ތުޅާދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހިސާން ހުސެއިން މަޖިލިހުގައި ވާހަކަ ދައްކަވަނީ. --- ފޮޓޯ: މަޖިލިސް
27 އޯގަސްޓް 2019 - 16:12
ބޭރުގެ އެކި ފަރާތްތަކާއި ރާއްޖޭގެ އަމިއްލަ ކުންފުނިތަކާ އެކު ހަދާ އެއްބަސްވުންތަކުގެ މައްސަލަތަކާ ގުޅިގެން ބޮޑެތި އަދަދުތަކުން ދައުލަތުން ބަދަލުދޭން ޖެހޭ އުސޫލުތައް މުރާޖައާކޮށް ދައުލަތަށް ބުރަ ނުވާނެ އުސޫލެއް ގާއިމުކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލިހަށް މިއަދު ގަރާރެއް ހުށަހަޅައިފި އެވެ.
ތުޅާދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހިސާން ހުސެއިން ހުށަހެޅުއްވި ގަރާރުގައި ވަނީ ދައުލަތުގެ ނަމުގައި އެކި ފަރާތްތަކާ އެކު އެކުލަވާލާ އެއްބަސްވުންތައް ތަންފީޒު ކުރުމުގައި އެކި ސަރުކާރުތަކުން ގެންގުޅޭ ސިޔާސަތުތަކުގެ ސަބަބުން އެއްބަސްވުންތައް ބާތިލުވާ ހާލަތްތަކުގައި ގެއްލުންވާ ފަރާތްތަކަށް ބަދަލު ދިނުމުގައި ހަރުދަނާ އުސޫލުތަކެއް ގާއިމުކުރެވިފައި ނެތް ކަމަށެވެ.
މިދިޔަ ސަރުކާރުން އެކި ފަރާތްތަކާ އެކު ވެފައިވާ އެއްބަސްވުންތައް ސިޔާސީ ސަބަބުތަކަށާއި ބޭއިންސާފުން ނިމުމަކަށް ގެނައުމުގެ ސަބަބުންނާއި އެކި ފަރާތްތަކުން ދައްކަން ޖެހޭ ފައިސާ ނުދައްކާ ގަސްދުގައި ލަސްކުރުމުގެ ސަބަބުން ގިނަ ވިޔަފާރިތަކަކަށް އެކަމުގެ ގެއްލުން ތަހަންމަލު ކުރަން ޖެހި، ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ވެސް ގަރާރުގައި ބުނެފައިވެ އެވެ.
އެކަމުގެ ސަބަބަކަށް މެދުވެރިވީ ދައުލަތުން އަދާކުރަން ޖެހޭ ޒިންމާއާ ހިލާފަށް ނުރަނގަޅު ނިޔަތް އިސްކޮށް ނިންމި ބޭއިންސާފު ނިންމުންތަކުން ކަމަށް ވެސް ގަރާރުގައިވެ އެވެ.
ދައުލަތުގެ މި އަމަލުތަކުގެ ސަބަބުން ގެއްލުން ތަހަންމަލުކުރަން ޖެހުނު ފަރާތްތަކަށް އެކަމުގެ ބަދަލު ލިބި ދިނުމަކީ ދައުލަތުން އަދާކުރަން ޖެހޭ ޒިންމާއެއް ކަމަށް ގަރާރުގައިވެ އެވެ. މިދިޔަ ސަރުކާރުގެ އަމަލުތަކުގެ ސަބަބުން ގެއްލުންވި ފަރާތްތަކަށް ބަދަލު ދިނުމުގެ ޒިންމާ މި ސަރުކާރަށް އުފުލަން ޖެހުމަކީ ދައުލަތުގެ ބަޖެޓަށް އެކަމުގެ އަސަރުކުރާނެ ރައްޔިތުންގެ މަސްލަހަތާ ގުޅިފައި އޮތް ކަމެއް ކަމަށް ގަރާރުގައިވެ އެވެ.
އެއްބަސްވުންތައް ބާތިލުކުރަން ޖެހޭ ހާލަތްތަކުގައި ދައުލަތުގެ ފަރާތުން ބޮޑު އަދަދުތަކުން ބަދަލު ދޭން ޖެހިފައިވާތީ، އެ އެއްބަސްވުންތަކުގެ އުސޫލުތަކުގެ ސަބަބުންނާއި އެއްބަސްވުންތައް ބާތިލުކުރުމުން ބަދަލު ދޭން ޖެހިއްޖެ ނަމަ، އަމަލުކުރަން ޖެހޭ އުސޫލުތައް ހަރުދަނާ ކުރަން ކަންތައްތަކެއް ފާހަގަކޮށްފައިވެ އެވެ.
