ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު މަޖިލިހުގައި ވާހަކަ ދައްކަވަނީ. --- ފޮޓޯ: މަޖިލިސް
08 އޮކްޓޯބަރ 2019 - 10:42
މި ސަރުކާރު ވެރިކަމަށް އައި ފަހުން، މިދިޔަ މަހުގެ ނިޔަލަށް ނިންމި 42 މަޝްރޫއަށް ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ އަރާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު، ރައްޔިތުންގެ މަޖިލިހުގައި، ވިދާޅުވެއްޖެ އެވެ.
ސަރުކާރުން ނިންމި މަޝްރޫއުތަކާއި ފައިސާ ދެއްކި މަޝްރޫއުތަކުގެ އަދަދު ބެލުމަށް މަޖިލިހުގެ ޖަލްސާގައި ކާށިދޫ ދާއިރާގެ މެމްބަރު، އަދި ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރު ކުރެއްވި ސުވާލުގެ ޖަވާބުގައި އަމީރު ވިދާޅުވީ މިހާތަނަށް 42 މަޝްރޫއުތަކަށް، ހޭދަވާ އެއް ބިލިއަން ރުފިޔާގެ ތެރެއިން، 759 މިލިއަން ރުފިޔާ ދައުލަތުން ދައްކާފައިވާ ކަމަށެވެ.
ނަމަވެސް 759 މިލިއަން ރުފިޔާގެ ތެރެއިން ބޭރުގެ ކުންފުނިތަކަށް ދެއްކި އަދަދާއި ރާއްޖޭގެ ކޮންޓްރެކްޓަރުންނަށް ފައިސާ ދިން އަދަދުތައް ފަހުން ހިއްސާކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އަމީރު ވިދާޅުވީ ސަރުކާރުން މިހާތަނަށް ނެޝަނަލް ޓެންޑަ ބޯޑު މެދުވެރިކޮށް 136 މަޝްރޫއެއް އެވޯޑުކޮށްފައިވާނެ ކަމަށެވެ. އޭގެ އަގު 3.8 ބިލިއަން ރުފިޔާ އަށް އަރާ ކަމަށް ވެސް އަމީރު ވިދާޅުވި އެވެ.
މިހާރު ކުރިއަށް މަޝްރޫއުތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވި ގޮތުގައި 43 ރަށެއްގައި 29 މަޝްރޫއެއް އަންނަނީ ހިންގަމުންނެވެ.
މަޖިލިިހުގެ މިއަދުގެ ޖަލްސާގައި ޖާބިރު ވާހަކަ ދައްކަވަނީ. މި ސަރުކާރު ވެރިކަމަށް އައި ފަހުން ނިމިފައި ވަނީ ކިތައް ޕްރޮޖެކްޓްތޯ އެއްސެވީ ޖާބިރު.--- ފޮޓޯ: މަޖިލިސް
"މި ޕްރޮޖެކްޓުތަކަށް ފައިނޭންސް ކުރީ ޑޮމެސްޓިކް ފައިނޭންސިން އާއި ފޮރިން ފައިނޭންސިން. އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވޭ އިންޑިއާ ސަރުކާރުން ބަޖެޓުގެ ސަޕޯޓުގެ ގޮތުގައި ލިބުނު 200 މިލިއަން ޑޮލަރާއި ޑޮމެސްޓިކް ފައިނޭންސިން އަށް 300 މިލިއަން ރުފިޔާގެ ޓީ ބިލް ވިއްކިން،" އަމީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި އަހަރަށް ލަފާކޮށް ފާސްކުރި 30 ބިލިއަނަށް ވުރެ ގިނަ ރުފިޔާގެ ބަޖެޓުގައި ޕަބްލިކް ސެކްޓާ އިންވެސްޓްމެންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ މަޝްރޫއުތައް ބަޖެޓުކޮށްފައިވާ ގޮތަށް ޓެންޑަކޮށް، އެވޯޑުކޮށްގެން ކުރިއަށް ގެންދެވޭނެ ކަމުގެ ޔަގީން ކަން އެބަ އޮތް ކަމަށެވެ.
