ރައީސް މުއިއްޒު މަސްވެރިންނާއި ކެޔޮޅުންނާ މިއަދު ބައްދަލުކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް
29 ސެޕްޓެމްބަރ 2025 - 23:11
މަސް ގަންނަ އަގު މި ސަރުކާރުން 20 ރުފިޔާ އަށް ބޮޑުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އަނެއްކާ ވެސް މިއަދު ދެއްވައިފި އެވެ.
އެ މަނިކުފާނު އެ ޔަގީންކަން ހަފުތާއެއްގެ ތެރޭގައި ދެވަނަ ފަހަރަށް ދެއްވީ މަސްވެރިންނާއި ކެޔޮޅުންނާ އެކު ރައީސް އޮފީހުގައި ބޭއްވެވި ބައްދަލުވުމެއްގައި ކަމަށް އެ އޮފީހުން ބުންޏެވެ.
ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ކެޔޮޅުން އެ މަނިކުފާނާ މިހާތަނަށް ތިން ފަހަރު ރައީސް އޮފީހުގައި ބައްދަލުކޮށްފައިވާއިރު، މިއަދުގެ ބައްދަލުވުމުގެ އެންމެ ބޮޑު ބޭނުމަކީ ވެސް މަސްކިލޯއެއް ގަންނަ އަގު ސަރުކާރުން 20ރ. އަށް ބޮޑުކުރާނެ ތާރީހަކާ ގުޅޭ މައުލޫމާތު ސާފުކުރުމެވެ.
އޭގެ ޖަވާބުގައި ރައީސް ވިދާޅުވީ، މަސް ގަންނަ އަގު ސަރުކާރުން ބޮޑުކޮށްދެވޭނީ، މަސްކިރާތާ 48 ގަޑިއިރުގެ ތެރޭގައި މަސްވެރިންނަށް ފައިސާ ދިނުމުގެ ކަންކަން މެދުނުކެނޑޭނެކަން ޔަގީންވެ، ކަންކަން އެ ގޮތަށް ހަމަޖެހުމުން ކަމަށެވެ.
"ނަމަވެސް މަސް ގަންނަ އަގު ބޮޑުކުރައްވާނެ ކަމުގެ ޔަގީންކަން އެ މަނިކުފާނު ދެއްވި އެވެ،" ރައީސް އޮފީހުގެ ވެބްސައިޓުގައި ވެ އެވެ.
ރައީސް މުއިއްޒާ މިއަދު ބައްދަލުކުރި ބައެއް މަސްވެރިންނާއި ކެޔޮޅުން އެ ބައްދަލުވުމުގައި.---ފޮޓޯ: ރައީސް އޮފީސް
ރައީސް މުއިއްޒު ރިޔާސީ ކެމްޕެއިންގައި ވައުދުވެވަޑައިގެންނެވި ގޮތަށް މިދިޔަ އަހަރުގެ ޑިސެމްބަރު 10 އިން ފެށިގެން އަންނަނީ މަސްވެރިންނަށް 48 ގަޑިއިރުގެ ތެރޭގައި ސަރުކާރުން ފައިސާ ދޫކުރަމުންނެވެ.
މަސް ގަންނަ އަގު މި ސަރުކާރުން 20 ރުފިޔާ އަށް ބޮޑުކޮށްދޭނެ ކަމަށާއި ދެމެހެއްޓެނިވި ގޮތަކަށް އެކަން ކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމުގެ މަޝްވަރާ ބައްދަލުވުންތައް ކުރިއަށް ގެންދަވާ ކަން ރައީސް މުއިއްޒު އިއުލާން ކުރެއްވީ މިދިޔަ ހަފުތާގައި މ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ދިއްގަރު ރައްޔިތުންނާ ބައްދަލުކުރައްވަ އެވެ.
