ގައުމީ ވޮލީ ޓީމުގެ ކުޅުންތެރިންނާ އެކު ޓީމުގެ މެނޭޖަރު އަޝްރަފް (ކ.1) އާއި ސްޕޯޓްސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު އިބްރާހިމް.-- ފޮޓޯ: މިހާރު
23 އޯގަސްޓް 2019 - 19:52
އޭވީސީ ސީނިއާ މެންސް ސެންޓްރަލް ޒޯން ވޮލީބޯލް ޗެމްޕިއަންޝިޕްގެ ތިން ވަނަ ހޮވާ މެޗުގައި މިއަދު ހަވީރު ތުރުކުމެނިސްތާން އަތުން ސީދާ ތިން ސެޓުން ބަލިވެ ރާއްޖެ މުބާރާތުގެ ހަތަރު ވަނައިން ފުއްދާލަން ޖެހިއްޖެ އެވެ.
ތުރުކުމެނިސްތާނުން ސެޓުތައް ގެންދިޔައީ 25-19، 25-20 އަދި 25-19 އިންނެވެ. ސެމީގައި ތުރުކުމެނިސްތާން ބަލިވީ ރާއްޖޭގެ މައްޗަށް ވެސް މި މުބާރާތުގައި ކުރިހޯދި ކިރްގިސްތާން އަތުންނެވެ. ހަތް ގައުމު ވާދަކުރި މި މުބާރާތުގައި ރާއްޖޭން މި ފަހަރު ތަށްޓަށް ޓާގެޓް ކޮށްގެން ނުކުތް ނަމަވެސް އެކަން ހާސިލްނުވިއިރު، ތިން ވަނަ ވެސް ނުލިބުނެވެ.
ގައުމީ ޓީމުގެ ކޯޗު މުހައްމަދު ސާޖިދު (ކާއްޓޭ) ބުނީ ޓީމުގެ ފަރާތުން މިއަދު ދަށް ކުޅުމެއް ފެނިގެންދިޔައިރު ޓީމު ތެރޭގައި މެޗުން މޮޅުވެ ތިން ވަނަ ހޯދަން ބޭނުންވާ ފަދަ ރޫހެއް ވެސް ނެތް ކަމަށެވެ.
"މުޅި މެޗަށް ބަލާއިރު އަޅުގަނޑަށް ދެންނެވޭނީ މެޑަލް ހޯދަން އުޅޭ ކަހަލަ ރޫހެއްގައެއް ނޫން ޓީމަށް ކުޅެވިފައި އޮތީކީ. ޓީމުގެ ކޯޓު މަތީގައި އެ އޮންނަ ފޯރި ވެސް އެއްގޮތަކަށް ވެސް ނުފެނޭ. ވާނެ ގޮތަކީ ޓީމު ތެރޭގައި (މި މެޗުގައި) ނެތް ކަމެއް ކިހިނެއް އަޅުގަނޑުމެން ނެރޭނީ،" މެޗަށް ފަހު ކާއްޓެ ބުންޏެވެ.
ނޭޕާލުގެ ޓްރިބުވާން އާމީ ކްލަބްގެ އިންޑޯ ކޯޓުގައި މިއަދު ކުޅުނު މެޗުގެ ފުރަތަމަ ސެޓު ފަށައިގެން ދެ ޓީމުގެ ފަރާތުން ފެނުނީ ހަމަހަމަ ކުޅުމެކެވެ. ތުރުކުމެނިސްތާނުން ފުރަތަމަ ސެޓުގެ ޓެކްނިކަލް ޓައިމްއައުޓާ ހަމައަށް ދިޔައިރު ލީޑުގައި އޮތީ 8-6 އިންނެވެ. ރާއްޖޭން ސެޓުގެ މެދަކާ ހަމައިން ދެ ފަހަރެއްގެ މަތިން އެއްވަރުކުރި އެވެ. އެއީ 13-13 އާއި 18-18 އިންނެވެ. އެކަމަކު އޭގެ ފަހުން ގިނަ ގޯސްތަކެއް ހެދިގެން ތުރުކުމެނިސްތާން ސެޓު ގެންދިޔައީ 25-19 އިންނެވެ.
ދެ ވަނަ ސެޓު ފަށައިގެން ވެސް ހަމަހަމަކޮށްދިޔަ ނަމަވެސް އަބަދުވެސް ލީޑުގައި އޮތީ ތުރުކުމެނިސްތާނެވެ. އެކަމަކު ރާއްޖޭގެ ދެ ކުޅުންތެރިން ކަމަށްވާ ކެޕްޓަން އަލީ ހުޒާމް (ހުޒަންޓެ) އާއި އިސްމާއިލް ސާޖިދު (ކުޑަކާއްޓެ)ގެ ރަނގަޅު ކުޅުންތަކަކާ އެކު ރާއްޖޭން ސެޓުގެ މެދުތެރެއިން އެއްވަރުކުރި އެވެ. އެކަމަކު އޭގެ ފަހުން ވެސް އަނެއްކާ ވެސް ގޯސްތަކެއް ތަކުރާރުވެ ރާއްޖެ އަށް ސެޓު ގެއްލުނީ އެވެ. މި ސެޓު ދިޔައީ 25-20 އިންނެވެ.
ރާއްޖެ އަށް ފުރަތަމަ ދެ ސެޓު ގެއްލި، ކުޅުންތެރިންގެ ފަރާތުން ވަރުބަލިކަން ފެންނަން ފެށުމުން ކޯޗު ކާއްޓެ ވަނީ ބަދަލުގައި އެހެން ކުޅުންތެރިންތަކަކަށް ފުރުސަތުދީފަ އެވެ. އެކަމަކު އެ ކުޅުންތެރިންނަށް ވެސް މި މެޗުގެ ނަތީޖާ ބަދަލުކުރެވޭނެ ފަދަ ކުޅުމެއް ނުދެއްކުނެވެ. ތުރުކުމެނިސްތާނުން ދިޔައީ އެ އަށް ވުރެ ވަރުގަދަ ރޫހެއްގައި ކުޅެމުންނެވެ. ނަތީޖާ އަކަށްވީ މި ސެޓު 25-19 އިން ގެންގޮސް ތުރުކުމެނިސްތާން މުބާރާތުގެ ލޯ މެޑަލް ހޯދުމެވެ.
މި މެޗާ އެކު މި ފަހަރުގެ މުބާރާތް ރާއްޖެ އަށް ނިމުނުއިރު، މިއީ 16 އަހަރު ގައުމީ ޓީމަށް ކުޅުމަށް ފަހު ތަޖުރިބާކާރު ކުޅުންތެރިޔާ އަހުމަދު އަބްދުލް ކަރީމް (ލޯންގޭ) ގައުމީ ޖޯޒީގައި ފެނުނު ފަހު މެޗެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިއްސޭ
24 August 2019
މުބާރާތުގަ ކުޅުނު 4 މެޗުގެ ތެރެއިން 3 މެޗުން މިވަނީ ބަލިވެފަ. މީގެ އިތުރުން ލަންކާއާއެކު ކުޅުނު 3 މެޗު، އަދި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ މެޗުތައް އެއްކޮށްލުމުން، ކުޅުނު 10 މެޗުން މެޅުވެވުނީ 2 މެޗު. މިއީ މުބާރާތް ކާމިޔާބު ކުރުމުގެ އަޒުމުކަނޑައަޅައިގެން އަންނަ ޓީމެއްގަ ހުންނަންޖެހޭ ކަހަލަ ފޯމެއްނޫން. ޓާގެޓް ކަނޑައަޅާއިރު އެބަޖެހޭ އިދިކޮޅު ޓީމްތަކަށްވެސް އިހުތިރާމްކޮށް އެމީހުންގެ ފެންވަރު ރަނގަޅަށް ދެނެގަންނަން.
ފޮގުބަ
24 August 2019
ކޮންމެ މުބާރާތެއްގަ ބައިވެރިވިޔަސް އެންމެފަހަތުގަ ރާއޖެ އިންނާނެ ހަމަޖެހިލައިގެން އެއީ ރާއްޖެއަށްރީރި ވަނަ ހޯދަދެނީ
ހަސަންބެ.
24 August 2019
ކުޅިވަރު ސިޔާސީ ވުމުގެ ނަތީޖާ މިއީ. ދުނިޔޭގެ އެއްވެސް ކުޅިވަރު ކުޅުންތެރިއެއް ދޭ އިންޓަވިއުއެއްގައި އެގައުމެއްގައި އޮންނަ ސަރުކާރަކަށް ޝުކުރުދަންނަނަވާ ގައުމެއް މިނޫނީޔާ ނޮއޮންނާނެ. މި މުބާރާތަށް ފުރުމުގެ ކުރިންވެސް އަދި މުބާރާތް ތެރެއިންވެސް ކުޅުންތެރިއެއްނޫނީ މެނޭޖްމެންޓް ނޫނީ އެސޯސިއޭޝަން ބޭފުޅެއް ޓީވީއަކުން ނޫނީ ނޫހަކުން ފެނުނަސް ރައީސް ސޯލިހަށް ސްޕޯޓްސް މިނިސްޓަރަށް ޝުކުރިޔާ ނުދަންނަވާނެތް. ބޮލުން މިބައި ދިޔަދުވަހކު ނޫނީ ކުރިއެރުމެއް ނެތް.
ގަޓް ބްރޯ
23 August 2019
މި މުބާރާތުގަ 4 ވަނައެއް ނުހޮވާ. 3 ވަނަ ހޮވާމެޗުން ބަލިވުމެކޭ މުބާރާތުގެ ފުލަށް ދިއުމެކޭ ތަފާތެއްނެތް.