މަޖީދިއްޔާ ސްކޫލް ކައިރީގައި ޕާކިން އޭރިއާއެއް ހެދި އިރު ، ބަޔަކު މަސައްކަތުގައި. ޕްލޭނިން މިނިސްޓަރު އަސްލަމް ވިދާޅުވީ މަގުތައް ހުސްކުރަން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް. ފައިލް ފޮޓޯ/މިހާރު
23 ސެޕްޓެމްބަރ 2019 - 14:57
މާލޭގެ މަގުތަކުގައި ވެހިކަލްތައް ތޮއްޖެހުން ކުޑަކުރުމަށްޓަކައި ސަރުކާރުން މިހާރު ވެސް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
މާލޭގައި އިހަކަށް ދުވަހު ހިނގި އަލިފާނުގެ ބޮޑު ހާދިސާއާ ގުޅިގެން ސަރުކާރުން އުފެއްދި ޓާސްކްފޯހުން ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްކޮންފަރެންސްގައި އަސްލަމް ވިދާޅުވީ ވެހިކަލް ތޮއްޖެހުން ކުޑަކުރުމުގައި ސަރުކާރުން ވިސްނަނީ މީހުންގެ ދިރިއުޅުމަށް ވެސް ދަތި ނުވާ ގޮތަކަށް ހައްލެއް ހޯދުމަށް ކަމަށެވެ. އެހެންވެ، މަގުތަކުން ވެހިކަލް ހުސް ކުރުމަށްޓަކައި ޕާކް ކުރާނެ ސަރަހައްދުތަކެއް ކަނޑައަޅައި، އެތަންތަނުގެ ކައިރީގައިވާ މަގުތަކުން ވެހިކަލް މަދުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރު އައި ފަހުން އަލަށް ހުޅުވައިލި ބައެއް ޕާކިން އޭރިއާތަކާއި އޭގެ ސަބަބުންވީ ލުޔާ ބެހޭ ގޮތުން އަސްލަމް އިއްޔެ ތަފްސީލުކޮށް ވާހަކަ ދެއްކެވި އެވެ. މިހާރު މަސައްކަތް ނިމި ބޭނުންކުރަމުން އަންނަ ތަންތަނާއި އަލަށް ހަދަން ރާވާފައިވާ ތަންތަނުގެ ތަފްސީލު ދެއްވި އެވެ.
ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް. އޭނާ ވިދާޅުވީ މަގުތައް ހުސްކުރަން ގިނަ މަސައްކަތްތަކެއް ކުރަމުން އންނަ ކަމަށް. ފައިލް ފޮޓޯ/މިހާރު
އަލަށް ހެދި ޕާކިން އޭރިއާތަކުން ލިބުނު ފަސޭހަތަކުގެ ވާހަކަ ދައްކަވަމުން ފުރަމަތަ މިސާލެއްގެ ގޮތުގައި އަސްލަމް ވިދާޅުވީ ހީނާ މާގޭ ޕާކިން އޭރިއާގެ ވާހަކަ އެވެ. އޭނާ ވިދާޅުވީ އެ ތަން ބޭނުން ކުރަން ފެށުމުން ބޭންކް އޮފް މޯލްޑިވްސް މަޖީދީ މަގު ބްރާންޗްގެ ކައިރިން ވެހިކަލް މަދުކުރެވިފައިވާ ކަމަށެވެ. އަލިފާނުގެ ހާދިސާ ހިނގި އިރު ވެސް އެތަން އޮތީ ހުސްކޮށް ކަމަށް އަސްލަމް ވިދާޅުވި އެވެ.
"މިސާލަކަށް ހީނާމާގެ ހުރި ތަނުގައި ޕާކިންއެއް ހަދާފައި، ބޭންކް އޮފް މޯލްޑިވްސް މަޖީދީމަގު ބްރާންޗް، އެ ސަރަހައްދު އެކީގައި އޮންނާނީ ހުސްކޮށްފައި، ތިޔަ ވިދާޅުވި ހާދިސާއެއް ހިނގި އިރު. އެހެން ނަމަވެސް އެ އެތާކު ނޫން އަލިފާނުގެ ހާދިސާ ހިނގީ،" އޭނާ ވިދާޅުވި އެވެ.
ދެވަނަ ތަނެއް ކަމަށް އޭނާ އަސްލަމް ވިދާޅުވީ ފިނޭންސް މިނިސްޓްރީގެ ފުރަގަހުގައި ހަދާފައިވާ ޕާކިން އޭރިއާ އެވެ. އެ އޭރިއާ ހެދުމުން އަމީނީ މަގުން ފިނޭންސް މިނިސްޓްރީން ފެށިގެން ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލާ ހިސާބަށް ވެހިކަލް ހުސްކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ފިނޭންސް މިނިސްޓްރީ ކުރިމަތިން ފެށިގެން ގޮސް ޣިޔާސުއްދީން ސްކޫލް ހިމެނޭ މި ބްލޮކް އެކީގައި، ހުރި ހުރިހާ ސައިކަލެއް، ދުއްވާ އެއްޗެއް ހުންނާނީ ހުސްކޮށްފައި. ފިނޭންސް މިނިސްޓްރީގެ ފުރަގަހުގައި އޮތް ތަނުގައި ޕާކިން ދައްކާފައި،" އަސްލަމް ވިދާޅުވި އެވެ.
ތިން ވަނަ ތަނަކީ މާފަންނު އަސަރީ ކެފޭ ކުރިން ހުރި ތަނެވެ. އަސްލަމް ވިދާޅުވީ އެ ތަން ދެއްކުމުން ހާބަރުގައި ކެފޭތަކުގެ ކައިރީގައި ހުރި ސައިކަލްތައް ހުސްކުރެވުނު ކަމަށެވެ.
ޕާކިން އޭރިއާ މިހާރު ހަދަމުން އަންނަ ތަންތަނުގެ ތެރޭގައި ސޯސަންމަގުގައި، އިންޑިއާގެ އެމްބަސީ އަޅަން ކުރިން ދޫކޮށްފައި އޮތް ބިމާއި މާލޭ އިންޑަސްޓްރިއަލް ވިލެޖްގެ ވަކި ސަރަހައްދަކާއި ހުޅުމާލެއަށް ދަތުރުކުރާ ހައިވޭ ނިމޭ ހިސާބުން ހުޅުމާލޭގައި ހަދާ ޕާކިން އޭރިއާއެއް ހިމެނެ އެވެ.
ސޯސަން މަގުގައި ޕާކިން އޭރިއާ ހަދާ ސަރަހައްދު މިހާރު އޮތީ އޭނާ ވިދާޅުވި ގޮތުގައި ސާފުކޮށް ނިމިފަ އެވެ. އަދި އިންޑަސްޓްރިއަލް ވިލެޖްގައި ހަދާ ޕާކިން އޭރިއާއަށް ބޭނުންވާ ބިން ވެސް ސާފުކޮށް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ހުޅުމާލޭގައި، މާލޭ ކޮޅުން ގޮސް ހުޅުމާލެއަށް އަރާ ސަރަހައްދުގައި ކާރު ޕާކިންއެއް ހެދުމުގެ މަސައްކަތް މިހާރުވެސް ކުރިއަށް އެބަދޭ. އަޅުގަނޑުމެން އިންޑަސްޓްރިއަލް ވިލެޖްގައި ބޮޑު ސަރަހައްދެއް ސާފުކޮށް ނިންމާފައި، އެތަނުހައި ގާއެޅުމުގެ މަސައްކަތް ކުރަން މިހާރު ސާފުކޮށް ނިންމާފައި އޮތީ،" އަސްލަމް ވިދާޅުވި އެވެ.
އިންޑަސްޓްރިއަލް ވިލެޖްގައި ހަދަނީ ކަސްޓަމް ސަރަހައްދުގައި ޕާކްކޮށްފައި މިހާރު ހުންނަ ބޮޑެތި ވެހިކަލްތައް ޕާކް ކުރުމަށެވެ.
"އެހެންވީމާ ތޮއްޖެހިފައި މިއޮތް އޮތުމާ އެކީގައި ހޯދެން ހުރި [ހައްލުތައް]. މިހާރު އެންމެ ފުރަތަމަ އެންމެ ތިރިން ބިނދެވެން ހުރި މޭވާތައް ބިނދެ އެކަން ކުރެވޭތޯ މަސައްކަތް ކުރަމުން މިގެންދަނީ،" އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވާލުސޮރު
24 September 2019
ވެގެން އުޅޭ ގޮތަކީ ހޭލުންތެރިކަމުގެ މައްސަލަ. ރާއްޖެއިން ބޭރަށް ގޮއްސިއްޔާ ބޭނުން ބުރޭންޑެއްގެ އެއްޗެއް ކެވޭ ބޮވޭ ބޫޓަށް އަރާލައިގެން ދުރުގަ ޕާކުކޮށްފަ ހިނގާފަ މިހެން ގޮސް ވަރަށް ރީތި އާދަ ފެންނަނީ. އަމިއްލަ ގައުމަށް އައުމަށް ފަހު ދިވެހިންނަށް މިވާ ގޮތެއް ނޭންގެ. އޭޑީކޭގެ ރިސާޗު ކިތަންމެހާވެސް ރަނގަޅު.
ޥިސްނާ
24 September 2019
ޙިޔާލެއް...ކޮންމެ އަވަށެއްގައި ގަބުރުސްތާނެއް އެބަހުރި، މީހުންމިހާރަކު ވަޅެއްނުލާ، މިތަންތަން މިނޫންގޮތަކަށް ބޭނުންކުރެވޭނެ ގޮތްތަކެއް ބަލުންކުހިނެއްތޯވާނީ...ޕާކިން މައްސަލައާގުޅޭގޮތުމިބުނީ...ދީނީގޮތުންމިކަމަކީ ކުރެވިދާނެ ކަމެއްތޯ ބެލުމަށްފަހު
އަހުލާފު
24 September 2019
ގިނަ މީހުން ސައިކަލަށް އަރަން މަޖުބޫރު ކުރުވާ އެއްކަމަކީ ހިނގާފަ ދާއިރުގަ އެއުޅޭ ޕާޓޭއިން ނުހޮރޮއްޕާން، މި މާލެ މަގުމަތި ޕާޓޭއިންގެ ކިބައިން ސަލާމަތް ކުރަނިކޮށްވެސް ސައިކަލް ދުއްވާ ދުއްވުން ލައްކަތަނުން މަދުވާނެ، ކަމުގެ އަސްލަށް ވާސިލުވެގެން ނޫނީ ހައްލެއް ނުލިބޭނެ...
ސައުދުﷲ
24 September 2019
އަޅުގަނޑު ސައިކަލެއް ދުއްވަންފެށީ ރޭގަނޑު ފިހާރަ ބަންދުކޮއްފަ ފައިސާތައް ހިފައިގެން ބައިސިކަލުގައި ދާން ޖެހިލުންވާތީ.
ވާލުސޮރު
24 September 2019
ޕާޓޭންނާހެދި ކެފޭއެއް ފިހާރައެއްވެސް ނުހިންގޭ، މީހުން ބޮންދުންގެ އުނދަގުލޭ ކިޔާއިރު މި ޕާޓޭންގެ އުނދަގޫ މިހާރު ވަރަށްބޮޑު
ފަހުލަވާނު
24 September 2019
މާލޭގެ ކޮންމެ ގެއެއްގެ ގުރައުންޑް ބައެއް ޕަބްލިކް ޕާކިން އަށް ހުޅުވަދެއްވާ، އެހެން ނޫނީ އެގޭގަ މީހުން އުޅޭނެ ނިސްބަތަށް ބަލާފަ އެގޭގަ އުޅޭ މީހުންނަށް އެ ގެޔަކުން ޕާކިން ގުރައުންޑުގަ ހަމަޖައްސަން ކުރެހުމުގެ ގަވާއިދު ބަދަލު ކޮށްދެއްވާ، ހުރިހާ މޮޅެއް ބިންވެރިންނަށް ދޭ ނަމަ ކުޑަސިޓީގެ ވަމާންވެސް އައިސްދާނެ އަނބުރާ، މާލެ ވެހިކަލް ގިނަވެ ތޮއްޖެހުނީމަ ރާއްޖެ ތެރޭގަ ދުއްވާ ހުރިހާ ވެހިކަލަކުންވެސް 200% ޑިއުޓީ އެބަ ނަގާ. ގަވާއިދު ތަކުގެ މޮޅުކަމާއެވެ.
އަންނި202
24 September 2019
އަސްލަމް ޔޫ އާ ފޭލްޑް.
