ޚަބަރު / ކޮންސްޓްރަކްޝަން ދާއިރާ

ޖިއާންގެ މަރުގެ މައްސަލަ: ދެ ގަޑިއިރުގެ ހޫނު ބަހުސްތަކަށް ފަހު އަޑުއެހުންތައް ނިމުމަކާ ގާތަށް

ޖިއާން: އޭނާގެ މަރާ ގުޅިގެން ދައުލަތުން ހަ މީހަކަށް ދައުވާ ކުރޭ

މާލޭގައި ހަދަމުން އިމާރާތަކުން ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހި ކުޑަކުއްޖަކު މަރުވި މައްސަލާގައި ދައުލަތުން ކުރާ ދައުވާއާ ގުޅިގެން ދެ ފަރާތުގެ ވަކީލުންގެ މެދުގައި ހޫނު ބަހުސްތަކެއް ހިނގުމަށް ފަހު އެ މައްސަލަ ކްރިމިނަލް ކޯޓުން ނިމުމަކާ ގާތަށް ހިނގައްޖެ އެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު މާލޭގައި އިމާރާތް ކުރަމުންދިޔަ ތަނަކުން ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހި ބަންގްލަދޭޝްގެ ހަތް އަހަރުގެ ކުއްޖެއް ކަމަށްވާ ރައުޝަން ޖިއާން މަރުވި މައްސަލާގައި ދައުލަތުން ކްރިމިނަލް ކޯޓުގައި ހަ މީހަކަށް ވަނީ ދައުވާކޮށްފަ އެވެ. އެއީ އިންޑިއާގެ ރައްޔިތުން ކަމަށްވާ ރައްޖާވް އަލީ އާއި މުތުމަނި ރަމަޗަންދުރަން އާއި ކެޝަރިލާލް ޗައުހާން އާއި ގުލަމް މުހައްމަދާއި ދެ ދިވެހިން ކަމަށްވާ ދަފްތަރު ނަމްބަރު 8424 މޫސާ ހަސަން އާއި ދަފްތަރު ނަމްބަރު 7198 އާދަމް ޝަފީގްގެ މައްޗަށެވެ.

އެ މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި އެންމެ ފުރަތަމަ އޮތީ ޖިއާންގެ ގަޔަށް ސިމެންތި ބަސްތާ ވެއްޓުނު މަންޒަރު ފެންނަ ވީޑިއޯ ފުޓޭޖް ޝަރީއަތުގައި ދެއްކުމެވެ. އެ ހާދިސާ ހިނގި ސަރަހައްދުގެ ދެ ތަނަކުން ނަގާފައިވާ ވީޑިއޯ ފުޓޭޖް ޝަރީއަތުގައި ދެއްކުމުން ދައުލަތުން ބުނީ ސިމެންތި ބަސްތާ ވެއްޓުނުއިރު އެތަނުގައި މަސައްކަތް ކުރަމުން ދިޔައީ އެ ސަރަހައްދު ބަންދު ނުކޮށް ކަމަށާއި އެތަނުގައި ބޯޑެއް ބަހައްޓާފައި ހުރީ ޕޭވްމަންޓްގެ އެންމެ ފަރާތެއްގައި ކަން ވީޑިއޯއިން އެނގޭ ކަމަށެވެ.

ބޯޑު ބަހައްޓާފައި ހުރި ފަރާތުގައި ވެސް ބޯޑު ބަހައްޓާފައި ހުރީ ޕޭވްމަންޓްގެ އަރިމައްޗެއްގައި ކަމަށާއި އަދި އޭރު މަގުމަތީގައި ތިބެގެން ސިމެންތި ބަސްތާ މައްޗަށް ފޮނުވުމުގައި ހަރަކާތްތެރިވި ދައުވާލިބޭ ދެ ބިދޭސީން ތިބީ ހެލްމެޓް ފަދަ ވަސީލަތެއް ވެސް އަޅައިގެން ނޫން ކަން އެނގޭ ކަމަށް ދައުލަތުން ބުންޏެވެ. އަދި އެ މީހުންގެ އަމަލުތައް ހުރީ ވެސް އެތަނުގައި މަސައްކަތެއް ކުރަމުން ދިޔަކަން ހިނގާ މީހުން އެނގޭނެ ފަދަ ގޮތަކަށް ނޫން ކަމަށް ދައުލަތުން ބުންޏެވެ.

ދައުލަތުގެ އެ ވާހަކަތަކާ ގުޅިގެން ދައުވާލިބޭ ހަ މީހުންގެ ވަކީލް އަދި ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ދައުލަތާ އަމާޒު ކުރެއްވީ ސުވާލުތަކެކެވެ. އެގޮތުން އެފަދަ މަސައްކަތެއް ކުރާއިރު ހެލްމެޓް އެޅުން ނުވަތަ ވަކި ގޮތަކަށް ހެދުން އެޅުން ލާޒިމް ކުރަނީ ކޮން ގާނޫނެއް ނުވަތަ ގަވާއިދެއްގެ ދަށުންތޯ އާއި އެފަދަ މަސައްކަތެއް ކުރާ ސަރަހައްދެއް ބަންދުކުރަން ލާޒިމް ކުރަނީ ކޮން ގާނޫނެއް ނުވަތަ ގަވާއިދެއްގެ ދަށުންތޯ ވެސް އޭނާ ސުވާލު އުފެއްދެވި އެވެ. އަދި ވަޒީފާ އަދާ ކުރާ ތަނުގައި ވަކި ގޮތަކަށް ތިބެން ލާޒިމްވަނީ ކޮން ހަމައަކުންތޯ ވެސް ޝަމީމް ސުވާލު ކުރެއްވި އެވެ.

ޖަވާބުގައި ދައުލަތުން ބުނީ އެފަދަ މަސައްކަތެއް ކުރާއިރު ހެލްމެޓް ނުވަތަ ވަކި ހެދުމެއް އަޅަން ލާޒިމްވާ ކަމަށް ނުބުނާ ކަމަށާއި ބުނެފައިވާނީ އެ ދެ ބިދޭސީންގެ އަމަލުތައް ހުރިގޮތުން އެތަނުގައި މަސައްކަތެއް ކުރަމުންދިޔަ ކަން ހިނގާ މީހުންނަށް ނޭނގޭނެ ވާހަކަ ކަމަށެވެ. އަދި ބޯޑު ބަހައްޓާފައި ހުރީ ޕޭވްމަންޓްގެ އަރިމަތީގައި ކަން ވީޑިއޯއިން އެނގޭއިރު، އެތަނުގެ ސަލާމަތީ ފިޔަވަޅުތައް އެކަށީގެންވާ މިންވަރަށް އަޅާފައި ނުވާ ކަމަށް އެ މައްސަލާގައި ހާޒިރުކުރި އެކްސްޕާޓުން ބުނެފައިވާ ކަމަށް ވެސް ދައުލަތުން ބުންޏެވެ.

ބޯޑު ބަހައްޓާފައި ހުރި ހިސާބާ ގުޅޭގޮތުން ސުވާލު އުފެދުމުން ޝަމީމްގެ އެދިވަޑައިގަތުމަކަށް އެ ވީޑިއޯ ފުޓޭޖް ޝަރީއަތުގައި އަލުން ދެއްކި އެވެ.

އެ ވީޑިއޯ ދެވަނަ ފަހަރަށް ދެއްކުމުން ޝަމީމް ވިދާޅުވީ ބޯޑު ބަހައްޓާފައި ހުރީ ޕޭވްމަންޓްގެ މެދުގައި ކަން ސާފުކޮށް ވީޑިއޯއިން އެނގޭ ކަމަށާއި އެ ބޯޑު ނުފެނި، އެތަނުން އެއްވެސް މީހަކަށް ހިނގާފައި ނުދެވޭނެ ކަމަށެވެ. އަދި ޖިނާއީ ދައުވާއެއް ކުރެވޭނީ ގާނޫނުގައި މަނާ ކޮށްފައިވާ ކަމެއް ކޮށްގެން ކަމަށާއި ވަކި ގޮތަކަށް ތަނެއްގައި ބަޔަކު ތިބުމަކީ އެއީ ޖިނާއީ ދައުވާއެއް ކުރެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

