ބެޓް ކޮންފަރެންސްގައި ހޮލޯގޯ ދައްކާލަނީ: 400 އަށް ވުރެ ގިނަ ފިލާވަޅު މި އެޕުން މިހާރު ލިބޭނެ
16 ސެޕްޓެމްބަރ 2019 - 15:59
ދިވެހި ކުންފުންޏަކުން އުފެއްދި ހޮލޯގޯ މޮބައިލް އެޕްލިކޭޝަން އިންޑިއާ އަށް މި މަހު ތައާރަފްކޮށްފި އެވެ. އަދި ލަންކާ އަށް އަންނަ ހޯމަ ދުވަހު ތައާރަފު ކުރާނެ އެވެ.
މިއީ އައިލެންޑާސް އެޑިއުކޭޝަން ގްރޫޕާއި ލޫޕްކްރާފްޓް ޓެކްނޮލޮޖީ ގުޅިގެން ޓެކްނޮލޮޖީގެ އެހީގައި ފަސޭހައިން ކިޔަވައިދީ، އަދި ފިލާވަޅު ދަސްކުރެވޭނެ އެޕް އެކެވެ. މި އެޕް ހޮލޯގޯއިން ތައާރަފްކުރީ މިދިޔަ އަހަރެވެ.
މި އެޕުން މިހާރު ބަޔޮލޮޖީ އާއި ކެމިސްޓްރީ އާއި ފިޒިކްސް އަދި ހިސާބުގެ އިތުރުން ޖިއޮގްރަފީގެ މާއްދާތައް ވެސް ކިޔެވޭނެ އެވެ.
އޯގްމެންޓެޑް ރިއަލިޓީ ނުވަތަ އޭއާރް ޓެކްނޮލޮޖީ މެދުވެރިކޮށް ހަތަރު މާއްދާގެ ފިލާވަޅުތަކާ އެކު ތައާރަފްކުރި މި އެޕް އަށް ވަރަށް ބޮޑު ތަރުހީބެއް ލިބިފައި ވެ އެވެ. އޭއާރް ޓެކްނޮލޮޖީ އަކީ ކެމަރާ ލެންސް ބޭނުންކޮށްގެން އަސްލު ތަކެއްޗަށް ޑިޖިޓަލް މައުލޫމާތު ދޭ ޓެކްނޮލޮޖީ އެކެވެ. ސްނެޕް ޗެޓު ބޭނުންކޮށްގެން މީހުންގެ މޫނަށް ތަފާތު ފިލްޓަރުލަނީ މި ޓެކްނޮލޮޖީގެ އެހީގަ އެވެ. މި އެޕް ބޭނުންކުރުމުން، ފިލާވަޅުތައް ފަސޭހައިން ދެނެގަނެވޭނެ ފަދަ ގޮތަކަށް ކިޔަވައިދެވޭނެ އެވެ.
އޭއާރް ޓެކްނޮލޮޖީގެ އެހީގައި ކިޔަވައިދިނުމުން، ސައިންސް ކިޔަވާ ކުދިންނަށް ދެނެގަންނަން އުނދަގޫ މޮލެކިއުލެއްގެ ތްރީޑީއެއް ހޮލޯގޯ އިން ބެލިދާނެ އެވެ. އަދި ދަރިވަރުންގެ އަތުގެ އިޝާރާތުން އެ މޮލެކިއުލް ކުޑަކޮށް، ބޮޑުކޮށް ގޮތްގޮތަށް އަނބުރައި ހެދޭނެ އެވެ. އަދި އޭގެ އެތެރޭގެ ބައިތައް ބަލައި، އެ ބައިތަކާ ބެހޭ މައުލޫމާތުތައް ހޯދޭނެ އެވެ.
ހޮލޯގޯގެ ސީއީއޯ އީދަމް ރަޝީދު "މިހާރު" އަށް ވިދާޅުވީ އެ އެޕް އެންމެ ފުރަތަމަ ތައާރަފްކުރީ އިންޑިއާގެ މަހަރަޝްތްރާގެ މެޓްރޯޕޮލިޓަން އަދި ރޫރަލް ހިސާބުތަކަށެވެ. މިއީ އެ ސްޓޭޓުގެ ފިނޭންސް އެންޑް ރޫރަލް ޑިވެލޮޕްމެންޓް މިނިސްޓަރު ދީޕަކް ކެސަކާރްގެ އިސްނެންގެވުމުގެ ދަށުން ފެއްޓެވި ޕްރޮގްރާމެކެވެ.
މި އެޕް އިންޑިއާ އަށް ފޯރުކޮށްދެނީ އެ ގައުމުގެ ކުންފުންޏެއް ކަމަށްވާ ޖަމްޕްސްޓާޓް ނެޓްވޯކްއާ ގުޅިގެންނެވެ. އެ ކުންފުންޏާއި އިންޑިއާ ސަރުކާރުގެ ޓެލެކޮމިއުނިކޭޝަން ނެޓްވާކް ބީއެސްއެންއެލްއާ ގުޅިގެން ހޮލޯގޯގެ ހިދުމަތް ފަސޭހައިން ލިބޭނެ ގޮތް ހަމަޖެއްސުމަށް ހޮލޯގޯއިން އަންނަނީ މަސައްކަތްކުރަމުންނެވެ.
ހޮލޯގޯ އެޕް ޑައުންލޯޑް ކޮށްގެން ބައެއް ފިލާވަޅުތައް ހިލޭ ވެސް ކިޔެވޭނެ އެވެ. ނަމަވެސް މި އެޕުގައި ހުރި 400 އަށް ވުރެ ގިނަ ފިލާވަޅު ކިޔެވޭނީ، އެ ފިލާވަޅުތައް ގަނެގެންނެވެ. އީދަމް ވިދާޅުވި ގޮތުގައި އެ ހުރިހާ ފިލާވަޅުތަކެއް ލިބޭނީ އަހަރަކު 18 ޑޮލަރު (277ރ.) އަށެވެ. އަދި މި އެޕް ގަނެފި ނަމަ، ޑޭޓާގެ ގޮތުގައި އިތުރު ހަރަދެއް ކުރަން ނުޖެހޭނެ ކަން އޭނާ ފާހަގަކުރި އެވެ.
"އަޅުގަނޑުމެން މި ބަލަނީ ހެޔޮ އަގުގައި އިންޓަނެޓް އަދި ކިޔަވަން ބޭނުންވާ ފިލާވަޅުތައް ވެސް ފޯރުކޮށްދޭން،" އީދަމް ވިދާޅުވި އެވެ.
މަހަރަޝްތްރާ އަށް މި ޕްރޮގްރާމް ތައާރަފްކުރުމުގެ ކުރިން އަޖުމަ ބެލުމަށްޓަކައި ގޮއާގެ ސަވަންދްވާދީ ކިޔާ ޓައުނަކަށް މި ޕްރޮގްރާމް ހުޅުވާލި އެވެ. އަދި ގޮއާ އަށް ތައާރަފްކުރި މޮޑެލްގެ ދަށުން ބެންގަލޫރާއި ކެރެލާގެ ބައެއް ހިސާބުތަކަށް މި އެޕް ތައާރަފްކޮށްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
އީދަމް ވިދާޅުވި ގޮތުގައި މި އެޕްގައި މިހާރު "ޖާނީ" ކިޔާ އާ ފީޗާއެއް އިންނާނެ ކަމަށެވެ. އަދި އޭގެ އެހީގައި އެހެން ގައުމުތަކަށް ޓެކްނޮލޮޖީ މެދުވެރިކޮށް ވާޗުއަލްކޮށް ނުވަތަ ސްކްރީން ތެރެއިން ދަތުކުރެވޭނެ އެވެ. އިނގިރޭސީގެ އިތުރުން ސިންހަޅަ އަދި ތަމިލް ބަހުން ވެސް މި އެޕް ބޭނުންކުރެވޭނެ އެވެ. އަދި ވަރަށް އަވަހަށް މަރާތީ ބަސް ތައާރަފްކުރާނެ ކަމަށް އީދަމް ވިދާޅުވި އެވެ.
މި އެޕް ލަންކާ އަށް ތައާރަފްކުރާ އިރު އެ ގައުމުގައި ހިންގާ އިންޓަނޭޝަނަލް ސްކޫލުތަކަށް ހާއްސަ ޕްރޮގްރާމެއް ކުރިއަށް ގެންދާނެ އެވެ. އަދި މި އެޕް ކްލާސްރޫމެއްގައި އެންމެ ފަސޭހައިން ބޭނުންކުރެވޭ ގޮތްތައް ކިޔައިދޭން އެޕަލްގެ ހާއްސަ ޑެލަގޭޝަނެއް ދާނެ ކަމަށް އީދަމް ވިދާޅުވި އެވެ. ލަންކާ އަށް ތައާރަފްކުރާނީ ޑައެލޮގް އަދި އެކްސެސް ނެޓްވޯކްއާ ގުޅިގެނެވެ.
"ޕްރޮޖެކްޓަރަކާއި ފޯނެއް ހުރެއްޖެ ނަމަ މި އެޕް ކްލާހެއްގައި ބޭނުންކުރެވޭނެ،" އީދަމް ވިދާޅުވި އެވެ.
ދުނިޔޭގެ 113 އެއްހާ ގައުމަކުން 50،000 އަށް ވުރެ ގިނަ މީހުން މި އެޕް މިހާތަނަށް ޑައުންލޯޑްކޮށްފައި ވެ އެވެ. އަދި ތައުލީމީ ދާއިރާއާ ގުޅޭ ބައިނަލްއަގްވާމީ ކޮންފަރެންސެއްގައި މި އެޕް ވަނީ ގަދަ ހަތްވަނައިގައި ހިމެނިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަލީ އަހްމަދް
16 September 2019
ދިވެހިންގެ ހުނަރުވެރިކަން އަވައްޓެރި ގައުމުތަކުން ބަލާގަތުމީ އަޅުގަޑުމެން ހުރިހާ ދިވެހިންވެސް ފަޙްރު ވެރިވާކަމެއް އަދި ގިން ގިންއިން ދިވެހިން މިފަދަ ކާމިޔާބީތައް ހޯދާ ގައްމުގަ ކުރިއަރަމުން އަންނަ ކުންފުނިތަކާއި ކުދިން އިތުރުކާމިޔާބްތައް ހޯދުމުގެ ފުރުސަތްތައް މިންވަރުކުރެއްވުން އެދި ދުއާ ކުރަން.