އިނގިރޭސި ވިލާތަށް ރާއްޖެ އިން އެކްސްޕޯޓްކުރާ މަހުން ނަގާ ޓެރިފް ކަނޑާލުމާ އެކު، ރާއްޖޭގައި މަސްގަތުމުގެ ވާދަވެރި ބާޒާރެއް އުފެދިފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޝިޔާމް ވިދާޅުވީ އިނގިރޭސި ވިލާތުން ނަގަމުން އައި ޓެރިފް ކަނޑާލުމުން ރާއްޖޭގެ އެކްސްޕޯޓަރުންނަށް 20 ޕަސެންޓުގެ ކުރިއެރުމެއް ލިބިފައިވާ ކަމަށާއި އެހެންވެ، އެ ކުންފުނިތަކަށް މަސްވެރިންގެ އަތުން ގަންނަ މަހަށް ދޭ އަގު ރަނގަޅު ކުރުމުގެ ފުރުސަތު މިހާރު އެބަ އޮތް ކަމަށެވެ.
"އެހެންވީމާ މިހާރު ހޮރައިޒަން ފިޝަރީޒް ތަންތަނުން، އެންސިސް ފިޝަރީޒް ތަންތަނުން އަދި މިފްކޯ އިން ވެސް ރަނގަޅު އަގުގައި މަސްވެރިން އަތުން މަސް ގަންނަމުން އެ ދަނީ. މިހާރު ބާޒާރެއް، ހަގީގީ ބާޒާރެއް، ވާދަވެރި ބާޒާރެއް، މަހުގެ އުފެދިއްޖެ ކަން އަޅުގަނޑުމެން އެންމެން އެބަ ގަބޫލުކުރަން،" ޝިޔާމް ވިދާޅުވި އެވެ.
ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަން މަޖިލިހުގެ މިއަދުގެ ޖަލްސާ އަށް ވަޑައިގެންނެވި ނަމަވެސް އެ ސުވާލުގެ މުއާލާތް ކެނޑިފައި އޮތުމުން، މިނިސްޓަރު އެދިވަޑައިގަންނަވާ ވާހަކައެއް ވިދާޅުވާން ރިޔާސަތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ފުރުސަތު ދެއްވި އެވެ.
އެ ފުރުސަތުގައި މަސްވެރިކަމުގެ އިންޑަސްޓްރީގެ ކުރިއެރުމަށް ސަރުކާރުން ކުރާ މަސައްކަތްތަކާ ގުޅޭ ގޮތުން ޝިޔާމް ވަރަށް ތަފްސީލުކޮށް ވާހަކަ ދެއްކެވި އެވެ.
އޭނާ ވިދާޅުވި ގޮތުަގައި ރާއްޖޭން ޔޫރަޕަށް އެކްސްޕޯޓްކުރާ މަހުގެ ބޮޑު ބަޔަކީ އިނގިރޭަސި ވިލާތަށް އެކްސްޕޯޓްކުރާ މަސް ކަމަށާއި އެ ގައުމުން ނަގާ ޑިއުޓީ ކަނޑާލަން މަސައްކަތްކުރާ ކަމަށް އެކި ސަރުކާރުތަކުން ކުރިއްސުރެ ބުނަމުން އައި ކަމަށެވެ.
"އަޅުގަނޑުމެން 14 އަހަރުވީ ޔޫރަޕާ އިނގިރޭސި ވިލާތުން ނަގާ ޓެކްސް ކުޑަކުރުމަށް މަސައްކަތްކުރާތާ. ނިޔަތެއް ނެތި، ހެޔޮ ނިޔަތެއް ނެތި ކުރެވުނު މަސައްކަތްތަކެއްގެ ނަތީޖާ [އަކަށް] ވަނީ އަބަދު ވެސް ސިގްނަލް އައިސް އައިސް ހުންނަނީ، އިއްޒަތްތެރި ރައީސް. އެއްގޮތަކަށް މީގެން އެއްވެސް ޓެރިފެސް ސަސްޕެންޑެއް ނުވޭ، މީގެން އެއްވެސް ޓެރިފެއް ކުޑައެއް ނުވޭ،" ޝިޔާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އިނގިރޭސި ވިލާތުން ރާއްޖޭގެ މަހަށް ނަގާ ޓެރިފް ކަނޑާލި އިރު ރާއްޖޭން ޔޫރަޕަށް މަސް ބޭރުކުރާ ބާޒާރުތަކުގެ ތެރެއިން އެންމެ ބޮޑު ބާޒާރަކީ އެ ގައުމެވެ.
