މިއަދުގެ އިވެންޓްތަކުގައި (ކ-ވ) ފަޒީލް، ސާއިދު، ހިމްނާ އަދި މަރީ ދުވަނީ. –ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
05 ސެޕްޓެމްބަރ 2019 - 20:04
މި އަހަރުގެ ގައުމީ އެތުލެޓިކްސް މުބާރާތުގެ ފުރަތަމަ ދުވަހު ސްޕްރިންޓް ދެ ދުވުންތެރިން ކަމަށްވާ ހަސަން ސާއިދާއި އައިޝަތު ހިމްނާ ހަސަން އަދި މިޑްލް ޑިސްޓެންސް ދެ ދުވުންތެރިން ކަމަށްވާ ހުސެއިން ފަޒީލް ހާރޫނާއި މަރިޔަމް އަބްދުލްކަރީމް (މަރީ) ވިދާލައިފި އެވެ.
މީގެ ތެރެއިން ސާއިދަކީ، މިދިޔަ ނުވަ އަހަރު ކުރީއްސުރެ ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާގެ ގޮތުގައި ހުރެ މި މުބާރާތުގެ 100 މީޓަރު ދުވުން ފަސޭހަކަމާ އެކު ކާމިޔާބުކުރަމުން އަންނަ ދުވުންތެރިޔާ އެވެ. ފަޒީލާއި މަރީ އަކީ މިދިޔަ ހަތަރު އަހަރުގެ ޗެމްޕިއަނުންނެވެ. ހިމްނާ އަކީ މިދިޔަ އަހަރު ވިދާލި އުއްމީދީ ދުވުންތެރިޔެކެވެ.
ސާއިދު 400 މީޓަރު ރިލޭ ނިންމާލުމަށް ފަހު އުފާފާޅުކުރަނީ. –ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
އެންމެ ހަލުވި ދުވުންތެރިޔާ ކަނޑައެޅޭ އިވެންޓް ކަމަށްވާ 100 މީޓަރު ދުވުމުން، ދިވެހި ސިފައިންގެ ކްލަބުގެ ސާއިދު އަނެއްކާ ވެސް އެއް ވަނަ ގެންދިޔައީ 10.82 ސިކުންތުން ދުވެގެންނެވެ. މި އިވެންޓުން އޭނާ ގައުމީ ރެކޯޑް ހަދާފައިވަނީ 10.33 ސިކުންތުން ދުވެގެންނެވެ.
ސާއިދުގެ ފަހަތުން ދެ ވަނަ އާއި ތިން ވަނަ ހޯދީ ސާއިދު ސްޕޯޓްސްގެ ދެ ދުވުންތެރިންނެވެ. އެއީ 11.45 ސިކުންތުން ދުވި ކުރީގެ ބާރު ދުވުންތެރިޔާ އަޒްނީމް އަހުމަދު (އައްޒަ) އާއި 11.54 ސިކުންތުން ދުވި އުއްމީދީ ދުވުންތެރިޔާ ސަރީސް އަހުމަދެވެ.
ރާއްޖޭގައި މިވަގުތު ހުރި އެންމެ އުއްމީދީ އަންހެން ދުވުންތެރިޔާ ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަނުގެ ހިމްނާ، 100 މީޓަރުން އެއް ވަނަ ހޯދީ 13.00 ސިކުންތުން ދުވެގެންނެވެ. މި އިވެންޓުން ދެ ވަނަ ހޯދީ 13.09 ސިކުންތުން ދުވި ދަ ބްލެކް މާލިންގެ ނަޝާ ނިޒާރެވެ. އަދި ތިން ވަނަ ހޯދީ ތިނަދޫ ޒުވާނުންގެ ކްލަބުގެ މަރިޔަމް އަލްހާ ހުސެއިން އެވެ. ޓައިމިން އަކީ 13.40 ސިކުންތެވެ.
ހިމްނާ (މ) 100 މީޓަރު ދުވުން ކާމިޔާބުކުރުމުން، އޭނާގެ ދެ ވާދަވެރިން ކަމަށްވާ އަލްހާ (ވ) އާއި ނަޝާ މަރުހަބާ ކިޔަނީ. –ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
ސިފައިންގެ ކްލަބުގެ ފަޒީލް 5000 މީޓަރު ދުވުމުން އެއް ވަނަ ހޯދީ 15:59 މިނެޓުން ދުވެގެންނެވެ. އޭނާ ވާދަކުރީ ސިފައިންގޭގެ އަނެއް ދެ ދުވުންތެރިން ކަމަށްވާ މުހައްމަދު ރަޝީދު (މޯޑް) އާއި އަހުމަދު ޖަވާދުއާ އެވެ. މީގެ ތެރެއިން މޯޑް 16:03 މިނެޓުން ދުވިއިރު ޖަވާގެ ޓައިމިން އަކީ 18:22 މިނެޓެވެ.
މި އިވެންޓުގެ އަންހެން ބައިގެ ޗެމްޕިއަންކަން ކުޑަހުސެން ސްޕޯޓްސް އެސޯސިއޭޝަނުގެ މަރީ ހޯދީ 21:18 މިނެޓުން ރޭސް ނިންމައިގެންނެވެ. އޭނާއާ ވާދަކޮށް ދެ ވަނަ ލިބުނީ 22:32 މިނެޓުން ދުވި ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަނުގެ ސްރީ ލަންކާ ދުވުންތެރިޔާ ޕެޓްރީޝިއާ ޑޮރީން ގޯމޭޒަށެވެ. އަދި ތިން ވަނަ އަކީ 24:40 މިނެޓުން ދުވި ޓްރެކް އެންޑް ފީލްޑުގެ ޒުލައިޚާ އަބްދުﷲ އެވެ.
ފަޒީލް 5000 މީޓަރު ދުވުން ނިންމާލުމަށް ފަހު އުފާފާޅުކުރަނީ. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
ސާއިދު ހިމެނިގެން ސިފައިންގެ ޓީމުން ހަތަރެއް ގުނަ 400 މީޓަރު ރޭހުން ވެސް އެއް ވަނަ ހޯދައިފަ އެވެ. އޭނާ އާއި އަހުމަދު އިނާސް އާއި އިބްރާހިމް މުހައްމަދު އަދި ހުސެއިން ރިޒާގެ ޓީމުން އެއް ވަނަ ހޯދީ 3:36 މިނެޓުން ރޭސް ނިންމައިގެންނެވެ. މި ރޭހުގެ ދެ ވަނަ އަކީ 3:43 މިނެޓުން ނިންމި ތިނަދޫ ޒުވާނުންގެ ކްލަބެވެ. ދުވުންތެރިންނަކީ މުހައްމަދު ނާވީ ނަސީރާއި އަހުމަދު އަލީ އާއި މުހައްމަދު އައިހަމް އަފްސަރާއި މުހައްމަދު ޖައިލަމް ފަޔާޒެވެ. އެ ދެ ޓީމުގެ ފަހަތުން ތިން ވަނަ ހޯދީ އަހުމަދު ލަޔާނާއި ޝައިޚާން މުހައްމަދާއި އިސްމާއިލް މަސޫން އަހުމަދު އަދި އަލީ ވިލްދާން ހިމެނުނު ޓްރެކް އެންޑް ފީލްޑް ޓީމެވެ. ޓައިމިން އަކީ 3:48 މިނެޓެވެ.
ވެޓްރަންސް 100 މީޓަރު ދުވުމުގެ ފިރިހެން އިވެންޓުން އެއް ވަނަ ހޯދީ 13.32 މިނެޓުން ދުވި ސިފައިންގެ ކްލަބުގެ އަހުމަދު ނައީމެވެ. އަދި ދެ ވަނަ އަކީ 13.56 ސިކުންތުން ދުވި ކުޑަހުސެން ސްޕޯޓްސް އެސޯސިއޭޝަނުގެ މިނާމް ނަސީމެވެ. މި އިވެންޓުގެ ތިން ވަނަ އަކީ 13.82 ސިކުންތުން ރޭސް ނިންމި ކަސްޓަމްސް ރިކްރިއޭޝަން ކްލަބުގެ މުމްތާޒް އަބްދުލްރަޝީދެވެ.
5000 މީޓަރު ރޭހުން އެއް ވަނަ ހޯދީ މަރީ. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
ވެޓްރަންސް 100 މީޓަރު އަންހެން ބައިގެ އެއް ވަނަ، ދެ ވަނަ އަދި ތިން ވަނަ ހޯދީ ވެސް ކަސްޓަމްސްގެ ދުވުންތެރިންނެވެ. އެއީ 16.86 ސިކުންތުން ދުވި ހުސްނާ މުހައްމަދު (ހުސީ) އާއި 21.91 ސިކުންތުން ދުވި ޝެހެނާޒް ސަލީމް އަދި 23.41 ސިކުންތުން ދުވި ފާތިމަތު މަރިލީނެވެ.
