04 ނޮވެމްބަރ 2019 - 09:24
އަންނަ އަހަރަށް ދައުލަތުން ލަފާކުރާ 37.5 ބިލިއަން ރުފިޔާގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ދެންމެ ހުށަހަޅައިފި އެވެ.
މި ސަރުކާރުން ފުރަތަމަ ހުށަހެޅި ބަޖެޓް މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ. މި އަހަރުގެ ބަޖެޓަށް ވުރެ ގާތްގަނޑަކަށް 8.5 ބިލިއަން ރުފިޔާ ބޮޑު ބަޖެޓް މައިގަނޑު ގޮތެއްގައި އަމާޒުކޮށްފަައި ވަނީ، ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި ސަރުކާރުން ކަނޑައަޅާފައިވާ އެކްޝަން ޕްލޭންގައިވާ މައިގަނޑު ފަސް ކަމެއް ހާސިލް ކުރުމަށެވެ. މި ބަޖެޓްގެ މައިގަނޑު ޚަރަދުތައް ބެހިފައި ވަނީ އަށް ކަމަކަށެވެ.
މި އަހަރުގެ ބަޖެޓަކީ ވެސް ޑެފިސިޓް ބަޖެޓެކެވެ. އެއީ 5.6 ބިލިއަން ރުފިޔާ އެވެ.
- ޖުމްލަ ބަޖެޓް: 37.5 ބިލިއަން ރުފިޔާ
- އާމްދަނީ: 29.9 ބިލިއަން ރުފިޔާ
- ޑެފިސިޓް: 5.7 ބިލިއަން ރުފިޔާ
- ޖުމްލަ ހަރަދު: 35.6 ބިލިއަން ރުފިޔާ
އަންނަ އަހަރު ދައުލަތަށް ލިބޭ އާމްދަނީ ބަހާލައިފައި ވަނީ މައިގަނޑު ފަސް ދާއިރާއަކަށެވެ. އޭގެ ތެރެއިން އެންމެ ބޮޑު އަދަދެއް ލިބެނީ ޓެކްސްގެ ގޮތުގަ އެވެ. އެއީ އާމްދަނީގެ 48 ޕަސެންޓް ނުވަތަ 17.8 ބިލިއަން ރުފިޔާ އެވެ. މީގެ އިތުރުން އާމްދަނީގެ ތެރޭގައި ހިމެނެނީ ޓެކްސް ނޫން އެހެން ގޮތްގޮތުން ލިބޭ 6.8 ބިލިއަން ރުފިޔާ އާއި ހިލޭ އެހީ އާއި އެހެނިހެން ގޮތްގޮތުން ލިބޭ 5.2 ބިލިއަން ރުފިޔާ އެވެ.
ދައުލަތުގެ ބަޖެޓުންް އަންނަ އަހަރު ވެސް އެންމެ ބޮޑު ހަރަދެއް ކުރާނީ ރިކަރެންޓް ހަރަދުތަކަށެވެ. އެއީ 22.2 ބިލިއަން ރުފިޔާ ނުވަތަ ޖުމްލަ ޚަރަދުގެ 59 ޕަސެންޓެވެ. މީގެ އިތުރުން ޕީއެސްއައިޕީ އަށް 10 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާ އިރު އެހެނިހެން ކެޕިޓަލް ހަރަދުތަކަށް 5 ބިލިއަން ރުފިޔާ ކަނޑައަޅާފައި ވެ އެވެ.
