ގައުމީ އެތުލެޓިކްސް މުބާރާތުގެ 10000 މީޓަރު ދުވުމުގެ ރޭހުގައި ޖަވާ ވާދަކުރަނީ. --ހުސެއިން ވަހީދު/ މިހާރު
07 ސެޕްޓެމްބަރ 2019 - 13:03
އޭނާ އަކީ ކަސްރަތަށް ދުވާ ދުވުންތެރިޔެކެވެ. އުމުރަކީ 45 އަހަރެވެ. އެހެންވެ ހީކުރެވިފައި އޮތީ އޭނާ ވާދަކުރާނީ ގައުމީ އެތުލެޓިކްސް މުބާރާތުގެ ވެޓްރަންސް ކެޓަގަރީގައި ކަމަށެވެ. އެކަމަކު އެމްއެންޑީއެފްގެ އަހުމަދު ޖަވާދު (ޖަވާ) މިވަނީ މުބާރާތުގެ އެންމެ މުހިންމު ބައިގެ 5000 މީޓަރު ދުވުމާއި 10000 މީޓަރު ގައި ވާދަކޮށް، ރާއްޖޭގެ ބައެއް ޒުވާން ދުވުންތެރިން ވެސް ފަހަތަށް ޖައްސާލައި، ރަނގަޅު ކާމިޔާބެއް ހޯދައިފަ އެވެ.
ބުރާސްފަތި ދުވަހު 5000 މީޓަރު ރޭހުން އޭނާ ތިން ވަނަ ހޯދީ 18:22 މިނެޓުން ދުވެގެންނެވެ. މިއީ އެ އުމުރުގެ ދިވެހި ދުވުންތެރިޔަކު، އެ އިވެންޓުގެ ރޯޑް އިވެންޓް ކަމަށް ވާ ފަސް ކިލޯމީޓަރު (މާލެ ވަށައި އެއް ބުރު) ވެސް ހިމަނައިގެން އެންމެ ބާރަށް ދުވި ފަހަރެވެ. އިއްޔެ 10000 މީޓަރު ރޭހުން (ރޯޑް އިވެންޓެއް ނަމަ މާލެ ވަށައި ދެ ބުރު) އޭނާ ތިން ވަނަ ހޯދީ 40:12 މިނެޓުން ނިންމައިގެންނެވެ.
ޖަވާ (ކ) އޭނާގެ ކޯޗު ނަސްރުއާ އެކު. --ހުސެއިން ވަހީދު/ މިހާރު
ޖަވާގެ ކޯޗު އަދި ސިފައިންގެ މެރަތަން ދުވުންތެރިޔާ ނަސްރުﷲ އަހުމަދު ބުނީ ޖަވާގެ ތަފާތަކީ ރަނގަޅަށް ތަމްރީން ހެދުމާއި ޑިސިޕްލިން ކަމަށެވެ. އަދި ޖަވާ އަކީ ޒުވާން އެތުލީޓުން ނަމޫނާއަކަށް ނަގަން ވެސް ރަނގަޅު ދުވުންތެރިޔެއް ކަމަށް ނަސްރު ދެކެ އެވެ.
"ޖަވާ އެ ސާބިތުކޮށްދިނީ ވަރަށް މުހިއްމު ކަމެއް. އެއީ މުހިއްމީ އުމުރެއް ނޫން. ރަނގަޅަށް ތަމްރީން ހަދައި ޑިސިޕްލިންއާ އެކު މަސައްކަތްކުރަންޏާ ޓައިމިން ރަނގަޅުކުރެވޭނެކަން އެ އަންގައިދިނީ،" ނަސްރު ބުންޏެވެ.
1 – ހުސެއިން ފަޒީލް ހާރޫން – 15:59 މިނެޓު
2 – މުހައްމަދު ރަޝީދު (މޯޑް) – 16:03 މިނެޓު
3- އަހުމަދު ޖަވާދު (ޖަވާ) – 18:22 މިނެޓު
ޖަވާ މިވަގުތު ތަމްރީންތަކުގައި ހަފުތާއަކު 180 ކިލޯމީޓަރު ދުވެ އެވެ. އޭނާ އެކަން ކުރަނީ، އާއިލީ ޒިންމާ އުފުލަމުން އަދި ސިފައިންގޭގެ ވަޒީފާގައި އުޅެމުން ލިބޭ ހުސް ވަގުތުގަ އެވެ. ރާއްޖޭގައި ރިކްރިއޭޝަނަލް ދުވުން އާލާކުރި، މޭޑް ރަނާސްއާ އެކު ކުރިން ތަމްރީން ހެދި ޖަވާ ވަނީ ސިންގަޕޫރު، ބާލިން، ތުރުކީ މެރެތަންގައި ވެސް ދުވެފަ އެވެ.
1 – ހުސެއިން ފަޒީލް ހާރޫން - 33:41 މިނެޓު
2 – މުހައްމަދު ރަޝީދު (މޯޑް) – 34:29 މިނެޓު
3- އަހުމަދު ޖަވާދު (ޖަވާ) – 40:12 މިނެޓު
އެކަމަކު ފަހަކަށް އައިސް އޭނާ ބޮޑަށް ފެންނަނީ ޓްރެކް އިވެންޓްތަކުންނެވެ. އެގޮތުން މިދިޔަ އަހަރު ގައުމީ މުބާރާތުގެ ވެޓްރަންސް ބައިގައި ވާދަކޮށް 1500 މީޓަރު ދުވުމުން ރަން މެޑެލް އަދި 5000 މީޓަރު ދުވުމުން ރިހި މެޑެލް ހޯދި އެވެ. މި އަހަރު މުބާރާތުގެ ރަސްމީ އިވެންޓުގައި ވާދަކުރަން ނިންމީ ސިފައިންގެ ޓީމަށް އިތުރު ޖާގައެއް ލިބުމުންނެވެ.