ޝަމީމް ވިދާޅުވި ގޮތުގައި އެ ހާދިސާގައި ކުޑަކުއްޖަކު މަރުވުމަކީ ހިތާމަ ކުރަންޖެހޭ ކަމެއް ކަމަށެވެ. އެކަމަކު އެފަދަ މަސައްކަތެއް ކުރުމުގައި ގާނޫނީ ގޮތުން ކުރަންޖެހޭ އެ މައްސަލާގައި ފުރިހަމަ ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މުހިންމު ލިޔުމެއް ދައުލަތުން ހުށަހަޅާފައެއް ނެތް

ވީޑިއޯއާ ގުޅޭގޮތުން ދެ ފަރާތުން ވާހަކަ ދެއްކުމަށް ފަހު ދެން އޮތީ ދައުވާތަކާ ގުޅޭގޮތުން ދެ ފަރާތުން ވާހަކަ ދެއްކުމެވެ.

އެ މަސައްކަތްކުރި ޑަބްލިއު ކޮންސްޓްރަކްޝަން ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް ޝަފީގްގެ މައްޗަށް ކުރާ މީހަކު މަރުވެ ދިއުމުގެ އިހުމާލުގެ އަމަލެއް ކުރުމުގެ ދައުވާއާ ގުޅިގެން ޝަމީމް އެންމެ ފުރަތަމަ ވިދާޅުވީ ޝަފީގަކީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ކަން އެނގޭނެ އެއްވެސް ހެއްކެއް އަދި އޭނާގެ ޒިންމާއަކީ ކޮބައިކަން އެނގޭނެ އެއްވެސް ހެއްކެއް ދައުލަތުން ހުށަހަޅާފައި ނެތް ކަމަށެވެ.

މީހަކު ނުކޮށް ދޫކޮށްލި އަމަލެއް ކުށަކަށް ވާނީ ކުރި އަމަލާއި ނިކުތް ނަތީޖާ ސަބަބުގެ ގޮތުން ގުޅިފައި އޮވެގެން ކަން ފާހަގަ ކުރައްވައި، ޝަމީމް ވިދާޅުވީ ޝަފީގް ނުކޮށް ދޫކޮށްލި އަމަލަކީ ކޮބައިކަން އަދި ނިކުތް ނަތީޖާއާ އެކަން ގުޅިފައި އޮތީ ކޮން ގޮތަކަށް ކަން ދައުލަތަށް ބުނެދެވިފައި ނެތް ކަމަށެވެ. އަދި ކުންފުނީގެ އެތައް މުވައްޒަފުންތަކެއް ތިބޭއިރު އެއިން މީހަކު ކުރާ ކުށެއްގެ ޒިންމާ އެ ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރު ފަރުދީ ގޮތުން އުފުލަން ޖެހޭނެ ގާނޫނީ ހަމައެއް ނޯންނާނެ ކަމަށް ވެސް ޝަމީމް ވިދާޅުވި އެވެ.

ޝަފީގަކީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ކަން ސާބިތުވާ އެއްވެސް ހެއްކެއް ނެތް ކަމަށް ޝަމީމް ވިދާޅުވުމުން ދައުލަތުން ބުނީ އޭނާއަކީ މެނޭޖިން ޑިރެކްޓަރު ކަމާ މެދު ކުރިން އެއްވެސް މަރުހަލާއެއްގައި ދައުވާލިބޭ ފަރާތުން ސުވާލު އުފައްދާފައި ނެތް ކަމަށެވެ. ހެކިބަސް ނެގުމުގެ މަރުހަލާގައި ވެސް އެ ސުވާލު އުފައްދާފައި ނެތް ކަމަށާއި އެހެންވެ، މިހާރު އެ ސުވާލު އުފެއްދޭނެ ކަމަށް ގަބޫލު ނުކުރާ ކަމަށް ދައުލަތުން ބުންޏެވެ.

