18 ސެޕްޓެމްބަރ 2019 - 09:11
މެޑްރިޑް (ސެޕްޓެމްބަރު 18) - ޗެމްޕިއަންސް ލީގުގައި މިރޭ ޔުވެންޓަސްއާ ދެކޮޅަށް ކުޅޭއިރު އެ ޓީމުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ހުރުމަކީ ޖެހިލުންވާންޖެހޭ ކަމެއް ކަމަށް އެތުލެޓިކޯ މެޑްރިޑްގެ ކޯޗު ޑިއޭގޯ ސިމިއޯނީ ބުނެފި އެވެ.
މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގައި އެތުލެޓިކޯ އިން ފުރަތަމަ ލެގުގައި މޮޅުވެފައިވަނިކޮށް ވަނަ ލެގުގައި ރޮނާލްޑޯ ވަނީ ހެޓްރިކެއް ހަދައި އެތުލެޓިކޯ މުބާރާތުން ކަޓުވާލައިފަ އެވެ. ރޮނާލްޑޯ ރެއާލަށް ކުޅުނުއިރު ވެސް މުހިއްމު މެޗުތަކުގައި އެތުލެޓިކޯ ކޮޅަށް ވަނީ ގިނަ ގޯލުތަކެއް ޖަހައިފަ އެވެ.
ސިމިއޯނީ ބުނީ ޗެމްޕިއަންސް ލީގުގައި 126 ގޯލު ޖަހައި މި މުބާރާތުގައި ލަނޑު ޖެހުމުގެ ރެކޯޑް އޮތް ރޮނާލްޑޯއާ ދެކޮޅަށް ކުޅެން ޖެހޭ ކޮންމެ ޓީމަކުން ވެސް ޖެހިލުންވާނެ ކަމަށެވެ.
"ތައްޔާރު މިވާން ޖެހެނީ ގޯލު ކުރިމަތީގައި އާދަޔާހިލާފު ފޯމެއް ދައްކަމުން އަންނަ ކުޅުންތެރިއަކާ ދެކޮޅަށް. ލަނޑު ޖެހުމުގެ އެތައް ރެކޯޑެއް އޭނާ އަތުގައި އެބައޮތް. އޭނާ އަށް ރަނގަޅު ހިސާބަކުން ލިބޭ ކޮންމެ ބޯޅައެއް ކަހަލަ ގޮތަކަށް ނުރައްކާ ކުރާނެ. މި ވަރުގެ ކުޅުންތެރިއަކު ދެކެ ޖެހިލުންވާނެ ކޮންމެ ޓީމެއް ވެސް،" މިރޭ އަމިއްލަ ދަނޑުގައި ޔުވެންޓަސްއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސިމިއޯނީ ބުންޏެވެ.
މި ސީޒަނަށް ބޮޑު ހަރަދުކޮށްގެން ތައްޔާރުވި އެތުލެޓިކޯއާ އެކު ކާމިޔާބު ހޯދަން މި އަހަރު އިތުރު ޕްރެޝަރެއް ސިމިއޯނީ އަށް އޮތްތޯ ނޫސްވެރިއަކު ސުވާލުކުރުމުން އޭނާ ބުނީ ޕްރެޝަރަކީ ފުޓްބޯޅައިގައި އަބަދުވެސް އޮންނަ އެއްޗެއް ކަމަށާއި މި ވަޒީފާއާ ހަވާލުވަނީ އަބަދުވެސް އެކަމަށް ތައްޔާރަށް ހުރެ ކަމަށެވެ.
ޔުވެންޓަސް އިން މިދިޔަ އަހަރުތަކުގައި ޓީމަށް ގިނަ ބަދަލުތަކެއް ގެނައުމުގެ އެންމެ ބޮޑު ބޭނުމަކީ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމެވެ. މިދިޔަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން އަޔަކްސް އަތުން ކަޓައިގެންދިޔައިރު، މި ސީޒަނަށް ޔުވެންޓަސް އިން ކުރިމަތިލީ އާ ކޯޗަކާ އެކު އެވެ. އެ ޓީމަށް މިހާރު އިރުޝާދުދެނީ ޗެލްސީ އަށް ޔޫރޮޕާ ލީގު ކާމިޔާބުކޮށްދިން އިޓަލީގެ ކޯޗު މައުރީޒިއޯ ސާރީ އެވެ.
"އިޓާލިއަން ލީގުގެ ޓީމުތައް ފޭވަރިޓުންގެ ގޮތުގައި ގިނަ ބަޔަކު ނުކިޔަފާނެ. އެކަމަކު ޔުވެންޓަސް ޓީމުގެ ކޮންމެ މަގާމެއް ބަލާލިޔަސް އެއީ އާދަޔާހިލާފު ޓީމެއްކަން އެނގޭ. ޔުވެންޓަސް އަކީ ފޭވަރިޓެއް،" ސިމިއޯނީ ބުންޏެވެ.
އެތުލެޓިކޯގެ ވަންޑާ މެޓްރޮޕޮލިޓާނޯ ސްޓޭޑިއަމްގައި މިރޭ ޔުވެންޓަސްއާ ބައްދަލުކުރާ މެޗު ފަށާނީ 12 ޖަހާއިރު އެެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދައްސޫރަ
18 September 2019
ރަގަޅު ވާހަކައެއް.. ރޮނާޑޯ ..ގޯލްޖަހާތި ..މެސީ ..ވަރަށް..ދެރަވާނެ. ..އެހެންމީހަކަށް..ގޯލްކުރިމަތީގަ .ހުރެގެންވެސް .ރޮނާޑޯ..ގޯލްޖަހާ..ވަރަކަށް ..ގޯލެއް..ނުޖެހެ
ޢިބޫ
19 September 2019
ތިސޮރުގެ ހާދަ މައުލޫމާތު ދަށޭ .. މެސީއެއްނު ފާއިތުވި 2 ސީސަނުގެވެސް އެންމެ ގިނަ ގޯލްޖަހައިގެން ގޯލްޑެންބޫޓް ހޯދީ.
ޢިބޫ
18 September 2019
ރަނގަޅުވާހަކައެއް.. ރޮނާލްޑޯއަށް މެސީ ފެންވަރަށް ނުކުޅެވޭތީ ކުރާ ކަ މަކީ އަބަދު ގޯލް ކުރި މަތީ ހުރެގެން ލަނޑުޖެހުން..