ޖިއާންގެ މަރުގެ މައްސަލާގައި ހެކިބަސް ނެގުން ފަސްކޮށްފި

މާލޭގައި ހަދަމުންދިޔަ އިމާރާތަކުން ސިމެންތި ބަސްތާއެއް ވެއްޓި ރައުޝަން ޖިއާން މަރުވި މައްސަލާގައި ދައުލަތުން ކުރާ ދައުވާގައި ހެކިން ހާޒިރު ނުކުރެވޭތީ ހެކިބަސް ނެގުން ފަސްކޮށްފި އެވެ.


މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ހަދަމުން ދިޔަ އިމާރާތަކުން ސިމެންތި ބަސްތާއެއް ވެއްޓި ބަންގަލްދޭޝްގެ ހަތް އަހަރުގެ ކުއްޖެއް ކަމަށްވާ ރައުޝަން މަރުވި މައްސަލާގައި ދައުލަތުން ވަނީ ހަ މީހެއްގެ މައްޗަށް ދައުވާކޮށްފަ އެވެ. އެގޮތުން މީހަކު މަރުވެ ދިއުމުގެ ފަރުވާ ކުޑަ އަމަލެއް ކުރުމުގެ ދައުވާ އެއް ބިދޭސީއެއްގެ މައްޗަށް ކުރާއިރު، މީހަކު މަރުވެ ދިއުމުގެ ފަރުވާ ކުޑަ އަމަލެއް ކުރުމުގައި ބައިވެރިވުމުގެ ދައުވާ އިތުރު ބިދޭސީއެއްގެ މައްޗަށް ކުރެ އެވެ. އަދި ކުރިމަތިވެދާނެ ކަން އެނގޭ ނުރައްކަލެއްގެ އިންޒާރު ނުރައްކަލުގައިވާ މީހާއަށް ނުދިނުމުގެ ދައުވާ އިތުރު ދެ ބިދޭސީއަކަށް ކުރާއިރު، މީހަކު މަރުވެ ދިއުމުގެ އިހުމާލުގެ އަމަލެއް ކުރުމުގެ ދައުވާ ދެ ދިވެއްސެއްގެ މައްޗަށް ދައުލަތުން ކުރެ އެވެ.

އެ މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމަކީ ދައުލަތުން ހުށަހެޅި ހެކިންގެ ތެރެއިން މިހާތަނަށް ހެކިބަސް ނުނެގި ތިބި ހެކިންގެ ހެކިބަސް ނެގުމަށާއި ދައުވާލިބޭ މީހުންގެ ފަރާތުން ދިފާއުގައި ހުށަހެޅި ހެކިންގެ ހެކިބަސް ނަގަން ބޭއްވި އަޑުއެހުމެކެވެ. އެކަމަކު ހެކިން ހާޒިރު ނުކުރެވޭތީ ހެކިބަސް ނެގުން ވަނީ ދެން އޮންނަ އަޑުއެހުމަކަށް ފަސްކޮށްފަ އެވެ.

ދައުވާލިބޭ މީހުންގެ ވަކީލް އަދި ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ މިއަދު ދައުލަތުގެ ހެކިންގެ ހެކިބަސް ނަގަން ހަމަޖައްސާފައި އޮތުމުން ދިފާއީ ހެކިން ނުގެނައީ ކަމަށެވެ. އަދި ދައުލަތުގެ ހެކިން މިއަދު ނުގެނެވޭނެ ކަން ކުރިން އަންގާފައި ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ މައްސަލަ ބައްލަވާ ގާޒީ އަލީ ރަޝީދު ވިދާޅުވީ ހެކިބަސް ނަގާ މަރުހަލާގައި އެންމެ ފުރަތަމަ ނަގާނީ ދައުލަތުގެ ހެކިންގެ ހެކިބަސް ކަމަށް ޖިނާއީ އިޖްރާއާތުގެ ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުގައި އޮންނަ ކަމަށެވެ. އެކަމަކު ދައުލަތުގެ ހުރިހާ ހެކިންގެ ހެކިބަސް ނަގައި ނުނިމުނަސް ދިފާއީ ހެކިންގެ ހެކިބަސް ނުނެގޭނެ ކަމަށް ބެލެވެން ނެތް ކަމަށާއި އަދި އެގޮތަށް އެހެން މައްސަލައެއްގައި ކޯޓުން ހެކިބަސް ނަގާފައި އެބައޮތް ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ. އަދި އެގޮތަށް އަމަލު ނުކުރެވޭނެ ކަމަށް ބަލައިފި ނަމަ، މައްސަލަތައް ކުރިއަށް ގެންދަން ކޯޓުތަކަށް ބޮޑެތި ދަތިތަކެއް ދިމާވެދާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

އެކަމާ ގުޅިގެން ޝަމީމް ވިދާޅުވީ ދައުލަތުގެ ހެކިން ހެކިބަސް ނުނަގަނީސް ދިފާއީ ހެކިންގެ ހެކިބަސް ނެގޭނެ ކަމަށް ހުރިހާ މައްސަލައެއްގައި ބެލިގެން ނުވާނެ ކަމަށެވެ. އެކަމަކު އެ މައްސަލާގައި މިހާތަނަށް ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، ދައުލަތުގެ ހުރިހާ ހެކިންގެ ހެކިބަސް ނަގައި ނުނިމުނަސް ދިފާއީ ހެކިންގެ ހެކިބަސް ނަގަން ދެކޮޅު ނަހަދާ ކަމަށް ޝަމީމް ވިދާޅުވި އެވެ.

ދައުލަތުން ބުނީ ދައުލަތުގެ ހެކިންގެ ހެކިބަސް ނެގުމަށް ފަހު ދިފާއީ ހެކިބަސް ނަގަން ފެށުމަކީ އެހެން މައްސަލަތަކުގައި ވެސް އަމަލުކުރާ އުސޫލު ކަމަށެވެ. އެހެންވެ، އެ މައްސަލާގައި ވެސް ދައުލަތުގެ ހެކިންގެ ހެކިބަސް ނެގުމަށް ފަހު ދިފާއީ ހެކިންގެ ހެކިބަސް ނެގުމަށް ދައުލަތުން އެދުނެވެ.

ދެ ފަރާތުގެ ވާހަކަތަކަށް ފަހު ގާޒީ ނިންމެވީ ދެން އޮންނަ އަޑުއެހުމެއްގައި ދައުލަތުގެ ހެކިންގެ ހެކިބަސް ނެގުމަށް ފަހު އެދުވަހު ދިފާއީ ހެކިންގެ ހެކިބަސް ވެސް ނެގުމަށެވެ. އަދި ދެން އޮންނަ އަޑުއެހުން އަންނަ ހަފުތާގައި ބާއްވާނެ ކަމަށް ވެސް ގާޒީ އިއުލާން ކުރެއްވި އެވެ.