ނިއުޕޯޓު ރެސްޓޯރަންޓް: އެ ބިން އަދިވެސް ހުސް ނުކުރޭ
14 އޮކްޓޯބަރ 2019 - 17:32
ނިއު ޕޯޓް ވިއު ރެސްޓޯރެންޓް ހިންގި ބިން ސަރުކާރާ ހަވާލުކުރަން މިދިޔަ ސެޕްޓެމްބަރު މަހު ސިވިލް ކޯޓުން ކުރި ހުކުމަށް އަމަލުކޮށްފައި ނުވާތީ އެ ހުކުމް ތަންފީޒު ކޮށްދޭން ދައުލަތުން ކޯޓުގައި އެދެފި އެވެ.
އެ ރެސްޓޯރަންޓް ހިންގަމުން އައި ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑަށް ކޯޓުން އަމުރުކުރީ 15 ދުވަހުގެ ތެރޭގައި ބިން ހުސްކޮށް ސަރުކާރާ ހަވާލުކުރުމަށެވެ. ނަމަވެސް އެއަށް އަމަލުނުކޮށް، އެ ކުންފުނިން ނިންމީ ހުކުމް އިސްތިއުނާފު ކުރުމަށެވެ.
ޕްލޭނިން މިނިސްޓްރީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ ސްޓްރާޑާ ކުންފުނިން ނިއުޕޯޓު ހިންގި ބިން ސިވިލް ކޯޓުގެ ހުކުމާ އެއްގޮތަށް ހުސްކޮށްފައި ނުވާ ކަމަށާއި އެހެންވެ، ކޯޓުގެ ހުކުމުގައި އަންގާފައިވާ ގޮތަށް އެކަން ތަންފީޒު ކުރުމަށް ދައުލަތުން ކޯޓުގައި އެދިފައިވާ ކަމަށެވެ.
ރާޅުގަނޑު ސަރަހައްދުގައި ނިއު ޕޯޓް ވިިއު ހިންގާ ސްޓްރާޑާ ކުންފުންޏާ ދެކޮޅަށް ދައުލަތުން ދައުވާކުރީ އެ ބިން ހުސްކޮށްދޭން އަމުރުކޮށް ދިނުމަށާއި އެތަނުގެ ކުލީގެ ގޮތުގައި 1.1 މިލިއަން ރުފިޔާ ހޯދުމަށެވެ.
އެތަނުގެ އެއްބަސްވުން ސަރުކާރުން ބާތިލް ކުރީ އެއްބަސްވުމާ އެއްގޮތަށް ކުލި ނުދައްކާތީ ކަމަށް ކޯޓު ހުކުމުގައިވެ އެވެ.
ކޯޓުގެ އެ ހުކުމާ ގުޅިގެން އެސްޓްރާޑާ ކުންފުނިން ކުރިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެ ހުކުމް އިސްތިއުނާފް ކުރަން ނިންމީ ނިއުޕޯޓް ވިއު ހިންގި ބިން އެ ކުންފުންޏަށް ސަރުކާރުން ކުއްޔަށް ދިން އެއްބަސްވުމުގެ ދަށުން ކުރަން ޖެހޭ ސީއެސްއާރު މަސައްކަތްތަަކަށް ބޮޑު ހޭދައެއް ކޮށްފައި ވާތީ އެވެ. އަދި އެތަނުގައި ފުރަތަމަ ހުޅުވި "ޗާޓައިމް" ބަންދުކުރި އިރު ވެސް ދައުލަތުން ބަދަލު ދީފައި ނުވާ ކަމަށާއި ކޯޓުން އެ ކަންކަމަށް ވެސް ރިއާޔަތްކޮށްފައި ނުވާ ކަމަށް ބަޔާނުގައިވެ އެވެ.
"ރިންގް ރޯޑް ހެދުމަށްޓަކައި [ޗާޓައިމް] ތަޅާލައި އެތަން ހުސްކުރީ ޗާޓައިމް ބްރޭންޑް ރާއްޖެއަށް ގެނެސް އެތަން ހިންގުމަށްޓަކައި މި ކުންފުނިން ކުރި އިންވެސްޓްމެންޓަށް އަދުލުވެރި ބަދަލެއް ދިނުމަކާ ނުލަ އެވެ،" ސްޓްރާޑާގެ ބަޔާނުގައި ވެ އެވެ.
ކުރީގެ ސަރުކާރުގައި 2016 ގައި އެ ބިން ސްޓްރާޑާ ކުންފުންޏާ ހަވާލުކުރީ ބްރިޖް އަޅާ މަންޒަރު ބަލާ ޕްލެޓްފޯމެއް ތަރައްގީކޮށް، އެ ސަރަހައްދުގައި ރެސްޓޯރެންޓަކާއި ފުޓްސަލް ދަނޑެއް ތަރައްގީ ކުރުމަށެވެ. ޕީޕީއެމްގެ ކައުންސިލް މެންބަރުކަން ކުރެއްވި ޒާހިދު ރަމީޒުގެ ހިއްސާ އޮންނަ ސްޓްރާޑާއާ އެކު ހެދި އެއްބަސްވުމުގެ މުއްދަތު ސަރުކާރުން އިތުރުކޮށްފައި ވަނިކޮށް، އެތަން ހުސްކުރަން ސަރުކާރުން އެންގީ މި އަހަރުގެ ކުރީކޮޅު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހާ
15 October 2019
އަހާ އަނެށް 50 މިލިއަން ޑޮލަރު ބަލަދުގެ ގޮތުގަ ދޭންޖެހުނީމި.
މަރޭ
15 October 2019
މިސަރުކާރުވެރިކަމަށް އައިތާ އެއްއަހަރު ވެގެންދާއިރުވެސް މިކަމަށް ހައްލެއް ނުގެނެވުނު. ތިހާ ލޮނުމަޑުވެގެން ސަރުކާރު ހިންގޭތަ. ޔާމީން ނަމަ އޮއްނާނީ ތިކަން ކޮއްފަ.
ފައިބެ
14 October 2019
ތީގެ އަޑީގައި މަޖިލީސް މެމްބަރުންތަކެއް ވޭ. ހުރިހާ ކޮޅަކުން ކަމުން އައިސް އިޚްލާސްތެެރިންނޭ ބުނީމާ ހަމަ ގަބޫކުކުރަންވީ؟!
ޗާޗާ ޓައިމް
14 October 2019
އެތާ އަޅާފައި ހުރީ ސައިގިރާ ޖިފުޓިއެއް. ވަރަށް އާދައިގެ ގޮތަކަށް ހަދާފައި ހުރިތަނެއް. ލައްކައެއްހާ ރުފިޔާވެސް އެވަރުތަނެއް ހަދާކަށްނުދާނެ. އަދިފެންނާނެ އެތަނަށްވެސް އެތައް މިލިއަންޑޮލަރެއްގެ ބަދަލުދޭ ތަން،.
ރަދީފް
14 October 2019
އަވަހަށް ހުސްކުރޭ.ރައްޔަތުންގެ މުދަލަށް ތިހެން ގަދަވެގަނެގެން ތިބުން އެއީ ހުތުރު އަމަލެއް.ނިއު ޕޯޓް / ޕޮޕް ޖޯއި އެއީ އެއްބައެއްް.މިމީހުން ދުވަހަކުވެެސް ކޯޓް އަމުރަކަށް ބޯ ނުލަނބާ.މިފަހަރު ޝަރުއީދާއިރާއިން މިކަމަށް ރަނގަޅު ހައްލެއް ލިބޭނެކަމަށް އުންމީދުކުރަން..ވެދުން