"މަސްވެރިންނަށް ވި [މަހުގެ އަގު 20ރ. އަށް ބޮޑުކުރުމުގެ] ވައުދަކީ މެދުކެނޑުމެއް ނެތި ކުރިއަށް ގެންދަން ބޭނުންވާ ކަމެއް. އެކަން ވެސް އަޅުގަނޑުމެން ހާސިލްކުރާނަން."
ރައީސް ޑރ. މުހައްމަދު މުއިއްޒު ދިއްގަރުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް
22 ސެޕްޓެމްބަރ 2025 - 12:06
މަސް ގަންނަ އަގު މި ސަރުކާރުން 20 ރުފިޔާ އަށް ބަދަލުކޮށްދެއްވާނެ ކަމަށާއި ދެމެހެއްޓެނިވި ގޮތަކަށް އެކަން ކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމުގެ މަޝްވަރާ ބައްދަލުވުންތައް ކުރިއަށް އެބަދާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
މ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ދިއްގަރުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ އެ ރަށަކީ މަސްވެރިކަން ކުރިއަރާފައިވާ ރަށަކަށް ވާތީ މަސްވެރިން ކަންބޮޑުވުންތައް ހުންނާނެކަން ގަބޫލު ކުރައްވާ ކަމަށެވެ.
މަސްވެރިކަމުގެ މުޅި ސިނާއަތް ކުރިއަރުވައި ހަރުދަނާކުރަން މަސްވެރިންގެ އަޑު ގާތުން އަހައި، އެކަންކަން ހައްލު ކުރެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
އަޅުގަނޑުވީ އެންމެ މުހިންމު ވައުދަކީ [މަސްވެރިންނަށް] 20 ރުފިޔާގެ ވައުދު. އެއީ ވެސް ހަމަ ސަސްޓެއިނަބަލްކޮށް މެދުކެނޑުމެއް ނެތި ކުރިޔަށް ގެންދަން ބޭނުންވާ ކަމެއް. ހަމަ ނަމެއްގައި މާދަމާއިން ފެށިގެން 20 ރުފިޔާއޭ ބުނުމުން އަދި ކަމަކު ނުދޭ. -- ރައީސް
ރައީސް ވިދާޅުވި ގޮތުގައި މަސް ގަންނަ އަގު 20 ރުފިޔާ އަށް ހެދުމަށް މިފްކޯއާ އެކު މަޝްވަރާތައް ކުރިއަށް އެބަދެ އެވެ. އެކަމަށް ވަގުތު ނަގަނީ އެ ބައްދަލުވުންތައް ކުރިއަށް ދާތީ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް މުއިއްޒު، ދިއްގަރު ރައްޔިތުންނާ ބައްދަލުކުރައްވަނީ. -- ފޮޓޯ | ރައީސް އޮފީސް
މި ސަރުކާރުން ވެރިކަމާ ހަވާލުވި އިރު މަސްވެރިންނަށް ކުރީގެ ސަރުކާރުން ނުދީ 150 މިލިއަން ރުފިޔާ ބެކްލޮގެއް އޮތެވެ. އެކަމަކު އެ ފައިސާ މަސްވެރިންނަށް ހަމަޖައްސައިދީ، މަސްކިރާތާ 48 ގަޑިއިރުގެ ތެރޭގައި މިދިޔަ ޑިސެމްބަރުން ފެށިގެން ފައިސާ ދޫކުރަން ފަށާފައިވާ ކަން ރައީސް ފާހަގަކުރެއްވި އެވެ.
މަސްވެރިންވެރިން މިދިޔަ މެއި މަހު ރައީސްއާ ބައްދަލުކުރައްވައި، މަސް ގަންނަ އަގު 20ރ. އަށް ބަދަލުކޮށްދޭން ވަނީ އެދިފަ އެވެ.
