މަސްވެރިކަމާ ގުޅޭ އެކި މަޝްރޫއުތަކަށް ވޯލްޑް ބޭންކް މެދުވެރިކޮށް 40 ޕަސެންޓް ހިލޭ އެހީ ދޭ ސްކީމަށް ކުރިމަތިލާން ފިޝަރީޒް މިނިސްޓްރީން މިއަދު ހުޅުވާލައިފި އެވެ.
ފިޝަރީޒް މިނިސްޓްރީގެ ވެބްސައިޓުގައި ބުނީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވައި، އެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތައް ބާރުވެރި ކުރުވުމުގެ މަގުސަދުގައި ވޯލްޑް ބޭންކުގެ އެހީގައި ހިންގާ ޓްރާންސްފޯ ޕްރޮޖެކްޓުގެ "އާރުވެރި މެޗިން ގްރާންޓް" ސްކީމް ރަސްމީކޮށް މިއަދު އިފްތިތާހުކޮށްފައިވާ ކަމަށެވެ.
އެ ސްކީމް އިފްތިތާހުކޮށްދެއްވީ އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމެވެ.
މިނިސްޓްރީން ބުނީ ޖުމްލަ 278 މިލިއަން ރުފިޔާގެ ބަޖެޓަކާއެކު ފަރުމާކޮށްފައިވާ އެ ސްކީމަކީ މަސްވެރި ސިނާއަތް ކުރިއަރުވައި މާލީގޮތުން ބާރުވެރިކުރުމަށް މިހާތަނަށް އެޅި އެންމެ މުހިންމު އެއް ފިޔަވަޅު ކަމަށެވެ. އަދި އެ ސްކީމްގެ ދަށުން ހާއްސަ ހަތް ދާއިރާއަކަށް އިސްކަންދީފައި ވާއިރު، އެ ސްކީމަށް އެދި ހުށަހަޅައިގެން ފާސްވާ މަޝްރޫއުތަކުގެ ހަރަދުގެ 40 ޕަސެންޓް ހަމަޖައްސައިދޭނީ ހިލޭ އެހީގެ ގޮތުގައި ކަމަށް މިނިސްޓްރީން ބުންޏެވެ.
އެ ސްކީމްގެ މައިގަނޑު މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ؛
- މަސްވެރި ސިނާއަތުގައި ހަކަތައަށް ކުރާ ހޭދަ ކުޑަކުރުން
- ދެމެހެއްޓެނިވި އުފެއްދުންތެރިކަމުގެ އުސޫލުތައް ކުރިއެރުވުން
- ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފަހި މާހައުލެއް ގާއިމްކޮށްދިނުން
- ނަފާވެރި ސިނާއާތެއްގެ ގޮތުގައި މެރިކަލްޗާ ތަރައްގީކުރުން
- އަގު އެއްކުރި މަހުގެ އުފެއްދުންތައް އިތުރުކުރުމަށް ބޭނުންވާ ނިޒާމުތައް ގާއިމުކުރުން
- އަންހެނުންނާއި ޒުވާނުންނަށް ވިޔަފާރި އާއި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުން
މިނިސްޓްރީން ބުނީ އެ ސްކީމާ ގުޅޭ ހުރިހާ މައުލޫމާތުތަކާއި ސްކީމްގެ ދާއިރާތަކުގެ ތަފުސީލު ލިބޭނެހެން އަދި ފަސޭހަކަމާ އެކު އެޕްލިކޭޝަން ހުށަހެޅޭނެ ހާއްސަ ޕޯޓަލެއް މިހާރު އާންމުކޮށް ހުޅުވާލާފައިވާ ކަމަށެވެ. އެއީ، aaruveri.fishagriocean.gov.mv އެވެ.
މަސްވެރި ސިނާއަތުގައި ހަރަކާތްތެރިވާ އަމިއްލަ ކުންފުނިތަކާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި މަސްވެރިންނާއި ވަކިވަކި ފަރުދުންގެ ވިޔަފާރިތަކުގެ ދެމެހެއްޓެނިވިކަމާއި ވާދަވެރިކަން ކަށަވަރުކޮށް، މުޅި ސިނާއަތުގެ ފުދުންތެރިކަން އިތުރުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންމެ މުހިންމު އެއް ސިޔާސަތު ކަމަށް ވާއިރު، އެ ސްކީމަކީ އެ ސިޔާސަތުތައް ތަންފީޒުކުރަން އެޅި ވަރަށް މުހިންމު ބިންގަލެއް ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނިގޮތުގައި އެ މަސައްކަތަކީ އެ މިނިސްޓްރީ އާއި ވޯލްޑް ބޭންކުގެ އެހީ އެކު ހިންގާ "ޓްރާންސްފޯމިން ފިޝަރީޒް މެނޭޖްމަންޓް އިން ސައުތު ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ނުވަތަ ޓްރާންސްފޯމް ޕްރޮޖެކްޓް"ގެ ދަށުން ކުރިއަށް ގެންދާ މަސައްކަތެއް ކަމަށެވެ.
ޓްރާންސްފޯމް ޕްރޮޖެކްޓްގެ މަގުސަދަކީ ހެކިތަކަށް ބިނާކޮށް، އިންޑިއާގެ ކަނޑުގެ ހުޅަނގު ދެކުނު ސަރަހައްދުގައި މަސްވެރިކަން މެނޭޖުކުރުން ވަރުގަދަ ކުރުމާއި ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގެ ވާދަވެރިކަން އިތުރުކޮށް ވަރުގަދަ ކުރުން ކަމަށާއި އަދި 2023 ވަނަ އަހަރު ފަށާފައިވާ 64.8 މިލިއަން އެމެރިކާ ޑޮލަރުގެ އެ މަޝްރޫއު އެއްކޮށް ނިމޭނީ 2030 ގައި ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.