އަންހެނުންގެ ހައްގުތައް ހިމާޔަތްކުރުމަށް ގޮވާލައި، ކާނިވާ ސަރަހައްދުގައި މީގެކުރިން ބޭއްވި އެއްވުމެއްގައި ބަޔަކު ބައިވެރިވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
15 އޮކްޓޯބަރ 2019 - 11:59
އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީތަކަށް ބާރާއި ބަޖެޓު ލިބޭ ގޮތަށް، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލްގައި ހިމަނައިފި އެވެ.
ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލިހުގެ ހުޅުމާލެ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ ނިޔާޒް މަޖިލިހަށް ހުށަހެޅުއްވި ބިލްގައި ބުނެފައި ވަނީ ކޮންމެ ރަށަކާއި ސިޓީއެއްގައި ދިރިއުޅޭ އަންހެނުން އިންތިހާބުކުރާ އަންހެނުންގެ ކޮމިޓީއެއް އޮންނަން ވާނެ ކަމަށެވެ. ބިލްގައިވާ ގޮތުގައި ރަށެއްގައި ނަމަ، ކޮމިޓީގައި ފަސް މެމްބަރުން ތިބެން ޖެހޭނެ އެވެ އަދި ސިޓީއެއްގައި ނަމަ ހަތް މެމްބަރުން ތިބެން ޖެހޭނެ އެވެ.
ލޯކަލް ކައުންސިލް އިންތިހާބެއް ނިމޭތާ އެއް މަސް ދުވަހުގެ ތެރޭގައި، އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީ އިންތިހާބު ކުރުމުގެ އެންމެހާ ކަންކަން ކައުންސިލުން ހަމަޖައްސަންވާނެ ކަމަށް ބިލްގައިވެ އެވެ. މި ކޮމިޓީތަކުން މަސައްކަތްކުރަން ޖެހޭނީ އެ ރަށެއްގެ ކައުންސިލްތަކާ އެކުގައި ކަމަށް ބިލްގައިވެ އެވެ. އަދި ކައުންސިލްތަކުން އަންހެނުންގެ ކޮމިޓީތަކަށް އެއްބާރުލުން ދިނުމަށް ބިލް ލާޒިމް ކުރެ އެވެ.
މަޖިލިހުގެ އިއްޔެގެ ޖަލްސާގައި ފުރަތަމަ ކިޔުން އިއްވާފައިވާ ބިލްގައިވާ ގޮތުން އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކަށް ކަނޑައަޅާފައިވާ މަސްއޫލިއްޔަތުތަކާއި ބާރުގެ ދާއިރާގެ ތެރޭގައި މުދާ މިލްކު ކުރުމާއި ދަރަންޏަށް ޒިންމާވުމުގެ ބާރު ހިމެނެ އެވެ.
އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ މުއްދަތަކީ އެ ކޮމިޓީ އިންތިހާބުކުރާ ތާރީހުން ފެށިގެން ތިން އަހަރު ދުވަސް ކަމަށް ވެސް ބިލްގައި ބުނެފައިވެ އެވެ.
އަންހެންގެ ކޮމިޓީތަކުގެ މެމްބަރުންނަށް، ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ލަފާގެ މަތިން ފިނޭންސް މިނިސްޓްރީން އެކަށީގެންވާ އުޖޫރައެއް ދޭންވާނެ ކަމަށް ބިލްގައިވެ އެވެ.
- ރަށްވެހިކަމުގެ ހިދުމަތްތަކާ ބެހޭ ގޮތުން ކައުންސިލަށް ލަފާ ދިނުން.
- އަންހެނުންގެ ހައްގުތައް ރައްކާތެރިކުރުމަށް މަސައްކަތްކުރުން.
- އަންހެނުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރު ކުރުން.
- ސިޔާސީ ކަންކަމުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުން.
- މަތީ ތައުލީމް ހާސިލްކުރާ އަންހެނުންގެ އަދަދު އިތުރުކުރުން.
- އަންހެނުންގެ ސިއްހީ ހާލަތު ރަނގަޅު ކުރުން.
- އަންހެނުންނާ ބެހޭ މުހިންމު މައުލޫމާތު އެއްކުރުން.
ބިލްގައި ބުނީ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީން ހިންގުމަށް ކަނޑައަޅާ ހަރަކާތްތައް ހިންގުމަށް އެ ކޮމިޓީތަކަށް އެކަށީގެންވާ ބަޖެޓެއް އެ ކޮމިޓީ އޮންނަ ރަށެއްގެ ކައުންސިލް ނުވަތަ ސިޓީ ކައުންސިލްތަކުން ކަނޑައަޅަން ވާނެ ކަމަށެވެ. އަދި ކައުންސިލްތަކުގެ ބަޖެޓު އެކުލަވައިލާ އިރު، އަންހެނުންގެ ކޮމިޓީގެ ބަޖެޓު ވެސް ހިމަނަން ވާނެ ކަމަށް ބިލްގައި ބުނެފައިވެ އެވެ.
އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިދާރީ ކަންކަން ބެލެހެއްޓުމަށް ބޭނުންވާ ވަސީލަތްތަކާއި ކޮމިޓީގެ ބައްދަލުވުންތައް ބޭއްވޭނެ އިންތިޒާމު ރަށު ކައުންސިލާއި ސިޓީ ކައުންސިލުން ހަމަޖައްސަން ވާނެ ކަމަށް ބިލްގައިވެ އެވެ.
އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކަށް ބާރާއި ބަޖެޓު ދޭ އިރު، ކައުންސިލްތަކުގެ ދައުރު ފަސް އަހަރަށް ބަދަލުކުރުމާ އެކު ބޮޑެތި ބާރުތަކެއް ދޭން ގާނޫނުއަސާސީ އާއި ލާމަރުކަޒީ ގާނޫނަށް އިސްލާހު ހުށަހެޅުމުގެ ބިލް ވަނީ ރައްޔިތުންގެ މަޖިލިހަށް ހުށަހަޅައިފަ އެވެ.
ކައުންސިލްތައް މާލީ ބާރުވެރިކުރުވުމުގެ ގޮތުން ދައުލަތުގެ އާމްދަނީގެ ފަސް ޕަސެންޓަށްވާ ފައިސާ ދިނުން ބިލްގައި ވަނީ ހިމަނައިފަ އެވެ. މީގެއިތުރުން ކައުންސިލްތަކުގެ އިހްތިސާސްގައި ނުހިމެނޭ ބިމާއި ފަޅާއި ފަރުގެ ސަރަހައްދުތަކުގެ ކުލީގެ 40 ޕަސެންޓަށް ވާ އަދަދު ފައިސާ، ފިސްކަލް ފޯމިއުލާއެއްގެ ދަށުން ހުރިހާ ކައުންސިލްތަކަށް ބެހިގެންދާ ގޮތަށް ހަމަޖައްސަން ވެސް ވަނީ ހުށަހަޅައިފަ އެވެ.
ބިލުގައިވާ ގޮތުން ކައުންސިލްތަކުން ދޭ ޚިދުމަތްތަކަށް ބޭނުންވާ ފައިސާ ހޯދުމަށް ފީ ނުވަތަ ކުލި ނެގުމުގެ ބާރު ކައުންސިލްތަކަށް ދޭނެ އެވެ. ރަށެއް ނުވަތަ ސިޓީއެއްގައި ހިންގާ ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތެރެއިން، އެ މަޝްރޫއެއްގެ އަގު 5 މިލިއަނަށް ވުރެން ކުޑަ މަޝްރޫއުތައް ކައުންސިލްތަކުން ހިންގާ ގޮތަށް ހަމަޖައްސަން ވެސް ބިލުގައި ހުށަހަޅާފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަންހެނުންގެކޮމެޓީއެއް
15 October 2019
ވަރަށް ދަށްޙާލެއްގަ ގިނަކޮމެޓީތައް އޮތީ. ކައުންސިލުން ނުދީވިއްޔާ ލިޔާނެގަލަންވެސް ހޯދަންޖެހެނީ މެންބަރުންގެ އަމިއްލަޖީބުން. ކަމެއްކުރާނަމަވެސް ކުރަންޖެހެނީ ބަޖެޓް ކައުންސިލުން ނުދީފިއްޔާ މީހުންކައިރިއަށްގޮސް އާދޭސްކޮށްގެން ނުވަތަ އަމިއްލައަތުން
ބޭރު
15 October 2019
ބަލަ މި ދައުލަތް ހަރާބުވެގެން މިދަނީއެވެ. ގައުމު އިގްތިސާދީ އަނދަވަޅަކަށް ވެއްޓެނީއެވެ. އާމްދަނީ ދަށްވަމުން ދަނީއެވެ. ޚަރަދުތައް ބޮޑުވަމުން ދަނީއެވެ. އަދިވެސް ތި އުޅެނީ ދައުލަތުން އިތުރަށް ޚަރަދު ކުރާނެ މަގެއް ނުފެނިގެންތޯއެވެ. މި ދައުލަތައް އެއްޗެއް ލިބޭނެ މަގެއް ފަހިކޮށް ދައުލަތް އިގްތިސާދީ ގޮތުން ބާރުވެރި ކުރުމަށްފަހު ތިކަންކަމާ އުޅޭށެވެ.
ރުޅި
15 October 2019
ލެއްވިނަމަ ލެއްވިހާ ކޮމެޓީއަކާއި ބޯޑްތަކާއި ކޮމިޝަންތަކާއި އޮފީސްތައް ހެދުމަށްފަހު ދެން ހެސްކިޔާފަ ޓެކްސް ނަގަން. ކަނޑަ
ގެދާނޯމޮސް
15 October 2019
އެއްވެސް ޕާޓީއަކުން ކޮމިޓީ އަކުންވިޔަސް މިހާރު ރައްޔިތުންނަށް އެދެވޭ ކުރިއެރުމާއި މަންފާ ވާތަނެއް ނުފެނެއެވެ. ތީ ހުސްއަމިއްލަ ޖީބަށް މަދުވާ ބައި އިތުރު ކުރުމަށް ހިންގާ ކެމްޕެއިނެކެވެ.
ނުރާ
15 October 2019
މިކޮމެޓީ ވެސް 5 އަހަރަށް ހެދުން ކީއްތޯ? ޢެއީ ކައުންސިލް ތައްވެސް 05 އަށް ބަދަލު ކުރާތީ އެވެ.
ކޮމެޓީ
15 October 2019
މިހާރުވެސް ހިލޭސާބަހަށް ކަމެއްކޮށްދޭކޮމެޓީއެއް ނޯންނާނެ އަންހެނުންގެ ކޮމެޓީނޫނީ