ރައްދުގައި، ޝަމީމް ފާހަގަ ކުރެއްވީ ޖިނާއީ ކޮންމެ ދައުވާއެއް ވެސް ސާބިތުކޮށް ދިނުމުގެ ބުރަ އުފުލަން ޖެހޭނީ ދައުލަތުން ކަމެވެ. އެއީ ދައުވާލިބޭ ފަރާތުން އަދާކުރަން ޖެހޭ ޒިންމާއެއް ނޫން ކަން ފާހަގަ ކުރައްވައި، ޝަމީމް ވިދާޅުވީ ޝަފީގަކީ މެނޭޖިން ޑިރެކްޓަރު ކަމަށް ދައުލަތުގެ ދައުވާގައި ބުނާއިރު އެ ހާދިސާ ހިނގިއިރު އަދި މިހާރު އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކީ ކާކުކަން ހޯދުމަކީ ސަރުކާރުގެ ކަމާބެހޭ އިދާރާތައް މެދުވެރިކޮށް ވެސް ދައުލަތަށް ކުރެވެން އޮތް ކަމެއް ކަމަށެވެ. އެކަމަކު އެފަދަ އެއްވެސް ހެއްކެއް ހުށަހަޅާފައި ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

"ދައުވާއަކީ ކުރު ވާހަކައެއްހެން އޮންނަ އެއްޗެއް ނޫން. ދައުވާގައި ހިމެނޭ ކަންކަން ސާބިތުކޮށް ދިނުމަށް މަސައްކަތް ކުރުމަކީ ފުލުހުންނާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކުރައްވަންޖެހޭ ކަމެއް." ޝަމީމް ވިދާޅުވި އެވެ.

ދައުވާތަކާ މެދު ހޫނު ބަހުސްތަކެއް

ސިމެންތި ބަސްތާ މައްޗަށް ނަގަމުން ދިޔައިރު ވިންޗް އޮޕަރޭޓްކުރި ރައްޖާވްގެ މައްޗަށް ކުރާ މީހަކު މަރުވެ ދިއުމުގެ ފަރުވާ ކުޑަ އަމަލެއް ކުރުމުގެ ދައުވާއާ ގުޅޭގޮތުން ޝަމީމް ވިދާޅުވީ ރައްޖާވްގެ އެ އަމަލަކީ ގާނޫނުލް އުގޫބާތުގެ ދަށުން ފަރުވާ ކުޑަ އަމަލެއްގެ ދަރަޖައަށް ފެތޭނެ އަމަލެއް ނޫން ކަމަށެވެ. އެތަނުގައި މަސައްކަތްކުރީ ބޯޑެއް ބަހައްޓައިގެން ކަމަށް ވާއިރު، ބޯޑު ބަހައްޓާފައި ހުއްޓާ އެތަނުން ހިނގާ މީހުން އެ ކުރަނީ ފަރުވާ ކުޑަ އަމަލެއް ކަމަށް ބެލެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެންވެ، ގާނޫނުލް އުގޫބާތުގެ ދަށުން ރައްޖާވްގެ އެ އަމަލަކީ މީހަކު މަރުވެ ދިއުމުގެ ފަރުވާ ކުޑަ އަމަލެއް ކަމަށް ނުފެތޭނެ ކަމަށާއި އެ އަމަލު ކުށަކަށް ފެތުނަސް، ފެތޭނީ މީހަކު މަރުވެ ދިއުމުގެ އިހުމާލުގެ އަމަލެއްގެ ގޮތުގައި ކަމަށް ޝަމީމް ވިދާޅުވި އެވެ.

ރައްދުގައި ދައުލަތުން ބުނީ ރައްޖާވްގެ މައްޗަށް އެ ދައުވާ ކުރަނީ ވިންޗް އޮޕަރޭޓް ކުރުމުގެ މަސައްކަތް އޭނާއާ ހަވާލު ނުކުރަނީސް އަމިއްލައަށް އެ މަސައްކަތް ކުރަމުން ދަނިކޮށް އެ ހާދިސާ ހިނގާފައިވާތީ ކަމަށެވެ. ވިންޗް އޮޕަރޭޓް ކުރުމުގެ ތަޖްރިބާ ނެތީސް އަދި އެ މަސައްކަތް ނުކުރަން އެހެން މީހުން ރައްޖާވް ގާތު ބުނުމުން ވެސް އޭނާ އެ މަސައްކަތް ކުރަމުން ދަނިކޮށް ވިންޗް ލައިނަށް ދޫދެވި، ސިމެންތި ބަސްތާ ވެއްޓުނީ ކަމަށާއި އެހެންވެ ރައްޖާވްގެ އެ އަމަލަކީ މީހަކު މަރުވެ ދިއުމުގެ ފަރުވާ ކުޑަ އަމަލެއްގެ ގޮތުގައި ބެލެވޭނެ ކަމަށް ދައުލަތުން ބުންޏެވެ.

ސިމެންތި ބަސްތާ މައްޗަށް ނެގުމަށް ވިންޗް އޮޕަރޭޓް ކުރަމުންދިޔަ ރައްޖާވް ގާތު ބުނެފައިވާތީ މުތުމަނިގެ މައްޗަށް ކުރާ މީހަކު މަރުވެ ދިއުމުގެ ފަރުވާ ކުޑަ އަމަލެއް ކުރުމުގައި ބައިވެރިވުމުގެ ދައުވާއާ ގުޅިގެން ޝަމީމް ވިދާޅުވީ އެފަދަ ދައުވާގައި، ކުރި އަމަލާއި ނިކުތް ނަތީޖާ ގުޅިފައި އޮތުން ގާނޫނީ ގޮތުން ލާޒިމްވާ ކަމަށާއި އެކަމަކު މުތުމަނި އެ ހާދިސާގައި ކުރި އެއްވެސް އަމަލެއް ނެތް ކަމަށެވެ.

ރައްދުގައި ދައުލަތުން ބުނީ ހުއްދަ ނެތީސް ރައްޖާވް ވިންޗް އޮޕަރޭޓް ކުރަމުން ދަނިކޮށް އެ މަސައްކަތުގައި އޭނާއަށް އެހީވީ މުތުމަނި ކަމަށްވާތީ އެކަމުގައި ބައިވެރިވުމުގެ ދައުވާ އޭނާގެ މައްޗަށް ކުރެވޭނެ ކަމަށެވެ. އަދި އޭނާ ކުރި އަމަލާއި ނިކުތް ނަތީޖާ ވެސް ގުޅިފައިވާ ކަމަށް ދައުލަތުން ބުންޏެވެ.

އެ ހާދިސާ ހިނގިއިރު މަގުމަތީގައި ތިބެގެން ބަސްތާ މައްޗަށް ފޮނުވުމުގައި ހަރަކާތްތެރިވި ކެޝަރިލާލް އާއި ގުލަމްގެ މައްޗަށް ކުރަނީ ކުރިމަތިވެދާނެ ކަން އެނގޭ ނުރައްކަލެއްގެ އިންޒާރު ނުރައްކަލުގައިވާ މީހާއަށް ނުދިނުމުގެ ދައުވާ އެވެ.

އެ ދައުވާއާ ގުޅިގެން ދިފާއީ ވަކީލުން ވިދާޅުވީ އެ މަސައްކަތް ކުރަމުން ދިޔައީ ޕޭވްމަންޓްގެ ބޯޑު ބަހައްޓައިގެން ކަން ސިޓީ ކައުންސިލުން އެ ހާދިސާގައި ތައްޔާރުކުރި ރިޕޯޓުންނާއި ހެކިތަކުން ވެސް އެނގޭތީ ނުރައްކަލެއް ކުރިމަތިވެދާނެ ކަމުގެ އިންޒާރު އެ މީހުން ދީފައި އޮތް ކަމަށް ބެލެވޭނެ ކަމަށެވެ. ނުރައްކަލެއް ކުރިމަތިވެދާނެ ކަމުގެ އިންޒާރު ދީފައިވާ ކަމަށް ގާނޫނީ ގޮތުން ބެލެވޭތީ އެ ހާލަތުގައި ކުށުގެ ޒިންމާ އެ މީހުން އުފުލަން ނުޖެހޭނެ ކަމަށް ވެސް ވަކީލުން ވިދާޅުވި އެވެ.

ރައްދުގައި ދައުލަތުން ބުނިގޮތުގައި ބޯޑު ބަހައްޓާފައި ހުރީ ޕޭވްމަންޓްގެ އަރިމައްޗެއްގައި ކަމަށް ވެފައި އެ މަސައްކަތް ކުރަމުން ދިޔައިރު ވެސް އެތަނުން މީހުން ހިނގަމުން ގޮސްފައިވާ ކަމަށެވެ. އަދި އެތަނުގައި މަސައްކަތް ކުރަމުންދާ ކަން މީހުންނަށް އެންގުމަކީ އެ ދެ މީހުން ކުރަންޖެހޭނެ ކަމެއް ކަމަށް ވެސް ދައުލަތުން ބުންޏެވެ.

އެ ހާދިސާގައި އިމާރާތުގެ މަސައްކަތްކުރި ޑަބްލިއު ކޮންސްޓްރަކްޝަންގެ ސުޕަވައިޒަރެއް ކަމަށްވާ މޫސާ ހަސަންގެ މައްޗަށް ކުރަނީ މީހަކު މަރުވެ ދިއުމުގެ އިހުމާލުގެ އަމަލެއް ކުރުމުގެ ދައުވާ އެވެ. އެ ދައުވާއާ ގުޅިގެން ވެސް ޝަމީމް ވިދާޅުވީ މޫސައަކީ އެ ކުންފުނީގެ ސުޕަވައިޒަރެއް ކަމެއް އަދި އޭނާގެ މަސައްކަތަކީ ކޮބައިކަން އެނގޭނެ އެއްވެސް ހެއްކެއް ދައުލަތުން ހުށަހަޅާފައި ނެތް ކަމަށެވެ.

ޝަމީމް ވިދާޅުވި ގޮތުގައި މީހަކު ނުކޮށް ދޫކޮށްލި އަމަލަކާ ގުޅިގެން ދައުވާ ކުރެވޭނީ އެކަމަކީ ގާނޫނީ ގޮތުން އެ މީހަކު ކުރުން ލާޒިމް ކަމެއް ކަމަށް ވާ ނަމަ އެވެ. ވަޒީފާގެ ގޮތުން ކުރަންޖެހޭ ކަމެއް ނުކުރުމަކީ ޖިނާއީ ކުށެއް ނޫން ކަމަށާއި އެކަން ފެތޭނީ އިދާރީ އަމަލެއްގެ ގޮތުގައި ކަން އޭނާ ފާހަގަ ކުރެއްވި އެވެ. ޝަމީމް ވިދާޅުވީ ސިމެންތި ބަސްތާ ވެއްޓުނީ ދައުވާލިބޭ އެހެން ބައެއް މީހުންގެ އިހުމާލުން ކަމަށް ދައުލަތުން ބުނާއިރު އެހެން ބަޔަކު ކުރި ކުށެއްގެ ޒިންމާ މޫސަ އުފުލަން ޖެހޭނެ ގޮތެއް ނޯންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެކަމުގައި އޭނާ ކުރި އަމަލެއް ނެތް ކަމަށް ވެސް ޝަމީމް ވިދާޅުވި އެވެ.

