ކުޅިވަރު / އިންޓަ ރިޒޯޓް ޒޯން ޗެމްޕިއަންޝިޕް

ރީތި ރަށް ބަލިކޮށް ބަނޑޮހުން ތަށި ދިފާއުކޮށްފި

ރިސޯޓް ޗެމްޕިއަންސް ލީގުގެ ތަށްޓާ އެކު ބަނޑޮހުގެ ކުޅުންތެރިންނާއި ބައެއް އޮފިޝަލުން އުފާފާޅުކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ފައިނަލުގައި ވަން އެންޑް އޮންލީ ރީތި ރަށް އަތުން 3-1 ސެޓުން މޮޅުވެ އާލާ އިންޓަ ރިސޯޓް ވޮލީބޯޅަ މުބާރާތުގެ ޒޯން ޗެމްޕިއަންސް ލީގުގެ ތަށި ބަނޑޮސް މޯލްޑިވްސް އިން ދިފާއުކޮށްފި އެވެ.

މި ފަހަރުގެ މުބާރާތުގައި ބަނޑޮހުން ވަނީ ޖުމްލަ ތިން ފަހަރު ރީތި ރަށް އަތުން މޮޅުވެފަ އެވެ. ޒޯން އެކެއްގެ ފުރަތަމަ މެޗާއި ޒޯން އެކެއްގެ ފައިނަލް މެޗުން ވެސް ބަނޑޮސް މޮޅުވީ 3-1 ސެޓުންނެވެ. ޖެހިޖެހިގެން ދެ އަހަރު ރިސޯޓް ވޮލީގެ ޗެމްޕިއަންކަން ހޯދައި އަންނަ އަހަރު މުބާރާތުގެ ތަށި މިލްކުކުރުމުގެ ފުރުސަތު ބަނޑޮހުން މި ވަނީ ހޯދައިފަ އެވެ.

ބޯވާރޭގެ ތެރޭގައި ކުޅުނުއިރު ބަނޑޮހުގެ ވޮލީ ކޯޓުގައި އޮތީ ކޮންމެވެސް ވަރަކަށް ފެންބޮޑުވެފަ އެވެ. ދެ ޓީމަށް ވެސް އޭގެ ސަބަބުން ރަނގަޅު ކުޅުމެއް ދައްކަން އުނދަގޫތަކެއް ކުރިމަތިވި އެވެ. ފޯރިގަދަ ވަގުތުތަކެއް ދިޔަ މި މެޗުގެ ސެޓުތައް ދިޔައީ 25-19، 28-30، 25-20 އަދި 25-19 އިންނެވެ.

ރަނގަޅު ރޫހެއްގައި މެޗު ފަށައި ރީތި ރަށުން ކުޅެމުންދަނިކޮށް ބަނޑޮހުން ވަނީ ފަހަތުން އަރައި ލީޑުނަގައިފަ އެވެ. ރީތި ރަށަށް މި ސެޓުގައި އެންމެ އުނދަގޫވީ ބަނޑޮހުގެ ޒުވާން ކުޅުންތެރިޔާ ހުސެއިން ރަޒާންގެ އެޓޭކްތައް ހުއްޓުވާށެވެ. އޭނަ އާއި އިސްމާއިލް ސާޖިދު (ކުޑަކާއްޓެ)ގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަ މި ސެޓު ބަނޑޮހުން ގެންދިޔައީ 25-19 އިންނެވެ.

