ރާއްޖޭގެ ކޯޗު މުހައްމަދު ސާޖިދު (ކާއްޓޭ).-- ފޮޓޯ: ނިޝާން އަލީ/ މިހާރު
22 އޯގަސްޓް 2019 - 08:55
އޭވީސީ ސެންޓްރަލް ޒޯން ސެމީ ފައިނަލުގައި މިއަދު އުޒްބެކިސްތާނާ ދެކޮޅަށް ކުޅޭއިރު ބޭނުންވަނީ އިއްޔެ ނޭޕާލާ ދެކޮޅަށް ކުރި ހިތްވަރާއި އެ ޖޯޝުގައި ކުޅުން ކަމަށާއި އެގޮތަށް ގޮސްފިނަމަ ކާމިޔާބު ހޯދޭނެ ކަމަށް ގައުމީ ވޮލީ ޓީމުގެ ކޯޗު މުހައްމަދު ސާޖިދު (ކާއްޓެ) ބުނެފި އެވެ.
ފުރަތަމަ މެޗުގައި ކިރްގިސްތާން އަތުން ސީދާ ތިން ސެޓުން ބަލިވި ނަމަވެސް ތިން ޓީމު ވާދަކުރާ މި ގްރޫޕުގެ ދެ ވަނަ ޓީމުގެ ގޮތުގައި ރާއްޖޭން ސެމީގެ ޖާގަ ކަށަވަރުކުރީ އިއްޔެ ސީދާ ތިން ސެޓުން މުބާރާތް ބާއްވާ ނޭޕާލް ބަލިކޮށްގެންނެވެ. ރާއްޖޭން މޮޅަށް ކުޅުނު މި މެޗުގެ ސެޓުތައް ދިޔައީ 25-22، 25-21 އަދި 25-14 އިންނެވެ.
ކާއްޓޭ ބުނީ ފުރަތަމަ މެޗުގައި ކިރްގިސްތާނާ ދެކޮޅަށް ދެ ވަނަ ސެޓުގައި ކަންތައް ދިމާވި ގޮތް ނޫން އެހެން ހުރިހާ ކަމެއް ދަނީ ރަނގަޅަށް ކަމަށާއި ނޭޕާލާ ދެކޮޅަށް ކުޅުންތެރިން ދެއްކި ހިތްވަރު ފާހަގަކުރާ ކަމަށެވެ.
"އެންމެ ފުރަތަމަ ޓީމުގެ އަޒުމަކަށްވީ ހަމަ ނޭޕާލު މެޗުން މޮޅުވެގެން ސެމީ ފައިނަލަށް ދިއުން. ކުޅުންތެރިން ވެސް ތިބީ އެ އަޒުމުގައި. ދެން މާތް ﷲ އިރާދަކުރެއްވިއްޔާ ނޭޕާލް ހޯމްގައި ނޭޕާލްގެ އެތައް ސަތޭކަ ސަޕޯޓަރުންގެ ކުރިމަތީގައި މިހާ މޮޅަށް ކުޅެ މޮޅުވީމަ ހަމަ ވަރަށް އުފާވެއްޖެ ވަރަށް ބޮޑަށް ޝުކުރު ކުރަން،" ކާއްޓޭ ބުންޏެވެ.
ކާއްޓޭ ބުނީ ޓީމު އެކުވެގެން އެ ކުރާ ހިތްވަރާއި ޓީމެއްގެ ގޮތުގައި އެކުރާ މަސައްކަތް ކުރިއަށްގެންގޮސްފިނަމަ ކާމިޔާބު ދެމެހެއްޓޭނެ ކަމަށެވެ.
"ހަގީގަތުގައި ވެސް ރާއްޖެ ޓީމު މިހާރު މޮޅު. މިދިޔަ މެޗުތަކުގައި ވެސް ހަމަ މޮޅު ކުޅުމެއް ދެއްކީ. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް މެޗުތަކުގައި ވެސް ވަރަށް މޮޅަށް ރާއްޖެ ޓީމުން ކުޅޭނެ ކަމުގެ އުއްމީދު އަޅުގަނޑަށް އެބައޮތް. ހަމަ ކުޅުންތެރިން އެ އޮތް ޖޯޝުގައި އެ ފޯރީގައި ޖައްސައިފިއްޔާ އިރާދަކުރެއްވިއްޔާ ހަމަ ކޮންމެ ޓީމެއް ކައިރީގައިވެސް ކުޅެވޭނެ،" 2017 ވަނަ އަހަރުގެ ފަހުކޮޅުގައި އަލުން ރާއްޖެ ޓީމުގެ ހެޑް ކޯޗުކަމާ ހަވާލުވި ކާއްޓެ ބުންޏެވެ.
