ކުޅިވަރު / އޭވީސީ ސެންޓްރަލް ޒޯން ވޮލީ ބޯލް ޗެމްޕިއަންޝިޕް

ނޭޕާލް އަތުން ބަދަލުހިފަން ރާއްޖެ އަށް ފުރުސަތެއް

2017 ވަނަ އަހަރު މާލޭގައި ބޭއްވި އޭވީސީ ސެންޓްރަލް ޒޯން މުބާރާތުގައި ރާއްޖެ އާއި ނޭޕާލް ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: މިހާރު ފައިލް ފޮޓޯ

ކަތުމަންޑޫ އިން،  އައްޒާމް އަލިފުޅު، މިހާރު

21 އޯގަސްޓް 2019 - 08:41

7 comments

މީގެ ދެ އަހަރު ކުރިން މާލޭގައި އޮތް އޭވީސީ ސެންޓްރަލް ޒޯން މުބާރާތުގައި ރާއްޖޭން މޮޅުވާން މަޖުބޫރު މެޗެއްގައި ނޭޕާލް އަތުން 3-1 އިން ބަލިވެ ފުރުސަތު ގެއްލުނެވެ. އަމިއްލަ ފަސްގަނޑުގައި ކުޅުނު ބައިނަލްއަގުވާމީ މުބާރާތުން ކުރިއަށްދިއުމުގެ ހުރިހާ ދޮރެއް ގާތްގަނޑަކަށް ރާއްޖެ އަށް ބަންދުވީ އެ މެޗަށް ފަހު އެވެ. އެ މެޗުގެ ބަދަލުހިފަން މިއަދު މިއޮތީ ރަނގަޅު ފުރުސަތެކެވެ.

ނޭޕާލުގެ ކަތުމަންޑޫގައި މިހާރު ކުރިއަށްދާ ސެންޓްރަލް ޒޯން މުބާރާތުގައި ރާއްޖެ ހިމެނޭ ގްރޫޕުން މިހާރު ސެމީގެ ޖާގަ ކަށަވަރުކޮށްފައިވަނީ ކިރްގިސްތާން އެވެ. ކިރްގިސްތާނުން ވަނީ ނޭޕާލާއި ރާއްޖޭގެ މައްޗަށް ސީދާ ތިން ސެޓުން ކުރިހޯދައިފަ އެވެ. ކިރްގިސްތާނުން ނޭޕާލް ބަލިކުރީ 25-23، 25-22 އަދި 25-22 އިން ސެޓުތައް ގެންގޮސްގެންނެވެ. އަދި ރާއްޖޭގެ މައްޗަށް އިއްޔެ ކުރިހޯދިއިރު ސެޓުތައް ގެންދިޔައީ 25-15، 26-24 އަދި 25-19 އިންނެވެ.

މި ގްރޫޕުން ސެމީގެ ފަހު ޖާގަ ލިބޭނީ ރާއްޖެ އާއި ނޭޕާލް ކުޅެގެން މޮޅުވާ ޓީމަކަށެވެ. އެ ގޮތުން މަރުގެ މެޗަކަށް ނުކުންނައިރު ރާއްޖޭން ހިތްވަރު ހޯދަން ބަލާއިރު މާޒީން ފިލާވަޅު ނެގުން ވެސް މުހިއްމެވެ. އެ ގޮތުން 2017 ވަނަ އަހަރު މާލޭގައި ކުޅުނު މުބާރާތުގައި ރާއްޖޭގެ ކުޅުންތެރިންގެ މައްޗަށް ފަހަތުން އަރައި ނޭޕާލުން ކުރިހޯދުމުން އެ ދުވަހު ރާއްޖޭގެ ކުޅުންތެރިންގެ ފަރާތުން ފެނުނު މާޔޫސްކަން އަދިވެސް ގިނަ ކުޅުންތެރިންގެ ހަނދާނުގައި ހުންނާނެ އެވެ.

