މީހަކު އީ-ސިނގިރެޓް ބޭނުންކުރަނީ.
23 ސެޕްޓެމްބަރ 2019 - 08:16
އެކި ރަހައިގެ އީ-ސިނގިރެޓް ބޭނުންކުރާ މީހުންގެ ތެރެއިން، ނޭވާ ހިއްލާ ބަލި ހުންނަ މީހުންނަށް ނުރައްކާ ބޮޑުވާ ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.
ސައިންޓިފިކް ރިޕޯޓްސްގައި ޝާއިއުކޮށްފައިވާ ދިރާސާއެއްގައި ބުނިގޮތުގައި އީ-ސިނގިރެޓަށް އަޅާ ދިޔާ އެއްޗެހީގައި ނިކޮޓީން އެކުލެވޭ މިންވަރަށް ދަށް ނަމަވެސް، އޭގެ ސިއްހީ ގެއްލުންތައް ކުޑައެއް ނޫނެވެ. އެހެންވެ، ނޭލާވާ ނިޒާމުގައި އެކި ކަހަލަ މައްސަލަތައް ހުންނަ މީހުންނަށް ފްލެވާޑް އީ-ސިނގިރެޓްގެ ސަބަބުން ކުރާ އަސަރު ބޮޑު ކަމަށް ބުންޏެވެ.
"އީ-ސިނގިރެޓް ބޭނުންކުރާ މީހުންގެ ތެރެއިން ނިސްބަތުން ގިނަ މީހުންނަކީ ފްލެވާޑް ސިނގިރެޓް ބޭނުންކުރާ މީހުން. އަދި އެއަށް އަޅާ ދިޔަ އެއްޗެހީގައި އެކުލެވޭ މާއްދާތަކުން ހަށިގަނޑަށް އެތެރެވާ ދުމުގެ ނުރައްކާ ބޮޑު،" ދިރާސާ ޓީމްގައި އިސްކޮށް އުޅުއްވި ސިޑްނީގެ ޓެކްނޮލޮޖީ ޔުނިވަސިޓީގެ ޑރ. ޑޭވިޑް ޗެޕްމަން ވިދާޅުވި އެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި ފްލެވާތަކުގެ ތެރެއިން ވެސް ބައެއް ބާވަތްތަކުގެ ނުރައްކާތެރިކަން ވަރަށް ބޮޑެވެ. އަދި އެފަދަ ރަހަތައް ބޭނުންކުރުމުން ނޭވާލުމުގެ ނިޒާމު އިތުރަށް ހަލާކުވެ، ނޭވާ ހިއްލާބަލީގެ އުނދަގޫ ބޮޑުވާ ކަމަށް ވިދާޅުވި އެވެ.
އީ-ސިނގިރެޓް.
އެގޮތުން ފްލެވާޑް ސިނގިރެޓްގެ ރަހަތަކުގެ ތެރޭގައި ހިމެނޭ ބްލެކް ލިކޯރައިސް އާއި ބަނާނާ ޕުޑިން ސިނަސައިޑާއި ސިނަމަން އާއި ބަޓަރީ/ކްރީމީ ފަދަ ރަހަތަކަށް އިތުރަށް ސަމާލުވުން މުހިއްމުކަން ދިރާސާގައި ފާހަގަކޮށްފައިވެ އެވެ.
"އެކި ފްލެވާތަކަށް ބަލާ އިރު، އެކި ރަހަކުން ކުރިމަތިކުރުވާ ސިއްހީ މައްސަލަތައް ވެސް ތަފާތު. އެކަމަކު މުޅި ޖުމްލަކޮށް ބަލާ އިރު، ފްލެވާޑް އީ-ސިނގިރެޓަކީ ނޭވާހިއްލާ މީހުންގެ ބަލި އިތުރަށް ގޯސްވާން މަގުފަހިކޮށްދޭނެ އެއްޗެއް،" ޑޭވިޑް ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy