ރައީސް ސިރިސޭނާ އާއި އިދިކޮޅު ލީޑަރު ރާޖަޕަކްސާ: އެކުގައި މަސައްކަތް ކުރެވޭނެ ގޮތަކާ ގުޅޭ ގޮތުން ދަނީ މަޝްވަރާ ކުރަމުން. --ފޮޓޯ:އޭއެފްޕީ
29 އޯގަސްޓް 2019 - 12:19
ކޮލަމްބޯ (އޮގަސްޓް 29) - ކުރިއަށް އޮތް އިންތިޚާބުތަކުގައި އެކުގައި މަސައްކަތް ކުރުމާ ގުޅޭ ގޮތުން ސްރީ ލަންކާގެ ރައީސް މައިތުރިޕާލާ ސިރިސޭނާ އާއި އިދިކޮޅު ލީޑަރެއްގެ ގޮތުގައި މިހާރު ހުންނެވި މަހިންދާ ރާޖަޕަކްސާ ބައްދަލު ކުރައްވައި، ސިލްސިލާ މަޝްވަރާތަކެއް ފައްޓަވައިފި އެވެ.
ސްރީ ލަންކާ ފްރީޑަމް ޕާޓީ (އެސްއެލްއެފްޕީ) އާއި ސްރީ ލަންކާ ޕޮޑުޖަނާ ޕެރަމުނާ (އެސްއެލްޕީޕީ) ގެ ވެރިން ބައްދަލު ކުރެއްވި އިރު ޕާޓީތަކުން މިހާރު ދަނީ އަންނަ ޑިސެމްބަރު މަހު އޮންނަ ރިޔާސީ އިންތިޚާބަށް ތައްޔާރުވަމުންނެވެ. ދެ ޕާޓީގެ އޮފިޝަލުން ބުނެފައި ވަނީ މަޝްވަރާތަކުން ކުރިއެރުން ލިބިފައިވާ ކަމަށާއި ސިރިސޭނާ އާއި ރާޖަޕަކްސާ ކުރިއަށް އޮތް ތަނުގައި ވެސް އިތުރު މަޝްވަރާތައް ކުރައްވާނެ ކަމަށެވެ. ނަމަވެސް ދެ ޕާޓީ ގުޅިގެން އިންތިޚާބަށް ނެރޭނެ ކެންޑިޑޭޓަކާ މެދު އަދި އެއްބަސްވެފައެއް ނުވެ އެވެ.
އެސްއެލްޕީޕީގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި މިހާރު ވަނީ ކުރީގެ ބާރުގަދަ ޑިފެންސް ސެކްރެޓަރީ އަދި ރާޖަޕަކްސާގެ ކޮއްކޯފުޅު ގޮތަބަޔާ ރާޖަޕަކްސާ ހަމަޖައްސައިފަ އެވެ.
ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަގެ ޔުނައިޓެޑް ނެޝަނަލް ޕާޓީ (ޔޫއެންޕީ) އިން ވެސް މިހާރު ދަނީ ރިޔާސީ ކެންޑިޑޭޓަކާ ގުޅޭ ގޮތުން މަޝްވަރާ ކުރަމުންނެވެ.
ސިރިސޭނާ އާއި ރަނިލްއާ ދެމެދު މިދިޔަ އަހަރުގެ ފަހުކޮޅު ވަރަށް ބޮޑަށް މައްސަލަ ޖެހި ބޮޑު ވަޒީރުގެ މަގާމުން ރަނިލް ވަކިކޮށް އެ މަގާމަށް ވަނީ ރާޖަޕަކްސާ ހަމަޖައްސައިފަ އެވެ. ނަމަވެސް ލަންކާގެ ސުޕްރީމް ކޯޓާއި ޕާލަމެންޓުން އެ ނިންމުން ބަލައިނުގަތުމުން ސިރިސޭނާ އަށް ޖެހިވަޑައިގަތީ ރަނިލް އަށް އަލުން ބޮޑު ވަޒީރުކަން ދެއްވުމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފު ބިންތު ކުމާރު ބިންތު މަރޭ
29 August 2019
މިހާރު އަހަރެމެން ރަށުގާވެސް އުޅެނީ އަދީބުއާ އެއްބައިވެވޭތޯ. ދުވަސްކޮޅަކުން ޔާމީނާވެސް އެއްބައިވާނެތޯއްޗެ.