"އަޅުގަނޑު ވީ އެންމެ މުހިންމު ވައުދަކީ [މަސްވެރިންނަށް] 20 ރުފިޔާގެ ވައުދު. އެއީ ވެސް ހަމަ ސަސްޓެއިނަބަލްކޮށް މެދުކެނޑުމެއް ނެތި ކުރިއަށް ގެންދަން ބޭނުންވާ ކަމެއް. ހަމަ ނަމެއްގައި މާދަމާ އިން ފެށިގެން 20 ރުފިޔާއޭ ބުނުމުން އަދި ކަމަކު ނުދޭ،" މި މަހުގެ 22 ވަނަ ދުވަހުގެ ރޭ އެ މަނިކުފާނު ވިދާޅުވި އެވެ.
ސަރުކާރުން މަސް ގަންނަ އަގު 20ރ. އަށް ބޮޑު ކުރަން ފަށާނެ ތާރީހު އޮޅުން ފިލުވުމުގެ އިތުރުން ކެޔޮޅުންގެ ޓީމުން މިއަދު ވަނީ މަސްވެރިންގެ ބައެއް ކަންބޮޑުވުންތައް ވެސް ރައީސާ ހިއްސާ ކޮށްފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އޭގެ ތެރޭގައި ހިމެނެނީ:
- ރާއްޖޭގެ އެންވެރިކަން ދަށްވުން
- މަސްވެރިންނަށް ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ލޯނަށް އެދުމުގައި ހުރި ދަތިތައް
- މަސްވެރިކަމުގެ ލައިސަންސް ހޯދުމަށް ދިމާވާ ދަތިތައް
- މިފްކޯގައި މަސްކިރުމަށް ހުންނަ ކައްޓާތައް ޑިޖިޓަލް ކައްޓާ އަށް ބަދަލުކުރުމަށް ރައީސްގެ އަރިހުގައި އެދުނު
ރައީސް ވަނީ ކަންބޮޑުވުންތަކަށް ހައްލު ލިބޭނެ ގޮތަށް ސަރުކާރުން މަސައްކަތް ކުރާނެ ކަމަށް މަސްވެރިން ގާތު ވިދާޅުވެފަ އެވެ.
އެގޮތުން ސަރުކާރުގެ ސިޔާސަތުގެ ތެރެއިން މަސްވެރިންނަށް ބީއެމްއެލުން ދޫކުރާ ލޯނަށް އެދޭ ގޮތް ފަސޭހަ ކޮށްދިނުމާއި ހުށަހަޅަންޖެހޭ ލިޔެކިޔުން މަދުކުރެވޭނެ ގޮތަކަށް އެކަން ކުރެވޭނެތޯ ބޭންކަށް އެދިވަޑައިގަންނަވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް މުއިއްޒު މަސްވެރިންނާއި ކެޔޮޅުންނާ މިއަދު ބައްދަލުކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް
މަސްވެރިން ވަނީ ރާއްޖޭގައި މިހާރު އެންވެރިކަން އެންމެ ރަނގަޅީ ވ. އަތޮޅުގައި ކަން ފާހަގަކޮށްފަ އެވެ. ޖަވާބުގައި ރައީސް މުއިއްޒު ދެއްވި ޔަގީން ކަމަކީ އެ އަތޮޅުގައި ހިންގާ ބިން ހިއްކުމުގެ މަޝްރޫއުތައް ކުރިއަށް ގެންދާނީ މަސްވެރިންނާ މަޝްވަރާކޮށް، މަސްވެރިންގެ ހިޔާލާ އެކު ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މިއަދުގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވަނީ އެސްޓީއޯ ރޭޓުގައި އަތޮޅުތަކުގައި ތެޔޮ ވިއްކުމުގެ ތަފުސީލް ވެސް މަސްވެރިންނާއި ކެޔޮޅުންނާ ހިއްސާ ކުރައްވައިފަ އެވެ.
