އެޑްވޮކެސީ ޗެމްބާސް އިން ވަނީ ސަލްމާގެ މެޑިކަލް ރިކޯޑު ހޯދަން ހުށަހަޅާފައި. ނަމަވެސް އޭޑީކޭ ހޮސްޕިޓަލުން ބުނީ އެ ރިކޯޑު ފޯރުކޮށްދޭނީ ގާނޫނީ މަޝްވަރާ ހޯދުމަށްފަހު ކަމަށް.
ސަލްމާ. އޭނާގެ މަރުގެ މައްސަލަ ތަހުގީގުކޮށްދޭން ޕޮލިހުގައި ވަނީ އެދިފައި.
27 އެޕްރީލް 2021 - 20:19
ވިހެއުމުގެ ތެރޭގައި މިދިޔަ ފެބްރުއަރީ މަހު ސަލްމާ ނަސީރު މަރުވި މައްސަލަ ތަހުގީގުކޮށް އެ މައްސަލައިގައި ހިމެނޭ ބިދޭސީންގެ ޕާސްޕޯޓު ހިފަހައްޓައިދިނުމަށް، އެޑްވޮކެސީ ޗެމްބާސް އިން މިއަދު ފުލުސް އޮފީހުގައި އެދެފި އެވެ.
ސަލްމާގެ ފިރިމީހާގެ ފަރާތުން ވަކާލާތުކުރާ އެޑްވޮކެސީ ޗެމްބާސް އިން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދަށް ފޮނުވި ސިޓީގައި ބުނީ އޭޑީކޭ ހޮސްޕިޓަލްގައި ބަލި މީހާއަށް ފަރުވާ ދިނުމަށް އެކަށީގެންވާ ވަރަށް ތައްޔާރުވެފައިނުވާކަން ހެލްތު މިނިސްޓްރީން ދީފައިވާ ޖަވާބުގައި ފާހަގަކޮށްފައިވާ ކަމަށެވެ. ފުލުސް އޮފީހަށް މައްސަލަ ހުށަހަޅަނީ ސަލްމާ މަރުވުމުގައި އޭޑީކޭ ހޮސްޕިޓަލާއި އެ ހޮސްޕިަލްގެ މުވައްޒަފުންތަކެއްގެ އިހުމާލު އޮތް ކަމަށް ގަބޫލުކުރެވޭތީ އެއީ ޖިނާއީ މައްސަލައެއް ކަމަށް ވާތީ ކަމަށް ސިޓީގައި ބުނެފައިވެ އެވެ.
"ސަލްމާ ނަސީރު ނިޔާވި ހާދިސާއާއި ގުޅިގެން އެ ފަރާތުގެ މެޑިކަލް ރިކޯޑްސް ހޯދުމަށް އަޅުގަނޑުމެން ކުރި މަސައްކަތުން އެ ލިޔުންތައް އޭޑީކޭ ހޮސްޕިޓަލްގެ ފަރާތުން މިހާތަނަށް ފޯރުކޮށްދީފައިނުވާކަން ފާހަގަކުރަމެވެ. އަދި ދަންނަވަމެވެ. މި ހާދިސާގައި ޝާމިލްވާ ބައެއް ފަރާތްތަކަކީ ރާއްޖެއިން ބޭރުގެ ބައެއް ކަމަށް ވެފައި، މައްސަލަ ތަހުގީގުކޮށް ނިމުމުގެ ކުރިން އެ ފަރާތްތައް ރާއްޖެއިން ފުރައިގެން ހިނގައިދާނެ ކަމަށްޓަކައި މިި މައްސަލައިގައި ހިމެނޭ ބިދޭސީ ފަރާތްތަކުގެ ޕާސްޕޯޓު ތަހުގީގު ނިމެންދެން ހިފަހައްޓައިދިނުމަށް އެދެމެވެ،" ސިޓީގައި ބުންޏެވެ.
ފެބްރުއަރީ 3، 2021 ގައި ސަލްމާ މަރުވުމުގައި އޭނާގެ ގަޔަށް އަށް ލޭ އެޅުން ލަސްވި ކަމަށް ހެލްތު މިނިސްޓްރީން ސަލްމާގެ ފިރިމީހާ އިބްރާހިމް އަދުހަމަށް ފޮނުވި ސިޓީގައި ބުނެފައިވެ އެވެ.
ނަމަވެސް އޭޑީކޭ ހޮސްޕިޓަލުން ބުނީ ސަލްމާގެ ގަޔަށް، ހުއްޓުމެއް ނެތި ލޭ އެޅި ކަމަށާއި އޭނާ މަރުވީ ދޭންޖެހޭ ފަރުވާތައް ދެމުންދަނިކޮށް ކަމަށެވެ.
އެޑްވޮކެސީ ޗެމްބާސް އިން ވަނީ ސަލްމާގެ މެޑިކަލް ރިކޯޑު ހޯދުމަށް އެ ހޮސްޕިޓަލަށް ހުށަހަޅައިފަ އެވެ. ނަމަވެސް އޭޑީކޭ ހޮސްޕިޓަލުން ބުނީ އެ ރިކޯޑު ފޯރުކޮށްދޭނީ ގާނޫނީ މަޝްވަރާ ހޯދުމަށްފަހު ކަމަށެވެ.
އޭގެ ފަހުން ހެލްތު މިނިސްޓްރީއަށް ފޮނުވި ސިޓީގެ ޖަވާބުގައި، ކޮމިޝަނާ އޮފް ކޮލިޓީ އެޝުއަރެންސް ތަސްލީމާ އަބޫބަކުރު ވިދާޅުވީ މެޑިކަލް ރިކޯޑަކީ ހިދުމަތްދޭ ތަނުގައި ރައްކާތެރިކަމާއެކު ބަލަހައްޓަންޖެހޭ މައުލޫމާތު ކަމަށްވެފައި އެފަދަ މައުލޫމާތެއް ހޯދަން ހުށަހެޅުމުން މެޑިކަލް ރިކޯޑު ފޯރުކޮށްދެވޭނެ ކަމަށް ގަވައިދުގައި އޮންނަ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖޖޖޖ
28 April 2021
އެހާ ރަނގަޅަށް ފަރުވާ ކުރީމަ ކީއްވެ ތި ފޮރުވަނީ؟ އެފް ބީ އަށް ލާ ވަރު ވެއެއްނު ތިހާ ފުރިހަމަ ފަރުވާ ދިނީމަ