ބަޔަކު އުމްރާއަށް ފުރަނީ: މިއަހަރު އުމްރާއަށް ގެންދިއުމުގެ އުސޫލަށް މިހާރު ވަނީ އިސްލާހު ގެނެސްފައި ---މިހާރު ފޮޓޯ/ހުސެއިން ވަހީދު
06 އޮކްޓޯބަރ 2019 - 12:20
ރާއްޖެއިން އުމްރާ އަށް މީހުން ގެންދިއުމުގައި ހުއްދަ ދިނުމުގެ އުސޫލަށް ބަދަލު ގެނެސް، އުމްރާ އަށް ގެންދިއުމުގެ ހުއްދަ އަށް އެދި ހުށަހެޅުމުގެ ފުރުސަތު އިސްލާމިކް މިނިސްޓްރީން މިއަދު ހުޅުވާލައިފި އެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ވަނީ އުމްރާ އަށް މީހުން ގެންދިއުމުގެ ހުއްދައާ ބެހޭ ޕްރޮޕޯޒަލް ފޮތް މިއަދުން ފެށިގެން މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ގަންނަން ލިބޭނެ ކަމަށާއި އަދި ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 13 ވަނަ ދުވަހުން ފެށިގެން މި މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
އުމްރާ އަށް މީހުން ގެންދިއުމާ ބެހޭގޮތުން ހަދާފައިވާ އުސޫލަށް މިދިޔަ ހަފުތާގައި ގެނައި އިސްލާހުތަކުގައި ހުއްދަ އަށް އެދި ހުށަހަޅާ ކުންފުނިތަކުގެ ޕްރޮޕޯޒަލްތައް އިވެލުއޭޓް ކުރުމުގެ އުސޫލުތަކަށް ބަދަލުތަކެއް ވަނީ ގެެނެސްފަ އެވެ.
ކުރިން އުސޫލު އޮތްގޮތުން އެފަދަ ޕްރޮޕޯޒަލްތައް އިވެލުއޭޓް ކުރަނީ ފިނޭންސް މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީ އާއި އެޓާނީ ޖެނެރަލްގެ އޮފީހާއި އިސްލާމިކް މިނިސްޓްރީގެ ބޭފުޅުން ހިމެނޭ ގޮތަށް އޮންނަ ފަސް މެމްބަރުންގެ ކޮމެޓީއަކުން ކަމަށް ވިޔަސް، މިހާރު ގެނައި އިސްލާހު އޮތްގޮތުން ޕްރޮޕޯޒަލްތައް ޗެކް ކުރާނީ އިސްލާމިކް މިނިސްޓްރީންނެވެ.
ޕްރޮޕޯޒަލް ހުށަހަޅާއިރު އެއްވެސް މައުލޫމާތެއް ނުވަތަ ލިޔުމެއް މަދުވެއްޖެ ނަމަ ޕްރޮޕޯޒަލް ބާތިލްވާ ގޮތަށް އުސޫލު ކުރިން އޮތަސް، އެ އިސްލާހުގައި ހިމަނާފައި ވަނީ އެކަމެއް އިސްލާހު ކުރުމަށް ތިން ދުވަހުގެ ފުރުސަތެއް ދޭންޖެހޭ ގޮތަށެވެ.
އުމްރާ އަށް މީހުން ގެންދިއުމުގެ ހުއްދައަށް އެދި ހުށަހަޅާ ކުންފުނިތަކުގެ ޝަރުތުތަކަށް ވެސް އެ އިސްލާހުގައި ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ. ކުރިން އުސޫލު އޮތްގޮތުން ހުއްދަ އަށް އެދި ހުށަހަޅާއިރު އެ ކުންފުނީގެ އެއްވެސް ޑިރެކްޓަރަކީ ޖިނާއީ ހުކުމެއް ތަންފީޒު ކުރަމުންދާ ނުވަތަ ޚިޔާނާތުގެ ތުހުމަތު ކުރެވިގެން މައްސަލައެއް ހިނގަމުންދާ މީހަކަށް ވެގެން ނުވާނެ އެވެ.
މިހާރު އިސްލާހު އޮތްގޮތުން ހުއްދައަށް އެދި ހުށަހަޅާ ދުވަހުން ފެށިގެން ވޭތުވެދިޔަ ފަސް އަހަރު ތެރޭގައި ވެސް އެ ކުންފުންޏެއްގެ ޑިރެކްޓަރެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެފައިވާ ނަމަ އެކަމުގެ ހުއްދައަށް އެދި އެ ކުންފުންޏަކަށް ޕްރޮޕޯޒަލް ހުށައެއް ނޭޅޭނެ އެވެ.
