ނޯތު ހާބާގައި އޮއްވައި، ގޭސް ފުޅިއެއް ގޮވައިގެން ރޭ އަލިފާނުގެ ހާދިސާ ހިނގި ބޯޓު.---ފޮޓޯ: މިހާރު
12 ސެޕްޓެމްބަރ 2019 - 11:47
ނޯތު ހާބާރުގައި އޮތް ބޯޓެއްގައި ރޭ ގޭސް ފުޅިއެއް ގޮވައިގެން ހިނގި އަލިފާނުގެ ހާދިސާގައި ޒަހަމްވި މީހުންގެ ތެރެއިން ބަންގްލަދޭޝްގެ މީހަކަށް ފަަރުވާ ދެމުން އަންނަނީ އައިސީޔޫގައި ބާއްވައިގެން ކަމަށް، އައިޖީއެމްއެޗުން މިއަދު ބުނެފި އެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް އިސްމާއިލް އަހްމަދު "މިހާރު" އަށް ވިދާޅުވީ އުމުރުން 30-35 އަހަރާ ދެމެދުގެ މީހާގެ ހަށިގަނޑުގެ 80 ޕަސެންޓަށް ވުރެ ބޮޑު ބައެއް ފިހިފައިވާ ކަމަށެވެ.
މި ނުރައްކާތެރި ހާދިސާ ހިނގީ އައްޑޫ މީދޫގެ ބޯޓެއް ކަމަށްވާ "ބެސްޓް ލައިން"ގަ އެވެ. އެ ބޯޓުގެ ވެރިޔާ އަހުމަދު ދީދީ ބުނީ އެންމެ ބޮޑަށް ޒަހަމްވި ފަޅުވެރިޔާގެ ހާލު ސީރިއަސް ކަމަށެވެ.
ބޯޓުގައި އަލިފާނުގެ ހާދިސާ ހިނގީ ގޭސް ފުޅިއެއް ގޮވައިގެން ކަމަށް ފުލުހުން ބުނި ނަމަވެސް އަހުމަދު ބުނީ އެއްވެސް ގޭސް ފުޅިއެއް ގޮވާފައިނުވާ ކަމަށެވެ. އެކަމަކު އަލިފާން ރޯވީ ގޭސް ލީކުވުމުގެ ސަބަބުން ކަމަށް އޭނާ ބުންޏެވެ.
މި ހާދިސާގައި ބޯޓަށް ގެއްލުމެއް ނުލިބެ އެވެ.
އައްޑޫ މީދޫ "ބެސްޓް ލައިން" މާލޭގެ ނޯތު ހާބަރުގައި ބަނދަރުކޮށްފައި: މި ބޯޓުގައި ހުރި ގޭސްފުޅިއެއް ގޮވައިގެން ރޭ ހިނގި ހާދިސާގައި މީހެއްގެ ހަށިގަނޑުގެ 80 ޕަސެންޓު ވަނީ ފިހިފައި.---ފޮޓޯ: މިހާރު
ފިހިގެން އައިޖީއެމްއެޗަށް ގެންދިޔައީ މުޅިން ވެސް ފަޅުވެރިންނެވެ. އޭގެ ތެރެއިން 52 އަހަރުގެ ދިވެހި ފިރިހެނަކާއި 32 އަހަރުގެ ބަންގްލަދޭޝް މީހެއްގެ ހަށިގަނޑު 25-30 ޕަސެންޓް ފިހިފައިވެ އެވެ. އެ މީހުންނަށް ފަރުވާދެމުން އަންނަނީ އައިޖީއެމްއެޗުގެ ހައި ޑިޕެންޑެންސީ ޔުނިޓްގައި ބާއްވައިގެންނެވެ.
އިސްމާއިލް ވިދާޅުވި ގޮތުގައި އިތުރު ތިން ދިވެއްސަކަށް ވެސް އަންނަނީ ފަަރުވާ ދެމުންނެވެ. އެ މީހުންގެ ހަށިގަނޑުގެ ވިއްސަކަށް ޕަސެންޓް ފިހިފައިވެ އެވެ.
މި ހާދިސާގައި ދުމުގެ އަސަރުކޮށްގެން ދެ ދިވެއްސަކަށް ފަރުވާ ދިނެވެ. އެކަމަކު އެ މީހުންނަށް އެހެން އަނިޔާއެއް ލިބިފައި ނުވާތީ މިހާރު ވަނީ ހޮސްޕިޓަލުން ދޫކޮށްލައިފަ އެވެ.
ފުލުހުން ބުނާ ގޮތުގައި ބޯޓުގައި ހުރި ގޭސްފުޅިތަކުގެ ތެރެއިން 83 ފުޅިއަކުން ލީކުވި އެވެ. ހާދިސާ ހިނގި އިރު ގޭސްފުޅިތައް މަތީގައި ގިނަ އަދަދެއްގެ މުދާ ބަހައްޓާފައި ހުރި ކަމަށް ވެސް، ފުލުހުން ބުންޏެވެ.
ބެސްޓް ލައިންއަކީ އަައްޑު އާއި ހުވަދު އަތޮޅަށް މަހަކު ދެ ދަތުރު ކުރަމުން އަންނަ ބޯޓެކެވެ. މި ހާދިސާ ހިނގީ އަންނަ ހޮނިހިރުދުވަހު ފުރަން ހަމަޖައްސައި، މުދާ ބަރުކަމުން ދަނިކޮށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފް
12 September 2019
''ފުލުހުން ބުނާ ގޮތުގައި ބޯޓުގައި ހުރި ގޭސްފުޅިތަކުގެ ތެރެއިން 83 ފުޅިއަކުން ލީކުވި އެވެ.'' ފިލްކޮށްފަ ރަނގަޅަށް ޗެކްކުރި ބާ؟؟؟ ދަބަރު ޖަހާ ހަލާކުވާންކާރިވެފަ ހުންނަ ފުޅިވެސް ބައެއް ތަންތަނުން ފެނޭ.
އިޙްސާސް
12 September 2019
ތިހާ ބައިވަރު ގޭސްފުޅިތަކުން ގޭސް ލީކުވީ ކީއްވެ؟ ތިކަމުގަ ކޮންމެވެސް ބައެއްގެ އިހުމާލު އެބައޮތް. އަލިފާން ނިއްވާނެ އާލާތްތައް ބޯޓުގަ އާއި ތިޔަ ބަނދަރުގަ ބަރާބަރަށް ހުރިތޯ؟ ފިހުނު މީހުންނަށް އަވަސް ޝިފާއެއް ދެއްވާށި.
ޖުލައި
12 September 2019
ސަލާމަތަށް ޓަކައި ގޭސްބަރުކޮށްގެން ނޯތުހާބަރުގައި ނޯވެވޭގޮތަށް ހަދަންޖެހޭ. ތިލަފުށިން ގޭސްބަރުކޮށްގެން ދާންޖެހޭ މަންޒިލަށް ދަތުރު ކުރާގޮތަށް ބަދަލުކުރަންޖެހޭ، ތި ހުރިހާ ގޭސްފުޅިތަށް ނުގޮވިކަން އެއީހަމ ނަސީބު، ގޮވިނަމަ ގިނަބައެއްގެ ފުރާނަ ދިޔައީސް.
މަންޒަދުދުށްމީހާ
12 September 2019
އަހަންނަށް ތި މަންޒަރު ވަރަށް ކައިރިން ފެނުނު. ބާރުގަދަ އަޑަކާއެކު ބޯޓުގެ ފަހަތު ދޮރުން އަލިފާން ނިކުތްތަން ވެސް ފެނުނު. އެގަޑީ ހިތަށްއެރީ މީގެން އެންމެ ބޯޓެއްގައި ރޯވިއަސް އެތަތުން އެެއްވެސް ބޯޓެއް ސަލާމަތް ނުވާނެކަން. އެއްވެސް އިވެކުއޭޝަން ޕްލޭނެއް ނޯތު ހާބަރުގައި ނެތް. އަލިފާން ރޯވާއިރު ހުރިހާ ބޯޓު ތަކެއް ފަޅުތެރޭ ތާށިވާނެ. ހިތާމަ ހުރި. ގެއްލުން ލިބުނު އެންމެނަށް އަވަސް ޝިފާއަކަށް އެދެން.