އެހެން އަހަރުތަކާ ހިލާފަށް މި އަހަރުގެ ބަޖެޓް ތައްޔާރުކޮށްފައި ވަނީ ސަރުކާރުން މިދިޔަ މަހުގެ ތެރޭގައި ނެރުނު އެކްޝަން ޕްލޭންގައިވާ ކަންކަން ތަންފީޒު ކުރުމަށް ޓަކައި އިސްކަން ދީގެންނެވެ. އެކްޝަން ޕްލޭންގައި ހިމެނެނީ ސަރުކާރުގެ މެނިފެސްޓޯގެ ވައުދުތަކެވެ. އެ ބައިތައް ބެހިފައި ވަނީ މައިގަނޑު ފަސް ބަޔަކަށެވެ. އޭގެ ތެރެއިން ނޫއިގްތިސާދަށް ބަޖެޓްގެ 11 ޕަސެންޓް، އޯގާތެރި ސަރުކާރަށް ބަޖެޓްގެ 33 ޕަސެންޓް، ފަޚުރުވެރި އާއިލާ އަށް 10 ޕަސެންޓް، ޖާޒީރާ ދިރިއުޅުމަށް 16 ޕަސެންޓް އަދި ހެޔޮވެރިކަމެއް ގާއިމްކުރުމަށް ބަޖެޓްގެ 30 ޕަސެންޓް ހޭދަކުރެވޭނެ އެވެ.
އަންނަ އަހަރުގެ ގައުމުގެ އުފެއްދުންތެރިކަން ކުރިއަރާނެ ކަމަށް ބެލެވެނީ 7.5 ޕަސެންޓްގަ އެވެ. މި އަހަރު ޖީޑީޕީގެ ކުރިއެރުން ހުރީ 5.2 ޕަސެންޓްގަ އެވެ. ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި ރާއްޖޭގެ ޓޫރިޒަމް އޮތީ ދުޅަހެޔޮކަން މަތީގައި ކަމަށްވާތީ އެ ދާއިރާގެ ކުރިއެރުން 2.6 ޕަސެންޓްގައި ބެހެއްޓޭނެ އެވެ. އަދި މި އަހަރު ކުޑަ ހުއްޓުމެއް އައި ނަމަވެސް، ކޮންސްޓްރަކްޝަން އިންޑަސްޓްރީ ވެސް 1.1 ޕަސެންޓްގައި ކުރިއަރާނެ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ. އަދި އެހެން ދާއިރާތަކުގެ ރިއަލް ޖީޑީޕީ 3.8 ޕަސެންޓް ކުރިއަރާނެ ކަމަށް ވެސް ތަފާސްހިސާބުތަކުން ދައްކަ އެވެ.
އިންފްލޭޝަން ވަރަށް ދަށަށް ގޮސް އެއް ޕަސެންޓްގައި ހިފެހެއްޓޭނެ ކަމަށް ބަޖެޓްގައި ވަނީ އަންޒާދާކޮށްްފަ އެވެ.
ދައުލަތުގެ ރަސްމީ ރިޒާވް އަންނަ އަހަރު 819 މިލިއަން ޑޮލަރަށް އިތުރު ކުރެވޭނެ ކަމަށް ބަޖެޓްކޮށްފައި ވެ އެވެ. އަދި ޖީޑީޕީގެ ނިސްބަތުން 19 ޕަސެންޓް ނުވަތަ 1.2 ބިލިއަން ޑޮލަރުން ކަރަންޓް އެކައުންޓް ޑެފިސިޓް ވާނެ ކަމަށް ބެލެވޭއިރު، ނޮމިނަލް ޖީޑީޕީ 97.5 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
ދައުލަތުގެ އާމްދަނީ އިތުރު ކުރުމަށް ޓަކައި އާ ފަސް ކަމެއް އަންނަ އަހަރު ތައާރަފުކުރާ ގޮތަށް ވަނީ ނިންމައިފަ އެވެ. އޭގެ ސަބަބުން ދައުލަތަށް 2.5 ބިލިއަން ރުފިޔާ އިތުރުވެގެން ދާނެ ކަމަށް ލަފާކޮށްފައި ވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ؛
