ފޮރިން މިނިސްޓަރު އާސިމް ރޭ އދ.ގެ އާއްމު މަޖިލީހުގައި ތަގުރީރު ކުރައްވަނީ.-- ފޮޓޯ: އދ.
25 ސެޕްޓެމްބަރ 2016 - 11:46
ކުދި ގައުމުތަކުގެ އިގްތިސާދުގައި ހުންނަ ބަލިކަށި ކަމަށް ބަލައިގެން ތަރައްގީ ވަޒަން ކުރުމަކީ އިންސާފެއް ނޫން ކަމަށާއި އެެހެންވެ އެ ގައުމެއްގެ ގާބިލުކަމަށް ބަލަން ރާއްޖޭން ރޭ ދުނިޔެ އަށް ގޮވާލައިފި އެވެ.
މިހާރު ކުރިއަށް ދާ އދ.ގެ އާއްމު މަޖިލީހުގައި ރާއްޖޭގެ ފަރާތުން ތަގުރީރު ކުރައްވަމުން ފޮރިން މިނިސްޓަރު މުހައްމަދު އާސިމް ވިދާޅުވި ގޮތުގައި ތަރައްގީވެފައިވާ މިންވަރު ވަޒަން ކުރަން މިހާރު ގެންގުޅޭ ބައިނަލްއަގުވާމީ މިންގަނޑުތައް ކުދި ގައުމުތަކަށް އިންސާފުވެރިއެއް ނޫނެވެ. ގައުމުތަކުގެ އިގްތިސާދުގައި ހުންނަ ބަލިކަށިކަމަށް މިހާރު ނުބަލާ ކަމަށް އޭނާ ވިދާޅުވި އެވެ.
އާސިމް ވިދާޅުވި ގޮތުގައި އެހެން ގައުމުތަކަށް ވަރަށް ބޮޑަށް ބަރޯސާވާން އަބަދު ވެސް ރާއްޖެ އަށް ވަނީ ޖެހިފަ އެވެ. އެއީ ބަދަލު ނުކުރެވޭނެ ހަގީގަތަކަށް ވާއިރު، އިގްތިސާދީ އަދި ތިމާވެށީގެ ރޮނގުން ދުނިޔެ އަށް އަންނަ ލޮޅުންތަކުގެ އަސަރު ރާއްޖެ އަށް ވަރަށް ބޮޑަށް ކުރާކަން އޭނާ ފާހަގަކުރެއްވި އެވެ.
"ތިމާވެއްޓާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ތަރައްގީގެ ކުރިއެރުންތައް ނެތިކޮށްލާ،" އާސިމް ވިދާޅުވި އެވެ.
މީގެ އިތުރުން، ތަރައްގީ ހާސިލްކުރުން ބޭނުންވާ ބަނދަރުތަކާއި އެއާޕޯޓުތަކާ އެ ނޫން ވެސް އިންފްރަސްޓްރަކްޗާ ވަސީލަތްތައް ތަރައްގީ ކުރަން ޖެހިފައިވާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. އެކަމަކު، އެންމެ ކުޑަކޮށް ތަރައްގީ ވެފައިވާ ގައުމުތަކުގެ ލިސްޓުން މެދު މިނުގެ އާމްދަނީ ލިބޭ ގައުމަކަށް ރާއްޖެ ބަދަލުވުމާ އެކު، ކުރިން ލިބުނު އިނާޔަތްތައް މިހާރު ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"ތަރައްގީގެ މަޝްރޫއުތަކަށް ބޭނުންވާ ފައިސާ އެހާ ފަސޭހަ އިން ލިބޭކަށް ނެތް،" މިނިސްޓަރު ވިދާޅުވި އެވެ.
ރާއްޖޭން މަސައްކަތް ކުރަނީ، އާސިމް ފާހަގަކުރެއްވި ގޮތުގައި، ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރާށެވެ. ރާއްޖޭން އިންވެސްޓް ކުރަނީ ރައްޔިތުންގެ ހާލަތު ކުރިއަރުވަން ކަމަށް ވިދާޅުވެ އޭނާ ވަނީ އެ ގޮތުން ކޮށްފައިވާ ބައެއް ކަންކަން ފާހަގަކުރައްވާފަ އެވެ. އޭގެ ތެރޭގައި ހެޔޮ އަގެއްގައި ސިއްހީ ހިދުމަތް ފޯރުކޮށް ދިނުމާއި ކޮންމެ ރަށެއްގައި ފާމަސީއެއް ގާއިމްކުރުމާއި ކޮންމެ އަތޮޅެއްގައި ސީ އެމްބިއުލެންސްގެ ހިދުމަތް ދިނުން ހިމެނެ އެވެ. އަދި ޒުވާނުންނަށް ފުރުސަތުތައް ހޯދައި ދިނުމުގެ އިތުރަށް އަންހެނުންގެ ހައްގުތައް ކަށަވަރު ކޮށްދިނުމާއި ބާރުވެރިކުރުން ވެސް އެ ކަންކަމުގެ ތެރޭގައި ހިމެނެ އެވެ.
ތަރައްގީ ވަޒަންކުރުމުގައި ފަގީރުކަން އޮންނަ މިންވަރާއި ގައުމީ އުފެއްދުންތެރިކަން އަދި ބޮލަކަށް ޖެހޭ އާމްދަނީގެ ނިސްބަތާއި އާމްދަނީ ބެހިފައިވާ ގޮތަށް އދ. އިން ބަލަ އެވެ. މީގެ އިތުރުން ބަލާ ކަންކަމުގެ ތެރޭގައި ތައުލީމު ހޯދުމުގެ ފުރުސަތު އޮންނަ ވަރާއި ސިއްހީ ހިދުމަތްތަކާއި އިޖުތިމާއީ ރައްކާތެރިކަމުގެ ހާލަތު ވެސް ހިމެނެ އެވެ.
އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ ލިސްޓުން ރާއްޖެ ނަގައި މެދު މިނުގެ އާމްދަނީ ލިބޭ ގައުމެއްގެ ގޮތުގައި ރަސްމީކޮށް ހިމެނީ ޖެނުއަރީ 1، 2011 ގަ އެވެ. ތަަރައްގީގެ ދެވަނަ ދަރަޖަ އަށް މިހާތަނަށް ދެވުނު ތިން ގައުމުގެ ތެރޭގައި ރާއްޖެ ހިމެނުނުއިރު، ކުރިން ލިބުނު އެހީތަކާއި އިނާޔަތްތައް މިހާރު ރާއްޖެއަކަށް ނުލިބެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުހަންމަދު
26 September 2016
ތަރައްޤީވިޔަސް އަދި އެހެންއެއްޗެއް ނޫނީ ކަމެއްކަމުގައިވީނަމަވެސް އިންސާފުވެރިނޫންގޮތަށް ވަޒަން ކޮށްފިނަމަ، އެކަމުގެތެރެއަށް އަމިއްލަ އެދުމާއި ބޭއިންސާފު ނުވަދެނުދާނެކަން ނުވިސްނޭކަމާއިމެދު ޙައިރާންވާންޖެހެއެވެ. އިލާހީޤާނޫނުގައި، އެމީހެއްގެ ޢަމަލު ވަޒަން ކުރުއްވާނެކަމުގައިވަނީ، ޒައްރެއްގެމިންވަރުވެސް އުނިނުވާނެމަގުން އިންސާފުވެރިކަމާއިއެކުގައެވެ. އެއްވެސްމިންވަރަކަށް ޤާބިލް ނުވަތަ ދަންނަ ނުދަންނަ އެކަމުގެތެރެއަކަށް ވަދެފައޮތްތަނެއް އަދިނުދެކެމެވެ. ވަޒަންކުރުމުގައި އިންސާފުވެރިކަމެއްނެތި، ޤާބިލްކަމާއި ދަންނަކަން ހިމެނޭނަމަ، އެކަންވެސް ބަޔާންކުރެވިފައި އޮންނާނެއެވެ. ޙައިރާންވެއްޖައީމެވެ!
ފާއިޒު
26 September 2016
ބޭރުގެ ޖަމްއިއްޔާތަކުން ރާއްޖޭގެ އެއްވެސް ކަމަކާއި ބެހިގެން ނުވާނެ. އެމީހުން ކުރަން ޖެހޭނީ ވިހާވެސް ގިނަ އެހީރާއްޖެ އައް ދިނުން. ރަގަޅީކޭޝް.. އެފައިސާޔައް ވާގޮތައްވެސް އެމީހުނައް ނުޖެހޭނެ ބަލާކައް.
މަހޭ
25 September 2016
ހެޔޮ ސިއްހަތަކީ މުއްސަނދިކަން. ގައުމެއްގެ ހަމަޖެހުމަކީ ކުރިއެރުން. އެތެރޭގެ ކަންކަމަށް ބޭރު އަތްބާނާ ނާޖާއިޒު ފައިދާ ނަގާނަމަ އެކޮނެވެނީ އަމިއްލަ ކައްވަޅު.
އެއްބަައިވަންތަކަން
25 September 2016
ގައުމުތަކުގެ ދާހިލީ ކަންތަކުގެ ތެރެޔަަށް ކޮމޮންވެލްތުން ވެސް ޔޫއެންއިންވެސް ވަންނާކަށް ނުޖެހޭ. ހުޅަނގުގެ މީހުން އިންސާނިޔްޔަތޭ ކިޔާ އިރު ދުނިޔޭގައި އެންމެ ގިނައިން ރޭޕު ކޮށް އަންހެނުންގެ ހައްގުތަކަށް އަރައިގަންނަނީ ހުޅަނގުގެ ގައުމުތަކުން. އެއްވެސް ގައުމެއް ފުރިހަމައެއް ނުވާނެ، އެކަމަކު ނިސްބަތުން ރާއްޖެއަކީ އުފަލުގައި އުޅޭ ފަގީރުކަން މަދު ހަމަޖެހިލައިގެން އުޅެވޭ ތަނެއް. ހަމްދު ނުކުރާ މީހުނަށް އޮތީ ނާކާމިޔާބާއި އަބާއްޖަވެރިކަން. ސީރިޔާ އިރާގު ލީބިޔާ މިސްރު އަދި ތުރުކީއަކީ އަހަރުތަކެއް ކުރިން މުއްސަނދިކަމާއި އަރާމުގައި ރައްޔިތުން އުޅުން ގައުމުތަކެއް... ހުޅަނގުގެ ނުފޫޒުން ވެރިކަން ބަދަލުކޮށް، 'އިސްލާހު' ކޮށް ނިމޭއިރު އެގައުމުތަށް އެފްރިކާގެ ގައުމުތަކެކޭ ތަފާތެއް ނޯންނާނެ.
ބޯގޯސް
25 September 2016
ދިވެހިންނަކީ ލިބިފައިވާ މިނިވަންކަމާއި ކުރިއެރުމާއި ތަރައްގީއާއި ހަމަޖެހުން ވަޒަންކޮށް ހަމްދު ކުރާ ބަޔެއްކަމުގައި ލައްވަވާށި.
ބުރޯ
25 September 2016
ރަނގަޅު ވާހަކައެއް. މިގައުމުގައި ޑިމޮކްރަސީއޭ އިންސާނީ ހައްގޭ ކިޔާފަ ދުއްތުރާ ކުރަން ވިލާތުގެ ގައުމުތަކުން ކުރާކަންކަން ކުރަނީ ދިވެހިންގެ ހިޔާލާއި ވިސްނުން ހުރިވަރުވެސް ނޭގި. ގިނަ ދިވެހިންނަކީ ސިޔާސީ ކަންކަމުގައި ދެލޯވެސް ނުހުޅުވޭ މީހުން. ކޮންމެ މީހަކަށްވެސް އެމީހަކު ނިސްބަތްވާ ޕާޓީއެއް އެނގޭ އެކަމަކު އެޕާޓީގެ ފިކުރެއް ނޭގޭ. ލިބަރަލް ޑިމޮކްރަސީއަށް ބަޔަކު ގޮވާ އިރު އަރަބިކަރައިގައި އޮތް ހަމައެކަނި ލިބަރަލް ޑިމޮކްރަސީ އަކީ އިޒްރޭލު. ސޯޝަލިސްޓް ފިކުރުތަށް މިގައުމުގައި އަށެގެން ދާއިރު އެއީ ކޯޗެއްކަންވެސް ކިޔަވައިގެން ތިބި މަދު ބަޔެއް ނޫން ބަޔަކަށް ނޭނގެ.
GAN Island
25 September 2016
މުހައްމަދު އާސިމް ތިތަނަށް ގޮސް ތިވާހަކަ ދައްކަން ޖެހޭ މީހާ ''ވީނުވީ ތަނެއްވެސް'' އިގެނީ ވަރަށް މަދު ދިވެއްސަކަށް. ބޮސް ފިއްލަވައިގެން ހުންނަވާ ''މީހުން ނެރެގެން'' ގައްކާ ވާހަގައިގަ މާބޮޑު އުރައްޕެއް ނުހުންނާނެ. އަދި މުހައްމަދު އާސިމް މެން ދައްކާ ވާހަކަ ދިވެހިން އަޑުނާހާ އިރު ތިތަނުގައި އެވާހަކަ ކަނުލާ އަޑުއަހާނެ ބަޔަކު ނުތިބޭނެ.
އަލީ
25 September 2016
މިއީ ކޮންކަހަލަ ވާހަކައެއް ދައްކާ މިނިސްޓަރެއް ރިޔާޒުމެން މިގޮވަނީ ކޮމަންވެލްތުން ވަކިވާށޭ އަދި މިމީހުންކުރާކަންކަމާ ދެކޮޅައްބަހެއްބުނާ ޖަމާއަތަކުންވިއްޔާ ވަކިވާށޭ. މިނިސްޓާރުމިގޮވަނީ އެހީދޭށޭ އެހީދޭށޭ އެހެންނޫނީ މިކަމެއްނުވާނެޔޭ.
ހާދާލު
25 September 2016
މޮޔަ ނުގޮވާ..... ބޭސް ފިހާރަ ހުރީ ނަމަކަށް......ސީ އެމްބިއުލެންސް ހަމަ ޖެހިގެން އަންނަ އިރު ބަލި މީހާ މަރުވެފަ އޮންނަނީ...... އެޅުނު އެއަރޕޯޓެއް ކޮބާ..... އުތުރައް ވީ އެންމެ ބޮޑު ވައުދު ހަނިމާދޫ އެއަރޕޯޓް.....މިހާރު ދެއްކި ވާހަކައެއްކަން ހަނދާންވެސް ނެތް
ކުޑަހުވަދޫ މީހާ
25 September 2016
ކަންކަން އިސްލާހުކުރަންވީ. ސަޅިބައިސާ ކެނޑިޔަކަސް ކަމަކުނުދާނެ.