ސަރުކާރުގެ މަސްކުންފުނި މިފްކޯ އަށް މަަސް ގަންނަ ރޭޓު، ކިލޯއަކަށް 20ރ. އަށް ވުރެ ދަށް ނުކޮށް ހިފަހައްޓޭނެ ގޮތްތަކެއް ރޭވޭނެ ކަމަށާއި އެއީ އަމާޒު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުން ކޮންމެ ހަފުތާއަކު ތައްޔާރުކުރާ "ދަ ޕަލްސް" ޕްރޮގްރާމްގައި "މިހާރު" އަށް ހާއްސަކުރި އެޕިސޯޑްގައި ރައީސް ވިދާޅުވީ މަހަށް ހަމަ އަގު ހޯދައިދޭން ސަރުކާރުން އެޅި އެންމެ މުހިއްމު ފިޔަވަޅަކީ މާކެޓް ރޭޓާ އެއްވަރަށް އަގު ފްލޯޓްކޮށްލުން ކަމަށާއި އޭގެ ނަތީޖާ ރަނގަޅު ކަމަށެވެ. އަގު ފްލޯޓް ކޮށްލި އިރު މަސްކިލޯއެއް 16ރ. އަށް ހުރި ނަމަވެސް މިހާރު އެ އަގު 20.ރ އަށް މަތި ކޮށްފައިވާތީ އެ ރޭޓްގައި ހިފަހައްޓަން ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ. 

"އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ތާނގައި ވެސް އަޅުގަނޑުމެން އުއްމީދުކުރަނީ، އަޅުގަނޑުމެން އެންމެ ބޭނުންވާ ރޭޓްގައި 20 ރުފިޔާ އެންމެ ކުޑަމިނުން ލިބޭ ވަރުގައި ހިފެހެއްޓޭނެ ގޮތްތައް ރޭވޭނެ ކަމަށްް،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

މަސް ގަންނަ އަގު 20ރ. އަށް ވުރެެ ދަށް ނުކޮށް ހިފެެހެއްޓުމަށް ޓަކައި ކުރަން ޖެހޭ އެއް ކަމަކީ މަސް ރައްކާ ކުރުމުގެ ގާބިލުކަން އިތުރުކުރުމެވެ. ދެވަނަ ކަމަކީ މަހަށް ވެލިއު އެޑްކުރުމުގެ (ދަޅުގައި ބަންދުުކުރުން ފަދަ ގޮތް) ހެދުމުގެ ގާބިލުކަން އިތުރުން ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

"ޕަލްސް" ޕްރޮގްރާމްގައި ރައީސް މުއިއްޒު "މިހާރު" ގެ ނަސީމްއާ މިއަދު ވާހަކަ ދައްކަވަނީ---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
"ޕަލްސް" ޕްރޮގްރާމްގައި ރައީސް މުއިއްޒު "މިހާރު" ގެ ނަސީމްއާ މިއަދު ވާހަކަ ދައްކަވަނީ---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

ސަރުކާރުން ތަންފީޒުކުރަމުން އަންނަނީ އެ ދެ ގޮތުން ވެސް ގާބިލުކަން އިތުރުކުރުމުގެ ސިޔާސަތު ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ސަރުކާރުގެ މަސް ކުންފުނި މިފްކޯގެ ފެލިވަރު ކޭނިން ފެކްޓްރީގައި މަސް ޕްރޮރެސް ކުރުމުގެ ގާބިލުކަން އިތުުރުކުރަން ބައެއް ގައުމުތަކުގެ އެހީގައި ހިންގަން އިއުލާނު ކޮށްފައިވާ މަޝްރޫއު ކުޑަކޮށް ލަސްވި ކަމަށާއި ނަމަވެސް އެކަން ހައްލު ކުރެވޭނެ ގޮތް މިހާރު ވަނީ ހަމަޖެހިފަ އެވެ. 

