30 ސެޕްޓެމްބަރ 2019 - 15:12
އއ. މަތިވެރީގައި ހުރި އެންމެ ބޮޑު ގެސްޓް ހައުސް، ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަދި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) ގެ ލީޑަރު އަބްދުﷲ ޖާބިރުގެ ރިޗް ކްލަބް މޯލްޑިވްސް އަށް ޓޫރިޒަމް މިނިސްޓްރީން 50 އަހަރަށް ކުއްޔަށް ދިނުމުން އެ މިނިސްޓްރީ އާއި އެ ރަށު ކައުންސިލާ ދެމެދު ބޮޑު އަރައިރުމެއް ފެށިއްޖެ އެވެ.
"ކާސާ މިއާ މޯލްޑިވްސް" ގެ ނަމުގައި ކުރިން ހިންގި އެ ގެސްޓް ހައުސް، ރިޗް ކްލަބް މޯލްޑިވްސް އަށް ކުއްޔަށް ދިނުމުން މަތިވެރި ކައުންސިލުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ އެއީ އެ ކައުންސިލްގެ އިހުތިސާސްގެ ތެރޭގައިވާ ތަނެއް ކަމަށާއި ޓޫރިޒަމް މިނިސްޓްރީއަށް އެތަން ކުއްޔަށް ނުދެވޭނެ ކަމަށެވެ. އެކަމުގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އަމަލު ކުރައްވާފައިވާ ގޮތް ބައްލަވައި ފިޔަވަޅު އަޅުއްވައި ދެއްވުމަށް މަތިވެރި ކައުންސިލުން ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ގޮވާލައިފަ އެވެ.
ޖާބިރަށް، ގެސްޓް ހައުސް ކުއްޔަށް ދިން މައްސަލަ އަށް ހާއްސަ ކޮށްގެން މިނިސްޓަރު އަލީ ވަހީދު މިއަދު ބޭއްވެވި ނިއުސް ކޮންފަރެންސެއް ގައި ވިދާޅުވީ، އެއީ ވަރަށް ބޮޑު އިންވެސްޓްމަންޓެއް ކަމަށާއި އެތަން މިހާތަނަށް ހުރީ "ހައިޖެކް ކޮށްފައި" ކަމަށެވެ.
ޓޫރިޒަމް މިނިސްޓްރީގެ ގާނޫނީ ޓީމުން ނޫސްވެރިންނާ މިއަދު ހިއްސާކުރި ލިޔެކިއުންތަކުން އެނގޭ ގޮތުގައި، ގެސްޓް ހައުސް އިމާރާތް ކޮށްފައިވާ ސަރަހައްދަކީ މަތިވެރި ކައުންސިލުގެ އިހްތިސާސްގެ ދަށުގައި ހިމެނޭ ތަނެއް ނޫނެވެ. ކައުންސިލްގެ އިހްތިސާސް އެ ތަނަށް ނުހިނގަނީ އެއީ ޓޫރިޒަމް ތަރައްގީ ކުރަން ކުރީގެ ރައީސް އަބްދުﷲ ޔާމީން 2017 ވަނަ އަހަރު ކަނޑައަޅުއްވާފައިވާ ދެ ބިމަކަށް ވާތީ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.
މަތިވެރީ ކައުންސިލުން އެންމެ ފުރަތަމަ އެ ރަށުގެ 21،000 ފޫޓުގެ ބިމަކާއި 25،000 ފޫޓުގެ ބިމެއްގައި ގެސްޓް ހައުސްއެއް ހިންގުމަށް އަމިއްލަ މީހަކާ ދެމެދު އެއްބަސްވުމެއް ހަދައި ކުއްޔަށް ދިނީ 10 އަހަރުގެ މުއްދަތަކަށެވެ. އަދި އެ ދެ ބިމުގައި ބޮޑު އިންވެސްޓްމަންޓަކާ އެކު "ކާސާ މިއާ މޯލްޑިވްސް" ގެ ނަމުގައި ތަނެއް ހުޅުވި އެވެ. ހަތަރު ތަރީގެ ގެސްޓް ހައުސް އަކީ ދިވެހިންނާއި ޓޫރިސްޓުންގެ މެދުގައި މަގުބޫލު ތަނެކެވެ.
އޭރު އެ ބިން ދޫކޮށްފައި އޮތީ ޓޫރިޒަމް މިނިސްޓްރީން ބުނި ގޮތުގައި ހ. މާކޮށާރު އަބްދުއްރައްޒާގު އަލީ އަށެވެ.
ނަމަވެސް އަބްދުއްރައްޒާގާ އެކު އޮތް އެއްބަސްވުން މަތިވެރި ކައުންސިލުގެ ގަރާރަކުން އުވާލައި ބިން ހަވާލުކުރަން 2017 ވަނަ އަހަރު އެންގި އެވެ.
ރައްޒާގު، އެ މައްސަލަ މަތިވެރި މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ނިންމީ އެއީ ކައުންސިލްގެ އިހްތިސާސް ހިނގާ ދެ ބިން ނޫން ކަމަށެވެ. އަދި އެ މައްސަލަ މަތިވެރި ކައުންސިލުން ހައި ކޯޓަށް ހުށަހެޅުމަށް ފަހު ވަނީ އަނބުރާ ގެންގޮސްފަ އެވެ.
އަލީ ވަހީދު ވިދާޅުވީ ރިޗް ކްލަބް މޯލްޑިވްސްއާ އެކު އެއްބަސްވުން ހެދީ ހައި ކޯޓުން މައްސަލަ ނެގުމުން އެޓާނީ ޖެނެރަލްގެ ލަފާ ހޯއްދަވައިގެން ކަމަށެވެ.
އޭނާ ވިދާޅުވީ އެ ބިމުގެ މައްސަލައިގައި މަތިވެރި ކައުންސިލުން އެކި ފަހަރު އެކި ގޮތަށް ކަންތައް ކުރި އިރު ވެސް ކައުންސިލްގެ ރައީސަކަށް ހުންނެވީ މިހާރުގެ ވެސް ރައީސް އިސްމާއީލް އާތިފް ކަމަށެވެ. އެ މައްސަލައިގައި އާތިފް އަމަލުކުރައްވާ ގޮތުން އޭނާގެ އަމިއްލަ މަސްލަހަތެއް އެކަމުގައި އޮތް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވެސް އަލީ ވަހީދު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަރީފު
03 October 2019
ތިޔަ އާތިފް އަކީ ވަރަށް އަމިއްލައެދުން ބޮޑު މީހެއް.
ލޮލީ މަސް މޯޑު___
01 October 2019
ތިޔަ ބޭފުޅުންގެ ކޮމެންޓު ހިތުގެ އަޑިން ބަލައިގެންފީމެވެ
ކޮލެޖު ބޯއި
01 October 2019
ތިޔަކަހަލަ ކޮސް ކަންތަކާއި ހެދިއޭ ލޯކަލް ކައުންސިލްތަކަށް ބާރު ނުދެވެނީ
ކޮލެޖު ބޯއި
01 October 2019
ސުޕްރީމް ކޯޓަށް ދިޔާނާ އައްޔަނުކުރިޔަސް ނުކުރިޔަސް، ދިޔާނާގެ ނަން އެއޮތީ މަޖިލީހަށް ފޮނުވާފައި. މިހެން ކަންތައްވީ ޖާބިރަކީ، އެމްޑީޕީ މީހެއް ނޫންނަމަވެސް، މިހާރު އަންނި އާއި ގުޅިގެން ކުރިއަށްދާ މީހެއް ވީމަ.
ނެގުނުކަތީބު
01 October 2019
ގިނަ ކައުންސިލަރުންނަކީ ވާނުވާ އެނގޭބައެއް ނޫން! އެމީހުންނަށް މިހާރު ދީފައިވާ ބާރުތަށް އެއުޅެނީ މެނޭޖުކުރަން ނޭންގިގެން. މުޅި ރާއްޖެ އޮޔާލައިފި. އަދިވެސް މަމެންގެއިރުގެ ހަނދާންތަށް ހުރިހާ ރަށަކުން ވިދާ ބަބުޅާނެ.
ގަމްބޫޓީ
01 October 2019
ސުޕްރީމް ކޯޓަށް ދިޔާނާ އައްޔަން ނުކުރާތީ ބަދަލުގަ ދޭ ބިމެއްތަތީ؟ ނޫނީ މައުމޫނަށް ދިން ލާރިކޮޅުގެ ބަދަލު؟
މާކަނާކަލޯ
01 October 2019
ކޮންމެ ސަރުކާރެއް އޮތަސް ހުރިހާ މޮޅެއް ޖާބިރުމެން ކަހަލަ ދެފުއް ކެހެރިންނަށް..
ޙައްޔުބެ
01 October 2019
ކޮބާ، ކޮބާ؟ ކޮންތާކު ޖެހުނީ؟ޔާމީން ނަންވާނީ. މިހާރު މިހަދަނީ ކިހިނެއް؟ ބަލަގަ ލިބިފަ އޮތް ބާރެއް ކޮންބައެއް އެހެންބަޔަކަށް ދޫކުރާނީ؟ އިންތިހާބުގަ އަރާގިވާނެ ދޭނަމޭ އެކަމަކު ފެންނަނީ އަންބޮޑިއަށްލާތަން
އެޑަމް
01 October 2019
ޖާބިރާ ގުޅިފައިވާ އެއްވެސްކަމެއް ނެއްސަހަލުގޮތަކައްނިމިފަކާ މިހާތަނައްޖާބިރާގުޅިގެންކުރިކަމަކުން އެކުރިބައެއްވެސް ސަރުކާރުވެސްނެއްސަލާމަތްވެފަކާ މިސާލަކައް ފުރަތަމަދޮންވެލިރިސޯޓް 2ވަނަ ހެރެތެރެ 3ވަނަހިންމަފުށި ބޯޓުޔާޑު4ވަނަ އެސްޓީއޯބިލްޑިންގުއުތުރުންއޮތްބިން.5 އަލިދޫ މިހެންގޮސްމިލިސްޓުވަރައްދިގުމީހައްތަހާމިތަންތަނުގެވެރިންނާސަރުކާރައްވެސްޖާބިރުގެކިބައިންސަލާމަތްނުވެފަހުރިތަންތަންއަނެއްކާ ލިސްޓައްބޮޅެއްއިތުރުވީ ޖާބިރާޖެހުނީމަސަރުކާރުތައްވެސް އޮންނަނީ ނިދިފާ!!!
ޕޫބެއަރ
30 September 2019
ކައުންސިލަރުން އަނގަ ފުޅާކޮށް ވަރަށް ބާރަށް ބުނާނެ ކައުންސލްތައް ބާރުވެރި ކުރާށޭ. އެކަމު މަދު ފަހަރެއްގަ ނޫނީ ރަނގަޅަށް ކަމެއް މިއިންމީހަކަށް ނުކުރެވެނެ