12 އޮކްޓޯބަރ 2019 - 07:12
ޑިޕްރެޝަންގެ ވޭންތަކުން އަރައިގަތުމަށް ދުޅަހެޔޮ ޑައިޓެއް ވަރަށް މުހިއްމު ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.
ޕްލޮސް ވަން ޖާނަލްގައި ބުދަ ދުވަހު ޝާއިއުކޮށްފައިވާ ދިރާސާގައި ބުނިގޮތުގައި ޑިޕްރެޝަންގެ އުނދަގޫ ތަހައްމަލުކުރަމުންދާ މީހުން އެބަލިން އަރައި ގަތުމަށް، ޕްރޮސެސްކޮށްފައި ހުންނަ ކާނާ ކެއުން ހުއްޓާލައި ތާޒާ ކެއުންތައް އިހުތިޔާރުކުރުމަކީ މުހިއްމު ކަމެކެވެ. އެގޮތުން ތާޒާ މޭވާ އާއި ތަރުކާރީ އާއި މަހުގެ ބާވަތްތައް ކެއުމުން ޑިޕްރެޝަނުން އަަރައިގަތުމަށް މަގުފަހިވާ ކަމަށް ބުންޏެވެ.
ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި ނަފުސާނީ އުނދަގޫތަކާ ދުޅަހެޔޮ ޑައިޓާ ގުޅުން ބޮޑެވެ. އެހެންވެ އަބަދު ވެސް ސިއްހަތަށް ފައިދާ ހުރި ކާނާ ކެއުމަކީ ރައްކާތެރިކަމުގެ ފިޔަވަޅެއް ކަމަށް ބުންޏެވެ. ދިރާސާގައި ބުނީ ޑިޕްރެޝަން ހުންނަ މީހުން ކެއުމުގެ ވައްޓަފާޅި އަށް ގެންނަ ބަދަލުތަކާ އެކު ތިން ހަފުތާގެ ތެރޭގައި ނަތީޖާ ވެސް ފެންނަން ފަށާނެ ކަމަށެވެ.
ދިރާސާ ހެދި އޮސްޓްރޭލިއާގެ މެކްއަރީ ޔުނިވަސިޓީގެ ނިއުރޮލޮޖިސްޓް ހީދާ ފްރާންސިސް ވިދާޅުވި ގޮތުގައި ވީހާ ވެސް ބޮޑަށް ބަލަންވީ ޕްރޮސެސްކުރި ކާނާތަކާ ދުރުމެވެ.
"އޭގެ ބަދަލުގައި ތާޒާ މޭވާ އާއި ތަރުކާރީ އާއި މަހުގެ ބާވަތްތައް ކެއުން އިތުރުކުރަންވީ،" އޭނާ ވިދާޅުވި އެވެ.
ފްރާންސިސް ވިދާޅުވި ގޮތުގައި ފުރާވަރުގެ ގިނަ އަދަދެއްގެ ކުދިންގެ ސިއްހީ ރެކޯޑްތައް އެނަލައިޒްކޮށްގެން ހެދި ދިރާސާ އިން ދައްކާ ގޮތުގައި ގިނައިން މޭވާ އާއި ތަރުކާރީ ކާ ކުދިންގެ ނަފުސާނީ ހާލަތު އެ ނޫން ކުދިންނާ އަޅާބަލާ އިރު ބޮޑުތަނުން ރަނގަޅެވެ. އަދި ޑިޕްރެޝަން ތަޖުރިބާކޮށްފައިވާ ކުދިން ތަރުކާރީ އާއި މޭވާ ކެއުން އިތުރުވުމުން އަވަސް މުއްދަތެއްގެ ތެރޭގައި އެކަމުން ސަލާމަތްވާން މަގުފަހިކޮށްދިންކަން ހާމަވާ ކަމަށް ވިދާޅުވި އެވެ.
ޑިޕްރެޝަނުން އަރައިގަތުމަށް ދުޅަހެޔޮ ޑައިޓެއް މުހިއްމު.
"ތާޒާ އެއްޗިއްސާ ހިލާފަށް ޕްރޮސެސްކުރި ކާނާތަކުން އިންފްލަމޭޝަން އިތުރުކޮށްދޭ. އޭގެ ނަތީޖާއަކި ޑިޕްރެޝަންގެ ވޭން އިތުރުކޮށް ދިނުން،" ފްރާންސިސް ވިދާޅުވި އެވެ.
ދިރާސާގައި ބުނީ ޑިޕްރެޝަން ހުންނަ މީހުން ޑައިޓަށް ގެންނަ ބަދަލުތަކާ ތަރުކާރީ އާއި މޭވާ އާއި މަހާއި ބިހާއި ކިރުގެ އުފެއްދުންތަކާއި އެކި ބާވަތުގެ ނަޓްސް އާއި ރީނދުލާއި ފޮނިތޮއްޓާއި ޒައިތޫނި ތެޔޮ ފަދަ ބާވަތްތައް ކޮންމެ ދުވަހެއްގެ ކެއުންތައް ބެލެންސް ކުރުމުގައި ގެންގުޅުމަކީ ނަތީޖާ ފެންނާނެ ކަމެއް ކަމަށެވެ.
"ކާތަކެތި ތައްޔާރުކުރާ އިރު ރީނދުލާއި ފޮނިތޮށި ބޭނުންކުރުން ވެސް އާދަކުރަން ޖެހޭ. އެ ބާވަތްތަކީ އެންޓި-އިންފްލެމޭޓަރީ މާއްދާތައް އެކުލެވޭ އެއްޗެހި،" ފްރާންސިސް ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy