މުލީ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން ހިއްކި ސަރަހައްދެއް. މުޅި ޖުމްލަ 40 ހެކްޓަރުގެ ބިން ހިއްކާ ނިންމުމަށް ވަނީ ހަމަޖެހިފައި. - ފޮޓޯ: މުލީ ކައުންސިލް
17 ސެޕްޓެމްބަރ 2016 - 15:48
މ. މުލީ ބިން ހިއްކުމުގެ މަސައްކަތް ހުއްޓިފައި އޮންނަތާ ދެ މަސް ފަހުން އަލުން ފަށައިފި އެވެ.
މުލީ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން އެ ރަށުގެ 40 ހެކްޓަރުގެ ބިން ހިއްކަން ސަރުކާރުން ހަވާލުކުރީ 99 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ އެވެ. އެކަމަކު އެ ރަށުގެ ބިން ހިއްކުން ވަނީ ސަބް ކޮންޓްރެކްޓް އުސޫލުން މެލޭޝިއާގެ ކުންފުންޏެއް ކަމަށްވާ އެވޯޝަންއާ ހަވާލުކޮށްފަ އެވެ.
މުލީ ކައުންސިލްގެ ނައިބު ރައީސް އަހުމަދު ޝާތިރު މިއަދު ވިދާޅުވީ ޑްރެޖަރެއް ގެނެސް އަލުން ބިން ހިއްކަން ފެށިތާ މިހާރު ދެތިން ދުވަސް ވެދާނެ ކަމަށެވެ. އާ ޑްރެޖަރެއް ގެންނަން ޖެހުނީ ފުރަތަަމަ ބޭނުންކުރި ޑްރެޖަރުން ފުނުން ވެލި ނުނެގޭތީ ކަމަށް އޭނާ ވިދާޅުވި އެވެ.
މުލީ ބިން ހިއްކުމަށް ވެލި ނަގަނީ އެ ރަށާއި މާޅުވެލި ކިޔާ ފަޅު ރަށާ ދޭތެރޭ އޮންނަ ފަޅު ތެރެއިންނެވެ.
މުލީ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން ހިއްކި ސަރަހައްދެއް. މަސައްކަތް ހުއްޓުމުގެ ކުރިން 23 ހެކްޓަރުގެ ބިން ވަނީ ހިއްކާފައި. - ފޮޓޯ: މުލީ ކައުންސިލް
"އެމީހުން ބުނާ ގޮތުން އަންނަ ނޮވެމްބަރު މަހު މަސައްކަތް އެއްކޮށް ނިންމާލެވޭނެ،" ޝާތިރު ވިދާޅުވި އެވެ.
ޝާތިރު ވިދާޅުވީ ބިން ހިއްކުމުގެ މަސައްކަތް ހުއްޓުމުގެ ކުރިން 23 ހެކްޓަރުގެ ބިން ހިއްކާފައިވާ ކަމަށެވެ. އެހެންކަމުން ބާކީ އަދި 17 ހެކްޓަރުގެ ބިން ހިއްކަން ޖެހެ އެވެ.
"އާ ޑްރެޖަރާއެކު ބިން ހިއްކުން ކުރިއަށްވުރެ ބާރަށް ކުރިއަށްދާނެ ކަމަށް ބެލެވެނީ،" ޝާތިރު ވިދާޅުވި އެވެ.
މުލީގައި ބިމުގެ ދަތިކަން ކުރިމަތިވެ ރަށަށް އިތުރު ބިން ބޭނުންވާތީ، ސަރުކާރުން ކުރިއަށް ގެންދާ މި މަޝްރޫއުގެ ސަބަބުން، މުލީގައި ދިރިއުޅޭ މީހުންނާއި އެރަށަށް ހިޖުރަ ކުރަން ބޭނުންވާ މީހުންނަށް ހިއްކި ސަރަހައްދުގައި ވަޒަންވެރިވުމުގެ ފުރުސަތު އޮންނާނެ ކަމަށް ޝާތިރު ވިދާޅުވި އެވެ.
ބިން ހިއްކުމުގެ މަޝްރޫއު ނިމުމުން މުލީގެ ބިމުގެ ބޮޑުމިން ގާތްގަނޑަކަށް 80 ހެކްޓަރަށް އަރާނެ އެވެ. އާބާދީގައި 1500 އެއްހާ މީހުން ދިރިއުޅެމުން އަންނަ މުލީގައި މިހާރުގެ ބޮޑުމިނަކީ 36 ހެކްޓަރު ކަމަށް އެ ރަށު ކައުންސިލުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެމްސް
18 September 2016
އަތްފޯރާވަރުގެ ބޯހިޔާވަހިކަމެއް ނެތިގެން ރަޢިއްޔަތުން ހަނާވާ އިރު، ސަރުކާރުން އަދިވެސް އިސްކަމެއް މިދެނީ މިލިޔަނުން ކަނޑަށް އަޅަންތާ! މިކަމުގައި ކޮންމެވެސް ސިއްރެއް ވާނެ!
ފިޝާން
18 September 2016
މިފަދަ ޕްރޮޖެކްޓްތަކުން އާންމު ރައްޔިތުންގެ ދިރިއުޅުމަށް ކުރިއެރުމެއްލިބޭތޯ؟ މިއީ 2018 ގައި ކެމްޕޭންކުރަން ދައްކަން އޮތް ބިމެއް، މިކަމުގެ ސަބަބުން އާމްދަނީ އިތުރެއްނުވާނެ
އަލިމަސް
18 September 2016
ފަސް އަހަރުން ހިއްކުނަސް މުލީ މީހުނަށް ފުދޭނެ !!
