ޚަބަރު / މަރު

ޖިއާންގެ މަރުގެ މައްސަލައިގެ ހުކުމް އަންނަ މަހު އިއްވަނީ

ޖިއާން: އޭނާގެ މަރާ ގުޅިގެން ދައުލަތުން ދައުވާކުރާ މައްސަލާގެ ހުކުމް އަންނަ މަހު އިއްވަން ވަނީ ހަމަޖައްސާފައި -- ފޮޓޯ/މިހާރު

މާލޭގައި ހަދަމުން ދިޔަ އިމާރާތަކުން ސިމެންތި ބަސްތާއެއް ވެއްޓި ކުޑަކުއްޖަކު މަރުވި މައްސަލައިގެ އަޑުއެހުންތައް މިއަދު ނިންމާލައި، އަންނަ މަހު ހުކުމް ކުރަން ކްރިމިނަލް ކޯޓުން ހަމަޖައްސައިފި އެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު، އިމާރާތެއް މަތިން ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހި ބަންގްލަދޭޝްގެ ހަތް އަހަރުގެ ކުއްޖެއް ކަމަށްވާ ރައުޝަން ޖިއާން މަރުވި މައްސަލާގައި ދައުލަތުން ކްރިމިނަލް ކޯޓުގައި ހަ މީހެއްގެ މައްޗަށް ދައުވާ ކުރެ އެވެ. އެއީ އިންޑިއާގެ ރައްޔިތުން ކަމަށްވާ ރައްޖާވް އަލީ އާއި މުތުމަނި ރަމަޗަންދުރަން އާއި ކެޝަރިލާލް ޗައުހާން އާއި ގުލަމް މުހައްމަދުގެ އިތުރުން ދެ ދިވެހިން ކަމަށްވާ ދަފްތަރު ނަމްބަރު 8424 މޫސާ ހަސަން އާއި ދަފްތަރު ނަމްބަރު 7198 އާދަމް ޝަފީގްގެ މައްޗަށެވެ.

އެ މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމަކީ ދެ ފަރާތުން ވެސް ޚުލާސާ ބަޔާން ހުށަހެޅުމަށް ބޭއްވި އަޑުއެހުމެކެވެ.

ޚުލާސާ ބަޔާން ހުށަހަޅަމުން ދައުލަތުން ބުނިގޮތުގައި ބަސްތާތައް އިމާރާތުގެ މައްޗަށް ނެގުމަށް ވިންޗް އޮޕަރޭޓް ކުރަން ހުރި ރައްޖާވަށް ވިންޗް ލައިނަށް ދޫދެވިގެން ސިމެންތި ބަސްތާ ވެއްޓުނުއިރު އޭނާ އެ މަސައްކަތް ކުރަމުން ދިޔައީ އެ މަސައްކަތް ކުރުމުގެ ހުއްދަ ނެތީސްކަން ހެކިންގެ ބަހުން ސާފުވާ ކަމަށެވެ. އޭނާ އެ މަސައްކަތް ކުރަމުން ދިޔައިރު އެ ސަރަހައްދުގެ މަގުމަތި ބަންދުކޮށްފައި ނެތުމުންނާއި އެ ސަރަހައްދުން އޭރު ވެސް މީހުން ހިނގަމުން ދިޔަކަން އެނގޭއިރު އެއީ އޭނާ ކުރި ފަރުވާ ކުޑަ އަމަލެއް ކަމަށް ބެލެވޭނެ ކަމަށް ދައުލަތުން ބުންޏެވެ.

ދައުލަތުން ފާހަގަކުރި ކަންކަން

ދައުލަތުން ބުނިގޮތުގައި އެ މަސައްކަތް ކުރަމުން ދިޔައިރު ޕޭވްމަންޓް މަތީގައި ބޯޑެއް ބަހައްޓާފައި ހުރީ ވެސް އެތަނުގެ އަރިމައްޗަކަށް ކަމަށްވާތީ އެތަނުގައި މަސައްކަތެއް ކުރާ ކަން ހިނގާ މީހުންނަށް ދެނެގަނެވޭނެ ގޮތެއް ނެތެވެ. އަދި އެ ހާދިސާއަށް ފަހު ޕްލޭނިން މިނިސްޓްރީން އެކުލަވާލި ރިޕޯޓުގައި ވެސް އެތަނުގެ ސަލާމަތީ ކަންކަން އެކަށީގެންވާ މިންވަރަށް ފުރިހަމަވެފައި ނެތް ކަމަށް ބަޔާން ކޮށްފައިވާ ކަމަށް ދައުލަތުން ބުންޏެވެ.

ރައްޖާވް ވިންޗް އޮޕަރޭޓް ކުރަމުން ދިޔައިރު ބަސްތާ މައްޗަށް ނެގުމަށް ބުނެފައިވާތީ މުތުމަނިގެ މައްޗަށް ކުރާ ދައުވާއާ ގުޅިގެން ދައުލަތުން ބުނީ އެ މަސައްކަތުގައި ރައްޖާވަށް އެހީވީ މުތުމަނިކަން ހެކިންގެ ބަހުން އެނގޭ ކަމަށެވެ. އަދި މުތުމަނި އެކަމުގައި އެހީތެރިނުވި ނަމަ، ރައްޖާވަށް ވިންޗް އޮޕަރޭޓް ނުކުރެވޭނެ ކަމަށާއި އެހެންވެ، މުތުމަނިގެ އެ އަމަލަކީ ފަރުވާ ކުޑަ އަމަލެއްގައި ބައިވެރިވުމުގެ ކުށަށް ފެތޭނެ ކަމެއް ކަމަށް ދައުލަތުން ބުންޏެވެ.

މީގެ އިތުރުން މަގުމަތީގައި ތިބެގެން ބަސްތާތައް މައްޗަށް ފޮނުވުމުގައި ހަރަކާތްތެރިވި ކެޝަރިލަލް އާއި ގުލަމް އެ މަސައްކަތް ކުރަމުން ދިޔައީ އެ ސަރަހައްދު ބަންދު ނުކޮށް ކަމަށް ވެފައި، އެ ސަރަހައްދުން ހިނގަމުން ދިޔަ މީހުން ހުއްޓުވަން ވެސް އެ މީހުން މަސައްކަތް ކޮށްފައި ނުވާ ކަމަށް ދައުލަތުން ބުންޏެވެ. އަދި އެތަނުގައި ބޯޑެއް ބަހައްޓާފައި ހުރީ ޕޭވްމަންޓްގެ އަރިމައްޗަކަށް ވާ ގޮތަށް ކަމަށާއި އެހެންވެ، އެއީ ނުރައްކަލެއް ކުރިމަތިވެދާނެ ކަމުގެ އިންޒާރު އެކަށީގެންވާ ގޮތެއްގައި ދީފައިވާ ކަމަށް ބެލެވޭނެ ކަމެއް ނޫން ކަމަށް ވެސް ދައުލަތުން ބުންޏެވެ.

އެ މައްސަލާގައި މޫސަގެ މައްޗަށް ދައުވާ ކުރަނީ އެ ހާދިސާ ހިނގި އިމާރާތުގެ މަސައްކަތްކުރި ޑަބްލިއު ކޮންސްޓްރަކްޝަންގެ ސައިޓް ސުޕަވައިޒަރެއްގެ ހައިސިއްޔަތުން އަޅަން ޖެހޭ ފިޔަވަޅުތައް އޭނާ އަޅާފައި ނެތް ކަމަށް ބުނެ އެވެ. އެ ދައުވާއާ ގުޅިގެން ދައުލަތުން ބުނިގޮތުގައި އެ އިމާރާތުގައި ސަލާމަތީ ފިޔަވަޅުތައް އެކަށީގެންވާ ގޮތެއްގައި އަޅާފައި ނެތް ކަމަށް ޕްލޭނިން މިނިސްޓްރީގެ ރިޕޯޓުގައި އެބައޮތް ކަމަށާއި އަދި ސައިޓް ސުޕަވައިޒަރެއްގެ ގޮތުގައި އެ ހާދިސާއަށް ފަހު ހަރަކާތްތެރިވީ މޫސަ ކަން ހެކިންގެ ބަހުން އެނގޭ ކަމަށް ވެސް ދައުލަތުން ބުންޏެވެ.

ޑަބްލިއު ކޮންސްޓްރަކްޝަން ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ ހައިސިއްޔަތުން އެ އިމާރާތުގެ ސަލާމަތީ ފިޔަވަޅުތައް އަޅާފައި ނުވާތީ ކަމަށް ބުނެ ޝަފީގްގެ މައްޗަށް ކުރާ ދައުވާއާ ގުޅިގެން ދައުލަތުން ބުނިގޮތުގައި އިމާރާތުގެ ސަލާމަތީ ކަންކަން އެކަށީގެންވާ ގޮތެއްގައި ނެތް ކަމަށް ޕްލޭނިން މިނިސްޓްރީގެ ރިޕޯޓުން އެނގޭއިރު އެކަމުގައި މެނޭޖިން ޑިރެކްޓަރުގެ ހައިސިއްޔަތުން ޝަފީގް އިހުމާލުވެފައިވާ ކަމަށެވެ. އެކަމަކީ އޭނާއަށް ގާނޫނީ ގޮތުން ލާޒިމްވާ ކަމެއް ކަމަށާއި އަދި ކުށުގެ ޒިންމާ އުފުލުމާ ގުޅޭގޮތުން ގާނޫނުލް އުގޫބާތުގައި ބަޔާންކުރާ އުންސުރުތައް އެ މައްސަލާގައި ފުރިހަމަވެފައިވާ ކަމަށް ދައުލަތުން ބުންޏެވެ.

ޝަފީގަކީ މެނޭޖިން ޑިރެކްޓަރުކަން އެނގޭނެ ލިޔުމެއް ދައުލަތުން ހުށަހަޅާފައި ނެތް ކަމަށް ދިފާއީ ވަކީލުން ކުރީގެ އަޑުއެހުމުގައި ފާހަގަ ކޮށްފައިވާތީ އެކަމާ ގުޅިގެން ދައުލަތުން ބުނީ ޝަފީގަކީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ކަމަށް ބުނެ ލިޔުންތަކުގައި ސޮއިކޮށްފައި އޭނާ އެބަހުރި ކަމަށެވެ. އަދި އޭނާ އަކީ އެ މަގާމުގައި ހުރި މީހެއް ނޫން ނަމަ އެ ދައުވާއަށް އޭނާ ޖަވާބުދާރީވަނީ ކޮން ހައިސިއްޔަތަކުންތޯ ވެސް ދައުލަތުން ސުވާލު އުފެއްދި އެވެ.

އެކަންކަން ފާހަގަކޮށް، ދައުލަތުން ބުނީ އެ ހަ މީހުންގެ މައްޗަށް ކުރާ ދައުވާ ވެސް އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުވާ މިންވަރުގެ ހެކި އެބަހުރި ކަމަށެވެ.

ދިފާއުން ފާހަގަކުރި ކަންކަން

ދައުވާލިބޭ މީހުންގެ ވަކީލް އަދި ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ އެ ހާދިސާ ހިނގިއިރު ވިންޗް އޮޕަރޭޓްކުރީ ރައްޖާވް ކަމުގެ އެއްވެސް ހެއްކެއް ދައުލަތުން ހުށަހަޅާފައި ނެތް ކަމަށާއި އެކަން ކުރީ އޭނާ ކަމަށް ހެކިބަސް ދިން މީހުން ވެސް އެ މީހުންގެ ތަހުގީގު ބަޔާންތަކަށް ޝަރީއަތުގައި އިންކާރު ކޮށްފައިވާ ކަމަށެވެ. އަދި އެކަން އޭނާ ކުރި ކަމަށް ބެލިޔަސް، ފަރުވާ ކުޑަ އަމަލެއް އޮތް ކަން ދައުލަތުން ސާބިތުކޮށް ދޭން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ބަސްތާ މައްޗަށް ނެގުމަށް ބުނެފައިވާތީ މުތުމަނިގެ މައްޗަށް ދައުވާކުރާ ނަމަ، އެ ހާލަތުގައި އޭނާގެ އަމަލު ފެތޭނީ ކުށެއް ކުރަން އެދުމުގެ އަމަލަކަށް ކަމަށް ވެސް ޝަމީމް ވިދާޅުވި އެވެ.

ޝަމީމް ވިދާޅުވި ގޮތުގައި ކެޝަރިލަލް އާއި ގުލަމް ބަސްތާތައް މައްޗަށް ފޮނުވުމުގެ މަސައްކަތް ކުރިއިރު ޕޭވްމަންޓްގައި ބޯޑެއް ބަހައްޓާފައި ހުރިކަން ސާފުކޮށް އެނގޭތީ ނުރައްކަލެއް ކުރިމަތިވެދާނެ ކަމުގެ އިންޒާރެއް އެ މީހުން ދީފައިވާ ކަމަށް ބަލަން ޖެހޭނެ އެވެ. އޭރު އެތަނުގައި ބަހައްޓާފައި ހުރީ "ނުރައްކާ" ބޯޑެއް ކަން ސިޓީ ކައުންސިލްގެ ރިޕޯޓުން އެނގޭ ކަން ފާހަގަ ކުރައްވައި، އޭނާ ވިދާޅުވީ އެ ހާލަތުގައި އެތަނުގައި މަސައްކަތެއް ކުރަމުންދާ ކަމުގެ އިންޒާރު ހިނގާ މީހުންނަށް ދީފައިވާ ކަމަށް ބެލެވޭނެ ކަމަށެވެ.

ރާއްޖޭގެ ގާނޫނުލް އުގޫބާތުގެ ލިޔުއްވި އެމެރިކާގެ ޕްރޮފެސަރެއް ކަމަށްވާ ޕޯލް ރޮބިންސަން ރާއްޖޭގެ ގާނޫނުލް އުގޫބާތާ ގުޅޭގޮތުން ލިޔުއްވާފައިވާ ލިޔުންތަކާ ހަވާލާ ދެއްވައި ޝަމީމް ވިދާޅުވީ ނުރައްކަލެއް ކުރިމަތިވެދާނެ ކަމުގެ އިންޒާރު ނުދިނުން ކުށެއްގެ ގޮތުގައި އެ ގާނޫނުގައި ލިޔެފައި އޮތީ ނުރައްކަލެއްގެ އިންޒާރު ދިނުމުގެ ޒިންމާ ބޮޑު ތަކުލީފަކަށް ވާ ގޮތަށް އާންމުން ރައްޔިތުން އަދާކުރަން ޖެހޭ ގޮތަށް ނޫން ކަމަށެވެ. އެހެންވެ، ބޯޑެއް އެތަނުގައި ބަހައްޓާފައި ހުރި ހުރުމުން އެކަށީގެންވާ އިންޒާރެއް ދީފައި އޮތީ ބެލެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ސަލާމަތީ ފިޔަވަޅު އެޅުމުގައި އިހުމާލުވި ކަމަށް ބުނެ މޫސަގެ މައްޗަށް ދައުވާ ކުރާއިރު، އޭނާގެ ޒިންމާ އަކީ ކޮބައިކަން ދައުލަތަށް ސާބިތުކޮށް ދެވިފައި ނެތް ކަމަށް ޝަމީމް ވިދާޅުވި އެވެ. އޭނާ އަކީ އެ ކުންފުނީގެ ސުޕަވައިޒަރެއް ކަން އަދި އޭނާގެ ޒިންމާ އަކީ ކޮބައިކަން އެނގޭނެ އެއްވެސް ހެއްކެއް ދައުލަތުން ހުށަހަޅާފައި ނެތް ކަމަށް ވިދާޅުވެ، ޝަމީމް ވިދާޅުވި ގޮތުގައި މޫސަގެ މައްޗަށް ދައުވާ ކޮށްފައި އޮތީ ހަމައެކަނި ދައުލަތަށް ގަބޫލު ކުރެވޭ ގޮތެއްގެ މައްޗަށެވެ.

އިމާރާތުގެ ސަލާމަތީ ކަންކަން ފުރިހަމަނުވާ ކަމަށް ބުނާ ޕްލޭނިން މިނިސްޓްރީގެ ރިޕޯޓާ ގުޅޭގޮތުން ޝަމީމް ވިދާޅުވީ އެ ރިޕޯޓަކީ ގާނޫނާ ޚިލާފު، ޝަރީއަތަށް ބަލައިނުގަނެވޭނެ އެއްޗެއް ކަމަށް. ސަބަބެއްގެ ގޮތުގައި ވިދާޅުވީ ދިވެހި ބަހަށް އިސްކަން ދިނުމުގެ ގާނޫނާ ޚިލާފަށް އިނގިރޭސި ބަހުން ނެރެފައިވާ ރިޕޯޓަކަށް ވުން

ޝަފީގަކި ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ކަމާ މެދު ކުރިން ސުވާލު އުފައްދާފައި ނެތް ކަމަށް ދައުލަތުން ބުނި ބުނުމަށް ރައްދު ދެއްވައި، ޝަމީމް ވިދާޅުވީ ދައުވާ ސާބިތުކޮށް ދިނުމުގެ ބުރަ އުފުލަން ޖެހެނީ ދައުލަތުން ކަމަށާއި އެ ޒިންމާ އަދާކުރުމުގައި ދައުލަތުން އިހުމާލުވީ ކަމަށެވެ. އަދި ތަހުގީގު ބަޔާނަށް ޝަފީގް އިންކާރު ކޮށްފައިވާތީ ތަހުގީގުގައި ދިން ބަޔާން މިހާރު އޭނާއާ ދެކޮޅަށް ކޯޓުގައި ބޭނުން ނުކުރެވޭނެ ކަން ޝަމީމް ފާހަގަކުރެއްވި އެވެ.

މެނޭޖިން ޑިރެކްޓަރަކީ ޝަފީގް ނޫން ނަމަ، އެ ދައުވާ އަށް އޭނާ ޖަވާބުދާރީވީ ކީއްވެގެންތޯ ބުނެ ދައުލަތުން އުފެއްދި ސުވާލާ ގުޅިގެން ޝަމީމް ވިދާޅުވީ އެ ދައުވާ އުފުލީ ދައުލަތުން ކަމަށާއި ޝަފީގް ޖަވާބުދާރީވާން ޖެހުނީ އެހެންވެ ކަމަށެވެ. ދައުލަތުން ދައުވާއެއް އުފުލައި، ކޯޓަށް ހާޒިރުވާން އެންގުމުން އެކަމަށް ދެކޮޅު ހެދުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެހެންވެ، ޝަފީގް އެ ދައުވާއަށް ޖަވާބުދާރީވެފައި ވުމަކީ އޭނާ އަކީ މެނޭޖިން ޑިރެކްޓަރު ކަމަށް އެއްބަސްވީ ބެލެވޭނެ ސަބަބެއް ނޫން ކަމަށް ޝަމީމް ވިދާޅުވި އެވެ.

ޝަމީމް ވިދާޅުވި ގޮތުގައި އެ މައްސަލާގައި ޝަފީގް ކުށުގެ ޒިންމާ އުފުލަންޖެހޭ ކަން ގާނޫނުލް އުގޫބާތުގައި ބަޔާންކުރާ މިންގަނޑުން ދައުލަތަށް ސާބިތުކޮށް ދެވިފައެއް ނުވެ އެވެ. އޭނާ އަކީ މެނޭޖިން ޑިރެކްޓަރު ކަމަށް ބެލިޔަސް، އެތަނުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް އޭނާގެ މައްޗަށް ޒިންމާއެއް އޮތްކަން ދައުލަތަށް ސާބިތުކޮށް ދެވިފައި ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންވެ، ތަނެއްގެ މުވައްޒަފަކު ކުށެއް ކުރުމަކީ ހަމައެކަނި އެކަމުގެ މައްޗަށް ބިނާކޮށް އެތަނުގެ ވެރިމީހާ އޭގެ ޒިންމާ އުފުލަން ޖެހޭނެ ސަބަބެއް ކަމަށް ބެލެވޭނެ ހަމައެއް ނޯންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ އިމާރާތުގެ ސަލާމަތީ ކަންކަން ފުރިހަމަނުވާ ކަމަށް ބުނާ ޕްލޭނިން މިނިސްޓްރީގެ ރިޕޯޓާ ގުޅޭގޮތުން ޝަމީމް ވިދާޅުވީ އެ ރިޕޯޓަކީ ގާނޫނާ ޚިލާފް ރިޕޯޓެއް ކަމަށާއި އެ ރިޕޯޓް ޝަރީއަތަށް ބަލައިނުގަނެވޭނެ ކަމަށެވެ. ސަބަބެއްގެ ގޮތުގައި އޭނާ ވިދާޅުވީ އެ ރިޕޯޓަކީ ދިވެހި ބަހަށް އިސްކަން ދިނުމުގެ ގާނޫނާ ޚިލާފަށް އިނގިރޭސި ބަހުން ނެރެފައިވާ ރިޕޯޓެއް ކަމަށްވާތީ އެ ގާނޫނުގައި ބުނާ ޝަރުތު އެ ރިޕޯޓުގައި ފުރިހަމަ ވެފައި ނެތުމުންނެވެ.

ގާނޫނުގައި ހުންނަ ވާހަކަތަކަކީ ސަމާސާ ވާހަކައެއް ނޫން ކަމަށާއި އެއަށް އެންމެން ވެސް ފުރިހަމައަށް ތަބާވާން ޖެހޭނެ ކަން ފާހަގަކުރައްވައި، ޝަމީމް ވިދާޅުވީ ގާނޫނީ ގޮތުން ދިވެހި ބަހުން އޮންނަންޖެހޭ ރިޕޯޓެއް އިނގިރޭސި ބަހުން އޮތީ ކީއްވެގެން ކަން އެ ރިޕޯޓް ހެދި މީހާ އަށް ވެސް ކޯޓުގައި ބުނެދެވިފައެއް ނެތް ކަމަށެވެ. އެހެންވެ، އެ ރިޕޯޓް ޝަރީއަތަށް ބަލައިނުގަނެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ދެ ފަރާތުން ޚުލާސާ ބަޔާން ހުށަހަޅައި ނިމުމުން އެ މައްސަލަ ބައްލަވާ ގާޒީ އަލީ ރަޝީދު ހުސައިން ވަނީ އެ މައްސަލާގެ އަޑުއެހުންތައް ނިމުނީ ކަން އިއުލާން ކުރައްވައިފަ އެވެ. އަދި އެ މައްސަލާގެ ހުކުމް އަންނަ މަހުގެ 14 ވަނަ ދުވަހު އިއްވަވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

އެ މައްސަލާގައި ރައްޖާވްގެ މައްޗަށް ކުރަނީ މީހަކު މަރުވެ ދިއުމުގެ ފަރުވާ ކުޑަ އަމަލެއް ކުރުމުގެ ދައުވާ އެވެ. މީހަކު މަރުވެ ދިއުމުގެ ފަރުވާ ކުޑަ އަމަލެއް ކުރުމުގައި ބައިވެރިވުމުގެ ދައުވާ މުތުމަނިގެ މައްޗަށް ކުރާއިރު ކެޝަރިލަލް އާއި ގުލަމްގެ މައްޗަށް ކުރަނީ ކުރިމަތިވެދާނެ ކަން އެނގޭ ނުރައްކަލެއްގެ އިންޒާރު ނުރައްކަލުގައިވާ މީހާއަށް ނުދިނުމުގެ ދައުވާ އެވެ.

މޫސަ އާއި ޝަފީގްގެ މައްޗަށް ކުރަނީ މީހަކު މަރުވެ ދިއުމުގެ އިހުމާލުގެ އަމަލެއް ކުރުމުގެ ދައުވާ އެވެ.

1 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަސްތާ

01 October 2019

ލޯޔަރު ބޭނިންވާތަކަށް ތިޔަކަން ނިމޭނީ ދޯސަމީނު، ލާރި ލާރި ޔެސް ސަރ. ބޯހަލާކު. ޓީވީތަކަށް އަރ/ މޮޅު ވާހަކަދެއްކީމަ އެވީ. އަދި އިތުރަށް ބޯހަލާކު

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454