ބަނޑޮހުގެ ކުޑަކާއްޓެ ފޮނުވާލާ ޝޮޓެއް ބްލޮކްކުރަން ރީތި ރަށުގެ ދެ ކުޅުންތެރިން މަސައްކަތްކުރަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ފުރަތަމަ ސެޓު ގެއްލުމުން ރީތި ރަށުން ދެ ވަނަ ސެޓަށް ނުކުތީ ވަރުގަދަ އަޒުމެއްގަ އެވެ. ވަރަށް ވާދަވެރިކޮށް ދިޔަ މި ސެޓުގައި ދެ ޓީމަށް ވެސް އެކި ފަހަރު މަތިން ލީޑު ލިބުނެވެ. ރީތި ރަށަށް ކުޅޭ ގައުމީ ބީޗް ވޮލީބޯޅަ ޓީމުގެ ކުޅުންތެރިޔާ އާދަމް ނަސީމް (އެޑަމް) އާއި ތަޖުރިބާކާރު ކުޅުންތެރިޔާ އަޝްފާގު އާދަމް (އައްކަޅޭ)ފެ ފަރާތުން މޮޅު އެޓޭކްތަކެއް ފެނިގެންދިޔައިރު، މެޗުގެ ފަހު ކޮޅުގައި ސެޓު ނިންމަން ރީތި ރަށަން އެކި ފަހަރު މަތިން ލިބުނު ފުރުސަތުތައް ދިޔައީ ބޭކާރުވަމުންނެވެ. އެ ވަގުތު ތެރޭގައި އެއް ފަހަރު ބަނޑޮހަށް ވެސް ސެޓު ނިންމަން ފުރުސަތު ލިބުނެވެ. އޭގެ ބޭނުން ނުހިފިދިޔައިރު، އެންމެ ފަހު ވަގުތު ރީތި ރަށަށް ލިބުނު ފުރުސަތުގެ ބޭނުން ހިފައި އެ ޓީމުން 28-30 އިން މި ސެޓު ގެންދިޔައީ އެވެ. ޖުމްލަކޮށް ބަލާއިރު ބަނޑޮހުގެ ކުޅުންތެރިންގެ ފަރާތުން މި ސެޓުގައި ގިނަ ގޯސްތަކެއް ފެނިގެންދިޔައިރު، ރީތި ރަށަށް މި ސެޓު ގެންގޮސްދޭން އެ ޓީމުގެ ކޯޗު ހާލިދު މުހައްމަދު ވަނީ ޓީމު ހަމަޖައްސަން ރަނގަޅު ވަގުތުގައި ބަދަލުތައް ގެނެސްފަ އެވެ.

ކޮންމެ ޓީމަކަށް ވެސް ސެޓެއް ލިބި އެއްވަރުވެފައި އޮތުމުން ދެ ޓީމުން ވެސް ތިން ވަނަ ސެޓަށް ނުކުތީ ވަރަށް ބޮޑަށް ލީޑުނަގަން ވަރަށް ބޮޑަށް ވިސްނައިގެންނެވެ. މި ސެޓުގެ ބޮޑުބައިގައި ރީތި ރަށުން އޮތީ ލީޑުގަ އެވެ. ލީޑުހިފެހެއްޓުމުގައި އެޑަމްގެ އިތުރުން ރީތިރަށުގެ ލިބަރޯ އަހުމަދު ނަބީލްގެ ފަރާތުން މޮޅު ކުޅުމެއް ފެނުނެވެ. ރަނގަޅު ވަގުތުގައި ބަނޑޮހުގެ ކޯޗު މުހައްމަދު ސާޖިދު (ކާއްޓޭ) ޓައިމް އައުޓްނަގައި ޓީމު ހަމަޔަކަށް އެޅުވި އެވެ. އަދި ސެޓުގެ ފަހު ކޮޅުގައި ލީޑުނެގި އެވެ. ކުޑަކާއްޓެ އާއި އަހުމަދު އަބްދުލް ކަރީމް (ލޯންގޭ) އަދި ތަޖުރިބާކާރު ސެޓަރު އިޝާން މުހައްމަދު (ބަޓިސް)ގެ ފަރާތުން ފަހު ވަގުތު ފެނުނު ތަފާތާ އެކު ބަނޑޮހުން މި ސެޓު 25-20 އިން ގެންދިޔަ އެވެ. މި ސެޓުގައި ބަނޑޮހުގެ މުހައްމަދު އަހުސަން ވެސް ވަނީ ރީތިރަށުގެ އެޓޭކްތައް ބްލޮކްކުރުމުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ.