މާލޭގައި ރާއްޖެ ބަލިކުރުމަށް ފަހު ނޭޕާލް ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: މިހާރު ފައިލް ފޮޓޯ

މި ފަހަރުގެ މުބާރާތުގެ ޝެޑިއުލް އެންމެ ފުރަތަމަ ރާވާފައި އޮތްގޮތުން މި ގްރޫޕުގެ ފުރަތަމަ މެޗު ކުޅެން އޮތީ ރާއްޖެ އާއި ނޭޕާލް އެވެ. އެކަމަކު ފަހުން ޝެޑިއުލަށް ބަދަލުގެނައިރު، ރާއްޖެ އާއި ނޭޕާލް އެންމެ ފަހުން ކުޅޭ ގޮތަށް ބަދަލުގެނަ އެވެ. އަދި ރާއްޖެ މި މެޗު ކުޅެން ޖެހޭނީ ކިރްގިސްތާނާ ދެކޮޅަށް ކުޅޭތާ 24 ގަޑިއިރު ވެސް ހަމަނުވަނީހެވެ. އެހެންކަމުން ތައްޔާރީތަކަށް ބަލާއިރު ނޭޕާލަށް ކޮންމެވެސް ވަރަކަށް ހަމަޖެހިލުމުގެ ފުރުސަތު އެބައޮތެވެ.

ގައުމީ ޓީމުގެ ކޯޗު މުހައްމަދު ސާޖިދު (ކުޑަކާއްޓެ) ކުރިން ބުނީ މުބާރާތުގެ ކަންތައްތަކަށް ގެނައި ބަދަލާ އެކު ގޮންޖެހުންތަކެއް ހުރި ނަމަވެސް ފޯކަސް އަށް ބަދަލުނާންނަ ކަމަށެވެ. ތަށްޓަށް އަމާޒުކޮށް ރާއްޖޭން މި މުބާރާތަށް ނުކުމެފައިވާއިރު، މުބާރާތުގައި ކުރިއަށް ދެވެން އޮތީ މިއަދު ނޭޕާލުގެ ސަޕޯޓަރުންގެ ކުރިމަތީގައި ނަތީޖާ ނެރެގެންނެވެ.

"ކޮންމެ ގޮތެއް ވިޔަސް މޮޅުވުން ނޫން ގޮތެއް ނޯންނާނެ. އެ ކޮންމެ ގޮތަކަށް ވެސް މޮޅުވާން މަޖުބޫރު. އެއީ ފަސް ސެޓު ކުޅެގެން ކަމުގައިވިޔަސް. މޮޅުވީމަ އަޅުގަނޑުމެންނަށް ސެމީ އަށް ދާން ފުރުސަތު އެބައޮތް. އަޅުގަނޑުމެން އެންމެ ފަހު ޕޮއިންޓާ ޖެހެންދެން ވެސް ހިތްވަރުކުރާނަން. އިރާދަކުރެއްވިއްޔާ ދުލެއް ނުކުރާނަން،" އިއްޔެ ކިރްގިސްތާނާ ދެކޮޅަށް ކުޅުނު މެޗަށް ފަހު ކާއްޓޭ ބުންޏެވެ.

ރާއްޖޭގެ ކުޅުންތެރިންނަށް ދިމާވާ އެންމެ ބޮޑު މައްސަލަ އަކީ ސެޓު ނިންމާލުމުގަ އެވެ. މެޗުގެ އެންމެ ޕްރެޝަރު ވަގުތުގައި ބޮޑު ލީޑެއްގައި އޮތަސް ހެދޭ ކުދިކުދި ގޯސްތަކެއްގެ ސަބަބުން ލީޑު ސޮއްސާލައިގެން ގޮސް ސެޓު ގެއްލި ޕްރެޝަރަށް ދަނީ އެވެ. ނޭޕާލުން މިއަދުގެ މެޗުގައި އަމިއްލަ ގައުމުގައި ކުޅުމުގެ އެޑްވާންޓޭޖް ނަގަން ހުރިހާ ގޮތަކުން މަސައްކަތްކުރާނެ އެވެ. ފުރަތަމަ މެޗުގައި ކިރްގިސްތާނާ ދެކޮޅަށް ކުޅުނުއިރު ވެސް އެކަން ފެނިގެންދިޔަ އެވެ. މެޗުތައް ކުޅޭ އިންޑޯގައި ގޮނޑި ޖަހާފައި ހުރި އަދަދަށް ވުރެ އިތުރަށް ސަޕޯޓަރުން ވައްދައިގެން ވެސް އިދިކޮޅު ޓީމަށް ޕްރެޝަރުކުރަން މަސައްކަތްކުރިތަން ފެނުނެވެ.