- ބިދޭސީންގެ ކޯޓާ ފީއެއް ތައާރަފުކުރުމާއި ވޯކް ޕާމިޓް ފީ މަތިކުރުން (ލިބޭނެ ކަމަށް ބެލެވެނީ 714 މިލިއަން ރުފިޔާ)
- އިންކަމް ޓެކްސް އާއި އެއާ ގުޅޭ އެހެން ޓެކްސްތައް (ލިބޭނެ ކަމަށް ބެލެވެނީ 706 މިލިއަން ރުފިޔާ)
- ކަސްޓަމްސް ފީތަކާއި އިމްޕޯޓް ޑިއުޓީ އަށް ގެންނަ ބަދަލު (ލިބޭނެ ކަމަށް ބެލެވެނީ 558 މިލިއަން ރުފިޔާ)
- އެއާޕޯޓް ސާވިސް ޗާޖާއި އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އަށް ގެންނަ ބަދަލު (ލިބޭނެ ކަމަށް ބެލެވެނީ 319 މިލިއަން ރުފިޔާ)
- އާ ރިސޯޓްތަކެއް ހުޅުވާލައި އިކުއިޒިޝަން ކޮސްޓް (ލިބޭނެ ކަމަށް ބެލެވެނީ 290 މިލިއަން ރުފިޔާ)
ބަޖެޓް ހަގީގަތަކަށް ހެދުމަށް ޓަކައި އަންނަ އަހަރު 300 މިލިއަން ޑޮލަރު (4.6 ބިލިއަން ރުފިޔާ) ގެ ބޮންޑު ވިއްކަން ވަނީ ނިންމައިފަ އެވެ. ފިނޭންސުން ބުނި ގޮތުގައި ޑެފިސިޓްވާ ބައި ފޫބެއްދުމަށް ޓަކައި ޑޮމެސްޓިކް މާކެޓްގައި ޓީ ބިލާއި ޓީ ބޮންޑު ވިއްކާނެ އެވެ. އަދި ބޭރުގެ ފަރާތްތަކުން ލޯނު ހޯދައި ނުވަތަ އެ ފަރާތްތަކަށް ސޮވެރިން ބޮންޑު ވިއްކަން ވެސް ވަނީ ހަމަޖެހިފަ އެވެ. އަންނަ އަހަރުގެ ބަޖެޓުގެ މަޝްރޫއުތައް ހިންގުމަށް ޓަކައި ނަގާފައިވާ ލޯނުތަކުން ތިން ބިލިއަން ރުފިޔާ ޑިސްބާސް ކުރާނެ އެވެ. އަދި ބޭރު ފަރާތްތަކަށް ވިއްކާ ބޮންޑާއި ސުކޫކުން 4.6 ބިލިއަން ރުފިޔާ އަންނަ އަހަރުގެ ބަޖެޓް ހަގީގަތަކަށް ހެދުމަށް އެއްކޮށް ބޭނުން ކުރެވޭނެ ކަމަށް ފިނޭންސުން ބުނެ އެވެ.
މީގެ އިތުރުން ޑޮމެސްޓިކް މާކެޓްގައި ޓްރެޒަރީ ބިލާއި ބޮންޑުން 564 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ބެލެވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހޮޓްކިންގ
04 November 2019
މިއަހަރުގެ ބަޖެޓް ހުސްވެ ސަޕްލިމަންޓްރ ބަޖެޓެއްވެސް ހަފުސްވީއިރު ރައްޔިތުން އުއްމީދު ކުރި އެއްވެސް ކަމެއް ހާސިލެއް ނުވި. ސަރުކާރުގެ ބޮޑުން ބޭރު ގައުމުތަކަށް ދަތުރުކޮށް މަޖާނެގީ. ފްލެޓޭކިޔާ ހަޅޭއްލެވި ދެހިންވެސް މިއަދު ހީވަނީ ފްލެޓް ލިބިގެން ހަމަޖެހިފައިވާހެން. ކިތަންމެ ބޮޑު ބަޖެޓެއް ފާސްކުރިޔަސް ލިބޭ އެއްވެސް ހިތްހަމަޖެހުމެއް ނެތް މިވެރިކަމަކު.