"އެހެންވީމާ އަޅުގަނޑުމެން އުއްމީދުކުރަނީ ހަމަ ކުރިން ވެސް ކަނޑައަޅާފައި އޮތް ގޮތަށް، މި ދައުރުގެ ތެރޭގައި، އަޅުގަނޑުމެން ފެށި އިރު ހުރި ވަރު ދެގުނަ އަަށް އަދި ތިން ގުނައަށް ގެންދެވޭތޯ [އިތުރުކުރެވޭތޯ] ބަލަން،" ރައީސް ވިދާޅުވި އެވެ. 

އެ މަނިކުފާނު ވިދާޅުވި ގޮތުގައި ފެލިވަރު ފެކްޓްރީގެ ގާބިލުކަން އިތުރުކުރުމުގެ މަސައްކަތުގެ އިތުރުން ކޯލްޑް ސްޓޯރޭޖް އިތުރުކުރުމުގެ މަޝްރޫއުތަކުގެ ތެރޭގައި ވެސް ބޭރުގެ އެހީގައި ހިންގާ މަޝްރޫއުތައް ގިނަ އެވެ. 

މިފްކޯއަށް މަސްކިލޯއެއް ގަންނަ އަގު 20. އަށް ބަދަލުކުރީ މިމަހުގެ ނުވަ ވަނަ ދުވަހު އެވެ. 

"ޕަލްސް" ޕްރޮގްރާމްގައި ރައީސް މުއިއްޒު މިއަދު "މިހާރު" އާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
"ޕަލްސް" ޕްރޮގްރާމްގައި ރައީސް މުއިއްޒު މިއަދު "މިހާރު" އާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

މިފްކޯއިން އެ ދުވަހު އާއްްމުކުރި އަގު ލިސްޓްގައިވާ ގޮތުން ފެލިވަރާއި ކޫއްޑު އާއި އައްޑޫގައިވާ އެ ކުންފުނީގެ ފިޝަރީޒް ކޮމްޕްލެކްސް ތަކަށާއި ގއ. ދާންދޫ ބަނދަރާއި ގދ. ތިނަދޫ ބަނދަރާއި އެ އަތޮޅު ފަރެސްމާތޮޑާ ބަނދަރާއި ފުވައްމުލަކު ބަނދަރުން ވެސް މިހާރު ކަޅުބިލަމަހާއި، 10 ކިލޯ އާއި 15 ކިލޯއާ ދެމެދުގެ ކަންނެލި ކިލޯއެއް މިހާރު ގަންނަނީ 20ރ. އަށެވެ.  ފަނަރަ ކިލޯއަށް ވުރެ ބަރު ނަމަ ކަންނެލި ކިލޯއަކަށް ދޭނީ 25ރ. ކަން ވެސް އެ ލިސްޓުން އެެނގެ އެވެ.

މިފްކޯގެ މެނޭޖިން ޑިރެކްޓަރު މުަހައްމަދު އަނަސް އެ ދުވަހު "މިހާރު" އަށް މިއަދު ވިދާޅުވީ ރައީސް މުއިއްޒުގެ ވައުދާ އެއްގޮތަށް، މަސްގަންނަ އަގު 20ރ. އަށް ޖައްސަން މިފްކޯއިން މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެހެންވީމާ ސަޕްލައި އާއި ޑިމާންޑަށް ބަލައި އަގު މަތިކުރީ ކަމަށެވެ. ނަމަވެސް ޑިމާންޑާއި ސަޕްލައިއަަށް ބަލައި އެ އަގަށް ބަދަލުތައް އަންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަގަށް ބަދަލު އަޔަސް، މަސް ކިލޯއެއްގެ އަގު 18ރ ގައި ހިފަހައްޓާލެވޭތޯ މިފްކޯއިން މަސައްކަތްކުރަމުން މި އަންނަނީ. އެއީ ހަރަދުކުޑަކޮށްގެންނާއި އިސްރާފު މަދުކޮށް، ކުންފުނީގެ ހިންގުން ހަރުދަނާކޮށްގެން،" އަނަސް ވިދާޅުވި އެވެ.

"މަސް ކިލޯއެއް 20ރ، އަށް މި ބަދަލުކުރީ މިހާރު މަސް ބާނާ މިންވަރު ވެސް މަދުވީމާ، މަހަށް ފުރަން މަސްވެރިންނަށް ހިތްވަރު ވެސް އެބަ ދޭން ޖެހޭ."