ގައުމީ ވޮލީ ޓީމުގެ ކޯޗު މުހައްމަދު ސާޖިދު (ކާއްޓެ). -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ނޭޕާލުން މިހާރު މަސައްކަތްކުރަމުން އަންނަނީ ނެދަލެންޑްސްގެ ކޯޗު ހޭން އެބިންގެ އިރުޝާދުގެ ދަށުންނެވެ. ފުރަތަމަ މެޗަށް ފަހު ކިރްގިސްތާންގެ ކޯޗު އަންދްރޭ އެންކުޑިނޯފް ވެސް ވަނީ އެބިންގެ ކޯޗުކަމުގައި ނޭޕާލުގެ ކުޅުމުގެ ވައްޓަފާޅި އަށް ބަދަލު އައިސްފައިވާ ކަމަށް ބުނެފަ އެވެ.

މި މުބާރާތަށް ތައްޔާރުވާން ނޭޕާލުން ވަނީ އެ ގައުމުގައި އަފްގާނިސްތާނާ ދެކޮޅަށް ދެ މެޗު ކުޅެފަ އެވެ. މި މުބާރާތުގެ ކުރިން އެބިން ބޭނުންވި ސިސްޓަމަށް ނޭޕާލުގެ ކުޅުންތެރިން ހާނުވާލަން އަފްގާނިސްތާން މެޗުތަކުގެ ބޭނުން ރަނގަޅަށް ހިފި އެވެ.

ގައުމީ ވޮލީ ޓީމުން މި ފަހަރުގެ ސެންޓްރަލް ޒޯން މުބާރާތަށް މި ކުރިމަތިލީ މިހާތަނަށް ރާއްޖޭގެ ވޮލީ ޓީމަކަށް ތައްޔާރުވާން ލިބިގެންދިޔަ އެންމެ ރަނގަޅު ފުރުސަތުތަަކަށް ފަހު އެވެ. އެ ގޮތުން މިދިޔަ ޖުލައި މަހު އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް ދިއުމުގެ ކުރިން ވަނީ ސާބިއާގައި މަތީ ފެންވަރުގެ ޓްރެއިނިން ކޭމްޕެއް ފުރިހަމަކޮށްފަ އެވެ. އަދި ސެންޓްރަލް ޒޯން މުބާރާތަށް ތައްޔާރުވާން ސަރަހައްދުގެ ވޮލީގައި ގަދަބާރެއްގެ ގޮތުގައި އޮތް ސްރީ ލަންކާއާ ދެކޮޅަށް ތިން މެޗު ކުޅެ ބަލިވި ނަމަވެސް ސެޓު ގެންގޮސް ރަނގަޅު ވާދައެއްކުރި އެވެ.

އެންމެ ފަހުން ސެންޓްރަލް ޒޯނުގައި ރާއްޖެއާ ދެކޮޅަށް ކުޅުނު ދެ މެޗުން ވެސް ނޭޕާލް ވަނީ ރާއްޖޭގެ މައްޗަށް ކުރި ހޯދައިފަ އެވެ. މިދިޔަ އަހަރު ބަންގްލަދޭޝްގައި އޮތް މުބާރާތުން ވެސް ވަނީ ރާއްޖެ ބަލިކޮށްފަ އެވެ. އެ ހުރިހާ ކަމަކަށް ބަލާއިރު މިއަދުގެ މެޗަކީ ރާއްޖޭން މި މުބާރާތުގައި ކުރިއަށް ދިއުމުގެ އަޒުމާއި ގައުމީ ޖޯޝުގައި ކުޅެ ނޭޕާލް އަތުން ބަދަލުހިފަން ލިބޭނެ ރަނގަޅު ފުރުސަތެކެވެ. އަނެއްކޮޅުން ރާއްޖެ ޓީމަށް ޕްރެޝަރުގައި ރަނގަޅު ކުޅުމެއް ނުދެއްކުމަށް ދިމާވާ ގޮންޖެހުންތަކުން އަރައިގަންނަން ވެސް މި މެޗުގެ ބޭނުންހިފިދާނެ އެވެ.

ނޭޕާލާއި ރާއްޖެ ކުޅޭ މެޗު ފަށާނީ މިއަދު ރާއްޖެ ގަޑިން 4:15 ގަ އެވެ.