ފީލްޑް އިވެންޓްތަކުގެ ތެރެއިން ފިރިހެނުންގެ ޖެވެއިލިން އުކުމުން އެއް ވަނަ ހޯދީ 39.64 މީޓަރަށް އެއްލި ސިފައިންގެ ކްލަބުގެ މޫސާ ޖައުހަރީ އެވެ. ފިރިހެނުންގެ ލޯންގް ޖަމްޕުން އެއް ވަނަ އަކީ 5.77 މީޓަރަށް ފުންމި ސިފައިންގެ ކްލަބުގެ އަހުމަދު މުނައްވަރެވެ. ފިރިހެނުންގެ ޝޮޓްޕުޓުން އެއް ވަނަ ހޯދީ ވެސް ސިފައިންގޭގެ އެތުލީޓެކެވެ. އެއީ 10.71 މީޓަރަށް އެއްލައިގެން ހަސަން ޝައްމޫނެވެ. އަންހެނުންގެ ޑިސްކަސް އުކުމުގެ އިވެންޓް ކާމިޔާބުކުރީ ސިފައިންގޭގެ ޝިފްލާ އަބްދުއްލަތީފެވެ. އޭނާ ޑިސްކަސް އުކާފައިވަނީ 22.23 މީޓަރަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރައުލް ބަފާ
06 September 2019
މޯޑް އަކީ މެރަތަން ދުވާމީހެއް. އޭނަ ހަދަނީ މެރަތަން ޓްރޭނިންގް. ވާނުވާ އެނގިބަލަ. ޝިފާޒް އަށް ނުކެރުނު ކެންޔާގަ ޓްރޭނިންގ ހަދާފަ ވެސް މި މުބާރާތުގަ ދުވަން. އެންތާވާނީ ޝިފާޒް އަކަށް ނެތް ޔަގީން ކަމެއް. އޭނަ މި ރޭހުގަ ދުވުނަމަ މޯޑްގެ ވެސް ފަހަތުން އަންނާނީ. ފަޒީލު އަކީ 5000މ ގެ ހާއްސަ ޓޮރޭނިނަގް ހަދާ މީހަކަށް ވެފަ ދުވި ޓައިމިން އެހާ ސޮލޯ. 4ސިކުންތު މެރަތަން ދުވާ މީހާކު ކައިރިން ނެގުނީ. ސާބަހޭ މޯޑް ތިހިއްވަރަށް. އައްސަރިބަހާ ސާބަސް.
ޙުސައިން5
06 September 2019
ޝިފްލާ އަކީ ޑޮކްޓަރެއް. ކައޭމެންނަށް ލިޔެވެނިކޮށް ނިމުނީ ދޯ.
ރައުލް
05 September 2019
މޯޑު މިމުބާރާތައް އައީ ލަންކާގަ ޓްރެއިނިންގ ހަދާފަދޯ ފަޒީލް މާލޭގަ ހުރެފަވެސް 1ވަނަ ނެގީދޯ މޯޑުއަށް 3ވަނަނެގީ 40އ މީހެކޭ ލިއުނުނަމަ ދޯ
ނަފާއު
05 September 2019
10.82 ހާދަމަޑޭމިހާރު ސާއިދުގެ ދުވުން ކޮންމެ މުބާރާތަކުން ދަށްވަނީ ދޯ މާއުމުރުންދުވަސްވީބާ ނޫނީ ޓްރެއިނިން ގޯހީ ކުޑަހުސެން އެއީ މޮޅު ކޯޗެކޭކިޔާތީ އަޑުއެހިން
ސސސސސސސސސ
06 September 2019
އަޖާއިބެއް ނުވާނެތަ މީހަކު އަޅެފަހު. ކާކުތަ ލޯކަލް މުބާރާތުގައި (1 ވަނަ ޔަގީންވާއިރު) އެ މީހެއްގެ އެންމެ ބާރު ސްޕީޑުގައި ދުވާނީ؟ ހީޓުގައި ދުވާއިރާއި ފައިނަލުގައި ދުވާއިރު ވެސް ސްޕީޑް ތަފާތު ވާނެ. ވާނުވާ އެނގިބަލަ.
ރާބެނީ
06 September 2019
ކުޑަހުސެން ސްޕޯޓްސް އެސޯސިއޭޝަންގަ އުޅޭ ކުޑަކުދިންމާ ރަނގަޅު ތިމުބާރާތުގަ ގިނައިން ދުވަން ތިބީ އެޓީމު ކުދިން