ފުރަތަމަ ކަމެއްގެ ގޮތުގައި ބުނީ ސަރުކާރުގެ އެންމެހާ ވުޒާރާތަކަށާއި ދައުލަތުގެ އެންމެހާ ކުންފުނިތަކާއި މުއައްސަސާތަކަކުން އެކި ފަރާތްތަކާ އެކު ވެވޭ އެއްބަސްވުންތަކުގައި ދައުލަތުން އެކި ފަރާތްތަކަށް ބަދަލުދޭން ޖެހޭ ހާލަތުގައި ބަދަލުގެ ގޮތުގައި ދޭނެ އެންމެ މަތީ މިންވަރު ގާނޫނަކުން ކަނޑައެޅުމަށެވެ.
ދެ ވަނަ ކަމެއްގެ ގޮތުގައި ފާހަގަ ކުރީ އެފަދަ އެއްބަސްވުންތަކުގެ ސަބަބުން ބަދަލު ދޭން ޖެހިއްޖެ ނަމަ، އެކަމުގަައި ޒިންމާވާން ޖެހޭ ދައުލަތުގެ މުވައްޒަފެއް ނުވަތަ މުވައްޒަފުންގެ މައްޗަށް ދައުވާކޮށް، ދައުލަތުން ހަރަދު ކުރަން ޖެހުނު ޒިންމާއަށް އެ މުވައްޒަފުން ޒިންމާ ކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމެވެ.
ތިން ވަނަ ކަމެއްގެ ގޮތުގައި ފާހަގަކުރީ ނިމިދިޔަ ސަރުކާރުން އެކި ފަރާތްތަކާ އެކު ވެފައިވާ އެއްބަސްވުންތަކުގެ ދަށުން ބަދަލުގެ ގޮތުގައި ދައުލަތުން ހަރަދު ކުރަން ޖެހިދާނެ ކަމަށް ލަފާ ކުރެވޭ ފައިސާގެ ތަފްސީލް ބަލައި އެ މައުލޫމާތު މަޖިލިހަށް ހުށަހެޅުމަށް ގަރާރުގައި ގޮވާލާފައިވެ އެވެ.
ކުރީ ސަރުކާރުގެ އަމަލްތައް ހުރި ގޮތުން ގެއްލުން ލިބުނު ފަރާތްތަކަށް ބަދަލު ދޭން ކަމަށް މި ސަރުކާރުން ވަނީ ބުނެފަ އެވެ. އެކަމަކު ފައިސާގެ ބޮޑެތި އަދަދުތަކުން ދީފައިވާ ބައެއް ބަދަލުތަކާ މެދު އާންމުންގެ މެދުގައި ވެސް ވަނީ ސުވާލު އުފެދިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑރ.ފަޒުނާ/ހިތަދޫ/ސ.އެފުރިކާ
28 August 2019
ދުނިޔޭގެ 212 ގައުމު ތަކުގެ ސަރުކާރުތަކުން އެކި މަޝްރޫޢުތަކަށް ހިންގައިފައިވާ ބިޔަ އަދި މެދު ފަނތީގެ ވިޔަފާރި އެގުރިމެންޓުސްތަކަށް ބަލާލުމުން ލިބުނު ހައިރާްން ކަމަކީ ރާްޖޭގައި ބަދަލު ނަގާދިނުމަށް މިއޮތްނަ ފަހި ފުރުސަތު. އެތަކެއް ބިލިއަނުން އިންވެސްޓު ކޮށް ގާވާއިދުއާއި ޚިލާފުވުމުން އެގުރިމެންޓުތައް ކެންސަލްކުރުމަކުން ސަރުކާރުން ދިނުމުގެ ބަދަލުގައި ކޮންޓުރެކުޓު ހަވާލުވާންޖެހޭ. މިގަރާރަށް ބެލުމުންވެސް އެބައެނގޭ އަދިވެސް ފައިސާއަތުލުމުގެ ބޮޅެއްކަން..
ޑރ.ފަޒުނާ/ހިތަދޫ/ސ.އެފުރިކާ
28 August 2019
އެއްމެ ފުރަތަމަ ކަމެއްގެ ގޮތުގައި ރައްޔަތުންނަށް އެނގެންޖެހޭ މިސަރުކާރު އައުމާއި އެކު ތިޔަ ގަރާރު ހުށައެޅުއްވި ކަމަނާ އެވަނީ އެކަމަނާގެ ހަށިގަނޑުގެ ބަރުދަނާއި ނުބައްދަލު ފައިސާގެ ބަދަލު ހޯދައިފައިކަން. މިފައިސާއަކީ ރައީސުލް ޖުމުހުރިއްޔާ އޮފީހުން ޕުރިންޓު ކުރާ ކަރުދާހެއްނޫން މީ ދިވެހި ރައްޔަތުން ސަރުކާރާއި ހަވާލުކުރާ އަމާނާތެއް. ގަރާރަށް ކުޑަކޮށް ވިސްނާލުމުން ސާފުވޭ އަދިވެސް ނުލިބި ހުރި އެތަކެއްމިލިއަނުން އަވަހަށް ލިބިގަތުން. އަހަރުމެންމީ މޮޔައިނ
ޑުރެކިއުލާ
27 August 2019
ފައިސާދޭންބޭނުންވާ ފަރާތްތަކަށް ދީނިމުނީ.
ޝޮކްތެރަޕީ
27 August 2019
އެމްޑީޕީ މީހުން މިކުރަނީ ފިޔަފާރި ސަރުކާރު ބޭނުންކޮއްގެން.
ފަރީށާ
27 August 2019
އެއް އަތުން ސަރުކާރުގެ އެޓާނީ ޖެނަރަލް ލައްވާ އެ އޮފީސްތެރޭ އިނދެ ބަދަލު ދޭން ސިޓީ ލިޔެފަ އަނެއް އަތުން އެކަން ހުއްޓުވަން ގަރާރު މީ ބޮޑު ޖޯކެއް! މިނޫން މީހަކު މިގަރާރު ލީނަމަ ތަންކޮޅެއްތާހިރުވީސް
ޢާތިފާ
27 August 2019
ކޮން ޑްރާމާ އެއްތޯ ތިކުޅުއްވަަނީ؟ ގަރާރު ލުމަކުން ހުދުފޮތިކޮޅަކަށް ނުވޭ.ސީޖީޓީއަށް ހޯދާދިން 22 މިލިއަންއިން ލޯޔަރުގެ ހައިސިއްޔަތުން ކިހާވަރެއްތޯ ކަމަނާއަށް ލިބުނީ؟ މިހާރު ވިމްލާއައް 78 މިލިނަން ރުފިޔާ ބަދަލު ހޯދަދޭންވެސް ވަކާލާތު ކުރައްވަންދަނީ ހަމަ މިފުއްނާބުއުސް ލޯޔަރ
ފޫހި
27 August 2019
މުޅިންވެސް ބަދަލު ލިބެނީ ޕާޓީ ކުދިންނަށް. ތިޔަ ޑްރާމާ ކުޅޭނެކަމެއްނެތް.
ސަރުކާރު ހަސަން
27 August 2019
ސަރުކާރުތަކުން ބޮޑެތިވިޔާފާރީގެ އެއްބަސްވުންތައް ހަމައެއް ބެލުމެއްނެތި ބާތިލުކުރަނީނަމަ އަދުލްވެރި ގެއްލުމުގެ ބަދަލު ދޭންޖެހޭނެ. ވަކި އަދަަދަކަށް އެކަން ލިމިޓް ނުކުރެވޭނެ. ވިޔާފާރިން ލިބޭނެ ފައިދާ އާއި ހަރަދުގެ ޖުމްލަ އަދަދުތައް އެއްފަހަރާ ނަގާދޭންވާނެ. ކޮންމެ ސަރުކާރަކުން ވަކި މީހަކު ފެލައިލަންވީމާ އޭނައާ ސަރުކާރާއެކު ހެދި އެއްބަސްވުންތައް ބާތިލުކޮށް ނިކަމެތި ކޮށްލަނީ. މީކޮންހަމައެއް. މިކަން މިގޮތަށް ކުރާކަން މިގައުމުގެ އެންމެންވެސް ދަނޭ.
ބޮޑުމީހާ
27 August 2019
މިއަހަރު މަޖްލީހަށް ކިތައް ގަރާރު ހުށަހަޅައިފިތަ. އެއިން އެއްވެސް ގަރާރަކުން ލިބުނު ފައިދާއެއް އެބައޮތްތަ؟
ސަމިއްޓެ
27 August 2019
އަދި ތިކަހަލަ 7000 ޤަރާރު ހުށައަޅަން ފެނޭ....