ރައީސް މުއިއްޒާ މިއަދު ބައްދަލުކުރި ބައެއް މަސްވެރިންނާއި ކެޔޮޅުން އެ ބައްދަލުވުމުގައި.---ފޮޓޯ: ރައީސް އޮފީސް
"އެގޮތުން އެ މަސައްކަތް އަންނަ އަހަރުގެ މާޗު މަހަށް ނިންމުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ. އަދި މިފްކޯ އިން ތެޔޮ ވިއްކަން ފަށަން ކުރަމުންދާ މަސައްކަތުގެ ތަފުސީލު ވެސް މި ބައްދަލުކުރެއްވުމުގައި ކެއުޅުންނާ ހިއްސާ ކުރެއްވި އެވެ،" ރައީސް އޮފީހުން ބުންޏެވެ.
ރައީސް ވަނީ ސަރުކާރުން މަސްވެރިންގެ އަޑު އަހައި، މަސްވެރިން ބޭނުންވާ ކަންކަން ކޮށްދޭނެ ކަމުގެ ޔަގީންކަން މިއަދުގެ ބައްދަލުވުމުގައި ދެއްވާފައި ކަމަށް އެ އޮފީހުން ބުންޏެވެ.
ސަރުކާރުން މަސް ގަންނަ އަގު 20ރ. އަށް ބޮޑުކުރާނެކަން ރައީސް މިދިޔަ ހަފުތާގައި އިއުލާން ކުރެއްވުމާ އެކު، މޯލްޑިވްސް ސީފުޑް ޕްރޮސެސާސް އެންޑް އެކްސްޕޯޓާސް އެސޯސިއޭޝަން (އެމްއެސްޕީއީއޭ) އިން ވަނީ ކަންބޮޑުވުން ފާޅުކޮށް ބަޔާނެއް ނެރެފަ އެވެ.
މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ކުންފުނިތަކާ ހަވާލާދީ އެ ޖަމިއްޔާ އިން ބުނީ މަސް ގަންނަ އަގެއްގެ ގޮތުގައި ހުށަހަޅާފައިވާ އެ އަގަކީ ބައިނަލްއަގުވާމީ ބާޒާރުތަކަށް ދެމެހެއްޓެނިވި ގޮތެއްގައި މަސް އެކްސްޕޯޓްކުރެވޭ ވަރަށް ވުރެ ބޮޑު އަގެއް ކަމަށެވެ. އޭގެ ސަބަބުން އެ ސިނާއަތުގެ އަމިއްލަ ކުންފުނިތައް ބަނގުރޫޓުވެ ފެކްޓްރީތައް ބަންދުކުރަން ޖެހުމަކީ އެކަށީގެންވާ ކަމެއް ކަަމަށް އެ ޖަމިއްޔާ އިން ބުނެފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސިޔާސް
30 September 2025
ތިކަން ސިޔާސީ ކަމަކަށް ނަހަދަވޭތޯ ބަލާބަލަ. މާކެޓްގައި ނެތް އަގެއްގައި ގެއްލުގައި ކީއްކުރަން މަސްގަންނާކަށް. ހަމަ އަނެއް ދަރަނި އަދި ދެތިން ކުންފުންޏެއް ބަނގުރޫޓު. އެހެން ގައުމުތަކުގަވެސް ކުރާ ކަން ކަމެއް ނޫން. މިހާރުވެސް ކިތަށް ސަބްސިޑީ ދީގެން ބަޔަކު މަހައްދަނީ.
އަހުމަދުު
30 September 2025
ޑީސަލް ސަބްސިޑީ، އައިސް ސަބްސިޑީ، މިހާރު ނުވިތާކަށް ވިއްކާ އަގުވެސް އަހަރަމެންގެ ޓެކްސް ލާރި ބޭނުން ކޮށްގެން ކޮންޓްރޯލު ކޮށްފަ، ދެން ގޮވާ މަސްނުބާނާ ދުވަހުވެސް ލާރިދެން، ކޮންކަހަލަ ބައެއް މިއީ
އާދަމް ހަލީމް
30 September 2025
މަސްވެރިންގެ ރައީސް މިއީ. ސާބަހޭ ރައީސް
ތަމްހީދު ގާސިމް
30 September 2025
މަސްވެރިކަމުގައި އުޅުއްވާ ބޭފުޅުންނަށް އެންމެ ބޭނުންވަނީ ލާރިކޮޅު އަވަހަށް އަތަށް އެރުން
މިރްފާން
30 September 2025
ރައީސް މަސްވެރިންނަށް ދެރަ ގޮތެއްނަހަދާނެ. އެއީ ހަމަ ޔަގީން ކަށަވަރު ކަމެއް.