ގައުމީ އެތުލެޓިކްސް މުބާރާތުގެ 10000 މީޓަރު ދުވުމުގައި ޖަވާ ވާދަކުރަނީ. --ހުސެއިން ވަހީދު/ މިހާރު
އެކަމަކު ޖަވާގެ ހިތްވަރާއި މަސައްކަތަށް ބަލާ ނަމަ ދެން ފަސް ބެލުމެއް ނެތެވެ.
ނަސްރު ބުނީ ޖަވާގެ މިހާރު އަމާޒަކީ ދެ ތިން މަސް ތެރޭ 5000 މީޓަރު ދުވުމުގެ ޓައިމިން 17 މިނެޓަށް ވައްޓާލުން ކަމަށެވެ. އެ އިވެންޓުގެ ރާއްޖޭގެ އެއް ވަނަ ފަޒީލް ފަހަތަށް ޖައްސާލެވުމަކީ ނާދިރު ކަމެކެވެ. އެކަމަކު ޖަވާގެ ވަގުތު އަދިވެސް ރަނގަޅުކުރުމަކީ ފަޒީލާއި މޯޑް ފަދަ ޒުވާން އެތުލީޓުންނަށް ވެސް ލިބޭނެ ހިތްހަމަޖެހުމެކެވެ. އޭރުން އެ އެތުލީޓުންގެ އިވެންޓުތަކުގެ ވާދަވެރިކަން ބޮޑުވާނެ އެވެ. ހުނަރުވެރި ދުވުންތެރިން ތިބި ނަމަވެސް، ވާދަވެރި ގިނަ ދުވުންތެރިން ނެތުމުގެ ފަޅުކަން ގައުމީ މުބާރާތުން ވެސް ފެނެ އެވެ.
ޖަވާއަށް ވުރެ 20 އަހަރު ހަގު އެތުލީޓުންނާ ވާދަކޮށް، އޭނާގެ ބާރު ދުވުން ފެނުމުން ސާބިތުވަނީ، މިހާތަނަށް އެންމެ ގިނަ މެރެތަން ދުވުމުގެ ރެކޯޑް އޮތް ދިވެހި ދުވުންތެރިޔާ ނަސްރު ބުނާ ގޮތުގައި، ރަނގަޅު ތަމްރީންތަކާއި ހިތްވަރަކީ ދުވުމުގެ އެންމެ މުހިންމު ބައި ކަމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޯޗު
07 September 2019
އަސްލު ވާްގޮތަކިީ ޖަވާ އަކީ ވަރައް ރުޅިގަދަ މީހެއް
ޖަވާގެ ފްރެންޑް
08 September 2019
ޖަވާ އަކީ ރުޅިގަދަ މީހެއް ނޫން. އޭނާ ބުނަން ބޭނުން ވެއްޖެ އެއްޗެއް ބުނާނެ. އެއީ ރުޅިދަގަ ވުމެއް ނޫން. ޖަވާއަކީ ވަރަށް ނައިސް މީހެއް. ކުރާ ކޮންމެ ކަމެއް ފަރުވާތެރި ކަމާއި އެކު ކުރާ މީހެއް. އޭނާ ވަރަށް ރަގަޅަށް ދަންނާތީ މިހެން މިބުނީ.
ޖަވާ ގެ ކަޒިންސް
07 September 2019
ވީ އަރ ސޯ ޕްރައުޑް އޮފް ޔޫ ތުއްތޮން! ކީޕް ގޮއިންގގގ!
ކޮރަލް
07 September 2019
ދުވުން ކުރިއަށް ނުދަނީ އެވެ.
ޟމަމް
07 September 2019
ޛެލަސް ވިޔަކަސް ދެނެއް އެސޮރު އަތެއް ނުލެވޭނެ
ހަކީމް
07 September 2019
ވަރަށް ސަޅި ... މީމަނައޭ ހިތަށް އަރާ.
ރާބެއްޔާ
07 September 2019
ޖަވާދު ދުވީ 18 މިނުޓުން ރައުހަތު އެކެޑަމީގަ އުޅޭ ސްކޫލްކުދިން ވެސް ދުވާނެ 17 މިނުޓުން އެކުދިން ސްޕޮންސާނުލިބުނީމަ ނާދޭމިފަހަރު އެހެން ނޫނަސް ބައިވަރު މީހުން އުޅޭނެ 16 އަދި 17 އިންވެސް ދުވާ އައްޑޫ މެރަތަން ވެސް މި އަދު އޮތީމަ މީހުން އައްޑު އައް ދޯ ދާނީ...
ދުވުންތެރިއެއް
07 September 2019
ޖަވާ ސަރ އަކީ އެ ކުރާ މަސައްކަތެއް ޑިސިޕްލިން އާއި އެކު ކުރާ ފަރާތެއް. މީހުންނަށް ހެޔޮ، ރަނގަޅު ދުވުންތެރިއެއް. ތިހޯދި ކާމިޔާބީއަށް މަރުޙަބާ ދަންނަވަން.
މަމް
07 September 2019
ޖަވާ ގަދަ
ޖަވާ
07 September 2019
ތެންކްސް ޑާރލްސް. މީ ހަމަ ކަމަނާގެ ހިތްވަރު.
ޖަވާ ގެ އެކްސް
07 September 2019
ހުއް. އައިމް ސޯ ޖެލަސް ?