ލަންކާގައި ނައްތާލަން ހަމަޖެހިފައިވާ ޑްރަގުތަކުގެ ކައިރީގައި ސިރިސޭނާ: ވެރިކަމުގައި މަރުގެ އަދަބު ދެވޭނެ ގޮތެއް ނުވި. --ފޮޓޯ:އޭއެފްޕީ
29 އޮކްޓޯބަރ 2019 - 14:07
ކޮލަމްބޯ (އޮކްޓޯބަރު 29) - ޑްރަގުގެ ކުށްވެރިންނަށް މަރުގެ އަދަބު ދޭން ސްރީ ލަންކާގެ ރައީސް މައިތުރިޕާލާ ސިރިސޭނާ ކުރެއްވި މަސައްކަތް އެ ގައުމުގެ ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމަކާ ގުޅިގެން، އެމަނިކުފާނުގެ ވެރިކަމުގައި މަރުގެ އަދަބު ދެވޭނެ ގޮތް ނުވެ ދައުރު ނިންމާލަން ޖެހިއްޖެ އެވެ.
ޑްރަގުގެ ކުށުގައި ކުށްވެރިފައިވާ ހަތަރު މީހަކަށް މަރުގެ އަދަބު ދިނުމުގެ ލިޔުމުގައި ސިރިސޭނާ ވަނީ ޖޫން މަހު ސޮއިކުރައްވައިފަ އެވެ. އެކަމާ ދެކޮޅަށް ސުޕްރީމް ކޯޓަށް ހުށަހެޅި ޕެޓިޝަންތަކާ ގުޅިގެން ލަންކާގެ އެންމެ މަތީ ކޯޓުން ވަނީ އޮކްޓޯބަރު 29 ގައި ކޯޓުން ވަކި ގޮތެއް ނުނިންމަނީސް މަރުގެ އަދަބު ތަންފީޒް ނުކުރަން ވަގުތީ އަމުރެއް ނެރެފަ އެވެ.
މަރުގެ އަދަބާ ދެކޮޅަށް ސުޕްރީމް ކޯޓަށް ހުށަހެޅި 19 ޕެޓިޝަނާ ގުޅިގެން ކޯޓުގެ ތިން ފަނޑިޔާރުންގެ ބެންޗަކުން މިއަދު ވަނީ އޮކްޓޯބަރު 29 ގެ މުއްދަތު ޑިސެމްބަރު 9 އާ ހަމައަށް އިތުރުކޮށްފަ އެވެ.
އަންނަ މަހު 16 ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ސިރިސޭނާ ވާދަނުކުރައްވާތީ ސުޕްރީމް ކޯޓުގެ ހުކުމް އަންނަ އިރު ސިރިސޭނާގެ ވެރިކަން އޮންނާނީ ނިމިފަ އެވެ. އެހެންވެ އެމަނިކުފާނުގެ ވެރިކަމުގައި މަރުގެ އަދަބު ތަންފީޒް ކުރުމުގެ ފުރުސަތު މި ވަނީ ގެއްލިފަ އެވެ.
ލަންކާގައި އެންމެ ފަހުން މަރުގެ އަދަބު ދީފައި ވަނީ މީގެ 40 އަހަރު ކުރިންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަތަލެއް
29 October 2019
ސާބަހޭ ރައީސް ސިރިސޭނާ..