ރާއްޖޭގައި ކަނޑު ދަތުރުފަތުރުތަކަށް ހާއްސަކޮށް އައިލެންޑް ޓްރާންސްޕޯޓް ނެޓްވޯކެއް ގާއިމުކުރަން ސަރުކާރު ހިއްސާވާ ކުންފުންޏެއް އުފައްދަން ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ބަޖެޓް ކޮމިޓީގައި އަމީރު ވިދާޅުވީ، ދަތުރުފަތުރުގެ ނިޒާމު ގާއިމުކުރުމަށް 150 މިލިއަން ރުފިޔާ ބަޖެޓުގައި ހިމަނާފައިވާ ކަމަށެވެ.
"އެކަމަށް ބޭނުންވާ ކެޕިޓަލް ކޮންޓްރިބިއުޝަންސް ބަޖެޓްކޮށްފައިވާނެ،" އޭނާ ވިދާޅުވި އެވެ.
ސަރުކާރުން އަންނަ އަހަރަށް ކަނޑައަޅާފައިވާ ބަޖެޓުގައި، އަލަށް އުފައްދާ ސަރުކާރު ހިއްސާވާ ކުންފުނިތަކަށް 60 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ. އެގޮތުން ދާދި ފަހުން އުފައްދާފައިވާ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަނަށް ވެސް ސަރުކާރުން ވަނީ ބަޖެޓް ކަނޑައަޅައިފަ އެވެ.
އަމީރު ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ޕްރައިވެޓް ސެކްޓާ އިން ކުރެވޭ ކަންކަން ދޫކޮށްލައި ސަރުކާރު ކުންފުނިތަކުން މުހިއްމު ކަންކަމަށް އިސްކަން ދިނުން ކަމަށެވެ.
ސަރުކާރުގެ ކުންފުނިތައް ދެބަޔަކަށް ބެހިފައިވެ އެވެ. އެގޮތުން ހިދުމަތްދޭ ކުންފުނިތަކާއި ވިޔަފާރިކުރާ ކުންފުނިތައް ހިމެނޭ އިރު ގިނަ ކުންފުނިތަކަކީ ހިންގުން އެހާ ރަނގަޅު ނޫން، ސަރުކާރަށް ފައިދާއެއް ނުވާ ކުންފުނިތައް ކަމަށް އޭނާ ވިދާޅުވި އެވެ.
"އެމްޓީސީސީ އަށް ބެލިކަމުގައި ވިޔަސް އެޗްޑީސީ އަށް ބެލި ކަމުގައި ވިޔަސް އަދި އެހެނިހެން ކުންފުނިތަކަށް ބެލި ކަމުގައި ވިޔަސް ރާއްޖޭގައި ސަރުކާރު ހިއްސާވާ އެބަ ހުރޭ 100 ކުންފުންޏާއި ސަރުކާރުގެ ޝެއާ އޮންނަ ކުންފުނިތައް. ސަރުކާރުގެ ޝެއާ އޮންނަ ގިނަ ކުންފުނިތަކަކީ މިހާރު ވެސް ލިސްޓް ކުރެވިފައި ހުރި ކުންފުނިތައް،" އޭނާ ވިދާޅުވި އެވެ.
އަމާޒަކީ ކުރިއަށް އޮތްތަނުގައި މިފްކޯ ވެސް ފައިދާވާ ކުންފުންޏަކަށް ބަދަލުކޮށްގެން ޕްރައިވެޓް ސެކްޓާ އަށް ދޫކޮށްލެވޭނެ ގޮތަށް ބަދަލުކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.
ސަރުކާރު ހިއްސާވާ 23 ވަރަކަށް ކުންފުނި ހިމެނޭ އިރު މި އަހަރު ވެސް ޑިވިޑެންޑްގެ ގޮތުގައި ސަރުކާރަށް ފައިސާ ދައްކަނީ 11 ކުންފުންޏަކުންނެވެ.