރެ 40 ޕަސެންޓުގެ ވެއްޓުމެކެވެ.

މީގެ އެންމެ ބޮޑު އެއް ސަބަބަކީ މަސް ބޭނުނު ވަރު މަދުވެ، މަހުގެ އެކްސްޕޯޓު ދަށްވުމެވެ. މި އަހަރުގެ ފުރަތަމަ ދެ މަހު މަހުގެ އެކްސްޕޯޓު ވަނީ 45-65 ޕަސެންޓްގެ ދަށްވުމެއް އައިސްފަ އެވެ. އަދި މަސް ބޭނުނު އަދަދު ވަނީ އެ ގާތްގަނޑަކަށް އެ މިންވަރަށް ދަށްވެފަ އެވެ.

ފުރަތަމަ ދެ މަހުގެ އެކްސްޕޯޓު ދަށްވިއިރު މިދިޔަ މާޗް މަހު އަނެއްކާ ވެސް ވަނީ މަސްވެރިކަން ރަނގަޅުވާން ފަށައިފަ އެވެ. މާޗް މަހު ވަނީ މަހުގެ އެކްސްޕޯޓު އަށް ޕަސެންޓަށް އިތުރުވެފަ އެވެ.

މިދިޔަ ދެ އަހަރު ވެސް އަހަރު ފެށޭ ކޮޅު މަސްވެރިކަން ދަށެވެ. އަދި އަހަރުގެ މެދުތެރެއަކީ މަސްވެރިކަމުގެ އާމްދަނީ އެންމެ ރަނގަޅުވާ ދުވަސްވަރެވެ. މިދިޔަ އަހަރު މަސްވެރިކަން އެންމެ ރަނގަޅު މަހަކީ ޖުލައި މަހެވެ.