މުލީ އެދުރުބެ
18 September 2016
މުލީގެ ރަޖިސްޓަރޑް އާބާދީގަ އަދި 1000 ހަމަވި ކަމައަވެސް ހިސާބު ތަކަކުން ނުދައްކާ. ނަމަވެސް މޫވިން ޕޮޕިއުލޭސަން މުލީގަ ވަރައް ބޮޑު. ލަފާކުރެވޭ ޖުމްލަ މޫވިން ޕޮޕިއުލޭސަން އާބާދީ 2000 އާ ގާތްކުރާނެ. މުއްޔަކީ އެކިއެކި ބޭނުންތަކުގައި އަތޮޅުގެ ގިނަ ބަޔަކު ހިދުމަތްތައް ހޯދުމަށް ބޭނުންކުރާ އަތޮޅުގެ މައި ބަނދަރު. ނަމަވެސް މުލީގައި މި އަތޮޅައް ފުދޭވަރައްވެސް ރަގަޅު ހިދުމަތް ތަކެއްނެތް. ރަށައް ހިޖުރަ ކުރަން ބޭނުންވާ މީހުނަށް އިތުރަށް ދޫކުރާވެ ހުސް ބިމެއް ނެތް. ސަރުކާރުގެ ވައުދު ތަކާއެއްގޮތައް ކުރެވެން ފެށި ބިން ހިއްކުމުގެ މަސައްކަތައް 2 އަހަރާ ބައިވެގެން ދިޔައިރު 40 ހެކްޓަރ ބިމެއް ކޮންޓެކްޓް ހަވާލުކުރި ޗައިނާގެ ކުންފުންޏަކަށް ހިއްކައެއް ނުދެވުނު. މަސައްކަތުގެ މެދުކެޑުމަކަށްފަހު މިހާރު މަސައްކަތާއި ހަވާލުވެގެން އައި އިންޑިއާގެ ކުންފުންޏަށްވެސް އެދެވޭ ގޮތަކަށް މަސައްކަތް ނުކުރެވޭކަން ހިތާމައާއެކު ފާހަގަ ކުރަން. އަދިވެސް ލަފާ ކުރެވޭ ގޮތުގައި ބިން ހިއްކުމުގެ މަސައްކަތައް މި ލޯ ސްޕީޑްގައި ދާނަމަ 2 އަހަރެއްހާ ދުވަސް ނަގާނެ.
މުހައްމަދު
18 September 2016
މިއީ ރައީސް ޔާމީންގެ ސަރުކާރުގެ ވައުދުތައް ފުއްދާކަމުގެ ހެއްކެއް... މާލޭގެ އިތުރުން ރާއްޖެ ތެރޭގެ ރަށްތައް ތަރައްގީ ކުރުމަށް މިސަރުކާރުން އިސްކަމެއް ދޭ ކަމުގެ ހެއްކެއް... ސުކުރިއްޔާ ރައީސް ޔާމީން
ހުޅު ނަޝީދު
18 September 2016
ކިތަންމެ ވަރަށް ޑިސްލައިކަށް ފިތިއަސް މުހައްމަދު ތިބުނީ ތެދެއް. ލޮލަށް ކޯނއްޗެއް އެޅިފައި ތިބޭތީބާ ނުފެންނަނީ. ތަރައްގީގެ 500 އަށް ވުރެ ގިނަ މަޝްރޫއު ކުރިއަށް ގެންދާކަންވެސް މިބައިގަނޑަށް އެނގޭ. ވަކި ސަރުކާރަކުން ކުރާތީ ހަޖަމް ނުވަނީ.
މަރީ
18 September 2016
ކޮންމެ ސަރުކާރެއްގައިވެސް ކޮރަޕްސަން ހިންގަން މަގުފަހިކުރާ ބަޔަކީ ސަރުކާރު ހިންގާ ކުންފުނިތަށް.
ރަނޭ
18 September 2016
2000 މީހުންނެތް ނޫންތަ؟؟ 1000 ވެސް އަދި ހަމަނުވެ. ސައްހަ މަައުލޫމާތު ހޯދަިގެން ލިޔާނަމަދޯ
ޜރރ
17 September 2016
ޢާބާދީ 1500، ބިންހިއްކަން 99 މިލިޔަން. ލޮލް މިއޮތީ މިރާއްޖެ ތަރައްގީވެފަ. ދެން ކުރަންވީ ކަމަކީ ހަންދުގަ ނެރުބައްތިއެއް ޖަހަންވީ.
ބބބ
18 September 2016
ރަނގަޅު އެއްގިތްވެސް ނޯންނަނީ އޭ ދޯ؟ ބިން ނުހިއްކާނމަ ބުނާނެ މާލެ އެކަންޏޭ ތަރައްގީ ވަނީ. އެކޮމެންޓް ކުރާ މީހާ އަނެއްދުވަހު ކުރާނެ ކޮމެންޓް ތިކުރީ. ވަކި ސަރުކާރަކުން ކުރާތީ ރަނގަޅު އެއްކަމެއްވެސް ނޯންނަނީ. ބިން ހިއްކަން އެޖެހެނީ ބިން ފުރިގެން. ދެން ކޮބާ 200 މީހުން އުޅުނަސް މައްސަލައަކީ.
މާމަ ދަރި
17 September 2016
މަވެސްމީ މ. ޢަތޮޅު ރައްޔިތެއް މުއްޔާ މާޅަވެއްޔާ ދެމެދު ކަންޑުންވެލިނަގަން އެދެރަށްދެމެދު ކަނޑެއް އޮންނަކަމެއް ނުދެނަހުރިން އަދި މުއްޔަކީ އަދި އާބާދީގަ 1000 މީހުންވެސްހަމަ ނުވާ ރަށެއް.
ޢަބުރެހިމް
17 September 2016
ޝުކުރިއްޔާ ރައީސް އަބްދުﷲ ޔާމީން