ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް: އެތަނުން އެއްވެސް މައްސަލައެއް ނެތް ކަމަށް ބުނެ ފޮނުވާލި ޒުވާނެއްގެ ހާލު ވަނީ ސީރިއަސް ވެފައި-- ފޮޓޯ: ކުޅުދުއްފުށީ އޮންލައިން
26 ސެޕްޓެމްބަރ 2016 - 09:09
މީގެ ހަފުތާއެއްހާ ދުވަސް ކުރިން އެންމެ ބޮޑު އެއް ހަބަރަކަށް ވެފައި އޮތީ ހދ. ކުޅުދުއްފުށީގައި ހުންނަ ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔަ ޒުވާނަކަށް އެ ހޮސްޕިޓަލުން ފަރުވާ ދިން ގޮތުގެ ވާހަކަ އެވެ.
އެކްސިޑެންޓެއްގައި އަނިޔާވެގެން ހޮސްޕިޓަލަށް ގެންދިޔުމުން އެއީ މަކަރު ކަމަށް ބުނެ ގެއަށް ފޮނުވާލައި އަދި އޭނާއަށް ލިބުނު އަނިޔާތައް ދެނެގަންނަން ޑޮކްޓަރުންނަށް ނޭނގުމުން، އިތުރު ފަރުވާ ދިނުމަށް ޒުވާނާ މާލެ ގެނައިރު އޭނާގެ ހާލު ވަނީ ސީރިއަސްވެފަ އެވެ.
ފަރުވާ ދިނުން ލަސްވުމުން އޭނާ ޕެރަލައިޒް ވުމުގެ ފުރުސަތު ބޮޑު ކަމަށް އައިޖީއެމްއެޗުން ބުނާއިރު އާއިލާއިން ތުހުމަތު ކުރާގޮތުގައި އެއީ ކުޅުދުއްފުށީ ހޮސްޕިޓަލުގެ އިހުމާލުގެ ސަބަބުން ދިމާވިި ކަމެކެވެ.
އޭގެ ދުވަސްކޮޅެއް ފަހުން ދެން އިވުނީ ގއ. ވިލިނިގިލީގައި ހިނގި އެކްސިޑެންޓެއްގައި ޒަހަމްވި ޒުވާނެއްގެ ފައިގެ ބައެއް އިނގިލިތައް ބުރިކޮށްލަން ޖެހުނު ހަބަރެވެ. އެ ޒުވާނާ ވެސް ފަރުވާ ދިނުމަށް މާލެ ގެނައުން މާ ލަސްވީ އެވެ.
އައިޖީއެމްއެޗްގަައި ހިތުގެ ބަލިތަކަށް ފަރުވާ ދިނުމަށް ގާއިމުކޮށްފައިވާ ކެތުލެބުގައި މީހަކަށް ފަރުވާ ދެނީ: ފަހުގެ ބޮޑެތި ހިދުމަތްތައް އެ ހޮސްޕިޓަލުން މިހާރު ލިބެން ހުރޭ--. ފޮޓޯ:ނިޝާން އަލީ/މިހާރު
އާއިލާއިން ތުހުމަތު ކުރާ ގޮތުގައި ވިލިނގިލީ ހޮސްޕިޓަލުން އޭނާއަށް އެކަށީގެންވާ ފަރުވާ ނުދެވުނީ އެވެ.
މިއީ ރާއްޖޭގެ އުތުރާއި ދެކުނުގެ ބޮޑު ދެ ހޮސްޕިޓަލުން އެއް ހަފުތާގެ ތެރޭގައި ދިމާވި ދެ މައްސަލަ އެވެ. މި ނޫނަސް މި ފަދަ މައްސަލަތައް ދޭތެރެ ދޭތެރެއިން ފެންމަތިވެ އެވެ. ބައެއް ވާހަކަތައް ބޮޑެތި މައްސަލަތަކަށް ބަދަލުވެ، ނޫސްތަކުގެ ސުރުހީތަކަށް އެރިޔަސް، ގިނަ މައްސަލަތައް ހުންނަނީ އާންމުންނަށް ނޭނގި އެވެ. ހުރިހާ ހޮސްޕިޓަލެއްގައި ވެސް، އަދި ސިއްހީ މަރުކަޒުތަކުގައި ވެސް މައްސަލަ އެބަހުއްޓެވެ. ފަރުވާ ދިނުމުގައި ފަރުވާކުޑަވުމާއި ފަރުވާ ލިބެން ނެތުމާއި ބަލި ދެނެނުގަނެވުމާއި ބަލީގެ ސީރިއަސްކަން ދެނެނުގަނެވުމަކީ އާންމުންގެ އަބަދުގެ ވެސް އެންމެ ބޮޑު ޝަކުވާ އެވެ! އަދި މިއީ، އަބަދުހެން ކޮށްލަކޮށްލަ ތިބޭ ޝަކުވާއެއް ވެސް މެ އެވެ.
ގިނަ ރަށްރަށުގެ ސިއްހީ ފެންވަރު އަދިވެސް އޮތީ ވަރަށް ދަށުގަ އެވެ. ފެންވަރު ދަށް ޑޮކްޓަރުން ރަށްރަށުގައި ހިދުމަތް ދެ އެވެ. ބަލި މީހާ އަށް ދޭނެ ރަނގަޅު ބޭސް ޑޮކްޓަރުންނަށް ނޭނގޭއިރު ބައެއް ޑޮކްޓަރުން ބަލިމީހާ ރަނގަޅަށް ނުބަލާ ކަމުގެ ޝަކުވާ ވެސް ގިނައިން ކުރެ އެވެ.
މިފަދަ ފަރުވާކުޑަކުރުންތަކުގެ ސަބަބުން ބައެއް ފަހަރަށް ފުރާނައަށް ނުރައްކާވާވަރުގެ ހާދިސާތައް ހިނގާފައި ވެސް އެބަހުއްޓެވެ.
"ބަލިވެގެން ޑޮކްޓަރަށް ދެއްކުމުން ޓެސްޓު ނުހަދައި އެންޓި ބަޔޮޓިކްސް ނޫނީ ކުއްލިއަކަށް ތަދުކެނޑޭ ކަހަލަ ބޭސްތަކެއް މިދެނީ. ދެން ހާލު ގޯސްވެގެން މާލެ އައިސް ޑޮކްޓަރަށް ދެއްކީމަ މިކޮޅުން މި ބުނަނީ އެއީ ރަނގަޅު ބޭހެއް ނޫން ކަމަށް. އޭރު މިއޮންނަނީ މާބޮޑަށް ވެސް ލަސްވެފައި،" ސ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލަކުން ފަރުވާ ހޯދި އަންހެނަކު ބުންޏެވެ.
ވޭތުވެ ދިޔަ ދުވަސްތަކުގައި ރާއްޖޭގެ ސިއްހީ ދާއިރާގެ ބައެއް ދާއިރާތަކުން ކުރިއެރުންތަކެއް ހޯދި ނަމަވެސް، އިހުމާލާއި ފަރުވާ ކުޑަވުމުގެ މިފަދަ މައްސަލަތަކުގެ އަޑު އަބަދު ވެސް އިވެ އެވެ. މިއީ ރަށްރަށުގެ އިތުރުން މާލޭގެ ހޮސްޕިޓަލުތަކުން ވެސް ފަރުވާ ހޯދާ މީހުންގެ ޝަކުވާ އެކެވެ.
ބައެއް މީހުން ތުހުމަތު ކުރާ ގޮތުގައި ރަށްރަށުގައި ގިނައިން ހިދުމަތް ދެނީ މާލޭ ހޮސްޕިޓަލުތަކުން "ބޭރުކޮށްލާ" ޑޮކްޓަރުންނެވެ. އެކަމަކު ހެލްތު މިނިސްޓްރީން އެކަން ދޮގު ކުރެ އެވެ.
ތިނަދޫ ހޮސްޕިޓަލް: ރަށްރަށުގައި މަސައްކަތް ކުރާ ބައެއް ޑޮކްޓަރުންގެ ފެންވަރު ދަށް ކަމަށް ބައެއް މީހުން ބުނޭ
އެ މިނިސްޓްރީން ބުނިގޮތުގައި ރާއްޖެ ގެންނަ ޑޮކްޓަރުންގެ ފެންވަރު ކުރިއަށް ވުރެ ރަނގަޅަށް މިހާރު ބަލަ އެވެ. އަދި އެކަން ހަރުދަނާ ކުރުމަށް އިތުރު މަސައްކަތްތަކެއް ވެސް ކުރަމުން އަންނަ ކަމަށް އެތަނުން ބުންޏެވެ.
ހެލްތު މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް ޑރ. ޝީޒާ އަލީ ވިދާޅުވީ ރާއްޖޭގައި ތިބި ޑޮކްޓަރުންގެ ފެންވަރު ބެލުމަށް އިމްތިހާނެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށާއި އިމްތިހާނަށް ފަހު، އެ މީހުންގެ ފެންވަރު ވަޒަން ކުރެވޭނެ ކަމަށެވެ. ރާއްޖެ އަލަށް އަންނަ ޑޮކްޓަރުން ވެސް ހަ މަސް ދުވަހުގެ ތެރޭގައި މި އިމްތިހާނު ހަދަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ދެން ޑޮކްޓަރުންގެ ފަރުވާ ކުޑަކަމާއި އިހުމާލުވުމުގެ މައްސަލަތައް ގިނަވުމުގެ ސުވާލެވެ. އެކަމަކު މިކަމުގައި ހޮސްޕިޓަލްތައް ހިންގާ ބައެއް ފަރާތްތަކާއި ހިދުމަތް ދޭ މީހުންގެ ބަސް އާއްމުންނާ ތަފާތެވެ.
ސިއްހީ ހިދުމަތް ދޭ ބައެއް މީހުން ބުނާގޮތުގައި ބަލި މީހާ އަށް ފަރުވާ ދިނުމުގައި ޑޮކްޓަރުން އަމަލު ކުރާގޮތާ މެދު ބައެއް ފަހަރަށް އާއިލާ ހިތްހަމަނުޖެހުނު ނަމަވެސް އެއީ އެވަގުތަށް އެންމެ ރަނގަޅު ގޮތް ކަމަށް ވެދާނެ އެވެ.
"އާއިލާއިން އެ ދަނޑިވަޅު ތިބޭނީ ވަރަށް އެހެން ކަހަލަ ހާލަތެއްގައި. ޑޮކްޓަރުން ނަގާ ސެންސިޓިވް ޑެޒިޝަން ބަލައިގަންނަން ބައެއް ފަހަރަށް އުނދަގޫވެދާނެ. އަދި އެ ފަދަ ހާލަތެއްގައި ބަލި މީހާއަށް ގޮތެއް ވެއްޖެ ނަމަ އެއީ ޑޮކްޓަރުގެ އިހުމާލުން ވީ ކަމެއް ކަމަށް އެ މީހުން ގަބޫލު ކުރޭ،" މި ފަދަ ގިނަ މައްސަލަތަކެއް ބައްލަވާފައިވާ ހެލްތު މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވި އެވެ.
ރަށްރަށުގައި ދިމާވާ މި ފަދަ ހާދިސާތަކާ ގުޅިގެން މައްސަލަ ބެލުމަށް ޑޮކްޓަރުން ގެންނަނީ މާލެ އެވެ. އެކަމަކު އެ މައްސަލައިގައި ޑޮކްޓަރުގެ އިހުމާލެއް އޮތް ކަމަށް ނުފެންނަ ނަމަ އަނެއްކާ ވެސް އޭނާ އެހެން ތަނެއްގައި މަސައްކަތް ކުރުމުގެ ހުއްދަ ދެ އެވެ.
ޝީޒާ ވިދާޅުވި ގޮތުގައި ޑޮކްޓަރުންނާ މެދު ހިތްހަމަނުޖެހިގެން ނުވަތަ އެ މީހުން ދޭ ފަރުވާއާ ދެމެދު ހިތްހަމަ ނުޖެހިގެން އެ މިނިސްޓްރީ އަށް އަބަދުވެސް މައްސަލަތައް ހުށަހަޅަ އެވެ.
އެކަމަކު އެ ހުރިހާ މައްސަލައަކަށް ވެސް އެ މިނިސްޓްރީން އިޖާބަދީ، މައްސަލައިގެ ކުޑަމިނަށް ބަލައި ފިޔަވަޅު އަޅާ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭޑީކޭ ހޮސްޕިޓަލުގައި ބޭއްވި ރަސްމިއްޔާތުގައި އެ ހޮސްޕިޓަލްގެ ބައެއް ޑޮކްޓަރުން ބައިވެރިވަނީ: ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅު ކަމަށް އެ ހޮސްޕިޓަލުން ގަބޫލު ކުރޭ-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު
ޝީޒާ ވިދާޅުވީ މައްސަލަ ބަލާއިރު ޑޮކްޓަރު އެގޮތަށް އަމަލު ކުރީ ކިހިނެއް ވެގެންތޯ ބަލާ ކަމަށާއި ބައެއް ފަހަރު އެއީ އެންމެ ރަނގަޅު ނިންމުން ކަމަށް ވެސް ވެފައި އެބަހުރި ކަމަށެވެ. އެކަމަކު މަދުން ނަމަވެސް އިހުމާލާއި ފަރުވާ ކުޑަވުމުގެ މައްސަލަތައް ދިމާވެފައި ހުރިކަން ފާހަގަ ކުރެއްވި އެވެ.
"އެ ފަދަ މައްސަލަތައް ވެސް ހުށަހަޅާ. ބައެއް މައްސަލަތައް ބަލާފައި އަޅުގަނޑުމެން މުވައްޒަފުންނަށް ނަސޭހަތްދެން. ނުވަތަ ވަކި ކުރަން ޖެހިފައި ވެސް އެބަހުރި." ޝީޒާ ވިދާޅުވި އެވެ.
"ކޮންމެ ކަހަލަ މައްސަލައަކަށް ވިޔަސް އަޅުގަނޑުމެން އެ މައްސަލައެއް ބަލާނަން،" އޭނާ ވިދާޅުވި އެވެ.
އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވިދާޅުވި ގޮތުގައި އިހުމާލުވުމާއި ހިދުމަތް ދިނުމުގައި ފަރުވާ ކުޑަވުމުގެ ޝަކުވާ ކުރިއަށް ވުރެ މިހާރު މަދުވެއްޖެ އެވެ. އަދި އެ ފަދަ މައްސަލަތައް މަދުކުރުމަށް ރަނގަޅު މެކޭނިޒަމެއް މިހާރު ގާއިމުކޮށްފައިވާއިރު އެކަމުގައި ސިއްހީ ދާއިރާއިން ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު ގަބޫލު ކުރާގޮތުގައި ރާއްޖޭގެ ސިއްހީ ދާއިރާގެ ފެންވަރު މިހާރު މަތިވެއްޖެ. ފަރުވާއަކާ މެދު ހިތްހަމަ ނުޖެހިއްޖެ ނަމަ ބެލޭނެ މެކޭނިޒަމްތައް މިވަނީ ގާއިމުކޮށްފައި. އަދި އެ ފަދަ މައްސަލަތައް ވެސް މަދުވެއްޖެ،" އަފްއާލް ވިދާޅުވި އެވެ.
އެކަމަކު އެއީ މާލެ އެވެ؛ ރަށްރަށުގައި ސިއްހީ ހާލަތު އޮތީ، ހެލްތު މިނިސްޓްރީން އެ ބުނާ ގޮތަކަށް ނޫނެވެ. މައްސަލަ ބެލޭނެ ނިޒާމެއް އޮތަސް، ގިނަ ތަންތަަނުގައި ހުރީ ހުސް މައްސަލަ އެވެ. އެހެންވެ، ގިނަ މީހުން އެ މައްސަލައެއް ނުޖައްސަ އެވެ. އޭގެ ސަބަބު ވެސް އެކަކު ކިޔައިދިނެވެ.
"މި ރަށު ސިއްހީ މަރުކަޒުން ދެވެން ނެތް ފަރުވާއެއް ހޯދަން ކިތަންމެ މައްސަލައެއް ޖެއްސިޔަސް، ކޮބައިތޯ ހައްލަކީ. މައްސަލަ ޖައްސަ ޖައްސަ ތިބޭނީ. ތާކުންތާކު ނުޖެހޭ ޑޮކްޓަރަކު ހުއްޓަސް އޭނާގެ ޝަކުވާ ކުރިޔަސް، ގިނަ ފަހަރު އޭނާ ފޮނުވާލައިފިއްޔާ ދެން އެހެން މީހަކު ވެސް ނުހުންނާނެ،" ރ. އަތޮޅުގެ ޒުވާނަކު ބުންޏެވެ.
އެއީ ވެސް ތެދެކެވެ. ވަރަށް ގިނަ ހޮސްޕިޓަލުގައި ޑޮކްޓަރުންް ނެތިގެން ބައެއް ހިދުމަތްތައް ކަނޑާލައިފައި ހުރެ އެވެ. އަދި ރައްޔިތުން ނުކުމެ ހަޅުތާލު ކުރާ ހިސާބަށް ގޮސްގެން ނޫނީ އެ ތަންތަނަށް ޑޮކްޓަރުން ނުލިބި ވެސް އެބަހުއްޓެވެ.
ރަށްރަށުގެ ސިއްހީ މައްސަލަތަކަކީ ހައްލެއް ހޯދަން ޖެހިފައިވާ ބޮޑު މައްސަލައެކެވެ. އެންމެ އާދައިގެ ބަލިތައް އެނގޭނެ ޑޮކްޓަރުން އެބަ ބޭނުން ވެ އެވެ. އަދި އެންމެ އާދައިގެ ބަލިތަކަށް ފަރުވާ ލިބޭނެ ގޮތްތަައް ވެސް އެބަ ހުންނަން ޖެހެ އެވެ. ބަލިމީހާ އަށް ފަރުވާ ކުރެވޭނީ ތަން ރަނގަޅު ހާލަތެއްގައި އޮވެގެންނެވެެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަނިކެ
26 September 2016
ރާއްޖޭގެ ޞިއްހީ ހާލަތު މިއޮތީ ވަރަށް ދައްކޮށް! އަޅުގަނޑު މީގެ ދެމަސްކުރިން އޮފީހުން 5 ދުަހުގެ ޗުއްޓީއެއް ނަގައިގެން މާލެ ދިޔައީ ސިއްރު ގުނަވަނެއްގައި ލަންޕެއްކަހަލަ އެއްޗެއް އިންގެދެން އަންހެން ސާޖަންއަކަށް ދައްކާށެވެ، އަޅުގަނޑު ބެލިބެލުމުން އަންހެން ސާޖަންއެއްގެ ޚިދުމަތް ލިބެނި އައިޖީއެމްއެޗުންވެ. އައިޖީއެމްއެޗްއަށް އެޕޮއިންޓްމަންޓަށް ގުޅުމުން ޖެހުނީ ވެއިޓްލިސްޓް ކުރާށެވެ. ފުރުސަތު ލިބުނީމަ ފަހުން ގުޅާލާނެ ކަމަށް ދެންނެވިއެވެ. ވަޒީފާއަށް ނިކުންނަށް ޖެހޭ ދުވަސް ޖެހުނުއިރުވެސް ޑޮކްޓަރަށް ދެއްކޭނެ ގޮތެއްނުވެގެން ޖެހުނީ އެނބުރި ރަނށަށްދާށެވެ. ކޮންމެ ގޮތެއްވިޔަސް ޑޮކްޓަރަށް ދައްކަން ކޮންމެހެންވެސް ޖޭހޭތީވެ އަޅުގަނޑަށް ޖެހުނީ ހަނިމައިދޫ މަގުން އޮފީހުން އިތުރު ޗުއްޓީއެއް ނަގައިގެން ޓްރިވެންޑްރަމަށްގޮސް އަންހެން ސާޖަންއަކަށް ދައްކާށެވެ. އިންޑިޔާއަށް ގޮސް ޑޮކްޓަރަށް ދައްކައި ނިމިގެން އައިސް ގާއްތަގަނޑަކަށް މަހެއް ހާދުވަސް ފަހުން މާލޭ ނަމްބަރަކުން އައި ފޯނުކޯލަކަށް ޖަވާބުދިނުމަށް ސަލާމް ބަލައިގަތުމުން އިނގުނީ އަޅުގަނޑު ކުރިން އައިޖީއެމްޗްއިން ވެއިޓް ލިސްޓްކުރި ސާޖަންއަށް ޖެހިގެން އަންނަ އާދިއްތަ ދުވަހަށް ފުރުސަތު ލިބުނުކަމެވެ. މީ މިރާއްޖޭގެ ސިއްހީ ނިޒާމުގެ ތެރެއިން ޑޮކްޓަރަށް ދެއްކުމުގެ ފަސޭހަކަށް އޮތްގޮތުގެ މިސާލެކެވެ.
މީރުބަހުރު/ރ.އަތޮޅު
26 September 2016
ސީޒާ ކޮންމެ އެއްޗެއް ކިޔަސް ހެލްތު މިނިސްޓްރީން ރާއްޖެތެރެއާމެދު ދެކެނީ ބަލިބުޅާގަނޑަކަށް ވުރެވެސް ދައްކޮށް، ރައްރަށުގެ ޞިއްހީ ނިޒާމު އޮތީ ފެއިލްވެފަ، ބޭނުންވަނީ ރާއްޖެތެރޭ މީހުން މާލެެގެނެސް ވެރިން ހިންގާ ކުލިނިކުތަކަށް ފައިދާ ކުރަން، ރާއްޖެތެރޭ ނިކަމެތި ރަތްޔިތުން ފެލަން. އަދި ހޮސްޕިޓަލްތަކަށް ސިޔާސީ މީހުން ލައިގެން ކުޅެނީ ސިޔާސީ ޑްރާމާ
ސިއްހީމީހާ
26 September 2016
ވަރަށް ރަގަޅު އާޓިކަލް އެއް ، ހަގީގަތުގައި ރައީސް ނަޝީދުގެ ވެރިކަމުގައި ސިއހީދާއިރާ ވަރަށްނިކަމަތިވެފައި ވަނިކޮށް މިސަރުކާރުން ސިއްޙީދާއިރާ އަށް ހީނުކުރާވަރުގެ ބޮޑު ކުރިއެރުމެއް ގެނެސްފައި ވަނީ ، ސިއްހީމަރުކަޒްތަކަށް ފަރުވާ ދިނުމަށްބޭނުންވާ ވަރަށްގިނަ ތަކެތިވަނީ ހޯއްދަވާ ދެއްފައި މަރާމާތާއި ކޮންޒިއުމަބަލް ފަދަ ތަކެތި މެދުނުކެޑި ދަނީ ފޯރުކޮށްދެމުން ، ނަމަވެސް މިއާޓިކަލް ގައިވެސް ފާހަގަކޮށްފައިވާ ފަދައިން ސިއްހި ޚިދްމަތުގެ ފެންވަރު ދައްކަމަށް ގަބޫލިކުރެވި މައްސަލަތަށް ނިކުތުމުގެ މައިގަޑު ސަބަބަކީ ސިޔާސީނުފޫޒް މިދާއިރާއަށް ވަނުން ، ސިޔާސީވެގެންގޮސް ސިއްހީމަރުކަޒް ތަކާއި ހޮސްޕިޓަލްތަށް މިވަނީ ޖަގަހަ ތަކަކަށް ބަދަލުވެފައި ، މިކަން ޑރ ޝީޒާ އަށްވެސް ރަގަޅަށް އެގޭނެ ، މިތަންތަން ހިންގަން އައްޔަންކޮށްފައިތިބި ސިޔާސީ ވެރިންގެ ކަމަކީ ދާއިރާގެ މައްސަލަތަށް ކުރިއެރުވުމެއްނޫން ، ޕާޓީ ގެ ހަރަކާތް ހިންގުމެވެ. ނަތީޖާ އަކީ ޚިދްމަތް ދޭންތިބި މުވައްޒަފުން ބައިބައިވެ ފަރުވާކުޑަވުމާއި ޚިދްމަތުގެ ފެންވަރު ދައްވުމެވެ. މުސްތަގުބަލުގައިވެސް މިސަރުކާރުގެ ސިޔާސަތު މިގޮތަށް ހުރެ ސިއްހީޚިދްމަތުގެ ފެންވަރު ނުވަތަ ކޮލިޓީ ރަގަޅު ނުކުރެވޭނެކަން މިނިސްޓްރީގެ އިސްބޭފުޅުންނަށް އެގިވަޑައި ގަންނަވާނެއެވެ. މިދާއިރާ ރަގަޅުކުރަން ބޭނުންނަމަ ސިއްހީނިޒާމަކީ ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ ނިޒާމަކަށް ހަދަންޖެހެއެވެ.
އެނީ1111
26 September 2016
ސިއްހީ ޙިދުމަތެއްނުދެވުނަސް ރައްޔިތުމީހާ ކިއްލިތަޅަގެންވެސް ލާރިއެއްހޯދިއްޔާ އޭގެއިން ޓެކްސްނެގޭތޯބަލާ...
ވިލިގިލި ދާއިރާ
26 September 2016
ވިލިގިލި ދާއިރާގެ އެމްޕީ އަށް މި ލިޔުން ކިޔުމަށްފަހު އެއްޗެއް ވިސްނޭނެ ކަމަށް އުންމީދުކުރަމެވެ.. މުހިންމީ ޕާޓީއެއް ނޫނެވެ. މުޙިންމީ ރައްޔިތުންނެވެ.
މުހަންމަދު
26 September 2016
މިހާރުގެ ކޮންމެކަމެއްވެސް އަމާޒުވެފައޮންނަނީ ދެއްކުމަށާއި އަމިއްލަޖީބަށް ފައިދާވާގޮތަށެވެ. ވަކިކަމެކޭ ބުނެވޭކަށްނެތެވެ. ތިތަންތަނުގައި ރަނގަޅުފެންވަރަކަށް ޚިދުމަތްދެވޭގޮތްވެއްޖެނަމަ، މާލެއާއި ހުރިތަންތަނާއި ހެދެމުންއަންނަ ފަރުވާދެވޭތަންތަނަށް މީހުންއަންނަލެއް މަދުވާނެތީވެ، ތިގޮތަށް ބޭއްވީމަ، ތިހިސާބުގަވެސް ހޮސްޕިޓަލެއް ހުންނާނެޔޭ ބުނެވޭނެއެވެ. ރަނގަޅުފެންވަރެއްގައި ޚިދުމަތެއްދިނުމަކީ ވަކިކަމެއްތާއެވެ!
ކަޑަ
26 September 2016
މިވެރިންނަށް ވަރަށް ނަފާވާ ތަނެއް ރާއްޖެއަކީ. ތިން ހަތަރު ކުލިނިކުގަ ބަލާނެ. ވާނުވާއެއް ނޭނގޭނެ. މަހަކު މަދުވެގެން 50000ރުފިޔާ ނުނަގާ ޑޮކްޓަރެއް މަދުވާނެ. މިނިސްޓްރީންވެސް ފެންވަރު ނުހިފެހެއްޓޭ. ވަަރަށް ބޭސިކް އެމެޖެންސީ ކެއަރ ދޭން ނޭނގޭ އަދި ސާމާނު ނުހުރޭ
ަސދ
26 September 2016
ރަށްރަށުގައި ތިބެނީ ދަސްކުރަން އަންނަ ޑަކްޓަރުން، މާލޭގައި ދެން ކޮށްމެވެސް ވަރަކަށް ރަނގަޅު މީހުން އުޅޭ
ސިސްޓަމް
26 September 2016
ރާއްޖެތެރެއަށް ބޭނުންވަނީ ހޮސްޕިޓާތަކައި ނަރުހުން. ދެން ބޭނުންވަނީ މޯލްދިވިައަންގެ 4 ސީޓް އަބަދުވެސް ރިޒާވްކޮށްފައި ބެހެއްޓުން. އެއިރުން ބަލިވެގެން އަންނަތަނުން ނަރުހަކާއި އެކު މާލެ ފޮނުވާލީމާ ނިމުނީ. މިހާރު އޮންނަ އުސޫލުން ބަލިމީހާ މާލެ ދެވޭނީ ތަންދޮރު ނޭގޭ ޑރ ބޭސް ކުރުމަށްފަހު ގޮތް ހުސްވީމާ. ދެން މާލެ ފޮނުވޭނީވެސް އަދި ދެވޭއިރުވެސް އޮންނަނީ މާބޮޑަށް ލަސްވެފައި.