"މިހާރު ބައެއް ރަށްރަށުގެ މޮބަލައިޒިން މަސައްކަތް ފެށި، އެއް ބައި ރަށްރަށުގެ މަސައްކަތް ފެށެމުންދާ ކަމަށް އަޅުގަނޑަށް މައުލޫމާތު ލިބެނީ،" މިނިސްޓަރު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލިހުގެ ރިޔާސަތުގައި، މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު. --- ފޮޓޯ: މަޖިލިސް
މެމްބަރުން ކުރެއްވި އެހެން ބައެއް ސުވާލުތަކަށް ޖަވާބު ދެއްވަމުން އަމީރު ވިދާޅުވީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން 40 މިލިއަން ޑޮލަރު (616 މިލިއަން ރުފިޔާ) ހޭދަކޮށްގެން ތަރައްގީ ކުރަމުން އަންނަ އާ ސީޕްލޭން ޓާމިނަލް ވަކި ބަޔަކަށް ދިނުމާ މެދު އަދި ގޮތެއް ނިންމާފައި ނުވާ ކަމަށެވެ. އެކަމާ މެދު ސަރުކާރުން މަޝްވަރާ ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަން
09 October 2019
ލައްބަ. 42 މަޝްރޫއު ނިމިއްޖެ. ހުސް ޔާމީން ފެއްޓެވި
އަލީ ރާޖާ
08 October 2019
19 ރިސޯޓްގެ ވައުދު ފުއްދައިފީމޯ. ޔާމީންގެ މަސައްކަތުގެ ފޮނިކޮޅު ބޯލާފަ. ދެން ކުޅިވަރު ދަނޑުތައް ފުރާލަން ވީވައުދު އެ ފުއްދަނީ ގަލޮޅު ދަނޑުގަ. ކިހާ އެކްޓިވް
އަލީ ރާޖާ
08 October 2019
ރަސަރަނި ބަގީޗާގެ ނަން ބަދަލް ކުރުން. އިންނަމާދޫ ސިއްޙި މަރުކަޒު އެމްބިއުލާންސް ފުރޮޅު ބަދަލު ކުރުން. ބެރިންމަދޫ މަކުތަބުގަ ބޮޑު އައްޓެއް ޖެހުން. ހުސް މިލިއަން ޑޮލަރުގެ ބޮޑެތި ޕްރޮޖެކްޓް
ހޮޓްކިންގ
08 October 2019
މިސަރުކާރު އައިފަހުން މިހާތަނަށް ނިންމި ކަމަށް ތިޔަ ބުނާ 42 ޕްރޮޖެކްޓަކީ ނުތަކާވަރަށް ސްޓޭޓް މިނިސްޓަރުންނާއި ނައިބުން އައްޔަން ކުރުން ފަދަ ސިޔާސީ މަގާމުތަކަށް މީހުން ލުންތޯ ނުވަތަ ކުރިން ރަސްރަނި ބަގީޗާޖެ ނަމުގައި އޮތް ތަން ސަލްޓަން ޕާކަށް ބަދަލު ކުރުމާއި މަގުތަކުގައި ހުދުކުލައިން ދަމާފައިވާ ރޮނގުތައް ރީނދޫ ކުލައަށް ބަދަލު ކުރުން ފަދަ މަޝްރޫޢުތައްތޯ ސާފުކޮށްލަދިނުން އެދެން. ޔަގީނުންވެސް އެނޫން ކަމެއް އަދި ނެތް ލޮލަށް ފެންނާކަށް.
ރަފީފް ހުސެން
08 October 2019
މަސްރޫއުތަކެއް ނިއްމިޔޭ ބުނި އިރު ކުރީ ހުސް ޔާމިން ފަށާނިންމާފަ ހުރި ތަންތަނުގަ ވަށާ ފާރުލުން. އެވަރުންވެސް 1ބިލިޔަން ހަރަދުވިޔޯ، ތެއްގޯނި މަތިމައްޗައް ތެއްގޯނި.
ޔަޒީދު
08 October 2019
މި ސަރުކާރުން ޕުލޭނުކޮއް ފައިނޭންސުކޮއް އަލައް އެއްވެސް ބޮޑު މަޝްރޫއެއް ފެށިފަވެސް އަދި ނިމިފަވެސް ނެތް. ނިމުނީ ނުވަތަ ފެށުނީ ކުރީ ސަރުކާރުން ރާވައި ފައިނޭންސްކޮއް މަސައްކަތްފަށުވަފައިވަ ނުވަތަ މަސައްކަތް ނުފެށިފައި އޮވެ އެކިނަންނަން އަލައްދީގެން މިސަރުކާރުގެ ނަމުގައި ކުރުވި މަޝްރޫތަކެވެ.
ގާސިމު
08 October 2019
ސަލްޓަންޕާކު ނަން ބަދަލުކުރުން. ޢެއްކޮޅައް ދުއްވާ މަގު ދެކޮޅައް ބަދަލު ކުރުން ޕާކިން އޭރިޔާ ހެދުން. ޢައިޖީއެމްއެޗްގެ ކައުންޓަރެއްގަ އާސަންދަ ނަންބޯޑުއެޅުވު. މެންޓަލްހެލްތު ނަންބޯޑު އެޅުވުން. މިއީ ޙައްތަހާވެސް ބޮޑެތި ޕްރޮޖެކްޓައް.
ރަސްޓީ
08 October 2019
42 މަޝްރޫޢުގެ ތަފްސީލު ހާމަކުރުމުން ނޫނީ ޤަބޫލު ނުކުރެވޭނެ. ޖަޒީރާ ޤައުމެއްވީމަ އެއްވެސް ރަށެއްގެ ބަބަޔަކަށް ނޭގޭނެ ކޮންތާކު ކޮންގޮތަކަށް ކުރިއަށްދާ މަޝްރޫޢު ތަކެއް ހުރިކަން. ރާއްޖޭގަ ދޮގުހެދުން ވަރަށް ޢާއްމުކަމެއް!
ޕޭޓީ
08 October 2019
ބަޖެޓް 32 ބިލިޔަން ރުފިޔާ . މަޝްރޫއު އެއްބިލިޔަން ރުފިޔާ ؟ އަހަރު ނިމެނީ . ކިހިނެއް ތިހައްދަވަނީ؟ ދެންހުރި ފައިސާއަށް ކިރިޔާ އޮފީސްތޯ ހިންގޭވަރުވަނީ؟
އިއްސޭ
08 October 2019
މަޝްރޫއޭ ބުންޏަކަސް ރައްޔިތުން ތިބީ ޤަބޫލު ކޮށްގެނެއްނޫން. މިހާރު ވަރަށްރަނގަޅަށް ރައްޔިތުން ކަންކަން އެބަބަލާ. ބަޖެޓަކީ ކިހާވަރެއްކަމާއި، ހަރަދު ކުރަނީ ކޮންތަނަކަށްކަމާއި، ކުރަނީ ކީއްކަމާއި މަޤުސަދަކީ ކޮބާކަމާއި. ޕުލޭނަކީ ކޮބާކަން ވަރަށްރަނގަޅަށް ދިރާސާކުރޭ މައުލޫމާތު އެއްބަޔަކު ނެއްބަޔަކު ހިއްސާކުރޭ. އޮޅުވާލެވޭ ޒަމާން ފާއިތުވެ ހިނގައްޖެ. 6ލައްކަ 50ހާސް 2028ގައި މާލޭގައި ތިބޭނަކަމަށް އެމަޤަށް މާލެ ތޮއްޖައްސަން އުޅުމަކީ ސަރުކާރު ފެއިލްވާނެކަމެއް