މިއީ 2016 ވަނަ އަހަރު ބަންގްލަދޭޝްގައި އޮތް ސެންޓްރަލް ޒޯން މުބާރާތަށް ފަހު ރާއްޖޭން މުބާރާތުގެ ސެމީ ފައިނަލަށް ދިޔަ ފުރަތަމަ ފަހަރެވެ. ސެމީގައި ރާއްޖެ ބައްދަލުކުރަން ޖެހޭނީ މުބާރާތުގެ އެންމެ ވަރުގަދަކޮށް އޮތް އުޒްބެކިސްތާނާ ދެކޮޅަށެވެ. އުޒްބެކިސްތާން ވަނީ ގްރޫޕް ބީގައި ކުޅުނު ތިން މެޗުގައި ވެސް ސީދާ ތިން ސެޓުން މޮޅުވެފަ އެވެ. އެ ޓީމު ކުރިހޯދީ ބަންގްލަދޭޝް، އަފްގާނިސްތާން އަދި ތުރުކުމެނިސްތާންގެ މައްޗަށެވެ.
"އަޅުގަނޑު އަބަދުވެސް ވިސްނާ ގޮތަކީ އިދިކޮޅަށް ނުކުންނަ ޓީމަކީ ބަލި ޓީމެއް ނޫނޭ. އަޅުގަނޑުމެންނަށް ވުރެ މޮޅު ޓީމެއް ކަމަށް ދެކިގެން ހަމަ އެ އަށް ވުރެ ފޯރީގައި އަޅުގަނޑުމެން ނުކުންނާނީ. ކޮންމެ ޓީމަކާ ޖެހުނަސް އިންޝާﷲ އަޅުގަނޑުމެންގެ ޓީމު ހަމަ މޮޅަށް ކުޅޭނެ." ސެމީ ފައިނަލާ ބެހޭގޮތުން ކާއްޓެ ބުންޏެވެ.
ނޭޕާލުގެ ކޯޗު ނެދަލެންޑްސްގެ ހޭން އެބިން ބުނީ ދެ ސެޓު ގެއްލުމުން ނޭޕާލް ކުޅުންތެރިން އަމިއްލަ އަށް މެޗު ދޫކޮށްލީ ކަމަށާއި ފަހުން ޓީމު އޮތީ ގޭމުން ބޭރުވެފައި ކަމަށެވެ. އަދި މި މެޗުގައި ރާއްޖެ އަށް ލިބުނު ކާމިޔާބަކީ ފުރުސަތުތަކުގެ ބޭނުން ހިފައި މޮޅަށް ކުޅެގެން ހޯދި މޮޅެއް ކަމަށް ބުންޏެވެ.
ރާއްޖެ އާއި އުޒްބެކިސްތާން ކުޅޭ ސެމީ ފައިނަލް މެޗު އޮންނާނީ މާލެ ގަޑިން މިއަދު ހަވީރު 15:45 ގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ާާއިހްލާސް
22 August 2019
މޮޅު ޓީމްތަކާއެކު ކުޅޭ އިރު މިސްޓޭކް މަދުކުރަންޖެހޭ ، ރާއްޖެ ޓީމް ކުޅޭއިރު އެޓޭކް ކުރާ ކުޅުންތެރިޔާ އިދިކޮޅުޓީމަށް ދެނެގަންނަން ފަސޭހަވަނީ. އެހެންވެ އެޓޭކް ކާމިޔާބު ނުވަނީ ، އިރާދަ ކުރެއްވިޔާ ރާއްޖޭ ޓީމަށް ކާމިޔާބު ލިބޭނެ.
ބާގިރު
22 August 2019
ސީދާ 3 ސެޓުންވާނީ ބަލި
މޮޔަސޭޓް
22 August 2019
ދިވެހި ޓީމަށް ކާމިޔާބު މިންވަރު ކުރައްވާށި. އާމީން
ބާބާ
22 August 2019
ރާއްޖެއަށްވުރެ މޮޅު ޓީމަކާއެކު ކުޅޭއިރު ޖޯޝަކުން ކުރާނެ ކަމެއްނޯންނާނެ. ރަގަޅު ޖޯޝަކީ ކާމިޔާބު ހޯދުމުގެ ބައެއް. އެކަމަކު އަހަރުމެންނަށްވުރެ މޮޅު ޓީމަކާއެކު ކުޅޭއިރު ބަލަންވާނީ އެމީހުން އަހަރުމެންގެ ވީކުނަސް އެކްސްޕްލޮއިޓް ކުރާ ގޮތުގެ ތިންހަތަރު ގުނައަށް އަހަރުމެން އެމީހުންގެ ވީކްނަސް އެކްސްޕްލޮއިޓް ކުރުން. އެނޫގޮތަކަށް އަހަރުމެން މޮޅުވާނީ އެމީހުންގެ ނަސީބެއް ނެތިއްޔާ. އެކަމަކު ނަސީބަކީވެސް ބުރަމަސައްކަތް ކުރާމީހުން ފަހަތުން ދުވާއެއްޗެއް.