ތިން ވަނަ ސެޓުގައި ލީޑުގައި އޮވެ އޭގެ ބޭނުން ނުހިފުމުން ހަތަރު ވަނަ ސެޓުގައި ރީތި ރަށް ފެނުނީ ކުރިން ދެ ސެޓަށް ވުރެން ދަށްކޮށެވެ. އޭގެ ބޭނުންހިފައި ރަޒާންގެ ބާރު ޝޮޓްތަކާ އެކު ބަނޑޮހުން ދިޔައީ ލީޑުފުޅާކުރަމުންނެވެ. ސެޓުގެ ބޮޑު ބައިގައި ރަނގަޅު ލީޑެއްގައި އޮތް ބަނޑޮހުން ވަނީ މި ސެޓު 25-19 އިން ގެންގޮސް މެޗުން މޮޅުވެފަ އެވެ. މެޗަށް ފަހު ބަނޑޮހުގެ ކުޅުންތެރިންނާއި ސަޕޯޓަރުން ވަރަށް ބޮޑަށް އުފާފާޅުކުރި އެވެ.

މުބާރާތުގެ ޑްރީމް ޓީމުގައި ހިމެނޭ ކުޅުންތެރިންނާއި ސްޕޯޓްސް ކޮމިޝަނަރު ހީނާ އަދި ވީއޭއެމް ނޯމަލައިޒިން ކޮމިޓީގެ ރައީސް އަބްދުﷲ އާމިރު. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

މުބާރާތުގެ ޑްރީމްޓީމުގައި ހިމެނެނީ ބަނޑޮހުގެ ކުޑަކާއްޓެ، އަހުސަން، ބަޓިސް، ރަޒާނާއި ރީތި ރަށުގެ ނަބީލް، އެޑަމް އަދި ހަސަން އިބްރާހިމް އެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗުގެ މަގާމަށް ހޮވިފައިވަނީ ބަނޑޮހަށް މިދިޔަ ދެ އަހަރު ތަށި ހޯދައިދިނުމުގެ އެންމެ މުހިއްމު އެއް ހިއްސާދާރު ގައުމީ ފިރިހެން ޓީމުގެ ކުރީގެ ކޯޗު މުހައްމަދު ސާޖިދު (ކާއްޓޭ) އެވެ.

ބަނޑޮހުން މިދިޔަ އަހަރު ތަށި އުފުލާލީ ފައިނަލުގައި ގްރޭންޑްޕާކް ކޮއްދިއްޕަރުގެ މައްޗަށް ސީދާ ތިން ސެޓުން ކުރިހޯދައިގެންނެވެ.

މިއަދުގެ ފައިނަލް މެޗު ޝަރަފްވެރިކޮށްދެއްވީ ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފާއި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ އިތުރުން ކޮމިޝަނާ އޮފް ސްޕޯޓްސް ހީނާ އަހުމަދު ސަލީމް (ބޮޑުހީނާ) އެވެ.

3 ކޮމެންޓް, 8 ރިއެކްޝަންސް

icon happy icon happy 63%
icon sad icon sad 13%
icon angry icon angry 25%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފަރިފަރިރާނީ

11 October 2019

ކޮބާތޯ ރާއްޖޭގެ މޮޅު ކުޅުންރެތިޔާ ހުޒާމު؟ ފައިނަލަށް ވެސް ނުދޭ ދޯ؟ ކުޑަ ކާއްޓެ ވަރެއްނެތް.

The name is already taken The name is available. Register?

އިޙްސާސް

12 October 2019

ހުޒާމު ކިތަންމެ މޮޅަކަސް އޭނަ އެކަނި ކުޅެގެން ވޮލީގަ ފައިނަލަށް ދެވޭތަ؟

The name is already taken The name is available. Register?

ޢަފީފުއްދީން އާޝާ

12 October 2019

ކުޅުންތެރިޔާ މޮޅަކަސް، ކުޅޭ ޓީމުގަ ކޯޗެއްވެސް ހުންނަންޖެހޭނެ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454