ޖަވާބުގައި ދައުލަތުން ބުނީ މޫސަގެ މައްޗަށް ދައުވާ ކުރަނީ ސަލާމަތީ ފިޔަވަޅުތައް އެޅުމުގައި އިހުމާލުވުމުން ކަމަށާއި އެ ހާދިސާ ހިނގި ސައިޓްގެ ސުޕަވައިޒަރަކީ އޭނާ ކަމަށާއި އެ ހާދިސާ ހިނގިއިރު އޭނާ އެތަނުގައި ނެތް ކަމަށް ވެސް ދައުލަތުން ބުންޏެވެ. އަދި ވަޒީފާގެ ހައިސިއްޔަތުން ކުރިޔަސް ނުވަތަ އެ ނޫން ވެސް ހައިސިއްޔަތަކުން ކުރިޔަސް ޖިނާއީ ކުށެއް ކޮށްފި ނަމަ އެކަމަކަށް ދައުވާ ކުރެވޭނެ ކަމަށް ދައުލަތުން ބުންޏެވެ.

ދެ ގަޑިއިރަށް ވުރެ ދިގު ދެމިގެންދިޔަ މިއަދުގެ އަޑުއެހުމުގައި ދައުވާއާ ގުޅޭގޮތުން ދެ ފަރާތުން ވާހަކަ ދައްކައި ނިމިފައިވާތީ ދެން އޮންނާނީ ހެކިތަކާ ބެހޭގޮތުން ދެ ފަރާތުން ވާހަކަ ދެއްކުމާއި ޚުލާސާ ބަޔާން ހުށަހެޅުމެވެ.

ހެކިތަކާ ބެހޭގޮތުން ވާހަކަ ދެއްކުމާއި ޚުލާސާ ބަޔާން ހުށަހެޅުމުގެ އަޑުއެހުން އަންނަ ހޯމަ ދުވަހު ބާއްވަވާނެ ކަމަށް އެ މައްސަލަ ބައްލަވާ ގާޒީ އަލީ ރަޝީދު ހުސައިން އިއުލާން ކުރެއްވި އެވެ.

ޚުލާސާ ބަޔާން ހުށަހަޅައި ނިމުމުން އިތުރު ކަމެއް ސާފުކުރަން ނުޖެހޭ ނަމަ، ދެން އޮންނާނީ ހުކުމް އިއްވުމެވެ.

24 ކޮމެންޓް, 48 ރިއެކްޝަންސް

icon happy icon happy 8%
icon sad icon sad 40%
icon angry icon angry 52%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހިތާ

28 September 2019

ޝަމީމް ގެ ގޮތެއް ނެތްކަން މީގެން ފެންނާނީ ވަރަށް ގިނަ ބަޔަކަށް. ހިތް ދަތި ކަމެއް

The name is already taken The name is available. Register?

ކެނެޑީ

28 September 2019

މިތާގަ ވާއެއްޗަކީ ނުވާއެއްޗަކީ އަދި ނުވާއެއްޗަކީ ވާއެއްޗަކީވެސް ބަންދުބޯޑު

The name is already taken The name is available. Register?

ކެކެ

27 September 2019

ވަރައް ހިތާމަ ހުރިކަމެއް. މިކަމުގެ ޒިންމާ ނަގަން ޖެހޭނީ އެ ބަންގާޅިން ލައްވާ އެމަސައްކަތް ކުރި މީހަކު.ސަރުކާރުގެ އިހުމާލް ގަވައިދެއްނެތުން.

The name is already taken The name is available. Register?

މަރުޖާނަ

27 September 2019

ސަމީމުގެ ރައްދުރަނގަޅު. ސަރުކާރުން ޤާނޫނުތަށް އަދި ގަވައިދުތަށް ހަރުދަނާ ކުރަންވީ.

The name is already taken The name is available. Register?

ވޯލް

27 September 2019

ޝަމީމު ކިތަންމެ މޮޅު ވަކީލަކަސް، އެކުއްޖާ މަރުވުމުގައި ކުންފުނީގެ އެމްޑީ ފުރިހަމައަށް ޒިންމާ ނަގަންޖެހޭ.ސަބަބަކީ ސައިޓު ބޭރުން ދިޔަ މީހަކަށްވާ ގެއްލުމުގެ ޒިންމާ ނަގަންޖެހޭނީ އެކަން ކުރާ ފަރާތުން، އެކަން ކުރި ފަރާތަކީ ކުންފުނި، ކުންފުނިންކުރާ ހުރިހާ ކަމެއްގެ ޒިންމާ ނަގަންޖެހޭނީ ކުންފުނި ހިންގުމުގެ ހުރިހާ ބާރެއް ޤާނޫނީގޮތުން އޮތް ފަަރާތް ކަމުގައިވާ އެމްޑީ. ކުންފުނިން ކަންކަން ކުރަނީ ޤަނޫނާއި ޤަވާއިދާއެއްގޮތަށްތޯ ބަލާ ޔަޤީންކުރުމަކީ އޭނާގެ ޒިންމާ.

The name is already taken The name is available. Register?

މަލްޑީވިއަންޓް

27 September 2019

މިއީ އަޅެފަހެ ކޮންތަނަކުން ޤާނޫނު ކިޔަވައިގެން އައިސްގެން އުޅޭ ބައެއްތަ؟ ނިކަމެތި މަސައްކަތުމީހާ، އޭނާގެ ބޮޑުމީހާ އެންގި ގޮތަކަށް، ކާންބޯން ކުރާ މަސައްކަތުގައި، ދައުލަތާއި ބޮޑުމީހާގެ އިހުމާލުން މެދުވެރިވި ކަމެއްގެ ޒިންމާ ނަގާކަށް ނުޖެހޭ!

The name is already taken The name is available. Register?

ކިޔުންތެރި

27 September 2019

މިފެންނަނީ މައުސޫމު ކުއްޖަކު މަރުވުމުގައި އިހުމާލުވި މީހުން ހިމާޔަތްކުރުމަށް ޤާނޫނުގައި ހުރި ލޯޕް ހޯލްތައް ހޯދައިގެން ޝަމީމު މަސައްކަތްކޮށްދޭތަން. ހީވާކަހަލަ އިހުމާލު އޮތީ އެކުއްޖާގެޔޭ. ޝަމީމެއްކަމަކު ބޮޑުވަރު

The name is already taken The name is available. Register?

ވޯލް

27 September 2019

ތިބުނީ ހަމަ ހެޔޮކޮށް، މިރާއްޖޭގެ އެންމެގެން ލޯމަށްޗަށް ފެނިފައިވަނީ، އެ ތުއްތު ކުއްޖާ މަރުވީ އެތަނުގައި އެފަދަ މަސައްކަތެއް ކުރަންޖެހޭ އިރު އަޅަންޖެހޭ ސަލާމަތީ ފިޔަވަޅު ނާޅާ ފަރުވާ ކުޑަކޮށް ކުރީމަކަން. ދެން އެމީހުން ހަމަ އެއްވެސް ކަމެއް ނުކުރާކަމަށް ސާބިތުކޮށް އެކުއްޖާ މަރުވީ ހަމަ އެކަނި އެކުއްޖާގެ ފަރުވާ ކުޑަ ކަމުންކަން ސާބިތުކުރުން މިލިއަނުން ތިޔަ ޝަމީމުއަށް ފައިސާ ދީފަ ހުންނާނީ.

The name is already taken The name is available. Register?

އަޙްމަދު

27 September 2019

ޑަބްލިޔޫ ކޮންސްޓްރަކްޝަނަކީ ޑަބްލިޔޫ ކޮންސްޓްރަކްޝަންކަން އެނގޭނެ ޤާނޫނެއް އެބައޮތްތ?

The name is already taken The name is available. Register?

ޝޮކްތެރަޕީ

27 September 2019

މިސަރުކާރަކި ދިވެހިން ހައްދައިގެން އައި ސަރުކާރެށް.

The name is already taken The name is available. Register?

ޝަޒްނާ

27 September 2019

ސަމީމުގެ ދަރިޔަކު މަރުވިނަމަ ހަމަ ތިގޮތަށް އަކުރުތަކުގައި ހިފާނެބާ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454