އެ ބައްދަލުވުމަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވީ އެމަނިކުފާނު ވައުދާ އެއްގޮތަށް އެކަން ހަމަޖައްސައިދެއްވާނެ ކަަމަށެވެ. ސަރުކާރުން އެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
ރައީސް މުއިއްޒާ އެކު އޮތް ބައްދަލުވުމުގައި ބައިވެރިވި ދިއްގަރުގެ ރައްޔިތުން އެމަނިކުފާނުގެ ވާހަކަފުޅު އަޑުއަހަނީ. -- ފޮޓޯ | ރައީސް އޮފީސް
ރައީސް ވިދާޅުވީ މަަސް ގަންނަ އަގު ބޮޑުކުރުމުގެ ވައުދު ފުއްދާނީ، ހަމައެކަނި ނަމަކަށް ނޫން ކަމަށެވެ. ތަރުތީބު ކުރަން ޖެހޭ ކަންކަން ތަރުތީބުކޮށް، ސަރުކާރުގެ އެ ސިޔާސަތު ތަންފީޒުކުރަން ފަށާނީ މެދުނުކެނޑި ކުރިއަށްދާނެ ކަން ޔަގީންކުރުމަށް ފަހު ކަމަށް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑުވީ އެންމެ މުހިންމު ވައުދަކީ 20 ރުފިޔާގެ ވައުދު. އެއީ ވެސް ހަމަ ސަސްޓެއިނަބަލްކޮށް މެދުކެނޑުމެއް ނެތި ކުރިޔަށް ގެންދަން ބޭނުންވާ ކަމެއް. ހަމަ ނަމެއްގައި މާދަމާއިން ފެށިގެން 20 ރުފިޔާއޭ ބުނުމުން އަދި ކަމަކު ނުދޭ،" ރައީސް ވިދާޅުވި އެވެ.
"އެކަން ތަންފީޒު ކުރަން ވަރަށް ގިނަ މަސައްކަތްތަކެއް މި އަންނަނީ ކުރަމުން. އެއީ ވެސް ހަމަ އަޅުގަނޑުމެން ހާސިލު ކުރާނެ ކަމެއް."
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އާދަނު33
22 September 2025
ޑޮލަރެއްވެސް ގަންނަންލިބެނީ +20ރ އަށް. އެހެންވީމާ މަސްގަންނައަގު 1 ޑޮލަރަށްޖެހުނީ؟!
ޢަލީ!
22 September 2025
މަސްގަންނައަގު 20ރ އޭ؟ ކިހާމަހެއްކަމެއްނޭގެ. 20ރ އަށް ޓަނެއްކަމެއްވެސް ސާފެއްނޫން.
ޢަރުތަ
22 September 2025
"މަސް ގަންނަ އަގު 20 ރުފިޔާ އަށް ހެދުމަށް މިފްކޯއާ އެކު މަޝްވަރާތައް ކުރިއަށް އެބަދެ އެވެ. އެކަމަށް ވަގުތު ނަގަނީ އެ ބައްދަލުވުންތައް ކުރިއަށް ދާތީ ކަމަށް ރައީސް ވިދާޅުވި އެވެ". ލޯކަލްކައުންސިލް އިންތިޚާބުގެ ފަހުންތޯ މަޝްވަރާތައް ކޮށް ނިމޭނެނީ. ކީއްކުރާނީދޯ!
އަފްރާސިޔާބު
22 September 2025
ރާއްޖޭންބޭރުގައި މަސްކިލޯއެއްގެ އަގު 10 ރުފިޔާ ނުވަތަ 15 ރުފިޔާއަށް ހުންނައިރު ރައީސް މި ވައުދުވަނީ 20 ރުފިޔާއަށް ކިލޯއެއް ގަންނަން. ސަރުކާރަށް ކިހާބޮޑު ގެއްލުމެއް. ކުންފުނި އިނދަޖެހޭނީ. ތިޔަކަންކުރުން ރަނގަޅެއްނޫން.
އާދަނު33
22 September 2025
ބަލަ ރައީސްވިދާޅެއްނުވޭ ކިތަށްލިކޯކަމެއް 20ރ ދެނީ.
އިންސާނާ ވާޝަން 2.0
22 September 2025
ދުނިޔެމަތީގައި ކަންކަން މިހިރަ ނިމިގެންދާގޮތް މިއީ އަހަރެމެން އިންސާނުންނަށް ހަމަ އިބުރަތަށް ފުދޭނެ ކަންކަމޭ. އިހަށް ދުވަހު އަމިއްލައަށް ގޯސްކުރި ކަންކަން މިއަދު އެމަގުން ހިނގާން މަޖުބޫރުވެ ހިނގަމުން މިހިރަ ގެންދަނީ ލަދެއް، ބިރެއް، ޖެހިލުމެއްނެތި ނިކަން ޖޯޝާއި ފޯރީގައި. އަހަރެމެންގެ ތެރެއިން ބަޔަކު އަތްޖަހާ ހިތްވަރުދޭން މަޖުބޫރީ ހާލަތުގައިނަމަވެސް ތިއްބަވާތީ އުފާވޭ
މަހަކީ ދިރުމެއް
22 September 2025
މަހަށް ދާން ތެލުން ސަބުސިޑީ ދީފާ، ގާތްގަނޑަކަށް ހިލޭ ގަނޑުފެން ދީފައި، އެ ބާނައިގެން އައީމާ މަހުގެ އަގުން ސަބުސިޑީދީފާ، އެ ރައްކާކުރަން ސަބުސިޑީދީފައި ދެން މަސްވެރިކަމޭ ނުކިޔާ ސަބުސިޑީވެރިކަމޭ ކިޔަމާ ބަހީ.
ފުރޭތަ1
22 September 2025
ދިވެހި ފައިސާގެ އަގު ވެއްޓުނީމަ 20 ނޫނީ 30 ވެސް ދެވޭނެދޯ. ޢެހެންންވެ މަޑުކޮށްލަނީތާ. ބޯބޮޑު
ޝަމީން
22 September 2025
ކޮންމެ ކަމެއްގެ ތެރެއަށް ސިޔާސީ ނުވައްދާ އެކަމެއްގެ ޠަބީޢަތާއި އެއްގޮތަށް އެކަމެއް ކުރިއަށް ގެންދިއުމަށް ޖާގަ ދީފައި ބެއްޓުމަކީ އެންމެ ރަނގަޅު ގޮތްކަން ބުއްދި ސަލާމަތުން ހުރި ކޮންމެ މީހަކަށް އެނގޭ. ޚިދުމަތާއި ތަކެތީގެ އަގު ބޮޑުވެގެން އުޅޭއިރުގައި އަގު ބޮޑުވާގޮތަށް އެއްވެސް ކަމެއް ސަރުކާރުން ކުރުމަށް ޢާންމު ގިނަ ރައްޔިތުން ނޭދޭނެ. ކަޅުބިލަ މަހަކީ ދިވެހިންގެ ކެއުމުގެ މައިގަނޑު އެންމެ މުހިންމު އެއްބާވަތް. އެއީ މާތްﷲ ދެއްވާފައިވާ ވަރަށްބޮޑު ރިޒުޤެއް.
ކުޑަސޮރު01
22 September 2025
މަނިކުފާނު މަސްއަންނަ އަގު 20/ރ އަށް ބޮޑުކޮށްގެން ދެމެހެއްޓެނި ގޮތަކަށް އެކަމެއް ނުކުރެވޭނެ. މިހާރު ރާއްޖޭގެ މަސްވެރިންނަކީ ބަންގާޅީން - މިނިސްޓްރީގެ ދަފްތަރުން ދައްކަނީ 3 ހާއެއްހާ ދިވެހިން.. މިއީ ހެދޭނެ ވަރަށް ބޮޑު ގޯހެއް
މުރުޒާ
22 September 2025
ކަޅުބިލަ މަހަކީ ކާބަފައިންގެ ޒަމާނުއްސުރެ ދިވެހިންގެ ކެއުމުގެ މައިގަނޑު އެއްބާވަތް. އެމަހަކީ ދިވެހިންނަށް މާތްﷲ ދެއްވާފައިވާ ވަރަށްބޮޑު ރިޒުޤެއް. ވީމާ، ވިޔަފާރި އުޞޫލުން މަސްގަނެ ވިއްކާ ކުންފުންޏެއްގެ އަގު ކަނޑައެޅުމުގެ ތެރެއަށް ސަރުކާރުން ވަނުމަށް ނުފެނޭ.