މަސްޮޅު
04 November 2019
އެމްޑީޕީ ގެ ގުޅުނަހުރި ހުރިހާ ކުނފުނިތަކައް ބަހާލަން އިތުރު ފައިސާ ތަކެއް ލިބުނީ ދޯ؟
ރާވެރިބެ
04 November 2019
ތިވަރުން ކަމެއް ނުކުރެވި އުޅެނިކޮށް ބަޖެޓް ހުސްވާނެ
ސަކިންދާ
04 November 2019
ބަޖެޓާއެކު ސަހިންދާގެ މިގައުމުގެ ކަންކަމަށް އަތްނުފޯރާފަށަށް ގެންނަންޖެހޭ
ސަންޕަ ދަރި
04 November 2019
ރީންދޫކުދިން އެންމެ ގަޔާވާގޮތައް ހިޔާލީ ކުލަ ކުރެހުމުން އެއޮތީ ބަޖެޓް ޖަރީކޮށްފަ. އެވަރުން ރީންދޫ ކުދިންނަށް ފުދޭނެ. މިހާރު އޮންނާނީ ސޯސަލްމީޑިއާ މި ހިޔާލީ ކުރެހުންތަކުން ފުރިފަ. އެފުދުނީ ވައުދުތަށް. ރީންދުލަކީ ދައްކާލާ ދަޅައެއް. ރަހައެއް ވަހެއް ނުހުންނާނެ. ގަމާރު ވިއަސް ވާންވާނީ ވަކި ވަރަކަށް.
އެންދެރި
04 November 2019
ބޭރުން ހެސް ކިޔާފަ ލޯނު ނަގަނީ އެވެ. އެފައިސާ ދައްކަން ރައްޔިތުން އަތުން އެކި ނަމުގަ ޓެކްސް ނަގަނީއެވެ. މިއަށް ކިޔަނީ ބާރު ވެރި ކުރުމެއް ނޫނެވެ. އަޅުވެތި ކުރުމެވެ.
ސަންފޫ
04 November 2019
މިގައުމުގެ ބަޖެޓަކީ ތަފާތުކުރުމާއި ބޭއިންސާފު އެންމެ ބޮޑަށް ދައްކުވައިދޭ އެއްކަން. އެއިރެއްގަ އޮންނަ ވެރިކަމުގެ އަސްލު ސިފަ ފެންނާނެ އެއިން. ޢޭގެ އޮންނާނެ މާސްކެއްވެސް އަޅުވާފަ ނިވާކުރަން.
ޒޯރު
04 November 2019
ބަޖެޓްގައި މާލެއަށް ހަރަދު ކުރަން ކަނޑައަޅާފައި އޮތްވަރާއި، އެހެން އަތޮޅުތަކަށް އޮތް މިންވަރު އެބަ އެނގެންޖެހޭ. މީ އަބަދުވެސް އޮޅުވާލިމެއްގެ ތެރޭގައި އޮންނަކަމަކަަށް ވަނީވެފަ. އަޑުއިވޭ ގޮތުގައި ރާއްޖޭގެ ހުރިހާ އަތޮޅަކަށް އެއްކޮށް ޖެހޭވަރަށްވުރެ ހަމައެކަނި މާލެއަށް ކަނޑަ އަޅާފައިވާވަރު މާބޮޑު. ޜާއްޖޭގެ ބަޖެޓްގެ ބޮޑުބައި އެއް ސިޓީ އަކަށް ހަރަދުކުރުމީ އިންސާފެއްނޫން. ތަފާތު ނައްތާލަންޖެހޭ. ބޭއިންސާފަކީ އަނިޔާއެއް
އަމްޖަދު މީ
04 November 2019
ޗާލު ކުރެހުންތަކެއް. ކަމެއް ވާނެބާ.
ޑުޓާޓެ
04 November 2019
ކުށުގެރެކޯޑް ވަކިވަރަކަށް ހުރެ ކުށުގެ ވެށީގައި އުޅޭ މީހުން އާސަންދައިން ސަސްޕެންޑް ކޮއްލަންވީ. މަގުމަތީ ގަވައިދާ ހިލާފަށް ދުއްވާފައި ހަފުސްވީމާ އާސަންދަ. މާރާމާރީ ހިންގާފައި އާސަންދަ މީތި ކަޑަ ހަރަދު ކުޑަ ކުރަން ވިސްނާ
އަހުމަދުބޭ
04 November 2019
ވަރަށް ރަގަނޅު ވާހަކައެއް، އުއްމީދަކީ މި ބޮޑު ބަޖެޓުން ރައްޔިތުންނަށް ކޮންމެވެސް ވަރެއްގެ ހިއްހަމަޖެހުމެއް ލިއްބައިދޭނެ ކަމަށް،