މީގެ އިތުރުން އުމްރާ އަށް މީހުން ހުއްދަ ލިބޭ ފަހުން އެ ކުންފުނީގެ ޑިރެކްޓަރެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެއްޖެ ނަމަ، އެކަމެއްގެ ކުޑަބޮޑު މިނަށް ބަލައި އިސްލާމިކް މިނިސްޓްރީން ކަނޑައަޅާ ޝަރުތުތަކެއް އެ ކުންފުންޏަކުން ފުރިހަމަ ކުރަން ޖެހޭ ގޮތަށް ވެސް އިސްލާހުގައި ހިމަނާފައިވެ އެވެ. އެ ޝަރުތުތައް ފުރިހަމަ ނުކޮށްފި ނަމަ އެ ކުންފުންޏަކަށް ދޫކުރި ހުއްދަ ބާތިލް ކުރެވޭނެ ކަމަށް ވެސް އެ އިސްލާހުގައިވެ އެވެ.
އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދައަށް އެދި ހުށަހެޅުމުގެ ކުރިން އެ ކުންފުނީގެ އޮފީހެއް މާލޭގައި ހުރުން ލާޒިމްވާ ގޮތަށް އުސޫލު ކުރިން އޮތަސް، މިހާރު އެ އިސްލާހުގައި ހިމަނާފައިވަނީ ހުއްދަ ލިބޭތާ 15 ދުވަސް ތެރޭގައި އެ އޮފީސް ހުޅުވަންޖެހޭ ގޮތަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ALI WAHEED
06 October 2019
ކުރިން ދެއަހަރަށް ހުއްދަދީފައިވާ ފަރާތްތަކަށް ދީފައިވާ ހުއްދަތައް ބާޠިލްވީތަ. އެކަމެއް މިލިޔުމަކުން އޮޅުމެއްނުފިލާ.
ALI WAHEED
06 October 2019
އިންޑިޔާށް ބޭސްފަރުވާއަށް މީހުންގެންގޮސްދޭ ފަރާތްތަކަށްވެސް ހެލްތު މިނިސްޓްރީން އުޞޫލެއް ހަދައި ހުއްދަނަގަންޖެހޭގޮތަށް ހަދަންވީނު.
ޢެޑްމުންޑޯ
06 October 2019
ބައެއްގްރޫޕްތަކުން ނޮވެމްބަރ އަދި ޑިސެމްބަރ މަހަށް އުމްރާ ޖާގަހުސްވެފައިވާކަމަށާއި ރަމަޞާންމަހަށް ޖާގަތަށް ދޫކުރަމުންދާކަމަށް އިސްތިހާރުދަނީ ޖަހަމުން ، އެކަމަކު އަދި ކިރިޔާ ތިހުޅުވާލީ ޕްރޮޕޯސަލް ލުމަށް ، ކިނެއްވާކަމެއްމިއީ
ަައާޝޯހު
06 October 2019
އަންނަ އަހަރުގެ ވާހަކަ އެ ދައްކަނީ . ޑިސެމްބަރުމަހުގެ ވާހަކައެއްނޫން
އަލީ ރިޒާ
06 October 2019
ތަންތަނަށް މީހުން ގެންގޮސްދީ ގެނެސްދިނުމަކީ ޓްރެވަލް އެޖެންސީތަކުން ކުރާ ކަންކަން. އެކަހަލަ ކޮންމެ ބަޔަކަށްވެސް ހަމަ ތި ކަމުގެ ފުރުސަތު ދޭންވީ. ތިއީ އަސްލު އިސްލާމިކް މިނިސްޓްރީއާ ބެހޭ ވެސް ކަމެއް ނޫން. އުމުރާއަށް ދާން ބޭނުން މީހަކު އެ ފަދަ ޓްރެވެލިންގ ޚިދުމަތްދޭ ކޮންމެ ބަޔަކާ އެކީވެސް ދާންވީ. ދުވާލަކު ގަވައިދެއް ހަދައިގެން މާ ކަންތައް ބޮޑުކުރަނީ ތި.
ޔާމީން އިދްރީސް
07 October 2019
އާދެ ނުޖެހޭ ކޮންމެހެން އިސްލާމިކް މިނިސްޓްރީގެ ހުއްދަ ހޯދާކަށް. އެހެންނޫނަސް މިހާރުވެސް ޓްރެވަލް އެޖެންސީތަކަށް ސައުދީއަށް މީހުންގެންދިއުމަގައި ހުރަހެއްނެތް ވަކި ހުއްދައެއް އިސްލާމިކް މިނިސްޓްރީއިން ނަގާކަން ނުޖެހޭން.