9999
24 September 2019
ކޮންމެ ރުކެއް ވިއްކާލަނީ 1000 ޑޮލަރަށޭ؟؟؟ ކޮންތާކަށް އެފައިސާ ޖަމާކުރަންނީ؟؟ ހަމަ ޒީރޯ ޓޮލަރަންސްދޯ؟ ރައްޔިތުން ތިބޭ ވާނެ 6 އެތިވަންދެން.
އާސިމް
24 September 2019
އެންމެ ފުރަތަމަ އެންމެ ތިރިން ބިނދެވެން ހުރި މޭވާތައް ބިނދެ އެކަން ކުރެވޭތޯ މަސައްކަތް ކުރަމުން މިގެންދަނީ،" އޭނާ ވިދާޅުވި އެވެ. ޔައުނީ އެހެން ބަޔަކު (އިންދި ގަހެއްގެ) ކުރިކަމެއްގެ ފޮނިމީހުރކަން ދެއްތޯ؟ ތިޔަ ބޭފުޅުން ކަމެއް ކުރާނީ ކޮންއިރުަކުންތޯ؟ ރަނގަޅު ޕަބްލިކް ޓްރާންސްޕޯޓް ސިސްޓަމެއް ތަޢާރަފުކޮށްފައި ކޮންމެ މީހަކު ސައިކަލް ނަގާ ނިޒާމަށް ޑިސްކަރޭޖް ކުރަމާތޯ. މިފަދަ ގޮތެއް ނެތިގެން ކިތައް ކަނބަލުންތޯ ސައިކަލްތަކަށް އަރަން މަޖުބޫރުވީ.
ސިޔާސަތު
23 September 2019
މާލޭގަ ހުންނާނީ މުޅިން ބަންޑާރަ ގޯތި. ހުރިހާ އުސް އިމާރާތުގެ ގްރައުންޑް ސަރުކާރަށް ނަގާ.
އަހްމަދު ަތީފް
24 September 2019
ރަނގަޅު ކަމެއް... މިސަރުކާރު މިދަނީ ދުވަހެއް ދުވަހަކަށް ފަގީރުވަމުން. ރައްޔިތުންގެ މުދާ ނަގައިގެންވެސް، ގްރީކަށް ވީގޮތަށް މުޅި ގައުމު ބޭންކްރަޕްޓް ވިޔަނުދީ ހިފެހެއްޓިއްޖެއްޔާ ރަނގަޅު.. ނޫނީ އެޖެންޑާ 19 ގައި އޮތީ، ގައުމު ބޭންކްރަޕްޓް ކޮށްލާ ގައުމުގެ ހުރިހުރިހާ އެއްޗެއް ވިއްކާލާ ދިވެހިންކޮޅު ފައްސާ ނަގާލުންބާ؟؟
ސަމީ
23 September 2019
ހުޅުމާލެ އޮއްވާ މާލޭގަ މަގުތައްވެސް ހެދުން އެއީ ބޭކާރު ކަމެއް މަވަރު ނެތިގެން އުޅޭ އަސްލަމް
އިންސާފް
23 September 2019
މިނިސްޓަރުގެ ޕްލޭނިން އެބަ ޖެހޭ ވިސްނާލަން. ޕާކިން އޭރިޔާ ހަދާ ހަދާ ނިމޭނެބާ؟ އަބަދު ތިކަން ކުރުންބާ މޮޅު ޕްލޭނިންގަ އޮތީ؟ އެތެރެވާ ވެހިކަލްތައް ކޮންޓްރޯލް ނުކޮށް ކިތަންމެ ވަރަކަށް ޕާކިންހެދިޔަސް މާލޭން ވެހިކަލް މަދެއްނުވާނެ.
ލލލލލލކ
24 September 2019
އެއީ ކުރިން އަޅާފަ ހުރި ގާކޮޅެއް ބޭނުންކޮށްގެން ހައުސިން މިނިސްޓްރީއާއި ސިޓީ ކައުންސިލްގައި އުޅޭ ބޭރު މަސައްކަތު މީހުން ލައްވާ ކުރުވާ ޚަރަދެއް ނުހިނގާ ކަންކަން. އެކަމަކު އެކަމަށް ޚަރަދުވާ ކަމަށް އެބަބުނޭ މިލިއަނުން.. ރޯމާ ދުވާލު ފޭރި ރައްޔިތުންގެ ފައިސާކޮޅު ހުސްކޮށްލައިފި.