އެން އާލާކޮށް، މަސްވެރިންނަށް އެން ދޫކުރާ މަރުކަޒެއްގެ ގޮތުގައި ގއ. މާނަގަލާ އަންނަ ޑިސެމްބަރު މަހު ހުޅުވޭތޯ ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، އެން ނުލިބިގެން މަސްވެރިންނަށް މަހަށް ނުނިކުމެވި ތިބޭ ތިބުން ނިމުކަކަށް ގެނެވިދާނެ ކަމަށް ބެލެވޭތީ ރާއްޖޭގެ އެކި ސަރަހައްދުތަކުން އެން ލިބޭނެ އިްނތިޒާމު ހަމަޖައްސަން ސަރުކާރުން މަަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެެވެ.

އޭނާ ވިދާޅުވި ގޮތުގައި މާނަގަލާ އަކީ އެގޮތުން ހިންގަން ފަށާނެ އެއް މަރުކަޒެވެ.

"ގއ. މާނަގަލާ އެއީ އަަޅުގަނޑުމެން އެންމެ ފުރަތަމަ އެގޮތަށް އޮޕަރޭޝަނަށް ގެންނާނެ އެއް ސެންޓަރު އިނގޭތޯ. އަމާޒު ހިފިން، ދެ ތާރީހެއްގައި އަޅުގަނޑުމެންނަށް އަމާޒު ހިފިއްޖެ، އެހެން ނަމަވެސް މި ދެންނެވި ދެ ތާރީހަށް ވެސް އަޅުގަނޑުމެންނަށް މިކަންތައްތައް ނުނިމި  މިދަނީ. އަޅުގަނޑުމެން މިހާރު މި ބަލަނީ މި އަހަރުގެ ޑިސެމްބަރު މަހު، މާނަގަލާ އަޅުގަނޑުމެން މިދަންނަވާ ގޮތަށް އޮޕަރޭޝަނަށް ގެނެވޭތޯ މި ބަލަނީ،" ޝިޔާމް ވިދާޅުވި އެވެ.

އެގޮތަށް އެން އަލާކުރުމުގެ ތަހުލީލު ކުރަމުން އަންނަ ދެވަނަ ރަށަކީ އޭނާ ވިދާޅުވި ގޮތުގައި ކ. މަނިޔަފުށްޓެވެ.

މިނިސްޓަރު ވިދާޅިުވި ގޮތުގައި އެ ރަށުގެ ބޭރުގައި އެ ތަހުލީލުކުރަމުން އަންނަތާ އަށް މަސް ދުވަސް ވީއިރު މިހާތަަނަށް ފެންނަނީ އެ މަސައްކަތް ކާމިޔާބު ކަމަށެވެ.

"އިރާދަކުރެއްވިއްޔާ މާނަގަލާ ފިޔަވައި އެހެން ސަރަހައްދެއްގައި ވެސް އެން އެވޭލަބަލް ކުރެވޭނެ ސެންޓަރެއް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އުތުރުގައި ވެސް ގާއިމްކުރުމަށް އިސްކަން މިދެނީ މަނިޔަފުށީގެ މި ތަހުލީލާ އެކީގައި،" ޝިޔާމް ވިދާޅުވި އެވެެ.

އެން އާލާކުރަން ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތަފްސީލު އޭނާ ދެއްވީ މަސްވެރިކަަމަށް ކުރިމަތިވެފައި އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ އެން ނުލިބުން ކަމަށް ވާއިރު ބިން ހިއްކުމުގެ މަސައްކަތްތަކުން އެންވެރިކަމަށް އެއްވެސް އަސަރެއް ކުރޭތޯ ބެލިފައިވޭތޯ، މެމްބަރު މައުރޫފު ސުވާލު ކުރެއްވުމުންނެވެ. 

ޝިޔާމް ވިދާޅުވީ ކޮންމެ މަޝްރޫއެއް ވެސް ހިންގަނީ އެކަމުން ތިމާވެށްޓަށް ކޮށްފާނެ އަސަރު ބަލަން ހަދާ އެންވަޔަރްމެންޓަލް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ) ހަދައިގެން ކަމަށާއި އެ ފަދަ މަޝްރޫއެއް ހިންގަނީ އެންދަމާ ސަރަހައްދަކާ ކައިރީގައި ކަމަށް ވާ ނަމަ ފިޝަރީޒް މިނިސްޓްރީއާ ވެސް މަޝްވަރާ ކުރާ ކަމަށެެވެ. 

"އަޅުގަނޑުމެން ކަންބޮޑުވާ ފަހަރު ފަހަރު އެބަހުރި އައިސްފައި، އެހެން ނަމަވެސް އަޅުގަނޑަށް ގަބޫލު ކުރެވެނީ ސަރުކާރުން އެ ޕްރޮސެސް އެގޮތަށް ގެންދާ ގެންދިއުމުގައި ފިޝަރީޒް  މިނިސްްޓްރީއާ އެކީގައި ކޮންސަލްޓް ކުރެވިއްޖިއްޔާ، އަޅުގަނޑުމެންގެ ކަންބޮޑުވުން އެކަމުގައި ފާޅުކުރެއްވިއްޔާ އެކަމުގެ ހައްލު އެބަހުރި ގެނެސްދެެއްވާފައި،" ޝިޔާމް ވިދާޅުވި އެވެ.

ނަމަވެސް އެ މަސައްކަތްތަކުން ރާއްޖޭގެ ކަނޑުގެ އީކޯ ސިސްޓަމަށް އަސަރެއް  ނުކުރާނެއޭ ވިދާޅުނުވާނެ ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ.