އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ވާހަކަ ދައްކަވާ އިރު ޓްރަމްޕް އަޑުއައްސަވަނީ. --ފޮޓޯ:އޭއެފްޕީ
02 އޮކްޓޯބަރ 2019 - 11:00
ވޮޝިންޓަން (އޮކްޓޯބަރު 2) - އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ދުކުރުމަށް ޑިމޮކްރެޓުން ފަށާފައިވާ މަސައްކަތުގައި އެމެރިކާގެ ޚާރިޖިއްޔާގެ ސްޓާފުންނަށް ބުލީ ކުރަމުންދާ ކަމަށް ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ވިދާޅުވެއްޖެ އެވެ.
ޕޮމްޕެއޯ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޚާރިޖީ ވުޒާރާގެ ފަސް އޮފިޝަލަކު، ޓްރަމްޕުގެ މައްސަލަ ބަލާ ކޮންގްރެސްގެ ކޮމިޓީ އަށް ހާޒިރުވާން އަންގާފައިވާ ކަމަށެވެ. އެކަމަކު އެއީ "ކުރެވޭނެ ކަމެއް ނޫން" ކަމަށް އޭނާ ވިދާޅުވި އެވެ.
ޑިމޮކްރެޓިކުން މިހާރު ތަހުގީގު ކުރަމުން ދަނީ ޔޫކްރޭނުގެ ރައީސް އަށް ޓްރަމްޕް ފޯނުން ގުޅުއްވައި، ނާޖާއިޒް ފައިދާއެއް ހޯއްދަވަން މަސައްކަތް ކުރައްވާފައިވޭތޯ ބެލުމަށެވެ. ޓްރަމްޕާއި ޔޫކްރޭނުގެ ރައީސްއާ ދެމެދު ކުރެއްވި ފޯން ކޯލުގެ މައްސަލައިގެ ތަހުގީގުގައި އެކި ފަރާތްތައް ކޮންގްރެސްގެ ކޮމިޓީ އަށް ހާޒިރުވުމަށް ދަނީ އަންގަމުންނެވެ.
މިދިޔަ ހަފުތާގައި އާއްމުވި ޓްރަމްޕުގެ ފޯން ކޯލުގެ ޓްރާންސްކްރިޕްޓުން އެނގޭ ގޮތުގައި ޓްރަމްޕް ވަނީ ޔުކްރޭނުގެ ރައީސް ވޮލޮޑީމީރް ޒެލެންސްކީ އަށް ގުޅުއްވައި ކުރީގެ ނައިބް ރައީސް ޖޯ ބައިޑަންގެ މައްސަލައެއް ތަހުގީގު ކުރުމަށް ޕްރެޝަރު ކުރައްވައިފަ އެވެ. ބައިޑަން އަކީ އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޑިމޮކްރެޓިކް ޕާޓީން ވާދަކުރައްވާނެކަން އިއުލާން ކުރައްވާފައިވާ ބޭފުޅެކެވެ.
މިހާރު ހާމަވެފައިވާ ގޮތުގައި ޔުކްރޭނުގެ ރައީސް އަށް ޓްރަމްޕް ފޯނު ކުރެއްވިއިރު ޕޮމްޕެއޯ ވެސް ހުންނެވި އެވެ.
ޕޮމްޕެއޯ ވިދާޅުވީ ހައުސްގެ ފޮރިން އެފެއާޒް ކޮމިޓީ އަށް ސްޓޭޓް ޑިޕާޓްމަންޓުގެ އޮފިޝަލުން ހާޒިރުވާން އަންގަނީ ބިރުދައްކާ، ބުލީކުރަން ކަމަށެވެ.
"މިއީ އަޅުގަނޑަށް ގަބޫލްކުރެވޭނެ ކަމެއް ނޫން. އަޅުގަނޑުގެ ޕްރޮފެޝަނަލް ސްޓާފުންނަށް ބިރުދެއްކުމަށް ކުރާ މަސައްކަތް ހުއްޓުވަން ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނަން،" ޕޮމްޕެއޯ ވިދާޅުވި އެވެ.
ހައުސްގެ ކޮމިޓީ އަށް ހާޒިރުވާން އަންގާފައިވާ ފަރާތްތަކުގެ ތެރޭގައި ޔޫކްރޭނަށް ކަނޑައެޅި އެމެރިކާގެ ކުރީގެ ސަފީރާއި ޔުކްރޭނަށް ކަނޑައަޅާފައި ހުރި ޓްރަމްޕުގެ ޚާއްސަ މަންދޫބު ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހިލަރީ---
02 October 2019
ބުލީކޮށްގެން ވެސް އެކަލޭގެ ބޭރު ކުރަން މި އުޅެނީ