7 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 0%
icon angry icon angry 50%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނަޖާޙް

21 August 2019

ޤައުމީ ވޮލީޓީމް އެކުލަވާލުމުގައި ރާއްޖޭގައި ތިބިއެންމެ އިސްކޮޅުން ދިގު ކުދިންހިމަނައިގެން ރަނގަޅު ތަމްރީން އަދި ތަރުބިއްޔަތު ދީގެން މެނުވީ ވޮލީން އެދެވޭ ރަނގަޅު ކާމިޔާބީއެއް ބައިނަލްއަޤްވާމީ މުބާރާތަކުން ހޯދިދާނެކަމަކަށް ނުބެލެވޭ، ކުރިއަރާފައިވާ ޤައުމު ތަކުގައިވެސް ވަރަށް ބޮޑަށް އިސްކަން ދޭކަމަކަށް ވާތީވެ އަދި ސަޕޯޓަރަކަށްވެ މެޗްބަލަން އިންނަ އިރު ރާއްޖެ ޓީމަށް އެންމެ ބޭނުންވަނީ އިސްކޮޅުން ދިގު ހުނަރުވެރި ޕްލެއަރުން ކަމަށްވާތީވެ..(ސުކުރިއްޔާ)

The name is already taken The name is available. Register?

ހުސެންޑީ

21 August 2019

އިރާދަ ކުރެއްވިއްޔާ މިއަދު ދިވެހި ޓީމް މޮޅުވާނެ. ދެން އެސޮރުމެން ކަމީނާކަންވެސް ބޮޑީއޭ މާބޮޑަށްވެސް. ހިކިކަމުން އެތިބަ ސޮރުން ވަޔާ ގޮސްދާނެހެން ހީވަނީ. ޝާމިލްމެން ރޮބަޓްމެން ގޮތަށް ވަރުގަދަކޮށް ތިބޭނަމަހީވެސް ދޯ

The name is already taken The name is available. Register?

ވިސްނޭ..

21 August 2019

ނުވާނެ ތިކަމެއް..ބަލި ނޫން އަޑެއް..ލަދުން ބޯހަލާކު...ލާރިލާރި ހުސްކުރޭ....

The name is already taken The name is available. Register?

ބަބޫ

21 August 2019

ބުނަން އޮތް އެތި ބޮޑުކަމުން ނެތް ބުނެވޭކަށް. އެހެން ނަމަވެސް، ދިވެއްސަކަށްވީތީ، އެންމެ ފަހު ވަގުތާ ޖެހެންދެންވެސް ހަމަ ސަޕޯރޓް ކުރެވޭނީވެސް އަދި މޮޅުވާންއެދި ދުވާކުރެވޭނީވެސް ދިވެހިޓީމަށް. ކުދިންނޭ!!! ފިސާރި ހިތްވަރެއްލައިގެން ތި މެޗު ދަމާ ގެނެބަލަ.

The name is already taken The name is available. Register?

ފުންއަސަރު

21 August 2019

ރާއްޖޭޓީމުންވެސް ގަދަހިތްވަރާއެކު ކުޅެފިނަމަ، ނޭޕާލްގެ މައްޗަށް ކުރިހޯދުމަކީ އުނދަގޫކަމެއްނޫން. ބޭނުންވަނީ ކުޑަވެސް ދުލެއްނުދީ ހިތްވަރާއެކު މަސައްކަތްކުރުން. ސާވްކުރާއިރު އިތުރަށް ފަރުވާ ބަހައްޓައިގެން ކުޅުން. ވަރަށް ގިނަފަހަރު ރާއްޖޭގެ ސާވްތައް މިސްކޮށްލުމުން ސަޕޯޓްކުރަން ހުންނައިރުވެސް މާޔޫސްކަން ގެނުވާ. އެކަމަކު އިރާދަކުރެއްވިއްޔާ މިއަދު ރާއްޖޭގެ ޓީމަށް ނޭޕާލްގެ މައްޗަށް ކުރިހޯދޭނެ. އިންޝާﷲ!

The name is already taken The name is available. Register?

ކަރީމުއްދީން ބާޝާ

21 August 2019

ބަދަލުހިފާނެކަމެއް ނެތް. ދެން އަވަހަށް ރަށަށް އާދޭ.

The name is already taken The name is available. Register?

ހަމަހުން ދަވާލި ޗޯރު

21 August 2019

ވިއްސަށް ދާއިރު ހަ ޕޮއިންޓްގެ ލީޑެއް އޮވެފަ ސެޓް ނުނިންމޭ ބަޔަކަ މި ދައްކަނީ އަދިވެސް ބަދަލު ހިފާ ވާހަކަ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454