ސެޕްޓެމްބަރ
30 September 2025
ކްލިނިކް ތަކާއި ފާމަސީތަކުގައިވެސް އެތަށްދިވެހިންނެއް މަސައްކަތްކުރޭ. އެތަންތަނަށް ސަރުކާރުން ދޭންޖެހޭ ފައިސާ ނުދިނުމުން އެތަށް ދިވެހި ޒުވާނެއްގެ ވަޒީފާ އެދަނީ މުސާރަ ދެވެންނެތިގެން ގެއްލެމުން..މަސްވެރިން ފަދައިން އެތަންތަނުގެ ޕޭމަންޓްސް ތަށް ކޮންމެ މަހަކު ނިންމަވާދެއްވާނަމަ ވަރަށް ފުރިހަމަވީސް
ހަސީނު
30 September 2025
ކޮބާތަ ކޮންސެކްޟަން ކުންފުނިތައް
ހިބަރު
30 September 2025
މަސްވެރިންނަށް ވީމަ ބާޒާރުގައި ހުރި އަގަށްވުރެ ބޮޑުކޮށް ގަންނަނީ. އެހެން ވިޔަފާރިތަކަށްވެސް ތިކަން ކޮށްދޭންޖެހޭނެ އެހެންވިއްޔާ. މަސްވެރީން ޚާއްސަވަނީ ކީއްވެގެން؟
ހެޔޮލަފާ ރައީސް
30 September 2025
ރައީސްއަކީ މޭންއެއް އިނގޭ. ރައީސް ކުރާނަމޭ ބުނި ހުރިހާކަމެއް ކޮއްދެއްވާކަމުގެ ހެކި މިހިރީ - ޑޮލަރ ރޭޓް ހަމަމަގަށް ގެންނަވައިފި - ޑިވެލޮޕްމެންޓް ބޭންކް ހިދުމަތްދޭން ފަށައިފި - ޔޫރަޕް ބޭސް މިހާރު ކަންމަތީ ފިހާރައިންވެސް ލިބޭނެ - އާސަންދަ އެމެރިކާ ހިސާބުންވެސް ލިބޭނެ - ބަންކަރިންގ އޮބިނޯވެގެން އެދަނީ - އައްޑު ބްރިޖް ކައުންސިލް އިންތިހާބަށް ހުޅުވާނެ މީގެ ކުރީން ބްރާންޗް މެނޭޖަރ އިފްތިތާހު ކުރާ އޭޓީއެމް ރައިސް ހުޅުވުން އެއީ މުޅީންއެހެން ކަމެއް
ނުއުމާން
30 September 2025
މީގެ ކުރީގަ ދޯނިތައް މަސްވެރިކަމަށް ނިކުމެ އުޅޭއިރު އަބަދުވެސް އޭރަކު އޮންނަށް ސަރުކާރަށް ބަވާތަން ފެނިގެންދަނީ. ނަމަވެސް މި ސަރުކާރުން މަސްވެރިންނާ މެދު ބަހައްޓާ ހާއްސަ ސަމާލުކަމުގެ ސަބަބުން އެ މަންޒަރު ފެނިގެންނެއް ނުދޭ. މަސްވެރިން މި ސަރުކާރަށް ބޮޑުތަނުން އިތުބާރުކުރޭ
ފިރާގް
30 September 2025
އެމްޑީޕީ ސަރުކާރުން މަސްވެރިން ބިކަކޮށް މަލާމާތް ކުރީ.. ވޯޓަށް ފަހު ދުވަހަށް ވެފައި ވަނިކޮށް 25ރ ހެދީމަ މަސްވެރިން އުފާވާނެ ކަމަށް ހީކުރުމަކީ ކުށްހީއެއް.