"އަަޅުގަނޑުމެން އިނގިރޭސި ވިލާތަށް އެބަ ބޭރުކުރަން ގާތްގަނޑަކަށް 18 މިލިއަން ޕައުންޑްގެ މަސް،" ޝިޔާމް ވިދާޅުވި އެވެ.
އިނގިރޭސި ވިލާތުން ޓެރިފް ކަނޑާލުމުން ވާދަވެރި ބާޒާރެއް އުފެދިފައިވާ އިރު، މިފްކޯއިން މަސް ގަންނަ އަގު ބަދަލުނުކުރަނީ ކީއްވެތޯ ކެޔޮދޫ ދާއިރާގެ މެންބަރު މުހައްމަދު ނިއުޝާދު ސުވާލު ކުރެއްވުމުން ޝިޔާމް ވިދާޅުވީ މިހާރު ކިލޯއަކަށް 20ރ. އަށް ވުރެ އަގު ދަށްކޮށް މަސް ނުގަންނާނެ ކަމަށާއި ބައެއް ދުވަސް ދުވަހު ކިލޯއަކަށް 22ރ. ވެސް ދޭ ކަމަށެވެ.
އިނގިރޭސި ވިލާތަށް ރާއްޖެއިން އެކްސްޕޯޓްކުރާ މަހުގެ ބޮޑު ބަޔަކީ އަމިއްލަ ކުންފުނިތަކުން ގަންނަ މަސް ކަމަށާއި އެ ކުންފުނިތަކުން މަސްވެރިން މިހާރު ވެސް ރަނގަޅު އަގެއް ދެމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"ޕްރައިވެޓް ކުންފުނިތަކުން މިހާރު އެބަ ފެނޭ 21 ރުފިޔާއަށް 22 ރުފިޔާއަށް [ގަންނަ ތަން] ހަމަ އެއްވެސް ވަރަކަށް 20 ރުފިޔާއަށް ގަންނަ ތަނެއް މި ދުވަސްކޮޅު ވެސް އަދި މި ދަންނަވާ ބަދަލާ އެކީގައި ވެސް ނުފެނޭ،" ޝިޔާމް ވިދާޅުވި އެވެ.
ރާއްޖޭގެ މަހަށް ރަނގަޅު އަގު ހޯދަން އޮތް އެންމެ ހުރަހަކީ މިނިސްޓަރު ވިދާޅުވި ގޮތުގައި ވެލިއުއެޑް ކުރެވޭ މަހުގެ މިންވަރު މަދުވުމެވެ. އެއީ ދަޅުގައި މަސް ބަންދުކުރުމުގެ ގާބިލުކަން ކުޑަވުމާއި މަސް ރައްކާކުރުމުގެ ގާބިލުކަން ކުޑަވުމުން ކަމަށާއި ސަރުކާރުން މަސައްކަތްކުރަމުން އަންނަނީ އެކަން ބަދަލުކުރަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މި ސަރުކާރު އައިއިރު މިފްކޯއަށް ބަންދުކުރެވެނީ ދުވާލަކު 50 ޓަނުގެ މަސް ކަމަށާއި ދުވާލަކު 300 ޓަނުގެ މަސް ދަޅުގައި ބަންދުކުރެވޭ ވަރަށް ގާބިލުކަން އިތުުރުކުރުމުގެ މަސައްކަތް މިހާރު ކުރިއަށް ގެންދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ޝިޔާމް ވިދާޅުވި ގޮތުގައި މިފްކޯގަައި ރައްކާކުރެވެނީ 9،000 ޓަނުގެ މަހެވެ. މިހާރު މަސައްކަތް ކުރަމުން އަންނީ 25،000 ޓަނަށް އެ އަދަދު އިތުރުކުރަން ކަމަށް އޭނާ ވިދާޅުވި އެވެ.